1 Dec 2019

އެއްކަމެއް ވެސް ނުވެ އަހަރު މި ނިމެނީ!

އެއްކަމެއް ވެސް ނުވެ އަހަރު މި ނިމެނީ!

By: Aishath Maaha

އަހަރުގެ ފަހު މަސް މިއަދު މި ފެށުނީ އެވެ. ގާތްގަނޑަކަށް އަހަރު ނިމުނީ އެވެ. ހޭވައްޓާލައިފައި އެންމެން މިހާރު އުޅެނީ ކުރިއަށް އޮތް އާ އަހަރަށް ތައްޔާރުވާށެވެ. އާ އަހަރަށް އަޒުމުތަކެއް ކަނޑައަޅައި ހާސިލްކުރާނެ ކަންތައްތަކުގެ ލިސްޓެއް ހަދާށެވެ. އެކަމަކު މި އަހަރުގެ ލިސްޓުގައި ހިމެނި ކަންތައްތަކުން ހާސިލްވީ ކޮން ކަމެއް ހެއްޔެވެ؟

އެ ލިސްޓަކީ މި އަހަރަށް ތައްޔާރުވި އިރު ވެސް ހަދައި ނިންމާފައި އޮތް ލިސްޓެކެވެ. ބައެއް މީހުން ލިސްޓު އާކޮށްލަނީ އެ ލިސްޓުގައި ފުރިހަމަ ނުވެ ހުރި ކަންކަން ހިމަނައިގެންނެވެ. އެގޮތަށް އެތައް އަހަރަކު ރިޕީޓްވެފައި ހުރި ކަންތައްތައް ވެސް އެބަހުއްޓެވެ. އެކަންކަން ދެން ނުވާނެ ކަމަށް ބަލައި މުޅިން އާ ލިސްޓެއް ތައްޔާރުކުރާ މީހުން ވެސް އުޅެ އެވެ.

އާ އަހަރާއެކު އެންމެ ގިނަ ބައެއްގެ ރިޒޮލިއުޝަން ލިސްޓަށް އަންނަ އެއްކަމަކީ ބަރުދަން ލުއިކުރަން ނުވަތަ ބަރުދަން އިތުރު ކުރުމެވެ. މި އަހަރު އެކަން ކުރަން ހިތުލި މީހުންނަށް އެއްވެސް ވަރެއް ނުވޭދޯ އެވެ.

ދީނީ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދޭން ހިތުލައި އެކަން ނުވާ ނަމަ ކުރިއަށް އޮތް އަހަރަށް ވަކި ފަސްކުރާނެ ކަމެއް ނެތެވެ. މިއަދު ވެސް ފަށަން އަޒުމް ކަނޑައަޅައި ފަށާށެވެ.

ދެން އޮތީ އަވަހަށް ނިދައި ހޭލައި ގަޑި އަށް ވަޒީފާ އަށް ދާން ހިތުލި މީހުންނެވެ. އަހަރު ނިމުނު އިރު ވެސް ގަޑިއަށް ވަޒީފާ އަށް ދެވުނީ އަހަރުގެ ފުރަތަމަ ދެ ހަފުތާގައި އެކަނި ދޯ އެވެ. އަނެއްކާ ވެސް އަޒުމް ކަނޑައަޅައި ގަޑި އަށް ވަޒީފާއަށް ނުކުންނަން އާދަކުރަން ހިނގާށެވެ.

އެކި މީހުން މި ލިސްޓަށް ލީ އެކި ކަންތަކެވެ. އެކަމަކު އެންމެން ވެސް ބުނަނީ އަހަރު ނިމުނު އިރު ވެސް ކުރެވުނު ކަމެއް ނެތް ކަމަށެވެ. ނުވަތަ މާބޮޑު ވަރެއް ނުވި ކަމަށެވެ. އަޅެ، މި އަހަރަށް ކަނޑައަޅައި، ހާސިލްވި ކަމެއް ބުނެބަލާށެވެ.

އާ އަހަރު

Popular