17 Jan 2019

ތަސްވީރުން ވާހަކަ: ދޮންހިޔަލަ އާއި އަލިފުޅު

ތަސްވީރުން ވާހަކަ: ދޮންހިޔަލަ އާއި އަލިފުޅު

By: Aishath Maaha

ލޯބީގެ މިސާލެއް ދިވެހިންގެ ތެރެއިން ނަގަންޏާ ދޮން ހިޔަލަ އާއި އަލިފުޅަށްވުރެ ލޯބި ވާހަކައެއް ލިބޭނެހެނެއް ހިއެއް ނުވެ އެވެ. އަބްދުﷲ ސޯދިގު (ސޯދުބެ) ލިޔެފައި އޮތް އެ ވާހަކައަށް އަހަރުތަކެއް ވެގެން ދިޔައިރު އެއީ ދިވެހިންގެ ތެރޭގައި މަގުބޫލުވި ވާހަކަ އެވެ. ނަމަވެސް މިހާރުގެ ގިނަ ޒުވާނުންނަށް މި ވާހަކަ އާ ވެދާނެ އެވެ. ދޮން ހިޔަލަ އާއި އަލިފުޅުގެ ވާހަކަ އަޑުއެހި ނަމަވެސް އެ ވާހަކަ ކިޔާފައިވާ ޒުވާނުން މަދުވާނެ އެވެ.

އެހެންވެ ކުރެހުންތެރިޔާ އަބްދުﷲ ތައުފީގް (ތައު) ބޭނުންވީ އެ ވާހަކަ މިހާރުގެ ޒުވާނުންނަށް ފަސޭހަވާނެހެން ކިޔައިދޭށެވެ. މޯލްޑިވްސް އާޓިސްޓިކް ކޮމިއުނިޓީ (މެކް) އިން ދިން ފުރުސަތެއްގައި ތައުގެ ކުރެހުންތަކުން މި ކިޔައިދެނީ ދޮން ހިޔަލަ އާއި އަލިފުޅުގެ ވާހަކަ އެވެ.

"ލޭފަ"ގެ ނަމުގައި މި މަހުގެ 15 ވަަނަ ދުވަހު ފެށި މި އެގްޒިބިޝަންގެ ކުރެހުންތައް މި މަހުގެ ނިޔަލަށް ލެކިއުޓްގައި ހުންނާނެ އެވެ. ހަތް ކުރެހުމުން މި ވާހަކަ ތައު ކިޔައިދޭއިރު އެ ކުރެހުންތަކުގައި ގަލުވަޑާން ބޭނުންކޮށްފައި ވަނީ ތައުގެ ހާއްސަ ސްޓައިލްގަ އެވެ. ތައުގެ ފޮޓޯތަކުން މި ވާހަކަ ކުރުކޮށް ކިޔާލަދޭން ހިނގާށެވެ.

ދޮން ހިޔަލަ. -- ފޮޓޯ: އަހްމަދު ނިޝާތު / ދޯ

މިއީ ވާހަކައިގެ ބަތަލާ ދޮން ހިޔަލަ އެވެ. މަދުން ނޫނީ ނުފެންނަ ފަދަ ރީތިކަމެއް ލިބިފައިވާ ތ. ބުރުނި އަންހެން ކުއްޖެކެވެ. މަލިން މޫސާ އަދި ދޮން އައިސަގެ ހުރި ހަމައެކަނި ދަރިފުޅެވެ. އެ ރީތިކަމުގެ ސަބަބުން ދޮން ހިޔަލައަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިކޮށް، ސިހުރުވެރި ލޯތަކަށް ފޮރުވައިގެން އެންމެ ކުޑައިރުން ފެށިގެން ވެސް ދޮން ހިޔަލަ ގެންގުޅެމުން އައީ ގޭގައި ހަދާފައިވާ ބިންގަރާހެއްގަ އެވެ.

ހުވަފެން. -- ފޮޓޯ: އަހްމަދު ނިޝާތު / ދޯ

މިއީ ދޮން ހިޔަލަ އާއި އަލިފުޅު ބައްދަލުވުމުގެ ކުރިން އަލިފުޅަށް ފެންނަ ހުވަފެނެވެ. ބުރުނީގައި ރީތި އަންހެނެއް އިންކަން އަލިފުޅަށް ހުވެފެނުން ފެނެ އެވެ. އެ ހުވަފެން އޭނައަށް ފެންނަނީ އަލިފުޅު ނިސްބަތްވާ ހުޅުދެލީ ކަތީބުގެ ހައްވާފުޅު ގާތުގައި އޭނާ އިންނަން އަހާ ރޭ އެވެ. ހައްވާފުޅު އަލިފުޅާ އިންނަން އެއްބަސްނުވެ އެވެ. އެ ރޭގެ ހުވަފެނުގައި އަންނަ މީހަކު އަލިފުޅުގާތުގައި ބުރުނީގައި އިން ރީތި އަންހެނަކީ ދެ ދުނިޔޭގައި އަލިފުޅުގެ ބައިވެރިޔާ ކަމަށާއި ބުރުނީއަށް އަލިފުޅު ދާން ޖެހޭނީ ހާއްސަ އޮޑިއެއް ބަނދެގެން އެ އޮޑީގައި ކަމަށް ބުނެ އެވެ.

ފަންޑިތަ. -- ފޮޓޯ: އަހްމަދު ނިޝާތު / ދޯ

ބުރުނީގައި އިން ރީތި އަންހެނަކާއި އިންނަން އަލިފުޅު ބުރުނީއަށް ދާން އުޅޭކަން އެނގުމާއެކު ހައްވާފުޅު އެކަން ވިޔަ ނުދިނުމަށް އެތައް ފަންޑިތައެއް ހަދަ އެވެ. އަދި ފަހުން ހައްވާފުޅު އަލިފުޅާ ކައިވެނިކުރަން ބޭނުންވެ އެވެ. ނަމަވެސް އަލިފުޅު ހުރީ ބުރުނީގައި އިން ދޮން ރީތި ހިޔަލަ އާއި ނޫނީ ނީންނަން އަމިއްލަ ނަފްސަށް ވައުދުވެގެންނެވެ.

ދަތުރު. -- ފޮޓޯ: އަހްމަދު ނިޝާތު / ދޯ

ބުރުންޏަށް ދާން އަލިފުޅު ބަންނަ ދޯނީގެ މަސައްކަތް ކާމިޔާބުވިޔަ ނުދޭން އަދި ބުރުންޏަށް ދިއުމަށް ފަށާ ދަތުރު ހުއްޓުވަން ހައްވާފުޅު އެތައް ފަނޑިތައަކާއި ސިހުރެއް ހަދަ އެވެ. އަލިފުޅާއި ހައްވާފުޅާއި ދެމެދު ފަންޑިތައިގެ ހަމަލާތަކެއް ބަދަލުކުރެވި ހައްވާފުޅު ހުއްޓުވަން އަލިފުޅަށް މަޖުބޫރުވަނީ ފަންޑިތަ ބޭނުންކޮށްގެން ހައްވާފުޅުގެ ދުވަސް ދުއްވާލާށެވެ. އަލިފުޅު އެކަން ކުރެ އެވެ.

ލޭފަ

ލޭފަ ނުވަތަ ދޮން ހިޔަލަ އާއި އަލިފުޅުގެ ލޯބި ފެށެނީ މިހާ ހިސާބުންނެވެ. އަމާން ދަތުރަކަށްފަހު ބުރުންޏަށް ގޮސް އަލިފުޅަށް ރޭގަނޑުގެ ކެއުމަށް ދެވެނީ މަލިން މޫސާގެ ގެއަށެވެ. ދޮން ހިޔަލައަށް އަލިފުޅު ފެނި އޭނާދެކެ ލޯބިވެވި ދެ މީހުންނަށް އެކަކު އަނެކަކު ދެކެ ލޯބިވާކަން ހާމަކޮށް ދެ ލޯބިވެރިން ކައިވެނިކޮށް އެމީހުންގެ "ހެޕިލީ އެވާ އާފްޓާ" އަށް ދަތުރު ފަށަ އެވެ.

ރަސްގެފާނަށް ދޮން ހިޔަލަގެ ރީތި އަދި ފުރިހަމަ ވާހަކަ އިވި ދޮން ހިޔަލައާ ކައިވެނިކުރަން ބޭނުންވެ އޭނާގެ ބާރުގެ ބޭނުންކޮށްގެން އަލިފުޅާ ދެ މީހުން ދުރުކުރުމުގެ މަސައްކަތް ފަށަ އެވެ. ރަސްގެފާނަށް ދޮން ހިޔަލައާ ކައިވެނި ނުކުރެވިއްޖެ ނަމަ އަލިފުޅު މަރާލާނެ ކަމުގެ އިންޒާރުދެ އެވެ. އެންމެފަހުން ލޯބިވާ ފިރިމީހާގެ ފުރާނަ ސަލާމަތްކުރަން ދޮން ހިޔަލަ އަލިފުޅު ކައިރިން ދުރަށްދެ އެވެ.

ވަކިވުން

ނަމަވެސް އަލިފުޅު އުންމީދު ކަނޑާނުލައި ދޮން ހިޔަލަ އަނބުރާ ހޯދުމަށް އެތައް މަސައްކަތެއް ކުރެ އެވެ. ދޮން ހިޔަލަ އަލިފުޅާއެކު ފިލައިގެން ދިޔަކަން ފަޅާއެރުމާއެކު ރަސްގެފާނު އޭނާގެ ހާދިމުންނަށް އެމީހުން ހޯދުމަށް އަންގަ އެވެ. އަދި ކަނޑުމަތިން އެމީހުން އަތުލައިގަނެ އެވެ. އަލިފުޅާ ވަކިވާން ބޭނުންނުވެ އަދި އަލިފުޅު ނޫން އެހެން އެއްވެސް މީހަކާ ގުޅެން ބޭނުންނުވާތީ ދޮން ހިޔަލަ ކަނޑަށް ފުންމާލައި އަމިއްލައަށް މަރުވެ އެވެ. އަދި އަލިފުޅުވެސް ދޮން ހިޔަލަ ނޫން އެހެން ލޯތްބެއް ބޭނުންނުވާތީ މި ދުނިޔެއިން އިތުރަށް އެ ލޯބި ލިބެން ނެތަސް އަނެއް ދުނިޔޭގައި އެކުގައި އުޅެން އުންމީދުކޮށް ކަނޑަށް ފުންމާލައި މަރުވަނީ އެވެ.

އާޓިސްޓް ތާރީހް

Popular