13 Dec 2017

އޯޓްސް ކުޅިބަތްޕެން- ވިއްސާރަ ދުވަސް ދުވަހަށް ޚާއްސަ

އޯޓްސް ކުޅިބަތްޕެން- ވިއްސާރަ ދުވަސް ދުވަހަށް ޚާއްސަ

By: Asiya Abdul Raheem (Dietician)

ވިއްސާރަވެ ފިނި ބޮޑުވާން ފެށުމުން ބައެއް މީހުން ތަފާތު ބާވަތްތަކުގެ ކާތަކެތި ތައްޔާރުކޮށްގެން ކައި އުޅެއެވެ. އޭގެ ތެރޭގައި ކަނދި، ބޮނޑިބަތް، ކުޅިބަތްޕެން ހިމެނެ އެވެ. ނަމަވެސް މި ބާވަތްތަކުގެ ތެރެއިން ކަންޖާއި ބޮނޑިބަތަކީ ގިނައިން ހަކުރު އަޅައިގެން އަދި ކާށި ކިރު ވެސް ބޭނުންކޮށްގެން ތައްޔާރުކުރާ ތަކެތި ކަމަށް ވާތީ ވާރެވެހޭ ކޮންމެ ދުވަހަކު މި އެއްޗެހި ކެއުން މާ ބުއްދިވެރި ކަމަކަށް ނުވެދާނެއެވެ.

އެހެންނަމަވެސް ކާށި މަދުން އަޅައިގެން، ނުވަތަ ކާށި ކިރު ބޭނުން ނުކޮށް ކުޅި ބަތްޕެން ތައްޔާރު ކޮށްލައިފި ނަމަ އަނގަޔަށް މީރު، ހައްޓަށް ރަނގަޅު ލުއި ކެއުމަކަށް ވެދާނެ އެވެ.

ޒަމާނުއްސުރެ ދިވެހިން ކުޅިބަތްޕެން ކައްކައި އުޅެނީ ޅަ ހަނޑޫ ބޭނުންކޮށްގެނެވެ. އަދި އަޅުގަނޑުގެ މާމަ ކައިރިން ދަސްވި ގޮތުން ނަމަ މީރުކޮށް ފުނޑާފައި ހުރި ލޮނުމިރުހާއި ހުތްއަނބާއި ވަޅޯމަސް އަޅައިގެން ކައްކާލީމަ އެ ލާ ރަހަ ހާދަހާވާ މީރެވެ. މިހާރު އަޅުގަނޑު މި ރެސިޕީ މޮޑިފައި ކޮށްލާފައި، ލިބޭ ފައިދާ އިތުރުކޮށްލުމުގެ ގޮތުން ކުޅިބަތްޕެން ކައްކަނީ ރަތް ހަނޑުލުގައި ނުވަތަ އޯޓްސްގަ އެވެ. އެހެންކަމުން އަޅުގަނޑު އޯޓްސްގައި ކުޅި ބަތްޕެން ކައްކާގޮތް ހިއްސާ ކޮށްލާނަމެވެ.

ބޭނުން ވާ ތަކެތި

މޭޒުމަތީ 3 ސަމްސާ އޯޓްސް

2 ޖޯޑު ފެން

1 ސައިސަމްސާ ނުވަތަ ރަހަ ލާވަރަށް ތާޒާލޮނުމިސް (ހިކި މިރުސް، އަސޭމިރުސް، ފިޔާ، ލޮނުމެދު، ލޮނު، ހިކަނދި ފަތް، ހުތް އަނބެއްގެ ތިންބައިކޮށްފައި އެއް ބައި)

¼ ޖޯޑު ކެރެޓް – ކުދިކޮށް ކޮށާފައި

¼ ޖޯޑު ހުތް އަނބު ކުދިކޮށް ކޮށާފައި

¼ ޖޯޑު ފްރެންޗް ބީންސް – ކުދިކޮށް ކޮށާފައި

2 މޭޒުމަތީ ސަމްސާ ފިޔާ – ހިމުންކޮށް ކޮށާފައި

ކުޑަ 1 ލޮނުމެދު – ހިމުންކޮށް ކޮށާފައި

1 އިންޗި އިނގުރު – ފިސްކޮށްލާފައި

1 ސައިސަމްސާ ދިރި - ނުމުގުރާ

1 ސައިސަމްސާ އަސޭމިރުސް - ނުމުގުރާ

5 އިންޗި ރާނބާފަތް

2 ހިކަނދި ފަތް

½ ޖޯޑު ވަޅޮ މަސް

ތައްޔާރު ކުރާނެގޮތް

އޯޓްސްކޮޅު އޮލަ ވާވަރަށް ފެނުގައި ކައްކާލާށެވެ. ދެން އޭގެ ތެރެއަށް ކެރެޓް، ހުތްއަނބު، ފްރެންޗް ބީންސް، ފިޔާ، ލޮނުމެދު، އިނގުރު، ދިރި، އަސޭމިރުސް، ހިކަނދިފަތް، ރާނބާފަތް އަޅާ ތަރުކާރީކޮޅު އެންމެ ކުލަ ގަދަވަންދެން ކައްކާލާށެވެ. ދެން އޭގެ ތެރެއަށް ވަޅޯ މަސްކޮޅާއި ލޮނުމިރުސްކޮޅު އަޅާލާފައި އެއްކޮށްލުމަށްފައި އުނދުންމަތިން ބާލާށެވެ.

މި ރެސިޕީގައި ބޭނުންކޮށްފައިވާ އޯޓްސް އަކީ އޭގައި ހިމެނޭ ފައިބަރު (ޚާއްސަކޮށް ބީޓާ ގްލައިކަން) ގެ ސަބަބުން ކޮލެސްޓްރޯލް ދަށް ކުރުމަށް އެހީވެދޭ އެއްޗެކެވެ. އަދި އާއްމުކޮށް ކުޅި ބަތްޕެން ކައްކާ ގޮތާ ހިލާފަށް ތަރުކާރީ ބޭނުންކޮށްފައި ހުރުމުގެ ސަބަބުން ފައިބަރާއި ވިޓަމިން ވެސް އިތުރުވެއެވެ. މި ރެސިޕީގައި މިވަނީ ކާ އެއްވަގުތަކަށް ނިޔުޓްރިޝަނަލް ބެލެންސަށް ބޭނުންވާ ގިނަ ބައިތަކެއް ހިމަނާފައި ވިޔަސް، ދުވާލަކަށް ބޭނުންވާ ކިރާއި މޭވާ އާއި އެހެން ބައިތައް ހިމެނޭ ގޮތަށް ދުވާލުގެ އެހެން ކެއުންތައް ބައްޓަން ކުރުން ވަރަށް މުހިއްމެވެ.

ފައިދާހުރި ކާނާ ޑައެޓް ކާނާ

Popular