11 Jul 2019

By: Shamila Ibrahim

ކޮންމެ އާއިލާއެއްގަވެސް މީހުންގެ ނިސްބަތުން ދޮންބެ، ދޮންތަ، ތިއްތަ، ކުޑަބެ މިހެން ގޮސް ކިތަންމެ "ރޭންކް"ތަކެއް ހުންނާނެ އެވެ. އެ އާއިލާއެއްގެ އެންމެންނަށް ވެސް ހީވެފައި އޮންނަނީ ދޮއްޓަށް ހުންނަ ކުއްޖަކީ އެ އެންމެންގެ "ދެ ވަނަ މަންމަ" ކަމަށެވެ. އެހެން ކުދިން ކުރާ ހުރިހާ ކަމަކަށް ޒިންމާވާ ފަރާތަކީ ވެސް އެއީއެވެ. އެންމެ ގަދަރު ލިބިފައި، "ބޮސީ" ވާނީ ވެސް އެ މީހުންނެވެ.

ދޮންތައެއްގެ ހައިސިއްޔަތުން ބުނާނީ އެއީ ހަމަ ތެދެކޭ އެވެ. އެކަމަކު ބައެއް އާއިލާތަކުގައި، ކުއްޖާގެ އުމުރަކީ މުހިންމު އެއްޗަކަށް ނުވެ އެވެ. އެންމެ ދޮށީ މީހާ އަކީ އެންމެ ބޭބީ ވެގެން އުޅޭ މީހާ އަށް ވެސް ވެދާނެ އެވެ. އެއްވެސް ހަރުދަނާކަމެއް ނެތި، އެހެން އެންމެންގެ އެހީގައި ނޫނީ ނޫޅެވޭ މެންބަރުން އާއިލާގެ ތެރޭގައި އުޅޭހެއްޔެވެ؟ ޖަވާބަކީ އާއެކޭ ކަމަށް ވުން ވަރަށް ގާތެވެ.

ދޮންތަގެ ޒިންމާ ކުޑަވެފައި، ހަަގަށް ހުންނަ ކޮއްކޮ މާ ޒިންމާދާރުވެފައި، މައިންބަފައިންނަށް އަޅާލާ އާއިލާތައް ވެސް އުޅެ އެވެ. އެހާ ހިސާބުން ދޮންތަ ދޮށިވުމުން އޭނާ އަށް ދޮންތަ ކިޔަސް އަސްލު އެ ޒިންމާ އަދާ މި ކުރެވެނީ އެންމެން ކުޑަ ކޮށްލައިގެން އުޅޭ ކޮއްކޮއެއް ނޫންހެއްޔެވެ؟

މިހެން ގޮސް އާއިލާގައި ތިމާގެ ހައިސިއްޔަތު އޮޅި، އުމުރާ ނުގުޅޭ ގޮތުން ޒިންމާތަކާ ހަވާލުވާން ޖެހުމުން ޝަކުވާ ވެސް ބޮޑުވާނެ އެވެ. އެކަމަކު މިއީ ގިނަ ފަހަރު ވަރަށް ލޯބި ވެސް ކަމެކެވެ. އެކަމަކު މާ ބޮޑުވަރުވާ ނަމަ ދެން އެއީ މައްސަލައެކެވެ.

އެހެންވީމަ އާއިލާގެ ހަގު، ދޮށި އަސްލު މި ކިޔެނީ ހަމަ ރަނގަޅަށް ހެއްޔެވެ؟ އެއީ މަންމަމެން ދިން ނަމަށް ބަލާފައި ނިންމަން ވީ ކަމެއްތޯ ނުވަތަ ޒިންމާ އާއި ހަރުދަނާ މިންވަރުން ދޭންވީ ލަގަބެއްތޯ ވެސް އޮޅިއްޖެއެވެ. އަޅެ، ތި އާއިލާގެ އެންމެ ދޮށީ އަދި އެންމެ ހަގީ ކާކު ހެއްޔެވެ؟ އުމުރަށް ބަލާނެ ކަމެއް ނެތެވެ.

Popular