14 May 2019

ރޯދަ އަށް ޑައިޓީޝަން އާސިޔާގެ ލަފާ- 5

ރޯދަ އަށް ޑައިޓީޝަން އާސިޔާގެ ލަފާ- 5

މިއީ، "ދޯ"ގެ ލިޔުންތެރިޔާ އަދި އައިޖީއެމްއެޗްގެ ޑައިޓީޝަން އާސިޔާ އަބްދުއްރަހީމާ ކިޔުންތެރިން ކޮށްލަން ބޭނުންވާ ސުވާލުތަކަށް އޮތް ރަނގަޅު ފުރުސަތެކެވެ. ރޯދަ މަހަކީ، ތަފާތު ކެއުންތަކުން ސުފުރާމަތި ފަޅުފިލުވާލަދޭ މަހަކަށް ވާއިރު، ސިއްހީ ކެއުންތަކާއި، ކާނެ ގޮތްތަކާ ބެހޭ ގޮތުން ހިތުގައި ސުވާލެއް އޮތް ނަމަ އާސިޔާ ހުރީ ޖަބާވު ދޭން ތައްޔާރަށެވެ. އާސިޔާ އާ ކުރަން ބޭނުންވާ ސުވާލެއް އޮތް ނަމަ، ތިރީގައި އޮތް ކޮމެންޓް ބޮކްސްގައި ލިޔެފައި ފޮނުވާށެވެ. މިއީ، މިއަދުގެ ތިން ސުވާލާއި އޭގެ ޖަވާބުތަކެވެ. ކޮންމެ ދެ ދުވަހަކުން އެއް ދުވަހު ތިން ސުވާލަކައިގެން އާސިޔާ ބައްދަލުކުރާނެ އެވެ.

ސިސްޓް ހުންނަ މީހުން ރޯދަމަހުގެ ކެއުން ގެންގުޅެން ވީ ކިހިނެއް؟

ސިސްޓް ހުރި ކަމުގައި ވިޔަސް ބޮޑު އެހެން ބައްޔެއް ނެތް ނަމަ ރޯދަމަހުގެ ކެއުން ބަހައްޓަންވީ ހަމަ އެހެން މީހުން ވެސް ބަހައްޓަ ކަހަލަ ގޮތަކަށް.

އަޅުގަނޑުގެ ހަތް އަހަރުގެ ދަރިފުޅުގެ އެލާޖީ ހުރޭ. ފުށް، މަސް އަދި ބިސް ފަދަ ތަކެއްޗަށް. ރޯދަ ވިއްލަން ރަނގަޅު ޑައިޓެއް ދެއްވާ.

ފުށް، ބިސް އަދި މަސް ފަދަ ތަކެއްޗަށް އެލާޖިކް ވާނަމަ އަދި އެހެން އިތުރު ތަކެއްޗަށް ވެސް އެލާޖިކްވުން އެކަށީގެންވޭ. މިފަދަ ކުދިންނަށް ޑައިޓެއް ކިޔައިދިނުމުގެ ބަދަލުގައި ބުއްދިވެރި ގޮތަކީ ޑައިޓީޝަނަކަށް އެލާޖީ ޓެސްޓް ރިޕޯޓާ އެކު ދަރިފުޅު ދައްކައިގެން މެޑިކަލް ނިޔުޓްރިޝަން ތެރަޕީ ހޯއްދެވުން.

މާބަނޑު މީހުން ރޯދަމަހުގެ ކެއުން ބަހައްޓަންވީ ކިހިނެއް؟

މާބަނޑު މީހުން ވެސް ރޯދަމަހު ކެއުން ބަހައްޓާނީ އެހެން މީހުނެކޭ އެއްކަހަލަ ގޮތަކަށް. ބަނޑަށް ފުރަތަމަ ތިން މަހު ކެއުން އިތުރު ކުރާކަށް ނުޖެހޭނެ. ބަނޑަށް 3 މަހާ 6 މާހާ ދޭތެރޭ ބޮޑު އެއް ކެއުން އިތުރު ކޮށްލާނީ (އެއީ ސޭންޑްވިޗަކާއި ކިރުތައްޓެއްގެ މިންވަރު). ބަނޑަށް 6 ފުރި 7 މަހަށް އެޅުމުން މި އަދަދަށް ލުއި އެއް ކެއުން އިތުރު ކޮށްލާނީ (އެއީ މުށެއްހާ ނަޓްސް). މާބަނޑުއިރު ހަކުރު/ ލޭ މައްޗަށް ދާނަމަ ނުވަތަ ހޮޑު ލެވޭނަމަ ކެއުމުގެ އާދަތައް ކޮންމެ ވެސް ވަރަކަށް ތަފާތު ކޮށްލަން ޖެހޭ. މިފަދަ މީހުން ޑައިޓީނަކާއި އެކު މަޝްވަރާ ކުރުމަށް ފަހު ކެއުންތައް ބައްޓަން ކޮށްލާނީ.

ރަމަޟާން 2019

Popular