8 Oct 2019

By: Ifraz Ali

އަޑިއަށް ދަންދެން މަޑަކެރާންވޫ ދޯ؟

އަހަރެމެންގެ ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތަކާ ގުޅޭ ތަފާތު މެސެޖުތައް މިދިޔަ މަހު ފަހުކޮޅު ބޭއްވި ކްލައިމެޓް ސްޓްރައިކް ވީކްގައި އެކި މީހުން ތަފާތު ގޮތްގޮތަށް ދިނެވެ. އޭގެ ތެރެއިން މިއީ ލ. އަތޮޅުގެ ޒުވާނުންތަކެއް ފޮނުވާލި މެސެޖެކެވެ.

ދުނިޔެ ހޫނުވެ، ދުނިޔޭގެ ދެކޮޅުގައި ހުރި ގަނޑުފެންތައް ވިރި، ކަނޑުގެ ލޮނުގަނޑު އުފުލޭ ވާހަކަ އެވެ. ކަނޑުގެ ލޮނުގަނޑު އުފުލިއްޖެ ނަމަ އެންމެ ބޮޑެތި ގެއްލުންތައް ލިބޭނީ ރާއްޖެ ކަހަލަ ކުދި ޖަޒީރާ ގައުމުތަކަށެވެ. ބޭނުންވީ މިކަމަށް މީހުން ދޭ ސަމާލުކަން އަދިވެސް ބޮޑު ކޮށްލާށެވެ.

ތިމާވެއްޓަށް މީހުން ހޭލުންތެރިކުރުމަށާއި ލ.އަތޮޅު ޕްރޮމޯޓްކުރުމަށް ޒުވާނުންތަކެއް އެކުވެގެން އުފެއްދި ޖައްމިއްޔާ، ވިޒިޓް ލާމު އެޓޯލް އިން ނެގި މި ފޮޓޯ ވަރަށް ގިނަ މީހުން ފޭސްބުކްގައި ޝެއާކުރި އެވެ. މި ފޮޓޯގެ އިތުރުން އަދިވެސް މިކަހަލަ މެސެޖުތަކާއެކު އިތުރު ތިން ފޮޓޯއެއް އެމީހުން އާންމުކުރި އެވެ.

މި މެސެޖުތައް ލިޔެފައި ހުރީ "ލާމު ބަހުރުވަ" އިންނެވެ.

ކްލައިމެޓް ސްޓްރައިކް ވީކްއަށް ވިޒިޓް ލާމް އެޓޯލް އިން ނެގި ފޮޓޯތައް.

"ފުރަތަމަ އިންނާނީ ކުޑަކުއްޖެއް، ބޮޑު މީހެއް، ދެން މުސްކުޅިއަކު. އެންމެފަހުން އިންނާނީ މޫދުގައި ނަގާފައި އިން މި ފޮޓޯ،" ވިޒިޓް ލާމް އެޓޯލްގެ ސީއީއޯ މުހައްމަދު އަރީހް ބުނީ ލާމުގެ ބަހުރުވައިން ވިޔަސް، އެމީހުންގެ ޓީމުން މި މެސެޖުތައް ލިޔުނީ އެންމެނަށް ވެސް އެ ބުނަނީ ކީކޭކަން އެނގޭނެ ގޮތަށް ކަމަށެވެ.

މި ޖަމިއްޔާ ފުރަތަމަ އުފެދުނީ މި ޒުވާނުން ލާމު ޕްރޮމޯޓްކުރަންވެގެން އުފެއްދި ފޭސްބުކް ޕޭޖަކާއި ހިސާބުންނެވެ.

"ދެން ވިސްނުނީ އަހަރެމެންގެ ތެރޭގައި އެބަ ތިއްބޭ އެންވާރަމެންޓަލިސްޓުންނާއި އެ ކަހަލަ ކަންކަމަށް ވަރަށް ލޯބިކުރާ ކުދިން. ލާމު ޕްރޮމޯޓްކުރުމުގައި ފުރަތަމަ އެބަޖެހެއޭ ލާމު އަތޮޅުގެ މީހުން އެކަމަށް ހޭލުންތެރިވާން،" ތިމާވެށީގެ ކަންކަމަށް ހޭލުންތެރިނުވެ ލާމު އަތޮޅުގެ ގުދުރަތީ ރީތިކަމެއް ނުދެއްކޭ ކަމަށް އަރީހް ބުންޏެވެ.

އަރީހް ބުނީ ތިމާވެއްޓާއި ގުޅޭ ވަރަށް ގިނަ މައްސަލަތައް ލ.އަތޮޅުގައި ވެސް އެބަހުރި ކަމަށާއި، ކުރިއަށް އޮތް ތަނުގައި އަދިވެސް މިކަހަލަ އިތުރު މެސެޖުތައް ދިނުމަށް މިހާރު ތައްޔާރުވަމުން އަންނަ ކަމަށެވެ. ކްލައިމެޓް ސްޓްރައިކްއާ ހިސާބުން ނިންމާލެވެން ނެތް ކަމަށެވެ.

ފޮޓޯގްރަފީ ކްލައިމެޓް ޗޭންޖް ތިމާވެށި ލ. އަތޮޅު

Popular