އެތަންތަން ހަފުތާއަކު އެއް ފަހަރު ސާފުކުރަން ބަހައްޓާނަމަ ބެކްޓީރިއާ އުފެދި ބައެއް ކަހަލަ ބަލިތައް ޖެހުމަށް މަގުފަހިވެދާނެ އެވެ. އޭގެކުރިން ސާފުތާހިރުކަން އިތުރުކޮށް ބަލިތަކުން ރައްކާތެރިވުން މާ ފައިދާބޮޑެވެ.
ފާހާނަ ތަށި
އެކަނި އުޅޭ ނަމަ ކޮންމެ ދުވަހަކު ފާހާނާ ތަށި ސާފުކުރުން މުހިންމެއް ނޫނެވެ. އެކަމަކު ގިނަ މީހުން އުޅޭ ނަމަ ކޮންމެ ދުވަހަކު އެންޓިބެކްޓީރިއަލް ކްލީނާ އިން ސާފުކުރަންވާނެ އެވެ. ހާއްސަކޮށް، ކުޑަކުދިން އުޅޭ ނަމަ އެވެ. މާބޮޑަށް ހަޑިވެފައިހުރި ނަމަ ކޮކާ ކޯލާ ބޭނުންކުރެވިދާނެ އެވެ. ފާހާނަ ތަށި ތެރެ އަށް ކޯކު އަޅާފައި ދެތިން ގަޑިއިރު ވަންދެން ބަހައްޓާފައި ދޮވެލުމުން ފަސޭހަ އިން ސާފުކުރެވޭނެ އެވެ.
ޝަވާ
ހަފުތާއަކު އެއް ފަހަރު ޝަވާ ސާފުކުރަން އެންމެ ރަނގަޅެވެ. އަދި ފާހާނައިގައި ބިއްލޫރި ދޮރެއް ހުންނަ ނަމަ ކޮންމެ ދުވަހަކު ވެސް ސާފުކުރަންވާނެ އެވެ. މާ ގަދަ އަށް ސާފުނުކުރި ނަމަވެސް ކުޑަކުޑަކޮށް ސާފުކޮށްލުމުން ދޮރު ހަޑިނުވެ ހުންނާނެ އެވެ. އަދިި އޭރަށް ހަފުތާއަކު އެއް ފަހަރު ރީއްޗަށް ސާފުކޮށްލަން ފަސޭހަވާނެ އެވެ.
ތުވާލި
ތުވާލި ދޮންނަންވީ ކިހާ އަވަސް އަވަހަކަށްތޯ މިއީ ވެސް އާންމުކޮށް ކުރާ ބަހުސެކެވެ. އެންމެ ރަނގަޅު ގޮތަކީ ތިނެއް ނުވަތަ ހަތަރު ފަހަރު ބޭނުންކޮށްފައި ދޮވުމެވެ. ނަމަވެސް ބައެއް ފަހަރު އެންމެ ފަހަރަކު ތުވާލި ބޭނުންކޮށްފައި ވެސް ދޮންނަން ޖެހިދާނެ އެވެ.
ސިންކު
އެންމެ ރަނގަޅުގޮތަކީ ދުވާލަކު އެއް ފަހަރު އެންޓިބެކްޓީރިއަލް ކްލީނާ ބޭނުންކޮށްގެން ސިންކު ސާފުކުރުމެވެ. އެކަނި އުޅުނު ނަމަވެސް ސިންކާއި އިސްކުރު ކޮންމެ ދުވަހަކު ވެސް ސާފުކުރަން ޖެހޭނެ އެވެ.
ލޯގަނޑު
ލޯގަނޑަކީ ވެސް ކޮންމެ ދުވަހަކު ވެސް ސާފުކުރަންޖެހޭ އެއްޗެކެވެ. އެހެން ނޫނީ ހިރަފުހާއި އެހެނިހެން އެއްޗެހި ޖެހި ނިކަން ފަސޭހައިން ހަޑިވާނެ އެވެ.