4 Nov 2019

By: Aminath Ibrahim

ނުޒުހާ ނައީމް، ފޭސްބުކްގައި "ހޯމް މޭޑް ބޭބީ ސީރިއަލް ބައި ނުޒްހާ ނައީމް" ކިޔާ ޕޭޖެއް ހުޅުވައިގެން ކުޑަކުދިންގެ ކާނާ ތައްޔާރުކުރުމުގެ ވިޔަފާރި ފެށިތާ އަދި އެންމެ ދެ މަހެވެ. އެކަމަކު އަލަށް ކާންދޭން ފަށައިގެން އުޅޭ އެތައް މައިންނެއްގެ ކަންބޮޑުވުންތަކަށް މިހާރު ވެސް ހައްލު ހޯދައިދީފި އެވެ.

އދ. ހަންޏާމީދޫ އަށް އުފަން ނުޒުހާ މާލޭގައި ދިރިއުޅެނީ އޭނާގެ ފިރިމީހާ އާއި ހަތަރު ދަރިންނާ އެކު އެވެ. އުމުރުން 28 އަހަރުގެ ނުޒޫ، ހުރިހާ ކަމެއް ދޫކޮށްލާފައި ހަތަރު ދަރިން ބަލަމުން ފެށި ބޭބީ ފުޑް ވިޔަފާރީގެ ފަހަތުގައި އޮތީ އާ ކަމެއް ފަށަން ހިތްވަރު ނުލިބިފައި ތިބި ޒުވާނުންނަށްް ކިހާ މުހިއްމު ވާހަކައެއް ކަން އެނގޭނީ އޭނާގެ މި ވާހަކަ އަހައިލުމުންނެވެ.

ދޮއްޓަށް ތިން ފިރިހެން ދަރިން ތިބި ނުޒޫގެ ތިން ވަނަ ދަރިފުޅަކީ ދުވަސް ނުފުރާ ވިހެއި ކުއްޖެކެވެ. ވިހޭއިރު ވަރަށް ލުއިކޮށް ނާޒުކު ކޮށް އޮތް ތުއްތު ދަރިފުޅުގެ ސިއްހަތާ މެދު އޭރު އަބަދު ހުންނަނީ ކަންބޮޑުވެފަ އެވެ. ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ނިޔާފަށް ދަރިފުޅު ގަވައިދުން ދައްކަން ފެށީ އެހެންވެގެންނެވެ. ދަރިފުޅު އޮތްލެއް ބަލިކަށި ކަމުން އެވަރަށް ޑޮކްޓަރަށް ދައްކަމުން ދިޔައީ ވިޓަމިނާއި ބޭހާ ނުލައި ބަރުދަން އިތުރުކުރާނެ ގޮތެއް ހޯދާށެވެ. އޭނާ ބޭނުންވީ ޔޯގަޓް ކަހަލަ އެއްޗެހި ދިނުމުގެ ބަދަލުގައި ދަރިފުޅަށް މުޅިން ވެސް ސިއްހީ ރަނގަޅު ކާނާ ދީގެން ބަރުދަން އިތުރު ކުރާށެވެ.

އެހެންވެ، ކޮންމެ ފަހަރަކު ވެސް ޑޮކްޓަރަށް ދައްކަން ދާއިރު ދަނީ ޑޮކްޓަރާ ކުރަން ބޭނުން ހުރިހާ ސުވާލެއް ފޮތެއްގައި ލިޔެގެންނެވެ. އަދި އެ ސުވާލުތަކަށް ޑޮކްޓަރު ދޭ ޖަވާބުތައް އޭނާގެ ފޯނުން ރެކޯޑުކުރެ އެވެ. ޑޮކްޓަރާ ބޮޑަށް ވާހަކަ ދެއްކީ، ދަރިފުޅުގެ ބަރުދަން އިތުރުކުރަން ކާން ދޭންވީ ގޮތާ ބެހޭ ގޮތުންނެވެ. އެގޮތަށް ވާހަކަ ދެއްކީމާ ޑޮކްޓަރު ނިޔާފް ދެއްވީ ކުއްޖާ އަށް ދޭން އެންމެ ރަނގަޅު ކާނާގެ ލިސްޓެކެވެ.

އެކި ބާވަތުގެ ބީންސް އިން ނުޒޫ ތައްޔާރުކޮށްފައިވާ ކުޑަކުދިންގެ ފޫޑް މިކްސް އެއް --

"ބަރުދަން އިތުރުކުރަން އެންމެ ރަނގަޅު އެއްޗެހީގެ ގޮތުގައި ޑޮކްޓަރު ބުނެފައި ހުންނަނީ މުގު، ބީންސް، ޒުވާރި ފަދަ ތަކެތި. އެކަމަކު މިއީ ވަރަށް އުނދަގުލުން ކާންދެވޭ އެއްޗެހި. ފެނު އަޅައިގެން އޯވަ ނައިޓްކޮށް އެތަކެތި ފޯކޮށްގެން މިއިން ކާއެއްޗެހި ތައްޔާރުކޮށްފައި ދެވޭނީ. އެހެންވީމާ ކޮންމެ ދުވަހަކު ހުރިހާ މުގެއް ފެނު އަޅައިގެން ދިނުން ވީ ވަރަށް އުނދަގޫ ކަމަކަށް. އެހެންވެ ވިސްނީ، އެއްދުވަހުން އެ ހުރިހާ މުގެއް، އޭގެ ހުރިހާ ފައިދާއަކާ އެކު ދެވޭނީ ކޮން ގޮތަކަށް ހެދީމަތޯ. ވިސްނާފައި ފެށީ،" ބޭބީ ފުޑް ތައްޔާރުކުރަން ފެށުނު ގޮތް ނުޒޫ ކިޔާލަދިނެވެ.

އޭނާ އެންމެ ފުރަތަމަ ތައްޔާރުކުރީ މަލްޓި ގްރެއިން ކިޔާ މިކްސް އެކެވެ. އެއީ ދަރިފުޅަށް ހަ މަސް ވެގެން ކާންދޭން ފަށަން ވެގެން ތައްޔާރުކުރި ބާވަތެކެވެ. އެއީ އެކި ކަހަލަ މުގަށް، ބީންސް އާއި ބްރައުން ރައިސް އަޅައިގެން ހެދި މަލްޓި ގްރެއިން މިކްސް ކާންދޭން ފަށައިގެން 8 މަސް ވީ އިރު ދަރިފުޅުގެ ބަރުދަން ވަރަށް ބޮޑަށް އިތުރުވި އެވެ. އެހެންވެ ދެން ޑޮކްޓަރު ލަފާދިނީ އެކި ކަހަލަ ނަޓްސް ދޭން ފަށާށެވެ.

"އެކަމަކު ނޭނގުނު، އެހާ ތުއްތު ބޭބީއަކަށް ނަޓްސް ކާންދޭނެ ގޮތެއް. އަނެއްކާ ކޮންމެ ދުވަހަކު ދެންޏާ އާމަންޑް ކަހަލަ އެއްޗެއް ދޯ ޗަސް ކޮށްލާފަ ދެވޭނީ ވެސް. އެހެން ވިސްނާފައި މަސައްކަތް ފެށީ މިކްސް ނަޓްގެ ބާވަތެއް ހަދަން. ނަޓް ނުދެވޭނެ ހަމަ މިކްސް ކޮށްފައި. އޭގަ ދޭނީ ޒަވި ހިތި ރަހައެއް. އެހެންވެ، ތަފާތު ގްރެއިން އާ އެކު ނަޓްސްގެ ރަހަ ޓެސްޓުކުރަމުން ގޮސް ދަރިފުޅަށް މީރު ރަހައެއް ފައިނަލީ ހެދުނީ،" ހެލްތީ މިކްސް އިންވެންޓް ކުރެވުނު ގޮތް ނުޒޫ ކިޔައިދިނެވެ.

އެކި ބާވަތުގެ ނަޓްސް އިން ނުޒޫ ތައްޔާރުކޮށްފައިވާ ކުޑަކުދިންގެ ފޫޑް މިކްސް އެއް --

ހެލްތީ މިކްސް އަޅައިގެން ދަރިފުޅަށް އަށް މަހުގައި ކާން ދޭން ފެށި ހިސާބުން އަނެއްކާ ވެސް ބަރުދަން އިތުރުވާން ފެށި އެވެ.

"ފޭސްބުކުން ވެސް ފެނޭ މަންމަމެން ކުދިން ބަރު ނުވާތީ ދެރަވެގެން ލިޔެފައި ހުންނަ ޕޯސްޓު ތައް. އެހެންވެ އޭރު ވެސް ނުޒޫ ދިޔައީ ވަކިން ޕޭޖެއް ހަދައިގެން ބޭބީގެ ރެސިޕީތައް އޭގައި ޕޯސްޓް ކުރަމުން. އެހެން ހުއްޓާ އެންމެ ހަގު ދަރިފުޅަށް ބަލިވެ އިންދާ މަންމައަކު ނުޒޫ ގާތުގައި އެދުނީ އެ ތަކެތި ތައްޔާރު ކޮށްދޭން. އެދުނީމަ ތައްޔާރު ކޮށްދިނީ. އެކަމަކު އޭރު ރިކްއެސްޓް އަންނަން ފަށައިފި. ވިޔަފާރިއަކަށް ހެދިދާނެ ކަމުގެ ވިސްނުން އައީ އެ ހިސާބުން،"

އޭރު އޭނާ އިނީ ބަނޑަށް ދުވަސް ފުރި ވިހަން ގާތްވެފަ އެވެ. ވިޔަފާރިއެއް ގޮތަށް ބޭބީ ފޫޑް ތައްޔާރުކުރަން ފަށަން ވެގެން އެ ވާހަކަ ފިރިމީހާ ގާތުގައި އެހުމުން، އޭރު ކަންތައް ހުރި ގޮތުން އެކަމަށް އިންކާރު ކުރި އެވެ. ދުޅަވެފައި އޮތް ދެފައިތިލަ އާއި ދެންމެ ދެންމެ ވިހައިފާނެއޭ ހީވާ ބޮޑު ބަނޑާ އެކު އެވަރުގެ ބުރަ މަސައްކަތެއް ކުރަން ފިރިމީހާގެ ހިތް ނޭދުނީ އެވެ. އެކަމަކު ވެސް ހުރި ޝައުގެއްގެ ބޮޑުކަމުން ކޮންމެވެސް ގޮތަކުން ފިރިމީހާ އެއްބަސް ކުރުވައިގެން ރަސްމީކޮށް މަސައްކަތް ފެށި ގޮތަށް އަދިވެސް އެ މަސައްކަތް ފުޅާކުރަނީ އެވެ.

ނުޒޫ ތައްޔާރުކުރާ ބައެއް މިކްސް ތަކަކީ ކިރަށް އަޅައިގެން ވެސް ކުދިންނަށް ދެވޭ ބާވަތްތަކެއް --

"އޭރު ފައި އޮތީ ވަރަށް ދުޅަވެފަ. އަނެއްކާ ނުޒޫމެން އުޅެނީ ވަރަށް ފުދިގެން. އެހެންވެ ފިރިމީހާ އޯކޭ އެއްނުވި. އެކަމަކު ނުޒޫ ބޭނުންވީ އަމިއްލަ އައިޑެންޓިޓީ އެއް ހަދަން. އެއީ އަބަދުވެސް ދެކުނު ޑްރީމް އެއް. ބޭނުންވީ މީހުންނަށް އަންގަން، މޫނު އެޅިޔަކަސް އަދި އަތް އުރާލައިގެން ގޭގަ ތިބުމެއް ނޫންކަން އޮތީ،" ނުޒޫ ބުންޏެވެ.

ނުޒޫ ތައްޔާރުކުރާ ބޭބީ ފޫޑް ބާވަތްތަކުގެ ތެރޭގައި، ފެންފޮދެއް އަޅައިގެން ދެ ވަރަކަށް މިނެޓުން ކައްކާލައިގެން ތައްޔާރުކުރެވޭ ބިންބި، ޒުވާރި، ބްރައުން ރައިސް، ބާރްލީ، ބީޓް ފަދަ ބާވަތްތަކުގެ ޕްލެއިން ފޫޑް މިކްސް، ތަފާތު ވައްތަރުގެ ނަޓްސް ބޭނުންކޮށްގެން ހަދާ ހެލްތީ މިކްސް، ތަފާތު ވައްތަރުގެ މުގާއި ގްރެއިން އަޅައިގެން ތައްޔާރުކުރާ މަލްޓި ގްރެއިން މިކްސް އަދި ކުޑަ ހޫނު ފެން ފޮދެއްގައި ހަދާލައިގެން ކެވޭ ގޮތަށް ތައްޔާރުކޮށްފައި ހުންނަ ޓްރެވަލް ސީރިއަލް ކިޔާ އުފެއްދުމެއް ހިމެނެ އެވެ.

އެކި ބާވަތުގެ ގްރެއިންސް އާއި ބީންސް އިން ނުޒޫ ތައްޔާރުކޮށްފައިވާ ކުޑަކުދިންގެ ފޫޑް މިކްސް އެއް --

ނުޒޫ ބުނި ގޮތުގައި ނަޓްސް އިން ހަދާފައި ހުންނަ ހެލްތީ މިކްސް އާއި މުގާއި ގްރެއިންސް ބޭނުންކޮށްގެން ހަދާފައި ހުންނަ ޕައުޑާ މިކްސް އަކީ ޕްލެއިން ކާއެއްޗިއްސަށް އަޅައިގެން ކާންދެވޭ ގޮތަށް ހަދާފައިވާ ދެ ބާވަތް ކަމަށެވެ. އޭރުން އެންމެ މީލް އަކުން، ހަށިގަނޑަށް ބޭނުންވާ އެތައް މާއްދާއެއް ލިބިދޭނެ ކަމަށެވެ.

"މިސާލަކަށް އޯޓްސް އިން ބަކުން ހަދާއިރު، އޭގެ ތެރެ އަށް މި ޕައުޑާގެ ޓީ ސްޕޫން ވަރު އަޅާލާނީ. އެއީ މަލްޓި ގްރެއިން ވިޔަސް ހެލްތު މިކްސް ވިޔަސް. މަލްޓި ގްރެއިން ވަރަށް މީރު ވާނެ ބަތް ކައްކާއިރު އެއް ސަމުސާ އަޅާލައިގެން. އެހެން ހެދީމަ އެ ދުވަހަކަށް އެ ކުއްޖާ އަށް ބޭނުންވާ މުގާއި ބީންސްގެ ބައި، އެއްކަލަ ބަތާއި ތަރުކާރީކޮޅު ލައިގެން ކައްކާއިރު އެ ފުރިހަމަކޮށްލެވުނީ،" ނުޒޫ ބުންޏެވެ.

އޭނާ ބުނީ، ޕެކްޓް ފުޑް ގަންނަ މަންމައިންނަށް ވެސް، އެ ގަންނަ ޕެކެޓަކުން ކާން ތައްޔާރު ކުރާއިރު މި މިކްސް ތައް ބޭނުންކޮށްލެވޭނެ ކަމަށެވެ. އޭރުން ޕެކެޓުންް ނުލިބޭ މާއްދާތައް ކެއުމުގައި ފިލްކޮށްލަދޭނެ ކަމަށެވެ.

އެކި ބާވަތުގެ ގްރެއިންސް އިން ނުޒޫ ތައްޔާރުކޮށްފައިވާ ކުޑަކުދިންގެ ފޫޑް މިކްސް އެއް --

"މި އެއްޗެހީގަ މި ހުންނަނީ ވަރަށް މަޑު މީރު ރަހައެއް. ގިނަ ބޭބީސް ވެސް، ބޮޑު މީހުން ވެސް ވަރަށް ލައިކްވާ ރަހައެއް މިއީ. އެހެންވީމަ ވާގޮތަކީ ކިތަންމެ ތަރުކާރީއެއް އަޅާފަ ހުއްޓަސް، މީގެ ޕައުޑާ ކޮޅެއް އަޅާލީމަ ރަހަ ރަނގަޅުވޭ. އެއްގޮތަކަށް ވެސް ނުކާ ކުދިން މިގޮތަށް ކާން ދޭން ފެށީމަ ވަރަށް ރަނގަޅަށް ކައި ހަދާކަމަށް ނުޒޫ ގާތަށް އަންނަ މަންމަމެން ބުނޭ،" ނުޒޫ ބުންޏެވެ.

މިހާތަނަށް 400 އެއްހާ މައިން ނުޒޫގެ ބޭބީ ކެއުންތައް ޓެސްޓު ކޮށްފައިވާއިރު އެއްވެސް ކުއްޖަކަށް އެލާޖިކެއް ދިމާވެގެން ޝަކުވާއެއް ނާންނަ ކަމަށް ނުޒޫ ބުންޏެވެ. އޭނާ ބުނީ އެފަދަ ކަންކަން މަދުކުރުމަށް، އޯޑަރު ނަގާއިރު ކުއްޖާގެ ފެމިލީ ހިސްޓްރީގައި ބަދަނަށް އެލާޖިކްވާ މީހަކު ހުރޭތޯ ބަލާ ކަމަށެވެ. އަދި މަލްޓި ގްރެއިންގެ ތެރޭގައި ހިމެނޭ ބާވަތްތަކުން ވެސް، ރޯކޮށް ދޭން ކަމުނުދާ ބާވަތްތައް ހުރިހާ މިކްސްއެއްގައި ވެސް ބޭނުން ކުރަނީ ކައްކައި ހިއްކައިގެން ހަނާ ކޮށްގެން ކަމަށް ބުންޏެވެ.

ދުޅަހެޔޮ ދިރިއުޅުން ފައިދާހުރި ކާނާ

Popular