8 Dec 2019

By: Ifraz Ali

ފާތިމަތު އަޒްލިފާ އާއި އޭނާގެ އެއްބަނޑު ކޮއްކޮ، އިއުފާ އާރިފް ޓިކްޓޮކް ވީޑިއޯތައް ހަދަން ފެށީ އެންމެން ހެއްވާލަން ވެގެންނެވެ. ޅ.ނައިފަރަށް އުފަން މި ދެބެއިންނަށް މިހާރު އެކަން މާ ރަނގަޅަށް ވެސް ކުރެވިއްޖެ އެވެ. މި ދެބެއިންގެ ޓިކްޓޮކް ވީޑިއޯތަކަށް ހާއްސަ ސަމާލުކަމެއް ލިބެނީ ބޭނުންކޮށްފައި ހުންނަ ކްރިއޭޓީވް އައިޑިއާސްތަކާ ހެދި އެވެ.

ޓިކްޓޮކް ހަދަން މި ދެބެއިން ފުރަތަމަ ވިސްނީ، ވައިބާ ގްރޫޕްތަކުން އެހެން މީހުން ހަދައިފައި ހުންނަ އެއްޗެހި ފެންނަން ފެށުމުންނެވެ. ފުރަތަމަ ހުޅުވީ ވެސް ހަމައެކަނި ރައްޓެހިންނަށް ފެންނާނެ ގޮތަށް ޕްރައިވެޓް އެކައުންޓެކެވެ.

އަޒްލިފާ އާއި އިއުފާ.

ވީޑިއޯތައް އެންމެންނަށް ކަމުދާން ފެށީމާ އެކައުންޓް ޕަބްލިކަށް ލީ މި އަހަރު މާޗު މަހު އެވެ.

އަޒްލިފާ އަކީ ރަށުގައި ގޭގައި ކުދިންނަށް ޓިއުޝަން ނަގައިދޭ ޓީޗަރެކެވެ. އަދި ދެ ކުދިންގެ މަންމަ އެކެވެ. އޭނާގެ ކޮއްކޮ އިއުފާ އަކީ ސާނަވީ އަށް ކިޔަވަމުން އަންނަ ދަރިވަރެކެވެ.

"ޓިކްޓޮކް ވީޑިއޯ ހަދަނީ މީހުން ހެއްވާލަން، އިތުރު އެހެން އެއްވެސް ބޭނުމަކު ނޫން،" އަސްލު ކުރާ ހިތްވާ ކަމަކީ ކިޔަވައިދިނުން ކަމަށް އަޒްލިފާ ބުންޏެވެ.

ޓިކްޓޮކް ހަދަން ވަގުތު ހުސްކުރަނީ ވެސް ކުރަން ހުންނަ ކަންކަންކޮށް ނިންމައިފައި ނުވަތަ ކަމެއްގައި އެހެން އުޅޭއިރު، ލިބޭ ކުޑަ ބްރޭކެއްގެ ތެރެއިންނެވެ. އަޑު ވަކިން ރެކޯޑް ކުރަން ޖެހޭ ނަމަ އެކަން ކުރަނީ ރޭގަނޑު ކުދިން ނިދީމަ އެވެ.

"ޓްރެންޑިން ސައުންޑެއް އިވުނީމަ، ހަމަ ވިސްނަނީ ކިހިނެއްތޯ، ކޮން ކަހަލަ ކަމަކާތޯ މި އަޑު ގުޅުވާލެވޭނީ. ގޭތެރޭގައި އުޅޭއިރު ކުރާ ކަންތައްތަކުން ހިތަށް އަރަނީ އާ މި ގޮތަށް ހެދިއްޔާއޭ ގުޅޭނީ،" އެހެން މީހުން ހަދާ ގޮތަށް އެއްޗެއް ހެދުމުގެ ބަދަލުގައި ބަލަނީ، އެންމެން ހެއްވާލެވޭނެ ގޮތަށް ގެނެސްދެވޭތޯ ކަމަށް ބުންޏެވެ.

އަޒްލިފާ ބުނީ އަސްލު ދިރިއުޅުމުގައި ވެސް ދެމީހުންނަކީ ވަރަށް މަޖާ އަދި ސަކަރާތްޖަހާ ދެބެއިން ކަމަށެވެ.

ދެމީހުން ދެމީހުނަށް އާންމުކޮށް އެހެން ސަކަރާތްޖަހާ އުޅޭ އުޅުމުގެ ތެރޭގައި ވެސް ބައެއް ފަހަރަށް ޓިކްޓޮކް ހަދަން އައިޑިއާސްތައް ލިބޭ ކަމަށް އަޒްލިފާ ބުންޏެވެ. މި ވީޑިއޯތަކަށް ލިބޭ ކޮމެންޓްތައް ވެސް ވަރަށް ޕޮޒިޓީވް އެވެ.

ދެބެއިންގެ ޓިކްޓޮކްގެ ތެރެއިން އެންމެ ގިނަ މީހުނަށް ކަމުދިޔަ އެކައްޗަކީ "އުނދަގޫ ބޮޑު އަވައްޓެރިޔާ" އެވެ. މީގެ ދެ ޕާޓެއް ހެދި އެވެ.

"އާންމުކޮށް މި ގެއަށް އައިސް އުޅޭނެ މަންމަގެ ރައްޓެއްސެއް ދޮފާން. އޭނާ އަނެއްހެން އެ ކަހަލަ އެއްޗެއް ނުބުނާނެ. ދެން އަޅުގަނޑުމެން އިތުރު އެއްޗެހި އެޑްކޮށްފައި އެ ހުރީ،" މި ވީޑިއޯ ހަދަން އައިޑިއާ ލިބުނު ގޮތް އަޒްލިފާ ކިޔައިދިނެވެ.

އެންމެފަހުން ހެދި ދެ ވީޑިއޯ "ހަވީރު ސަޔަށް ބަނަސް ހެޔޮތަ" އާއި "ކޮއްކޮއާ ދިމާލަށް އެއްޗެހި ގޮވީ ކީއްވެތޯ" ވެސް ވަރަށް ގިނަ މީހުނަށް ކަމުދިޔަ އެވެ.

ކޮމެޑީ ސޯޝަލް މީޑިއާ

Popular