16 Sep 2019

By: Aishath Maaha

މަޝްހޫރު ލަވަކިޔުންތެރިޔާ އަހްމަދު އިބްރާހިމް ނުވަތަ އައްމަޑޭ އަހަރެމެން އެންމެނަށް ވެސް އެނގެނީ ވަރަށް ޓަފު މީހެއްގެ ގޮތުގަ އެވެ. އައްމަޑޭގެ ހެދުން އެޅުމުގެ ސްޓައިލް ވެސް ކިޔައިދެނީ އެވާހަކަ އެވެ. ރޮކް ސްޓައިލަކަށް ހެދުން އަޅައިގެން އުޅޭ ވަރަށް ސްޓައިލިޝް އަދި އެހާމެ ވަރުގަދަ ފަންނާނެކެވެ. އެކަމަކު މިފަހަކަށް އައިސް ސޯޝަލް މީޑިއާގައި ފެންނަމުންދަނީ އައްމަޑޭގެ މުޅިން އެހެން ފަރާތެކެވެ.

ލޯބިން އައްމަޑޭގެ ހިތް ބަންޑުންވަނީ އެވެ. ލޯބިވެރިޔާ އަށް ތައުރީފާއި ސަނާ ކިޔުމާއި ލޯބިވާ ވާހަކަ ދައްކަނީ އެވެ. ވަރަށް ލޯބި ވަރަށް ވަރަށް ވެސް ލޯބި އައްމަޑޭއެކެވެ.

"އައްމަޑޭ އާ ދިމާއަށް މީހުން ވެސް އެބަބުނޭ ކިހިނެއްހޭ ތި ވަނީ މިހާރު. އައްމަޑޭ ބުނަނީ އައިމް އިން ލަވް އޭ. އައި ލަވް ހާ ސޯ މަޗް." އައްމަޑޭ ފެށި އެވެ.

ދެން އައްމަޑޭ ކިޔައިދިނީ ލޯބިވެރިޔާ ތަހިއްޔާ ޝަރީފް (ތަހީ) އާ ދިމާވެ ދެ ލޯބިވެރިންނަށް ބަދަލުކޮށްލި ވާހަކަ އެވެ.

"އެއީ އައްމަޑޭގެ ފޭސްބުކްގައި އިން އަންހެން ކުއްޖެއް. ވަރަށް ގިނަ އަންހެން ކުދިން އައްމަޑޭ އަށް ފްރެންޑް ރިކުއެސްޓް ފޮނުވާނެ. ފޭން ބްލޮގެއް ގޮތަށް ގެންގުޅޭތީ އައްމަޑޭ ހަމަ ހުރިހާ ކުދިން ވެސް އެޑް ކުރަން. އެޑް ކުރާއިރަށް ހުރިހާ ކުދިން ވެސް ވާހަކަ ދައްކާނެ އައިމް އަ ބިގް ފޭން އޮފް ޔޫ އޭ ކިޔާފަ. އެކަމަކު ތަހޭ ނުދެއްކިއޭ ވާހަކައެއް. އެއް އަހަރު ވީއިރު ވެސް. ހައު ޑެއާ އިސް ޝީ،" ހެމުން ހެމުން އައްމަޑޭ ކިޔައިދޭން ފެށި އެވެ.

އައްމަޑޭ އާއި ތަހީ

ތަހީގެ މި އަޅާލުން ކުޑަކަމުން އެކަމާ ބޮލަށް އުނދަގޫވެ އެންމެފަހުން ތަހޭއަށް "ހައި" ޖަހަން ޖެހުނީ އައްމަޑޭ އަށެވެ. މަޑުމަޑުން ވާހަކަ ދައްކަން ފަށައިގެން ދެ ހަފުތާއެއްހާ ދުވަސްވީއިރު ދެ މީހުންގެ މިޒާޖު ވަރަށް ގުޅޭކަން އެނގުނެވެ. ކަމުދާ ކަންކަން އެއްގޮތެވެ. ދެން ބޭނުންވީ ބައްދަލުކުރާށެވެ. މި ފަހަރު ވެސް އިސްނެގީ އައްމަޑޭ އެވެ.

"އެކަމަކު އެންމެ ފުރަތަމަ ހެދީ ދޮގޭ އައްމަޑޭ އަށް. އައްމަޑޭގެ ބިގް ފޭން އެކޭ ކިޔައިގެން. އެކަމަކު އައްމަޑޭގެ އެންމެ ލަވައެއް ވެސް ނެތޭ އަޑުއަހާފަ. ދެން އައުޓް އޮފް ނޯވެއާ އަހަރެން އެހީ ދިމާވާން،" އަނެއްކާ ވެސް އައްމަޑޭ ޖަހާލީ އޭނާގެ ވަރުގަދަ ހިނިގަނޑެވެ.

"އަނެއްހެން އައްމަޑޭ ވަރަށް ޑައުން ދުވަސްކޮޅެއް. ޑިވޯސް ކަންތަކުގައި. އެގޮތަށް ވަރަށް މޫޑިވެފަ ހުރި ރެއެއްގައި އާލީ މޯނިންގުގައި އައްމަޑޭ ބުނީ ހިނގާށޭ ދިމާވާން. ބްރޭކްފާސްޓް، ލަންޗު ނޫނީ ޑިނާ އަށް. ތަހީ ޗޫޒްކުރީ ލަންޗް. ބަލައިދާން ވީހޭ އިސްނަގާފައި ވެސް އެހީ އަހަރެން. ވަރަށް ލަދުން ލަދުން ހުރެފަ ބުނީ އާއެކޭ،" ދެ މީހުން ވެސް ޑޭޓް ނުކުރާތާ އެތައް ދުވަހެއް ވެފައިވާކަން ފާހަގަކުރަމުން އައްމަޑޭ ބުންޏެވެ.

އެއީ އެތައް ދުވަހެއް ފަހުން އައްމަޑޭ ގެއިން ނުކުތް ދުވަހެވެ. ބޭރަށް ނުކުމެލައި ސާފު ވައިކޮޅެއް ހޯދާލާނެ ހިތްވަރެއް ލިބުނު ދުވަހެވެ. ތަހީ ގޮވައިގެން އެމީހުންގެ ހާއްސަ ޑޭޓަށް ދިޔައީ އައްމަޑޭ ބްރޭންޑް އެމްބެސެޑަރުކަން ކުރަމުން އަންނަ، ހުޅުމާލޭ ރޮކް ޗެމްބާއަށެވެ. އެ ޑޭޓް ހާއްސަވާ ސަބަބު މި ކިޔައިދެނީ އެވެ.

View this post on Instagram

A post shared by Ahmed Ibrahim (@chakahey2013) on

"ދެން ޑޭޓަށް ދާން އައްމަޑޭ ރީތިވެގެން މޭކަޕްކޮށްގެން މި ދިޔައީ. އިނގެއެއްނުން އައްމަޑޭގެ ގޮތް. އައްމަޑޭ ތަފާތުވާނެތާ އެހެން އެންމެނާ ތަފާތުވާނެތާ. ވަރަށް ރީތިވެލައިގެން ހެއާ ހަދައިގެން ހެލްމެޓް ވެސް އޭނަ ބަލައި ދިޔައީމަ ހުރި ވަރަށް ހައިރާންވެސްވެފަ. އެ ދުވަހު ވަރަށް ވާހަކަ ދެއްކުނު. އެތައް ދުވަހެއް ފަހުން ވަރަށް ބޭނުންވެފަ ހުރި ކަހަލަ ވަގުތުކޮޅެއް އެ ލަންޗަކީ،" ހަތަރު މަހެއްހާ ދުވަސް ފަހުން އައްމަޑޭ ބޭރަށް ނުކުތް ފުރަތަމަ ދުވަހެވެ.

އެ ދުވަހުގެ ޑޭޓް ނިންމާފަ ތަހީ އަނބުރާ އޮފީހަށް ލައިދޭން ދިޔައިރު އެއީ ދެ ލޯބިވެރިންނެއް ނޫނެވެ. އެކަމަކު އަނބުރާ ހުޅުމާލެއަށް އައްމަޑޭ ދިޔައީ ތަހީގެ ލޯބިވެރިޔާގެ ގޮތުގަ އެވެ.

"އެ ދުވަހު 2:15 ހާއިރު ތަހީ އޮފީހަށް ޑްރޮޕްކޮށްދޭން ގޮސްފަ ތަހީ ފޭބީމަ އަހަރެން އެހީ އަހަރެންގެ ގާލްފްރެންޑަށް ވާނަންހޭ. އެއީ އަހަރެންގެ ސިކުނޑިއަށް އައި އެއްޗެއްވީމަ އަހަރެން އެހީ. އަނގައިގަ އެއްބުރި އޮއްވައި އޭނަ ވެސް ބުނެފި އާއެކޭ،" ދެން ވެސް އައްމަޑޭ ފެށީ ހޭށެވެ.

އޭގެފަހުން މި އައި ދުވަސްތަކަކީ އައްމަޑޭ އާއި ތަހީ އަށް ލޯތްބާއި އުފާވެރިކަމުން ފުރިގެންވީ ދުވަސްތަކެކެވެ. ދެ މީހުންގެ ގުޅުމަށް އަހަރު ފުރޭ ދުވަހު ކައިވެނި ކުރަން އަންނަނީ ތައްޔާރުވަމުންނެވެ. އެކަމަކު އެ ދުވަހެއް އައްމަޑޭ ނުބުންޏެވެ. ސަޕްރައިޒަކަށް ބާއްވަން އައްމަޑޭ ބޭނުންވީ އެވެ.

"ދެ މީހުން ރައްޓެހިވި ފަހުން ދެ މީހުން ރަނގަޅަށް ދަސްވެ ނައު އައި ރިއަލީ ލަވް ހާ. އޭނަ އަންޑަސްޓޭންޑްވޭ. އައްމަޑޭކަން އެނގިގެން މިއީ ސެލެބްރިޓީއެއްކަން އެނގިގެން އުޅެވޭނީ. އޭނަ އަށް އަންޑަސްޓޭންޑްވޭ. ވަރަށް ސަޕޯޓިވް،" އަނެއްކާ ވެސް ތަހީ ދެކެ ލޯބިވާ ވާހަކަ އައްމަޑޭ ކިޔައިދިނެވެ.

"ލަވް ޑަޒަންޓް ކަމް ވިތު އަ ލޯންގްޓާމް ރިލޭޝަންޝިޕްސް. ނުޖެހޭ ދެމީހުން ދަސްކުރަންށޭ ކިޔާފަ ދެ އަހަރު ތިން އަހަރު ރައްޓެހިވެގެން އުޅޭކަށް."

އެހެންވެ އައްމަޑޭ އާއި ތަހީ އަންނަނީ ކައިވެންޏަށް ތައްޔާރުވަމުންނެވެ. އައްމަޑޭގެ ކުރިން ކައިވެންޏަށް އަންހެން ކުއްޖަކާއި ފިިރހެން ކުއްޖަކު ލިބިފައިވެ އެވެ.

"އަހަންނަށް މިހާރު އާ ފެމެލީއެއް ލިބިއްޖެ. ތަހީގެ ފެމެލީ އައްމަޑޭ އެކްސެޕްޓްކޮށްފި. އެންމެން ވެސް ވަރަށް ލޯބިވޭ."

"އަދި މިހާރު އައިމް ސްޕޮއިލްޑް ބައި ދިސް ވުމަން. ހުރިހާ ކަމެއް ކޮށްދީފަ ހުންނާނީ. ނުވެސް ބުނެވޭނެ ނުކޮށްދީ ހުއްޓަ ކަމެއް. ޕްރެއިސް ކުރާވަރު ވެޔޭ އޭނަ އަށް. ވަރަށް ލޯބި ވަރަށް ކެއަރިން. އައި ލަވް ހާ ސޯ ސޯ މަޗް. މިވެސް ވާނެ ވަރަށް ލޯބި ސަޕްރައިޒަކަށް އޭނައަށް،" ލޯބިވެރިޔާ އަށް ސަޕްރައިޒެއް ދޭން މި ވާހަކަ ކިޔައިދީ އައްމަޑޭ ނިންމާލި އެވެ.

ރޮކް ޗެމްބާސްގެ އިތުރުން ހަތަރު އެހެން ކުންފުންޏެއްގެ ބްރޭންޑް އެމްބެސެޑަރުކަން ކުރަމުން އައްމަޑޭ މިހާރު އޭނާގެ ބޭންޑާއެކު ކުޅެނީ ބަނޑޮހުގައި ހަފްތާއަކު އެއް ރެ އެވެ. އެކަމަކު މިއީ އެ ވާހަކަ ދައްކާ ފަހަރެއް ނޫނެވެ.

Popular