17 Aug 2019

By: Ifraz Ali

މާއެނބޫދޫ އަށް އުފަން، އަލީ ފިރާގާއި މި މާކަނާތަކުގެ އެކުވެރިކަން ފެށުނީ އެ ރަށު ކައިރީގައި އޮތް ފަޅުރަށަކުންނެވެ. އުމުރުން 50 އަހަރުގެ ފިރާގުބެ އޭރު ހުރީ ޕިކުނިކު ދަތުރެއްގައި އެ ރަށަށް ގޮހެވެ. މި ދެ މާކަނާ ފެނުނީ ހާއްޔެއްގައި އެކަނިކޮށްލާފައި ވަނިކޮށެވެ. އޭރު އެ ސޮރުމެން ވަރަށް ޅަ އެވެ. އެހެންވެ އެހީއަށް ބޭނުންވާކަން އެނގޭތީ، އެނބުރި ރަށަށް ދިޔައީ އެ ދެ ޅަ މާކަނާ ވެސް ގޮވައިގެންނެވެ.

ފޮޓޯ: އައިޝަތު އުޝާ

ހިމާޔަތްކޮށްފައިވާ ދޫންޏަކަށް ވާތީ ބަންދުކޮށްގެން މާކަނާ ނުގެންގުޅެވެ އެވެ. އެއީ ފިރާގުބެ އެކަން ކުރަން ބޭނުންވި ގޮތެއް ވެސް ނޫނެވެ. އޭނާ ކުރި ކަމަކީ މާއެނބޫދޫން އެ ސޮރުމެންނަށް ހިމާޔަތް ދިނީ އެވެ. މިނިވަންކަމާއެކު އެ ރަށުގައި ހިތްހަމަޖެހިލައިގެން އުޅެވޭނެ ގޮތް ފަހިކޮށް ދިނީ އެވެ. މި އެކުވެރިކަމަށް މިހާރު ދެ އަހަރުވީ އެވެ.

"އެ ސޮރުމެންނަށް އެނގޭނެ އަހަރެން ފެނުނީމަ ވަކިކުރަން،" ފިރާގުބެ ބުންޏެވެ.

ކޮންމެ ދުވަހަކު ހެނދުނު 8 ޖަހާކަށްހާއިރު މި މާކަނާތަކަށް ކާންދޭން ފިރާގުބެ ދެ އެވެ. ހަމަ ކޮންމެ ދުވަހަކު އެ ގަޑިއަށް އެ ސޮރުމެން އެ ރަށު ބަނދަރު ސަރަހައްދަށް އާދެ އެވެ.

ފޮޓޯ: އައިޝަތު އުޝާ

"ކުރިން ދެ ގަޑިއަކު ކާންދިނިން. އެކަމަކު މިހާރު ހެނދުނު އެކަނި ކާންދެނީ. ހަމަ ބަނދަރުމަތީގައި އިނދެގެން މަސް ބާނައިގެން، ދިރިދިރި ހުއްޓައި ކާންދެނީ،" ކުޑަކުޑަކޮށް ތިބި އެ މާކަނާތައް މިހާރު މާސިންގާ ވެއްޖެ ކަމަށް ފިރާގުބެ ބުންޏެވެ.

ފިރާގުބެ ބުނީ މި ދެ މާކަނަ އަށް ކާންދޭ ވަގުތަށް، ރަށު ކައިރީގައި އުޅޭ އެހެން މާކަނާތައް ވެސް އަންނަ ކަމަށެވެ. ކުޑައިރުއްސުރެ ދޫންޏަށް ހިތުގައި އޮތް ލޯތްބެއްގެ ބޮޑުކަމުން މިއީ ފިރާގުބެ އަށް ކޮންމެ ދުވަހަކު އެންމެ ބޮޑު ހިތްހަމަޖެހުމެއް ގެނެސްދޭ އެއް ކަންތަކެވެ.

ފޮޓޯ: އައިޝަތު އުޝާ

މި އުފާވެރި މަންޒަރުތައް ރައްކާކޮށް އަހަރެމެންނާ ހަމައަށް މި ވާހަކަ ގެނެސްދިނީ އައިޝަތު އުޝާ އެވެ. މިދިޔަ އީދު ބަންދުގައި ރަށަށް ގޮސް އުޅެނިކޮށް، ފިރާގުބެ މި މާކަނާތައް ގެންގުޅޭކަން އެނގި އުޝާ ފޮޓޯތައް ނެގީ އެވެ.

"ފުރަތަމަ ދުވަހު ނުވެސް ހޭލެވުން ފޮޓޯ ނަގަން ދާން. ދެ ވަނަ ދުވަހު ފޯނު އެލާމުކޮށްގެން ހެނދުނާ ހޭލައިގެން ހަމަ އެ ވަގުތަށް ދިޔައީ،" ފުރަތަމަ ފަހަރަށް މިކަހަލަ ކަމެއް ފެނުނު އުޝާ ބުންޏެވެ.

ފޮޓޯ: އައިޝަތު އުޝާ

މިއީ އެކުވެރިކަމުގެ ނަމޫނާއެކެވެ. އެކަމަކު ފިރާގުބޭގެ ކަންބޮޑުވުމެއް ވެސް އެބަ އޮތެވެ. މި ކަހަލަ ދޫނިތަކަށް މީހުންގެ ފަރާތުން އެކި ކަހަލަ އަނިޔާތައް ލިބުމެބެ. އެހެން ކަންކަން ވާތީ މިހާރު ކާންދޭ ގަޑީގައި ބައެއް ފަހަރަށް ކައިރިވާން ނުކެރިފައި ވެސް އެ ސޮރުމެން ތިބޭ ކަމަށް ބުންޏެވެ.

ދ. މާއެނބޫދޫ ދޫނި

Popular