11 Sep 2019

By: Shamila Ibrahim

މީހަކަށް ހިތް ދެވުމުން އެ މީހަކަށް އެކަން ހާމަކޮށް ރައްޓެހިވާން އަހާނެ މޮޅު ގޮތަކާ މެދު ވިސްނޭނެއެވެ. މިކަމުގައި އިސްނަގާކަށް ވަކި ޖިންސެއް ހާއްސައެއް ނޫނެވެ. ބޮއްކުރާ ދޮށަށް އޮޑި ކަނބާ ވާހަކަ މިހާރަކު ނުދައްކާނެ އެވެ.

ރައްޓެހިވާން އަހާއިރު އެކި މީހުން ގެންގުޅޭ ސްޓައިލާއި ބަސްމަގު ތަފާތެވެ. އޭގެ ސަބަބަކީ އެމީހުންގެ ލަވް ސްޓޯރީ އެހެން މީހުންނާ ތަފާތުކޮށްލައި، ހާއްސަކޮށްލުމެވެ. މިހެން ބުންޏަސް އެއްގޮތް ބަސްބަހާއި ކަންކަން ހުންނާނެ އެވެ.

މިއީ ރައްޓެހިވާން އެހި ގޮތް ބައެއް މީހުން ކިޔައިދިން ގޮތެވެ.

"އަހަރެމެންގެ ލޯބިި ފެށުނީ ބިއްލޫރީގައި ލިޔެގެން"

"އެގޮތަށް ވާހަކަ ދައްކަން ފެށުނީ. އެއީ މަ (ޑައިރެކްޓްކޮށް) ވާހަކަ ދައްކަން ލަދު ގަންނާތީ. އޭރު ގުޑް މޯނިން ވެސް ކިޔަނީ ބިއްލޫރިގަނޑުގަ ލިޔެގެން. އޭނަވެސް އެގޮތަށް ލިޔެގެން ކައިފިންތޯ ވެސް އަހާނެ. އެގޮތަށް އެއްދުވަހަކު އައި ލައިކް ޔޫ އޭ ވެސް ލިޔެފަ އިން.

އަސްލު މިބުނާ ބިއްލޫރިގަނޑު އެއީ ގެ ކައިރި އިންނަ ފިހާރައެއްގަ އިންނަ ބިއްލޫރިގަނޑެއް. މި ފިހާރައިގެ ސޭޓަކަށް އޭރު އެ ސޮރު އުޅޭނީ. އޭރު މަ ސްކޫލަށް ދަމުންނާ އަންނަމުން ލިޔަން އެ ބިއްލޫރިގަނޑުގަ. އެ ސޮރު ޑިއުޓީއަށް އަންނަން ވާއިރަށް ހަދާ އެއްޗެއް ހަދަން. ބައެއްފަހަރަށް ލިޔަން ހުއްޓަ އަންނާތީ ކަޑަވެގެން ދަނީ. ފިހާރަ އޭސީ ކޮށްފަ ހުންނާތީ ވަރަށް ރީތިކޮށް ލިޔެވެން ހުރޭ ވިއްޔަ. އެގޮތަށް ބިއްލޫރީގަ ލިޔަމުން ގޮސް ދެން އެއް ދުވަހު އޭނަ އަހަނީ މަ ކައިރީގަ ރައްޓެހިވާން ކެރޭނެ ހޯ؟

އެންމެ ކުރިން އޭނައަށް މަ ވަރަށް ނަފްރަތު ކުރަން. ފަހުން މީހުން އަޅުވާ ކިޔާ ކިޔާ ހިތް ޖެހުނީ. ބުނެއެއްނު ނަފްރަތަކީ ލޯބީގެ ފެށުމޭ ދޯ"

"ބޮޑު މެސެޖަކަށް ފަހު އެހީ ވިލް ޔޫ ބީ މައި ގާލްފްރެންޑް ހޯ؟"

"އޭނަ މަ ކައިރީ ރައްޓެހިވާން އެހީ މެސެޖަކުން. ވަރަށް ލޯބި ޓެކްސްޓެއް ކޮށްފަ ތިރީގަ އަހާފަ އިންނަނީ ވިލް ޔޫ ބީ މައި ގާލްފްރެންޑް ހޯ. އަހަރެމެން ދެމީހުން ވެސް ވަރަށް ކުޑަވާނެ އޭރު. އުމުރުން 15 އަހަރުގަ އޭނަ އާ ރައްޓެހިވި ގޮތަށް މިއުޅެނީ"

"ޗޮކްލަޓަކާއެކު އައި ލަވް ޔޫ ޖަހާފަ އިން ގަނޑުކޮޅަކާއި ރިންގެއް ދިނީ"

"އަހަންނަށް އުފަންދުވަހު އޭނަ ދިން ޗޮކްލެޓްގެ ސައިޑެއްގަ އިނީ ގަނޑުކޮޅެއް ހަރުކޮށްފަ. އެ ގަނޑުކޮޅުގަ އިނީ ޓޭޕްކޮޅެއް އަޅާފަ އެ ޓޭޕްކޮޅު ކަނޑާލީމަ އެ ގަނޑުކޮޅު ހުޅުވޭ ގޮތަށް. ދެން އެ ހުޅުވާލިއިރު އޭގަ އިނީ އައި ލަވް ޔޫ ޖަހާފަ ރިންގެއް ހަރުކޮށްފަ.

ދެން މަ ގުޅާފަ ބުނީ އުފަންދުވަސްވީމަ ކެއުމެއް ދޭންވެގެންނޭ ގެ ކައިރި ރެސްޓޯރެންޓަށް އައިސްބަލާށޭ. އައީމަ އޭތި އަނބުރާ ދިނީ. 'ނޯ' ވިއްޔަ މަ ޖެހީ"

"ލައިފް ސްޓޯރީ ކިޔައިދީފަ ކުއްލިއަކަށް ރައްޓެހިވާން އެހީ"

"ސައިކު ބުރެއް ޖަހާލަން ގޮސް ތާކު މަޑުކޮށްފަ ކިޔައިދިނީ އޭނަގެ ލައިފްގެ ހުރިހާ ވާހަކައެއް. އޭނަ ކަޑަކޮށް ކޮށްފަ ހުރި ކަންކަމާ ހުރިހާ އެއްޗެއް ހަމަ. ދެން ހުރިހާ އެއްޗެއް ކިޔައިދީފަ ކުއްލިއަކަށް ރައްޓެހިވާން އެހީ. އެކަމަކު މަ ޖަވާބެއް ދިނީ އަނެއް ދުވަހު"

"ރަތް ފިނިފެން މަލެއް ދީފަ، ކަކޫ މައްޗަށް ތިރިވެފަ އެހީ"

"ޕާކެއްގެ ތެރޭގަ ރައްޓެހިވާން އެހީ. އެތަނަށް ދިޔައިރު އޭނަ އެތާ ބާއްވާފަ އޮތް ރޯޒްއެއް. ދެން އެ ރޯޒް ދީފަ ކަކޫ މައްޗަށް ތިރިވެފަ ޕްރޮޕޯސް ކުރީ. އޭރު ކޮޅުކޮޅުން ނިކުމޭ އޭނަ ރައްޓެހިން. ކެމެރާ ހިފައިގެން އައިސް ހުރި މީހަކު. މަ ހުވާ ލަދުން. އެކަމަކު އެގަޑީ ވަގުތުން އާއެނކޭ ބުނިން"

މި ގޮތަށް އެކި ކަހަލަ ސަޅި ލޯބީގެ ހުށަހެޅުންތައް ލިބިފައި އެބަހުރި ދޯ އެވެ. ރައްޓެހިވާން އެހިއިރުގެ ތަޖުރިބާއެއް ނުވަތަ ލޯބީގެ ހުށަހެޅުމެއް ލިބުނު ގޮތް ކިޔައިދީބަލާށެވެ.

Popular