16 Jul 2019

އުމުރުން ދުވަސްވާން ފެށުމުން ބޯނީ ކޮން ކަހަލަ ކިރެއް؟

By: Asiya Abdul Raheem (Dietician)

ކިރަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކޮންމެ ދުވަހެއްގެ ކެއުމުގައި ހިމެނުން ލާޒިމް އެއް ބާވަތެއްގެ ކާނާ އެވެ. ކަށިތަކުގެ ދުޅަހެޔޮކަމާއި ދަތްޕިލަ ވަރުގަދަކޮށް ބެހެއްޓުމަށާއި ހަށިގަނޑުގައި ހަކަތަ އުފެއްދުމުގެ އިތުރުން ނާރުތަކުގެ މަސައްކަތް ފުރިހަމަވުމަށް އަދި މި ނޫން ވެސް ތަފާތު ކަންކަމަކަށް ކޮންމެ ދުވަހަކު ވެސް ކިރުގެ ކޮންމެވެސް އެއްބާވަތެއް ހިމެނުން މުހިއްމެވެ. ދިވެހި ފުޑް ބޭސްޑް ޑައިޓަރީ ގައިޑްލައިން (ދިވެހީން ކާންވީގޮތުގެ ގައިޑް)ގައި ވާ ގޮތުން ބޮޑު މީހެއްގެ ކެއުމުގައި ދުވާލަކަށް ދެ ސާވިން ކިރުގެ ބާވަތް ހިމަނަން ޖެހެއެވެ. ކިރުގެ ބާވަތުގެ ސާވިން އަކީ 250 މިލި ލީޓަރު ކިރު (ކޮންމެ ބާވަތެއް ވިއަސް)، ނުވަތަ 2 ½ މޭޒުމަތީ ސަމްސާ ހިކިކިރު ނުވަތަ 2/3 ތަށި ޔޯގަޓް ނުވަތަ ދެ ފޮތި ޗީޒާ އެއް މިނަކަށެވެ.

ދުވާލުގެ ކެއުމުގައި ކިރު ހިމެނުން މުހިއްމު މައިގަނޑު އެއް ބޭނުމަކީ ކަށިތަކުގެ ދުޅަހެޔޮކަން ކަމުގައި ވާއިރު ޢުމުރު މައްޗަށް ދާވަރަކަށް ކަށި ފީވުމުގެ މައްސަލަ މިއީ އަޅުގަނޑުމެން ތެރޭގައި އާއްމު ކަމެކެވެ. އުމުރުން ފަސްދޮޅަހާ ހިސާބަށް ދާންވާއިރު ވެއްޓި ނުވަތަ އެހެން ވެސް ހާނިއްކައަކާ ގުޅިގެން ފައިގެ ދިގު ކަށިގަނޑު ނުވަތަ މުލައްދަނޑި ފަދަ ކޮންމެވެސް ކަށިގަނޑެއް ބިނދި އެޑްމިޓް ކުރާ ހިސާބަށް ދެއެވެ. މިގޮތަށް ކަށި ފީވުމުގެ މައިގަނޑު އެއް ސަބަބަކީ ދުވާލުގެ ކެއުމުގައި ހިމަނަން ޖެހޭ މިންވަރަށް ކިރު ނުހިމެނުން ކަމުގައި ވެދާނެ އެވެ. އަޅުގަނޑުގެ ތަޖްރިބާ އަށް ބަލާއިރު އަޅުގަނޑުމެން ތެރޭ ދުވާލަކަށް އެންމެ ކިރުތައްޓެއްގެ މިންވަރު ވެސް ނުބޮވޭ މީހުން އަދި ކީއްކުރަން، ހަފްތާގެ ގިނަ ދުވަހު ކިރު ނުބޯ މީހުން ގިނަ އެވެ.

މިހެން ކިކަން އޮތްއިރު އެއްބަޔަކު ބުނާ ގޮތުގައި އުމުރުން ދުވަސް ވާން ފެށުމުން ބޯން ޖެހެނީ ވަކި ބްރޭންޑެއްގެ ކެލްސިއަމް ގިނަ ކަމަށް މަޝްހޫރު ކުރާ ކިރެކެވެ. ނަމަވެސް މިއީ ތެދެއް ނޫނެވެ. ކޮންމެ ބާވަތެއްގެ ކިރެއް ނަމަވެސް އެއް ސާވިން ކިރުގައި ގާތްގަނޑަކަށް 300 މިލިގްރާމް މަށި (ކެލްސިއަމް) ހިމެނެ އެވެ. މި ކޮންމެ ބާވަތެއްގެ ކިރު ބުޔަސް ދެ ތަށި ކިރު ދުވާލަކަށް ބޯނަމަ ދުވާލަކަށް ބޭނުންވާ ކެލްސިއަމްގެ ބޮޑުބައި ކިރުން ހަމަ ކުރެވި ބާކީ ބައި އެހެން ކާ ތަކެތިން ހަމަ ކުރެވޭނެ އެވެ. މި ދަންނަވާ ކެލްސިއަމް ގިނަ ކަމަށް މަޝްހޫރު ކުރާ ކިރު ވަކި ގޯހީއެއް ނޫނެވެ. ނަމަވެސް އަޅުގަނޑާ ބައްދަލުވި ވަރަށް ގިނަ ބަޔަކަށް ކިރު ބޯން އުނދަގޫވާ އެއް ސަބަބަކީ މި ދަންނަވާ ކިރު ނުބައި ކަމުންނެވެ. އެހެންކަމުން އަނގަޔަށް ނުބައި އެއްޗެއް ވަކި ރަނގަޅު އެއްޗެކޭ ހިތާ ބުއިމުގެ ބަދަލުގެ ކޮންމެ ބާވަތަކުން ވިއަސް ކިރު ހިމެނުން މާ މުހިއްމެވެ.

ކިރު

Popular