By: Aishath Maaha
ސްކޫލު ނިމުނު ދުވަހު ކުލާސް އެންމެން އެކަކު އަނެކަކަށް ފޯނު ނަމްބަރު ދިނެވެ. އަބަދުވެސް މި ނަމްބަރުން ގުޅޭނޭ ކިޔައިފަ އެވެ. އެކަމަކު އޭގެ ދެތިން ހަތަރު މަސް ފަހުން އެ ނަމްބަރަކަށް ނުގުޅެ އެވެ. އޮންނަނީ ނިއްވާލައިފަ އެވެ. މިހާރު ބޭނުންކުރާ ނަމްބަރެއް ނޫން ކަމުގެ މެސެޖެއް ވެސް ލިބިދާނެ އެވެ. ނޫނީ ކޮންމެވެސް އެހެން މީހަކަށް އެ ނަންބަރު ލިބިފައި ވެސް އޮވެދާނެ އެވެ.
އެންމެ ފުރަތަމަ ގެންގުޅުނު ފޯނު ނަމްބަރު ހަނދާން ހުރީ ކޮންބައެއް ހެއްޔެވެ؟ ނުވަތަ އަދިވެސް ތިޔަ ގެންގުޅެނީ އެ ނަމްބަރު ހެއްޔެވެ؟ އެންމެ ފުރަތަމަ ގެންގުޅުނު ފޯނު ނަމްބަރު އަދިވެސް ގެންގުޅެނީ މަދުބައެކެވެ.
ކޮންމެ ތިން ހަތަރު މަހުން ފޯނު ނަމްބަރު ބަދަލުކުރާ މީހުން އުޅެ އެވެ. ދިރިއުޅުމަށް އަންނަ ބޮޑެތި ބަދަލުތަކާއެކު ނަމްބަރު ބަދަލުކުރަނީ އެވެ. ނުވަތަ ކޮންމެވެސް މީހެއް ނުވަތަ ބައެއްގެ އުނދަގޫ ބޮޑުވެގެންނެވެ. ނަމްބަރު ބްލޮކްކުރުން ހައްލަކަށް ނުވެގެންނެވެ.
ރީތި ނަމްބަރެއް ބޭނުންވެގެން ފޯނު ނަމްބަރު ބަދަލުކުރާ މީހުން ވެސް އުޅެ އެވެ. ނުވަތަ ހިދުމަތް ހޯދާ ކުންފުނި ބަދަލުކުރާށެވެ. ނަމަވެސް މިހާރު ރާއްޖޭގައި ވެސް ނަމްބަރު ބަދަލުނުކޮށް ވެސް ހިދުމަތް ހޯދާ ކުންފުނި ބަދަލުކުރެވެ އެވެ.
ނަމްބަރު ބަދަލުކުރި ނަމަވެސް ގުޅުން ބަދަހިކުރަން ބޭނުން ނުވަތަ ގުޅުން ބާއްވަން ބޭނުން މީހުންނަށް ނަމްބަރު ދެއްޗެވެ. އެކަމަކު އަބަދު އަބަދު ނަމްބަރު ބަދަލުކުރުމަކީ އެ މީހުންނަށް އުނދަގޫވާނެ ކަމެއް ކަން ވެސް ހަނދާންކުރަންވާނެ އެވެ. އެކަމަކު އެއީ އަމިއްލަ މީހާގެ ހިތްހަމަޖެހުމާ ގުޅޭ ކަމެއް ނަމަ ބަދަލުކުރަންވީ އެވެ.