9 Dec 2018

މާބަނޑު ދުވަސްވަރު މަސް ނުކާންވީ ސަބަބެއް ނެތް

By: Asiya Abdul Raheem (Dietician)

މާބަނޑު ދުވަސްވަރަކީ ތިމާ މީހާގެ ސިއްހަތުގެ އިތުރުން ބަނޑުގައި އޮންނަ ތުއްތު ދަރިފުޅުގެ ސިއްހަތަށްޓަކައި ކެއުމުގައި ތަފާތު ކަންކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހޭ ދުވަސްވަރެކެވެ. ދަރިފުޅަށް ލިބިދާނެ ގެއްލުމަކަށްޓަކައި ކެއުމުން ދުރުވާން ޖެހޭ ބައެއް ކާނާ އާއި މައިމީހާ އާއި ދަރިފުޅުގެ ސިއްހަތަށްޓަކައި ކެއުމުގައި އިތުރުކުރަން ޖެހޭ ކާނާތައް ވެސް ހިމެނެއެވެ. އެގޮތުން މާބަނޑުވުމާ ގުޅިގެން މަސް ކެއުން ހުއްޓާލަންވީތޯ އަޅުގަނޑާއި ބައެއް ފަރާތްތަކުން ސުވާލު ކުރެއެވެ. މިހެން މި ސުވާލު ކުރަން ޖެހޭ ސަބަބެއް ކަމަށް އެ ބޭފުޅުން ވިދާޅުވަނީ ސިއްހީފަރުވާ ދެއްވާ ބައެއް ފަރާތްތަކުން އެގޮތަށް ލަފާ ދެއްވާތީ އެވެ. އެބޭފުޅުން ވިދާޅުވާ ގޮތުގައި ކަނޑުމަހުގައި މާކިޔުރީއޭ ކިޔާ މައުދަން (ދިރޭރަހަ) އެކުލެވޭ މިންވަރު ގިނަކަމުން ބަނޑުގައި އޮންނަ ތުއްތު ދަރިފުޅުގެ ސިއްހަތަށް ގެއްލުމެއް ވެދާނެ އެވެ.

ކަނޑުމަސް (ޔެލޯފިން ޓޫނާ)ގައި ދިރޭރަހަ އެކުލެވޭ ވާހަކަ އެއީ މުޅިއަކުން ދޮގެއް ނޫނެވެ. ނަމަވެސް ވަކި މިންވަރަކަށްވުރެ މަސްގަނޑުގައި ދިރޭ ރަހަ އެކުލެވޭ މިންވަރު ގިނަ ނުވާނަމަ އޭގެ ސަބަބުން ތުއްތު ދަރިފުޅަށް ގެއްލުމެއް ނުވާނެއެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ފުޑް އެންޑް އެގްރިކަލްޗަ އޮގަނައިޒޭޝަނުން 2011ގައި ނެރެފައިވާ ރިޕޯޓެއްގައި ވާ ކާނާއިން ހަށިގަނޑަށް ދިރޭރަހަ އެތެރެވާ މިންވަރު މަހެއްގެ ތެރޭ ހަށިގަނޑުގެ ބަރުދަނުގެ ކޮންމެ ކިލޯއަކަށް 70 ޕިކޮގްރާމަށްވުރެ އިތުރު ނުވާނަމަ ތުއްތު ދަރިފުޅަކަށް ދިރޭރަހައިގެ ގެއްލުމެއް ނުލިބޭނެއެވެ.

ބޮސްޝް އާއި އޭނާގެ ބައިވެރިން ކަނޑުމަހުގައި ދިރޭރަހަ އެކުލެވޭ މިންވަރު ދެނެގަތުމަށް ކުރި ދިރާސާއަކުން ދައްކާގޮތުގައި އެ މީހުން ދިރާސާ ކުރި މަސްތައް ތެރެއިން 85 ޕަސެންޓް މަހަކީ އިންސާނުންނަށް ގެއްލުމެއް ނުވާނެ މަހެވެ. ހަމަ މިކަހަލަ އެހެން ދިރާސާއެއްކޮށް އޮކޭރޭ އާއި ވޯޖްބޯލޯ އާއި އަގޯކޫ ވެސް ވަނީ މަސްކައިގެން ގެއްލުމެއް ނުވާނެކަން ދައްކައިދީފައެވެ. ރާއްޖޭގައި މިގޮތުން ވަކި މިންވަރެއް ކަނޑައަޅާފައިވޭތޯ ބެލިއިރު އަޅުގަނޑަށް އެފަދަ މައުލޫމާތެއް ރާއްޖޭގެ ސަރުކާރުގެ އެއްވެސް ރިޕޯޓަކުން ފެންނާކަށް ނެތެވެ. މިފަދަ ރިޕޯޓެއް ނެތި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑުމަސް ކެއުމަށް ލަފާ ދެއްވާއިރު އަޅުގަނޑުމެން ދިވެހިން މާބަނޑު ދުވަސްވަރު ކަނޑުމަސް ކެއުން ހުއްޓާލަންވާނެ ކަމަކަށް އަޅުގަނޑު ނުދެކެމެވެ.

ކަނޑުމަހަކީ އޭގައި އެކުލެވޭ ލޯންގްޗޭން ޕޮލީއަންސެޗުރޭޓަޑް ފެޓް އީ.ޕީ.އޭގެ ސަބަބުން ތުއްތު ދަރިފުޅުގެ ސިކުނޑި ފުރިހަމަވުމަށާއި ތޫނުފިލިކަން އިތުރުވުމާއި ބަލިތަކުން ދިފާއުވުމުގެ ބާރު ގަދަކޮށް އަދި އެހެން ވެސް އެތައް ފައިދާތަކެއް ކުރުވަނިވި އެއްޗެކެވެ. މިހެން މިކަން އޮތްއިރު ރާއްޖޭގެ ކަނޑުމަސް ދިރާސާ ކުރައްވާ ފަރާތްކުން އެ ކެއުން ހުއްޓާލަން ވިދާޅު ނުވާހާ ހިނދަކު ކަނޑުމަސް ކެއުން ހުއްޓާލުމަކީ ލިބިދާނެ ގެއްލުމެއްގެ ކުށްހީގައި ކުރެވޭ ރަނގަޅު ނޫން ކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ.

ފައިދާހުރި ކާނާ ޑައެޓް ކާނާ މާބަނޑުވުން

Popular