11 Jan 2020

By: Ifraz Ali

މެދުއިރުމަތީގެ ގައުމުތަކަށް ހާއްސަކޮށް ނެރެމުން އަންނަ ވޯގް އެރަބިއާ މެގަޒިންގައި ރާއްޖޭގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ ހުނަރުވެރި ޒުވާނުން ފީޗާކޮށްފައި ލިޔެފައި އޮތީ ގުދުރަތީ ފުރިހަމަކަމެއް ލިބިފައިވާ، ލަގްޒަރީ ރިސޯޓްތަކެއް ހުރި ގައުމެއްގެ އިތުރުން ރާއްޖެ އަކީ އެކި ދާއިރާތަކުގައި ވަރަށް ގިނަ ހުނަރުވެރި ފަންނުވެރިން ވެސް ތިބި ގައުމެއް ކަމަށެވެ.

މިއީ ރާއްޖޭގެ ފަތުވެރިކަން އިޝްތިހާރުކުރުމަށް އެމްއެމްޕީއާރްސީއާ ގުޅިގެން އެ މެގަޒިނުން ނެރުނު ހާއްސަ އެޑިޝަނެކެވެ. މި އެޑިޝަންގައި ރާއްޖޭގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ ފާހަކޮށްލެވޭ ބައެއް ހުނަރުވެރި ޒުވާން ފަންނުވެރިން ވަނީ ފީޗާކޮށްފަ އެވެ.

"ފޭސެސް އޮފް ދަ މޯލްޑިވްސް: އެވްރިޑޭ ހީރޯސް އޮފް ދި އައިލެންޑް ނޭޝަން ޝެއާ ދެއާ ސްޓޯރީޒް" ގެ ނަމުގައި 7 ފަންނާނެއްގެ ވާހަކަ ވަނީ ހިމަނައިފަ އެވެ. މި ފަންނާނުން ވަނީ އެ މީހުންގެ ދާއިރާގެ ވާހަކަތާއި ތަޖުރިބާތައް ކިޔައި ދީފަ އެވެ.

ރާއްޖޭގެ ފަންނުވެރިންނާއި ބެހޭގޮތުން ވޯގް އަރަބިއާ މެގަޒިންގައި ލިޔެފައިވާ އާޓިކަލް.

ވޯގްގައި ފީޗާކުރި ފަންނުވެރިން

ޝާޒިޔާ ސައީދު / ޑައިވިން އިންސްޓްރަކްޓާ އަދި އިކޯ ވޮރިއާ

ޝާޒިޔާ އަކީ ރާއްޖޭގައި ތިބި އަންހެން ޑައިވިން އިންސްޓްރަކްޓަރުންގެ ތެރެއިން ފާހަގަކޮށްލެވޭ އެކަކެވެ. ޑައިވްކުރަން ދަސްކޮށްދިނުމުގެ އިތުރުން ތިމާވެއްޓާއި ރައްޓެހިގޮތަކަށް ދިރިއުޅުން ބައްޓަންކުރުމަށް މީހުން ހޭލުންތެރިކުރުމަކީ ޝަޒިޔާ ވަރަށް ބާރުއަޅާ ކަމެކެވެ.

މުހައްމަދު ޝިއުޒް / މިއުޒީޝަން

ރާއްޖޭގައި ބާއްވާ މިއުޒިކް ޝޯތަކުންނާއި ރިސޯޓް މިއުޒިކްގެ ދާއިރާއިން ޝިއުޒް ފެންނަތާއި 18 އަށް ވުރެ ގިނަ އަހަރުވެއްޖެ އެވެ. އާއިލާގެ ތެރެއިން މިއުޒިކަށް އުފެދުނު ހާއްސަ ޝައުގުވެރިކަމާއެކު އެންމެ ފުރަތަމަ ޝިއުޒް ލަވައެއް ރެކޯޑްކުރީ އުމުުރުން އެންމެ 14 އަހަރުގަ އެވެ.

އައިޝަތު ނަޖް / ފޮޓޯގްރާފާ

އައްޑޫ، ހިތަދޫއަށް ނިސްބަތްވާ ފޮޓޯގްރާފާ ނަޖްގެ ހުނަރުވެރިކަން އޭނާގެ އިންސްޓަގްރާމް ބަލައިލާ ކޮންމެ މީހަކަށް ފެންނާނެ އެވެ. ކައިވެނި ހަފްލާތަކާއި، އެކި އިވެންޓްތަކާއި އަދި އިންޓަނޭޝަނަލް ޕަބްލިކޭޝަންތަކަށް ވެސް ނަޖް ފޮޓޯ ނަގައިދީފައިވެ އެވެ.

އަހްމަދު ފަތީން / ޝެފް

ފަތީން ދިރިއުޅުމުގައި ހާސިލް ކުރަން ބޭނުންވި އެންމެ ބޮޑު ކަމަކީ އަމިއްލަ ފައިމައްޗަށް ތެދުވެ، ރެސްޓޯރެންޓެއް ފަދަ ތަނެއް ހުޅުވައި، އެހެން މީހަކަށް ބަރޯސާ ނުވެ އުޅުމެވެ. އޭނާ މިހާރު އެކަން ހާސިލްކޮށްފި އެވެ. ހުޅުމާލޭގައި ހުންނަ "އޮއިޝީ" އަކީ އޭނާ އަމިއްލަ ރެސްޓޯރެންޓެވެ.

އައިޝަތު ޝަމްލާ / ފެޝަން ޑިޒައިނާ

ފެޝަން ޑިޒައިންގެ ދާއިރާގައި ޝަމްލާ މަސައްކަތް ކުރަމުން އަންނަތާއި މިހާރު 40 އަހަރުވެއްޖެ އެވެ. ޝަމްލާގެ މި ދިގު ކެރިއަރުގައި ފުރަތަމަ ފަހަރަށް އިންޓަނޭޝަނަލް ފެޝަން ޝޯއެއްގައި އޭނާގެ ޑިޒައިންތައް ދައްކާލަން ލިބުނީ މިދިޔަ އަހަރު އެވެ. އެއީ ބަންގްލަދޭޝަން ފެޝަން ވީކްގަ އެވެ.

އަހްމަދު ރިޔާޒް އަދި މުހައްމަދު ފަޔާޒް / ވިޔަފާރީވެރިން

އަމިއްލަ ކްލޯތިން ބްރޭންޑެއް ކަމަށްވާ "ޓޮޑީ" ތައާރަފުކޮށް ރިޔާޒް އާއި ފަޔާޒްއަކީ ކާމިޔާބު ވިޔަފާރީއެއް ކުރަމުން އަންނަ ދެ ޒުވާނުންނެވެ. ޓޮޑީ އަކީ ރާއްޖޭގެ ފުރަތަމަ 100 ޕަސެންޓް އޯގެނިކް އެޕޭރުލް ބްރޭންޑެވެ.

އިރޫ ޒަރީރް / މެރީން ކޮންޒަވޭޝަނިސްޓް

ރާއްޖޭގެ ކަނޑާއި ފަޅުގެ ދިރުންތައް ހިމާޔަތްކުރުމަށް ކުރިއަށް ގެންދިޔަ ވަރަށް ގިނަ ޕްރޮގްރާމްތަކުގައި އިރޫ ވަނީ މަސައްކަތް ކޮށްފަ އެވެ.

ޒުވާނުން ޓޫރިޒަމް ވޯގް މަޖައްލާ

Popular