12 Jun 2018

ޖެހިލުން ނުވެ މި ވާހަކަ ދައްކާ!

އެއްވެސް އަނިޔާއެއް ސިއްރުކުރަންޖެހޭ ސަބަބެއް ނޯންނާނެ އެވެ. ޖިސްމާނީ ވިޔަސް، ޖިންސީ ވިޔަސް އަނިޔާއެއް ނަމަ ފާޅުކުރާށެވެ.

އެއްވެސް އަނިޔާއެއް ސިއްރުކުރަންޖެހޭ ސަބަބެއް ނޯންނާނެ އެވެ. ޖިސްމާނީ ވިޔަސް، ޖިންސީ ވިޔަސް އަނިޔާއެއް ނަމަ ފާޅުކުރާށެވެ.

By: Aishath Mihna Nasih

ޖިންސީ ގޯނާ ކުރުމުގެ ވާހަކަތަކަކީ ބޮޑު ސިއްރަކަށް ވެފައި އޮތުމަށް ފަހު މިހާރު އެ ވާހަކަތައް އެބަ ދެކެވެ އެވެ. އެކަމަކު، ޖިސްމާނީ، ނަފްސާނީ އަދި އިޖުތިމާއީ އެތައް މައްސަލަތަކެއްގެ އަސްލު ކަމަށް ވެފައިވާ މި ނުބައި އަމަލާ މެދު އަދިވެސް ބޮޑަށް ވާހަކަ ދައްކަން އެބަ ޖެހެ އެވެ.

މި ހަފުތާގެ "ޔޫތު އިޝޫސް" ހާއްސަކޮށްލަނީ ސެކްޝުއަލް އެބިއުސްއަށެވެ. މި ސުވާލުތަކަށް ޖަވާބުދީފައިވަނީ ކައުންސެލިން ދިނުމުގައި މަސައްކަތްކޮށް، އޮސްޓްރޭލިއާގެ މޮނާޝް ޔުނިވާސިޓީއިން މާސްޓާސް އޮފް ކައުންސެލިން ހާސިލްކޮށްފައިވާ ހައްވާ ލީޝާ އެވެ. އޭނާއަކީ ދާދިފަހުން ހުޅުވި ވިމެން ސެންޓަރުގެ މެނޭޖިން ޑިރެކްޓަރެވެ.

ޖިންސީ އަނިޔާއެއް ލިބޭ މީހެއްގެ އުޅުމަށް އަންނަނީ ކޮންކަަހަލަ ބަދަލުތަކެއް؟

- ރުޅިގަދަވުން،

- އުމުރާ އެއްވަރަށް ސިކުނޑި ބޮޑުނުވުން،

- ނިދަން އުނދަގޫވުން ނުވަތަ މާ ގިނައިން ނިދުން

- މީހުންގެ ތެރެއަށް ނޖުކުމެ އުޅެން ފަސްޖެހުން.

- އާންމު ދިރިިއުޅުމުގައި ކަންކަމާ ކުރިމަތިލާން ފަސްޖެހުން

- ކޮންފިޑެންސް ދަށްވުން

- ޅައުމުރުގައި ޖިންސީ އަމަލުތަކަށް ޝައުގުވެރިވުމާއި އެފަދަ އަމަލުތަކަށް އަރައިގަތުން

- އެންޒައިޓީ ޑިޕްރެޝަން ނުވަތަ ޕޯސްޓް ޓްރެމެޓިކް ސްޓްރެސް ޑިސްއޯޑާ (ޕީޓީއެސްޓީ) ފަދަ ނަފްސާނީ ބަލިތަކާ ދިމާވުން.

ޖިންސީ ގޯނާ ކުރުމުން އެ ވާހަކަ ކިޔައިނުދެނީ ކީއްވެ؟

މިއީ އަސްލު މުޖުތަމައުގައި ވަރަށް ބޮޑު ވެފައިވާ ސީރިއަސް މައްސަލައެއް. ނަމަވެސް ބޮޑަށް ބެލެވިފައި މި އޮންނަނީ މިއީ ހަޑި އަދި ނުދައްކާ ވާހަކައެއްގެ ގޮތުގައި. ޖިންސީ ގޯނާކުރާ ފަރާތުން ޖިންސީ ޝިކާރައަކަށްވެފައިވާ ކުއްޖާއަށް ނުވަތަ މީހާއަށް ބައެއްފަހަރު ނަފްސާނީ ގޮތުންވެސް ބިރުދައްކާ. އެވާހަކަ މީހެއް ކައިރި ނުވަތަ ބައެއް ކައިރި ބުުނުމުން ކުއްޖާ ބޭޒާރުކުރާނެކަމަށް ބުނޭ. ނުވަތަ ކުއްޖާގެ އާއިލާގެ މީހަކަށް ނުވަތަ ބަޔަކަށް ގެއްލުން ދޭނޭކަމަށް ބުނެ ބިރުދައްކާ. އަދި މީގެ އިތުރުން މައިންބަފައިން ގާތުވިޔަސް ނުވަތަ އެހެން މީހެއް ގާތު އެވާހަކަ ނުބުނުމަށް ބުނެ ބިރު ދައްކާ. އެއީ ގިނަމީހުން މި ވާހަކަ ދެއްކުމަށް ފަސްޖެހޭ ކަމެއް.

އަނެއްކާ މިފަދަ ވާހަކައެއް އެހެން މީހެއް ކައިރި ބުނެފިނަމަ ގަބޫލް ނުކޮށްފާނެއޭ ހިތަށްއަރާވެސް ފަސްޖެހޭ. އަދި މުޖުތަމައުގައި ލޭބަލް ވެސް ކުރެވޭ ހާލަތްތައް ވެސް އައިސްފައި އެބަހުރި. އެހެން ހާލަތްތަކުގައި ވަރަށް ޅަ އުމުރުގައިވެސް ޖިންސީ ޝިކާރައަކަށްވެފައި އެބަހުރި، އެެހެންކަމުން އެކުދިންނަށް މިއީ ގޯސް ކަމެއްކަން ވެސް ނޭނގޭ ހާލަތްތައް ވެސް އާދޭ.

ޖިންސީ ގޯނާ ކުރަނީ ނުދަންނަ މީހުންތަ؟

ނޫން. މީހުން ބުނާނެ ނުދަންނަ މީހުންނާ ވާހަކަނުދެއްކުމަށް، އެއީ ސްޓޭރާންޖޭސް އޭ ގިނަފަހަރަށް މި ކިޔަނީ. އެކަމަކު ރާއްޖެ އާއި ދުނިޔެއަށް ބަލާއިރު ވެސް ގިނަފަހަރަށް ޖިންސީ ގޯނާކުރަނީ ދަންނަ ނުވަތަ ގާތްމީހުން. މައިންބަފައިން، އާއިލާ، ގެއަށް ވަދެ އުޅޭ މީހުން. ގިނަ ކޭސްތަކަށް ބަލާއިރު ގޯނާ ކުރަނީ ދެކެފަރިތަ، މައިންބަފައިންނާ ވެސް ގާތްކޮށް އުޅޭ މީހުން. އެހެންވީމަ މިއީ ވަކި ނުދަންނަ މީހެކޭ ނުބުނެވޭނެ.

ކުޑައިރު ޖިންސީ ގޯނާއެއް ލިބިފައި ހުރި މީހެއް ބޮޑުވުމުން ނުވަތަ ފުރާވަރަށް އެރުމުން އޭގެ އަސަރު ކުރޭތަ؟

ކޭސްތައް އެބަހުރި ދިމާވެފައި. ކުޑައިރު ޖިންސީ ޝިކާރައަކަށްވެފައި އެކަން ފަހުން ހަނދާން ނެތިފައި ނުވަތަ އަޅައެއްނުލަމޭ ބުނާ މީހުން. އަދި އެކަމާ ވާހަކަ ނުދެއްކި ނުވަތަ ސިކުޑީގައި އެކަން ހައްލު ނުކުރެވި ހުރެ އަންކޮންޝަސް މައިންޑްގައި އެކަން ލުމަށްފަހު ކުރިއަށް ދާން ބޭނުންވާ މީހުން. ބައެއް މީހުންނަށް މިހެން މިކަން ކުރެވޭ. ނަމަވެސް އަނެއްބައިން މީހުން ކައިވެންޏަކާ ހިސާބަށް ގޮސް ނުވަތަ ދަރިން ލިބުމުން އެކަމުގެ އަސަރުތައް ނޭނގި ނަމަވެސް ކުރަން ފަށާ. މިސާލަކަށް އަމިއްލަ ނަފްސު ދެކެ ރުޅިއާދެވޭ. ނުވަތަ އެކި ކަންކަން ދިމާވުމުން އަމިއްލަ ނަފްސު ކުށްވެރިކުރެވޭ. ނުވަތަ ކައިވެންޏާ ހިސާބަކަށްގޮސް، ފިރިމީހާ ނުވަތަ އަނބިމީހާއާ ގާތްވެ އެފަދަ ގުޅުމެއް އުފެއްދުމަށް އުނދަގޫވެދާނެ. އަދި ނަފްސާނީ އަސަރުތަކެއް ކުރުމުގެ ފުރުސަތުވެސް އޮވޭ. ޚާއްސަކޮށް ހެލްތީ ރިލޭންޝަންޝިޕްސްތަކެއް ގާއިމުކުރުމަށް ވެސް އުނދަގޫވޭ. އަނެކާއަށް އިތުބާރުކުރަން އުނދަގޫވޭ.

ތިމާއަށް މީހަކު ޖިންސީ ގޯނާއެއް ކޮށްފިނަމަ ދެން ހަދަންވީ ކިހިނެއް؟

އެންމެ ފުރަތަމަ، އިތުބާރުކުރެވޭ އާއިލާގެ މެންބަރަކަށް ކިޔައިދޭންޖެހޭ. އަދި ސިއްޚީ ފަރުވާ ވަގުތުން ހޯދަންޖެހޭ. އަދި ކައުންސެލިންގެ އެހީތެރިކަން ބޭނުންވެއްޖެ ނަމަ ކައުންސެލާއެއްގެ އެހީތެރިކަން ވެސް ހޯދިދާނެ. އޭގެއިތުރަށް، އެންމެންގެ އެހީތެރިކަމާ އެކު، ކަމާ ބެހޭ ފަރާތަކަށް މައްސަލަ ރިޕޯޓްކުރުން މުހިންމު.

ޖިންސީ ގޯނާއެއް ކޮށްފިނަމަ އެއީ ކޮންމެހެން ސިއްރުކުރަން ޖެހޭ ކަމެއްތަ؟

ޖިންސީ ގޯނާކުރުމަކީ ގިނަފަހަރަށް އާއިލާތެރޭގައި ހިނގާކަމެއްކަމަށް ހީވެފައި އޮވޭ، ނުވަތަ މިފަދަ އަނިޔާއެއް ކުއްޖަކު ތަހައްމަލްކުރަމުން ދިޔަޔަސް އާއިލާގެ ފަރާތުން އެކަމަށް ފިޔަވަޅެއް އެޅުމަށް ނުވަތަ ރިޕޯޓްކުރަން ބޭނުމެއް ނުވޭ. ގިނަފަހަރަށް އެއީ އާއިލާ މައްސަލައެއްޖެހިދާނެތީ، ނުވަތަ އެމީހަކީ މާ ބާރުވެރި ފަރާތަކަށް ވީތީ، ނުވަތަ އެމީހެއްގެ ފަރާތުން އެ އާއިލާއަށް ލިބޭ އެހީތެރިކަމެއް ނުވަތަ މަންފާއެއް ނުލިބިދާނެތީ. އެކަމަކު ސުވާލަކީ ބެލެނިވެރިންނަށް ނުވަތަ އެފަދަ ކުއްޖަކު ބަލަހައްޓާ މީހަކަށް މުހިންމުވާންޖެހޭނީ މިދެންނެވި ކަންތައްތައްތޯ ނުވަތަ އެ ގޯނާ ލިބުނު ކުއްޖާގެ ދިރިއުޅުންތޯ. ރިޕޯޓްކުރުމުގެ ސަބަބުން އަނިޔާ ލިބުނު ކުއްޖަކަށް ސަޕޯޓްދެވޭ. އަދި އެފަދަ މީހެއްގެ ފަރާތުން އެހެން ފަރާތަކަށް އަނިޔާ ލިބުމުން ހުއްޓުވޭ.

ޖިންސީ ޝިކާރައަކަށް ވެފައިވާ މީހެއް ނުވަތަ ކުއްޖެއް އެވާހަކަ ބުނުމުން ހަދާނީ ކިހިނެއް؟

ފުރަތަމަ، އެމީހަކު ދައްކާވާހަކަ، ގަބޫލުކޮށް އަޑުއެހުން މުހިންމު. އަދި އެމީހަކަށް ދޭންވާ ފުރިހަމަ އެހީތެރިކަން ދިނުން މުހިންމު. އެއީ ސީއްޚީ ކަމުގައިވިޔަސް، ކަމާބެހޭ ފަރާތަށް ރިޕޯޓްކުރުން ކަމުގައިވިޔަސް. އަދި މިފަދަ ވާހަކައެއް ކުއްޖަކު ކިޔައިދީފި ނަމަ، ވަރަށް ބޮޑަށް ވިސްނަންޖެހޭ އިތުބާރު ގެއްލުވާނުލުމަށް. ސަބަބަކީ ތިމާއަކީ އެކުއްޖާ މިވާހަކަ ކިޔައިދޭ ހަމައެކަނި މީހާއަށްވެސް ވެދާނެ. ތިމާއަށް ރިއެކްޓް ކުރެވޭގޮތަކުން އޭނަ އިތުރަށް އެއްވެސް މީހަކަށް އެވާހަކަ ކިޔައިދޭން ބޭނުން ނުވެދާނެ، ފަސްޖެހޭނެ.

ޖިންސީ ޝިކާރައަކަށް ވުމުން ތިމާ ރައްކާތެރިވާނީ ކިހިނެއް؟

ތިއީ ވަރަށް އުނދަގޫ ސުވާލެއް. ސަބަބަކީ މިއީ ވަކި ފަންތިއެއްގެ ވަކި އުމުރެއްގެ ވަކި ޖިންސެއްގެ ވަކި މީހަކަށްވުމުން ލިބޭ އަނިޔާތަކެއް ނޫން. ކޮންމެ މީހަކަށްވެސް ދިމާވެދާނެ ކަމެއް މިއީ. އެހެންވީމަ ރައްކާތެރިވުމުގެ ގޮތުން އެންމެ މުހިންމީ ކުއްޖާއަށް އެންމެ ކުޑައިރުއްސުރެ ވެސް މައިންބަފައިން މިކަހަލަ ކަންތައްތަކާ ވާހަކަދައްކާ ހޭލުންތެރިކުރުވުން. އަދި ލަދުވެތި ގުނަވަންތަކަކީ ކޮބައިކަން ބުނެދީ، ކޮންމެ ކަމެއް ދިމާވެއްޖެ ކަމުގައި ވިޔަސް، ކުދިންނަށް އެ ވާހަކަތައް މައިންބަފައިންނަށް ކިޔައިދެވޭނޭ ފަދަ މާހައުލެއް ގޭތެރޭގައި އުފެއްދުން.

ޖިންސީ އަނިޔާ ކުދިންނަށް ޖިންސީ ގޯނާކުރުން ކުޑަކުދިންނަށް އަނިޔާކުރުން ހުއްޓުވުން

Popular