By: Ifraz Ali
އަތޮޅު ތެރެއަށް ޗުއްޓީ ހޭދަކޮށްލަން ދާން ބޭނުންވާ މީހުންގެ ބަކެޓް ލިސްޓުގެ އެންމެ ކުރީގައި އޮންނާނެ އެއް ރަށަކަށް ވާނީ ލ. ގަމެވެ. މާލެއާ 250 ކިލޯމީޓަރު ދުރުން، ދެކުނުގައި އޮތް ގަމަކީ ހަމަ ޗުއްޓީ ހޭދަކޮށްލަން "މަރެކެވެ." ތާރީހީ އަދި ގުދުރަތީ އެތައް ރީތިކަމަކުން މަޝްހޫރުވެފައި އޮތް ރަށެކެވެ.
ގަމަށް ދިއުމަށް މާ އުނދަގޫތަކެއް ވެސް ނުވާނެ އެވެ. މަތިންދާބޯޓުގައި ދާނަމަ ދަތުރަށް ހޭދަވާނީ ގާތްގަނޑަކަށް 40 މިނެޓެވެ. ދާންޖެހޭނީ ކައްދޫ އަށެވެ. އެ އަތޮޅުގެ އެއާޕޯޓު އޮންނަނީ އެ ރަށުގަ އެވެ.
އެއާޕޯޓުން ގަމަށް ދިއުމަށް އަދި ވަގުތުކޮޅެއް ހޭދަވާނެ އެވެ. ވެހިކަލެއްގެ ދާނަމަ އެއީ 15 ވަރަކަށް މިނެޓުގެ ދަތުރެކެވެ. އެ ދަތުރު ކުރަންޖެހޭނީ ގަމުގެ މަޝްހޫރު ލިންކު ރޯޑުންނެވެ. ދިގުމިނުގައި 18 ކިލޯމީޓަރު ހުންނަ އެ މަގަކީ އަތޮޅުގެ ހަތަރު ރަށް ގުޅުވައިދޭ މަގެވެ. ފޮނަދޫއާ، ކައްދޫ، މާންދޫ އަދި ގަން އެއްފަސް ކޮށްލަނީ މި މަގުންނެވެ.
ލ. ގަން، ގިނަ އަދަދަކަށް މި ރަށުގައި ބޮޑެތި ރުށްތައް ހުރޭ -- | ފޮޓޯ: ރިވަރީޒް ޑައިވިން ވިލެޖް އެންޑް ސްޕާ
ލިންކު ރޯޑުން ދަތުރު ކުރާއިރު، މަގުގެ ދެ ފަރާތުގައި އޮންނަ ރުއްގަސްތަކަކީ "ސްނެޕެއް" ކޮށްނުލައި ދޫކޮށްލެވޭނެ ވަރުގެ މަންޒަރަކަށް ނުވާނެ އެވެ. ފެހި، ދިގު އެ ރުށްތައް ހެދިފައި އޮންނަ ގޮތުން އެންމެ ވައްތަރުވާނީ ބޮޑު "ފޮރެސްޓަކާ" އެވެ.
ލ. ގަމުގެ ހިތްގައިމު ދޮންވެލި ގޮނޑުދޮށް -- | ފޮޓޯ: ދި އެޑިޝަން
މި މަގުން ދާއިރު ދެން ފެންނާނެ އެންމެ ހިތްފަސޭހަ މަންޒަކަށް ވާނީ މަގުގެ ވަކި ހިސާބަކުން، ދެ ފަރާތުން ފެންނަ އޮންނަ ދޮންވެލި ތުނޑިތަކާއި ވިލު ނޫ މޫދެވެ. އިންސްޓަގްރާމަށް ލުމަށް މި ތަންތަނުގެ ފޮޓޯއެއް ނަގާލަން ވަރަށް ސަޅިވާނެ އެވެ.
އާބާދީގައި 3000 މީހުން ދިރިއުޅެމުން އަންނަ ގަން ބެހިފައި އޮންނަނީ ތިން އަވަށަށެވެ. އެއީ ރަށުގެ އުތުރުގައި ތުނޑި އަވަށް، މެދުގައި މަތިމަރަދޫ އަދި ދެކުނުގައި މުކުރި މަގެވެ.
ލ. ގަމުގެ އަންހެނުންތަކެއް ފިނި ކޮށްލުމަށް ނިކުމެ ހޮޅުއަށްޓެއްގައި -- | ފޮޓޯ: ދި އެޑިޝަން
މުކުރި މަގުގައި ވަރަށް ހާއްސަ ތަނެއް އޮންނާނެ އެވެ. ދިވެހިންގެ ދިގު ތާރިހާ ގުޅޭ ތަނެކެވެ. އިހު ޒަމާނުގެ ދިވެހިން ބުދަށް އަޅުކަން ކުރުމަށް ބޭނުންކުރި ފައްޅިއެއް އެތަނުގައި ހުއްޓެވެ. އެ ތަނަށް ކިޔަނީ "ހަވިއްތަ" އެވެ. ބޯގަސްތަކާއެކު ފޮރުވެމުންދާ މި ތަނުގައި މިހާރު ފެންނަން އޮތީ ބޮޑު އުސް ފަސްގަނޑެކެވެ. ކުޑަ ވަރެއްގެ ފަރުބަދައެއްގެ ގޮތަށެވެ.
ލ. ގަމު ހަވިއްތަ ހުންނަ ސަރަހައްދު | ފޮޓޯ: ޝައުގާން ޝަރީފް
އެ ތަނަކީ 850 އަށް ވުރެ ގިނަ އަހަރުވެފައިވާ ތަނެއް ކަމަށް ބުނެ އުޅެ އެވެ. އަދި މީހުން ބުނެ އުޅޭ ގޮތުގައި އެއީ ރާއްޖޭގެ އެންމެފަހު ބުދު ފައްޅި އެވެ. އެ ރަށުގެ މުސްކުޅި މީހުން ބުނެ އުޅޭ ގޮތުގައި ރާއްޖެ އިސްލާމުވުމަށްފަހު އެ ފައްޅި ތަޅާލައި އެތަނުގައި ހުރި އެއްޗެހި ފަސްއަޅާ ވަޅުލީ އެވެ.
ގަމަށް ގޮއްސިއްޔާ އަދި ކޮންމެހެން ވެސް ދާންޖެހޭ ތަނެއް އެބަ އޮތެވެ. ގަމުގެ "ޕަރީ ފެންގަނޑު" އެވެ. އެ ރަށު މީހުން ކިޔާ ނަމުންނަމަ "ބޮޑު ފެންގަނޑު" އެވެ. ބައެއް މީހުން މި ތަނަށް "ނަރަކަ ފެންގަނޑު" ވެސް ކިޔަ އެވެ.
ލ. ގަމުގައި އޮންނަ ޕަރީ ފެންގަނޑު -- | ފޮޓޯ: ރިވަރީޒް ޑައިވިން ވިލެޖް އެންޑް ސްޕާ
މި ތަން ބަލާނުލައި އެނބުރި އަތުވެއްޖެނަމަ ގަމަށް ދިޔަ ކަމަށް ވެސް މީހުން ގަބޫލެއް ނުކުރާނެ އެވެ. އަޑި ނޭނގޭ ތަނެއްގެ ގޮތުގައި މަޝްހޫރުވެފައި އޮތް މި ފެންގަނޑަކީ ގަމަށް ޒިޔާރަތްކުރާ މީހުންގެ މެދުގައި އެންމެ މަގުބޫލު މަންޒިލެވެ.
ލ. ގަމުގައި އަންހެނުންތަކެއް ހޮޅުއަށީގައި ތާސް ކުޅެނީ -- | ފޮޓޯ: ދި އެޑިޝަން
ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ވެސް ކުރަމުން އަންނަ މި ރަށުގައި ތަފާތު އެކި ބާވައްތަކުގެ ކާބޯތަކެތި ހައްދަ އެވެ. އަދި އެ ރަށު މީހުން ތައްޔާރުކުރާ "ގޮޅަ ރިހަ" އަކީ ވެސް އަނގަޔަށް މީރު ކެއުމެކެވެ. ގަމަށް ދާނަމަ މި ވެސް ކޮންމެހެން ކާންޖެހޭނެ އެއްޗެކެވެ.
ގަމުގެ މީހުން ތައްޔާރުކުރާ "ގޮޅަ ރިހަ" -- | ފޮޓޯ: ދި އެޑިޝަން
ގަމަށް ދާހިތްވެއްޖެ ހެއްޔެވެ؟ މި ބޮޑު ޗުއްޓީ ނިމުމުގެ ކުރިން އަވަހަށް ގަމަށް ދިއުމަށް ދަތުރު ތައްޔާރަކުރަން އުޅޭށެވެ.