16 Jan 2018

ހުނަރުވެރި އަންހެން ތިން ބެއިން

ހުނަރުވެރި އަންހެން ތިން ބެއިން

By: Aishath Mihna Nasih

މިއީ ހުނަރުވެރި، ޒުވާން ތިން އަންހެން ބެއިންގެ ވާހަކަ އެވެ. ކުރެހުމާއި ކުލަޖެއްސުމާއި އުފެއްދުންތެރިކަމުގެ ދާއިރާއިން ތިން ޕްރޮޑަކްޓެއް ހިފައިގެން ކުރިއަށްދާ ކުޅަދާނަ ތިން ޒުވާނުންނެވެ. ފޮތިން ދަބަސް ހެދުމާއި ކަސްޓަމައިޒްޑް ޓީޝާޓާއި ތޮއްޕާއި ބެޖާއި ސްޓިކާ އާއި ފަށުފޫ ފަދަ ތަކެތި ހެދުމަކީ ހަމަ ހޮބީއެއްގޮތަށް މި ތިން ބެއިން ކުރަމުން އަންނަ މަސައްކަތެވެ. އާއިލާގައި އެއްބަނޑު 11 ކުދިން ތިބިއިރު، އެއިން ކޮންމެ ކުއްޖަކު ވެސް މި ހުނަރުވެރިކަން ކޮންމެވެސް ސިފައެއްގައި ހިއްސާކުރެ އެވެ.

A post shared by Bags Saleem (@dhabahey) on

ދަބަހޭ: ފޮތި ދަބަހެއް ބޭނުން ކޮންމެ ޑިޒައިނަކަށް

ޝަޒްރާ ސަލީމް، 27، (ޝަޒް) އަކީ މި އާއިލާގެ ނުވަ ވަނަ ކުއްޖާއެވެ. އާންމުކޮށް ވެސް އޭނާ ފެންނާނީ ކޮންމެވެސް ކަހަލަ ދަބަހެއް ހިފައިގެން އުޅޭ ތަނެވެ. އެހެންވެ ރައްޓެހިންގެ މެދުގައި "ދަބަހޭ"ގެ ނަން އޭނާއަށް ހަރުލިއެވެ.

"އަބަދުވެސް ފެންނާނީ ކޮންމެވެސް ދަބަހެއް ހިފައިން އުޅޭތަން. ދެން މީހުން ކިޔާނެ ދަބަހޭ ވެސް. އެހެން އުޅެނިކޮޮށް ބެސްޓްފްރެންޑް ބުނީ ދެން ވާންވީއެއް ނޫންހޭ އަސްލު ދަބަހޭ އަކަށް. އެއީ މިގޮތަށް ދަބަސް ހަދާ މީހުންނަށް އެ ޚިދުމަތްދޭން ފެށުނު ގޮތަކީ،" ޝަޒް ކިޔައިދިނެވެ.

A post shared by Bags Saleem (@dhabahey) on

މިގޮތަށް ދަބަސްތަކެއް މީހުންނަށް ހަދައި ވިއްކަން ފެށިއިރު އޭނާއަށް ލިބުނު އެންމެ ބޮޑު އެޑުވާންޓޭޖަކީ ލިބިފައިވާ ކުރެހުމުގެ ހުނަރެވެ. އެހެންކަމުން އޭނާގެ ދަބަސްތަކުގައި އެންމެ ފުރަތަމަ ކުރަހަން ފެށީ އޭނާއަށް އެންމެ ކަމުދާ އެނިމޭ ކުރެހުންތަކެވެ. މި ކުރެހުންތަކަށް ބޮޑު ތަރުހީބެއް ލިބި، ކަސްޓަމަރަކު ބޭނުން ކޮންމެ ޑިޒައިނަކަށް ދަބަހުގައި ހިމެނުމުގެ މަސައްކަތް ޝަޒް ދަނީ ކުރަމުންނެވެ.

ޝަޒްގެ މަންމަ އައިމިނަތު ވަހީދާ، 63، ކުރަހާފައިވާ މަންޒަރެއް

"ގޭގެ އެންމެން ވެސް ކުރަހާނެ، ދެން މަންމަ ބުނާނެ. އެއީ މަންމަގެ ފަރާތުން އެންމެންނަށް ލިބުނު ހުނަރެކޭ. މަންމަ އަނެއްހެން ކުރަހާފައި ހުރި ތަނެއް ކުރިއަކުން ނުފެނޭ. އަބަދު އެކިއެކި މަސައްކަތުގައި އުޅޭނީ، އެކަމަކު މި ފަހުން އެއްދުވަހު ކުރަހާލީމަ އެނގުނީ މިއީ އަސްލު މަންމަގެ ފަރާތުން އައި ކަމެއްކަން،" ޝަޒް އޭނާގެ މަންމަ އާއި ބެހޭގޮތުން ބުންޏެވެ.

A post shared by Bags Saleem (@dhabahey) on

އެކި ޑިޒައިންތަކުގެ ދަބަސްތައް ދެ ޖިންސަށް ވެސް ގުޅޭހެން ކަސްޓަމައިޒްކޮށް ހަދައިދޭއިރު، މި ލިސްޓަށް މިހާރު ވަނީ ޓީޝާޓާއި ތޮފި ވެސް އިތުރުވެފައެވެ.

A post shared by @hudhukula on

ހުދުކުލަ: ކުލައިގެ ދުނިޔެއެއްގެ ތެރޭގައި

ރައިހާނާ ސަލީމް، 18، އަކީ އެއްބަނޑު 11 ކުދިންގެ ތެރެއިން އެންމެ ހަގު ކުއްޖާއެވެ. ހުދު ކުލައިގެ ނަމުގައި އޭނާ ގެންގުޅޭ ޕޭޖް މެދުވެރިކޮށް އެކި ޑިޒައިންތަކުގެ ބެޖާއި ޕިން އަދި ކަރުގައި އަޅާ ފަށާއި ކެންވަސް ކުރެހުންތަކާއި ޕޯޓްރެއިޓްސް ހެދުމުގެ މަސައްކަތް ވެސް އޭނާކުރެ އެވެ.

"އެންމެ ފުރަތަމަ ކުރަހަން ފެށީ ސްކޫލްގައި. ދެން 2014 ހިސާބުގައި އާޓް ޖާނަލް އެއް ގެންގުޅުނީ. އެހިސާބުން އަސްލު ބޮޑަށް ޑިވޮލޮޕް ވީ،" ރައިހާނާ އޭނާގެ މަސައްކަތާ ބެހޭ ގޮތުން ބުންޏެވެ.

ރައިހާނާ ދެކޭ ގޮތުގައި އާޓް ކިޔެވުމަކީ މި މަސައްކަތަށް ލިބުނު ވަރަށް ބޮޑު އެހީތެރިކަމެކެވެ. އޭނާ ވަނީ 2015 ގައި ކުޑަކުދިންނަށް އާޓްގެ ބޭސިކް ކްލާސްތަކެއް ނަގައިދިނުމުގައި ބައިވެރިވެފައެވެ.

ބެޖް ހަދައިދިނުމާއި ހޭންޑް މޭޑް ޖުވެލަރީސް އާއި ކީޗެއިންސް ހެދުމުގެ އިތުރަށް ޕޯޓްރެއިޓް ކުރެހުމަކީ ވެސް ރައިހާނާ ކުރާ މަސައްކަތްތަކެވެ.

"އެންމެ ގިނައިން މީހުން މިހާރު ހަދަނީ ޖުވެލަރީސް އާއި ކެޓް ތީމަށް ހުންނަ ބެޖުތަކެއް،" ރައިހާނާ ކިޔައިދިނެވެ.

މިހާރު ދިރާގުގައި މަސައްކަތްކުރާ ރައިހާނާ ބުނާގޮތުގައި މި ދާއިރާއިން އިތުރަށް ކިޔަވައިގެން ކުރިއަށްދިއުމަކީ އޭނާގެ އުންމީދެވެ.

A post shared by The Fettsoren Shop (@thefettsorenshop) on

ދަ ފެޓްސޮރެން: ދިވެހި ސްޓިކާތަކުގެ ރާނީ

ޖަރުމަނު ބަހުން ފެޓީއެސިޑަށް ކިޔާ ނަމަ ކަމަށްވާ "ފެޓްސޮރެން" ގެ ނަމުގައި އިންސްޓަގްރާމުން ފެންނަ ޕޭޖުގެ ފަހަތުގައިވާ ހުނަރުވެރިއަކީ މަރިޔަމް ޝަރާ ހުސެއިން، 24، އެވެ. ޝަޒް އާއި ރައިހާނާގެ ދައްތަގެ ދަރިފުޅު ކަމުގައިވާ ޝަރާގެ ހުނަރުވެރި މަސައްކަތަށް ވެސް އެތައް ބައެއްގެ ލޯތްބާއި ތައުރީފު އަންނަނީ ލިބެމުންނެވެ.

"ކުޑައިރުއްސުރެ ވެސް ޝަރާ ވަރަށް ގިނައިން ސްޓިކާ ކަލެކްޓް ކުރަން. ދެން 2015ގެ އާޓް ފެސްޓިވަލް އަށް ޕެއިންޓިން އެއް ހަދަން ވެގެން އުޅެނިކޮށް ހިތަށް އެރީ ސްޓިކާއެއް ހަދަން ޓްރައި ކޮށްލަން. އެގޮތަށް ފެށުނީ ސްޓިކާ ހަދަން،" ޝަރާ ބުންޏެވެ.

A post shared by The Fettsoren Shop (@thefettsorenshop) on

އޭލެވެލް ނިންމުމަށްފަހު، ޑިޕްލޮމާ އިން އާކިޓެކްޗާ ހާސިލް ކޮށްފައިވާ ޝަރާ ބުނާ ގޮތުން ސްޓިކާ ހެދުމުުގެ މަސައްކަތަކީއޭނާ ހޮބީއެއްގެ ގޮތުގައި ހުސްވަގުތުގައި ކުރާ ކަމެކެވެ.

ކަސްޓަމަރަކު ބޭނުންވާ ގޮތަކަށް އެމީހެއްގެ ސްޓިކާ ކަސްޓަމައިޒްކޮށްލެވޭ އިރު ޝަރާ ބުނާގޮތުގައި އެންމެ ހިނގަނީ ތާނައިން ލިޔެފައި ހުންނަ ސްޓިކާތަކެވެ.

A post shared by The Fettsoren Shop (@thefettsorenshop) on

"ހުރިހާ ސްޓިކާއެއް ވެސް ކުރަހަނީ ފޯނުން. ދެން ފޮޓޯޝޮޕް ބޭނުންކޮށްގެން ކުލަޖައްސާފައި ޕްރިންޓް ކުރަނީ،" ޝަރާ އޭނާގެ މަސައްކަތް ކުރިއަށްދާ ގޮތް ކިޔައިދެމުން ބުންޏެވެ.

ފަސޭހައިން އެކި އުމުރުފުރާތަކުގެ ފަރާތްތަކަށް ވެސް ގަނެވޭނެ ހެޔޮ އަގެއްގައި ޝަރާ މަސައްކަތްކުރަމުން އަންނައިރު އޭނާ އާއި އަދި އަނެއް ދެ ދައްތައިންގެ ވެސް އުންމީދަކީ އެމީހުންގެ މަސައްކަތް އާންމުންނަށް ފަސޭހައިން ލިބެން ހުންނާނެެ ގޮތަކަށް މި މަސައްކަތް ފުޅާކޮށް ކުރިއަށް އޮތްތަނުގައި ކުރިއަށްގެންދިއުމެވެ.

އާޓިސްޓް

Popular