14 Feb 2020

By: Aishath Maaha

ހަދިޔާ އާއި ސަޕްރައިޒަކީ ލޯބި އިތުރުކޮށް ވަރުގަދަކޮށްލަން އެންމެ ރަނގަޅު އެއް އުކުޅު ކަމަށް ގިނަ ބަޔަކު އެއްބަސްވެ އެވެ. ސައިންސް ވެސް ބުނަނީ މިހެންނެވެ. އުފަންދުވަސްތަކާއި އެނިވާސަރީތައް ފާހަގަކޮށް ލޯބިވާ މިންވަރު ހާމަކޮށްދެ އެވެ. ރައްޓެހިވެގެން އުޅޭ ދުވަސްވަރު ވެސް އަގުބޮޑެތި ހަދިޔާތަކާއި ސަޕްރައިޒްތައްދެ އެވެ. ހަދިޔާ އާއި ސަޕްރައިޒަކީ ލޯބިވާކަމުގެ ހެއްކެއް ކަމަށް ވެސް ބައެއް މީހުން ގަބޫލުކުރެ އެވެ.

ރައްޓެހިވެގެން އުޅޭ ދުވަސްވަރު އަގުބޮޑެތި ހަދިޔާ ދިނުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ބައެއް މީހުން ގަބޫލުކުރެ އެވެ. އެމީހުން ބުނާގޮތުގައި އަގުބޮޑެތި ހަދިޔާއަކުން ވަފާތެރިކަމާއި ލޯތްބެއް ނުގަނެވޭނެ އެވެ. އެހެންވީމާ އަގުބޮޑެތި ހަދިޔާތައް ދިނުމުގެ ބޭނުމެއް ނެތެވެ. އަގުބޮޑު އެއްޗެހި ދިނަސް ބޭވަފާތެރިވާން ބޭނުން މީހުން އެކަން ކުރާނެ އެވެ. ގިނަ ބަޔަކަށް އެ ލަނޑު ލިބިފައި ވެސް އެބަހުއްޓެވެ. އަމިއްލަ ހިތް ހަލާކުވުމުގެ އިތުރުން އަތުން ހަރަދުވާ ފައިސާއަކަށް ނޫނީ އެކަން ނުވާނެ ކަމަށް އެމީހުން ގަބޫލުކުރެ އެވެ.

ރައްޓެހިވެގެން އުޅޭ ދުވަސްވަރު މިހެން ދޭ ބައެއް ހަދިޔާތައް އެ ގުޅުން ނިންމާލުމަށް ފަހު ބައެއް މީހުން އަނބުރާ ރައްދުކުރެ އެވެ. އަނެއް ބަޔަކު އެކަން މާބޮޑު ކަަމަކަށް ނަހަދައި ބޭނުންކުރެ އެވެ. ނުވަތަ ހަނދާނެއްގެ ގޮތުގައި ރައްކާކުރެ އެވެ. ލޯބިވެރިޔަކަށް ދިން އެންމެ އަގުބޮޑު ހަދިޔާއަކީ ކޮބައި ހެއްޔެވެ؟

އެންމެ ފަހުގެ އައިފޯނެއް

"އަހަރެން އޭރު ރައްޓެހިވެގެން އުޅުނު އަންހެންކުއްޖާ އަށް ދިނިން އޭރުގެ އެންމެ ފަހުގެ އައިފޯނެއް، އައިފޯން އެކްސް އެއް، އޭނާ އަބަދުވެސް ބޭނުންވެގެން އުޅޭ އެއްޗެއްވީމަ އުފަންދުވަހުގެ ހަދިޔާއަކަށް ދިނީ ބޮޑު ސަޕްރައިޒް ޕާޓީއަކާއެކު، ވަރަށް ދުވަހުގެ ސޭވިން އެއްކޮށްލައިގެން ގަތީ ވެސް، އޭގެ ދެ މަސް ފަހުން އަހަރެން ރިސޯޓުގައި ހުރެފައި މާލެ އައީ ނުބުނެ، އޭރު ކޮންމެވެސް ވަރަކަށް ރައްޓެހިންގެ ފަރާތުން އޭނަ އޭ ކިޔައިގެން އަޑުއަޑު އިވިފަ ހުރީ، ނުވެސް ގުޅާ އެގެއަށް ގޮސް އޭނަ ގޮވައިގެން ލަންޗަށް އެރީ ސީހައުސް އަށް، ވަރަށް ނޫން ކަމަށް ހަދާފައި ފޯނު ހަވާލިއިރު މެސެޖްތަކާއި ފޮޓޯތައް ހުރި، ދެމީހުން ބްރޭކަޕްވެގެން ފޯނު ދޭން ބުނީމަ އަހަރެން ބުނީ ބޭނުމެއް ނޫނޭ،"

ސައިކަލެއް

"އަހަރެން ގަނެދިނިން ސައިކަލެއް ކުރިން ރައްޓެހިވި ފިރިހެން ކުއްޖާ އަށް، އިންސްޓޯލްމަންޓަށް ނެގީ، އެއީ އަހަރެމެންގެ ފަސް ވަނަ އެނިވާސަރީގައި، އަސްލު އަހަރެން ގަބޫލުކުރާ ކަމެއް ނޫން އަގުބޮޑެތި ހަދިޔާ ދިނުމަކީ، އެކަމަކު ހުންނާނެ އަންނައުނު، ފޯނު ކަވަރު، ގަޑި ކަހަލަ އެއްޗެހި ދީފަ، ސައިކަލު ގަނެދިންއިރު މެރީކުރަން އޭރު ޑޭޓެއް ކަނޑައަޅާފައި އޮންނާނީ، ހަ މަސް ފަހުން މެރީކުރަން، ކައިވެނި ކުރަން މަހަކަށްވެފަ އޮއްވާ ދެ މީހުން ބްރޭކަޕްވީ، އޭރު ސައިކަލަށް ލާރި ދައްކާވެސް ނުނިމޭ، އެކަމަކު އޭނަ ނުދިން ސައިކަލު އަނބުރައެއް، ދޭކަށް ނުވެސް ޖެހޭނެ ކަންނޭނގެ ގިފްޓެއް ވީމަ، ވަރަށް ބޮޑު ލޮސް އެއް އެއީ،"

ޑިގްރީ ކޯސް ފީ

"އަހަރެމެން ރައްޓެހިވިއިރު ވެސް އޭނަ ވަރަށް ސްޓަރަގަލްކުރާނެ ފައިނޭންޝަލީ، ވަޒީފާ އަށް ގޮސްގެން ލިބޭ އެއްޗަކުން ކުލި ދައްކައިގެން ފެމެލީއާ އެކު މާލޭގައި އުޅޭ ކުއްޖެއް އެއީ، ކިޔަވަން މޮޅު އެކަމަކު ލާރި ނެތިގެން ނުކިޔެވިފަ ހުރީ، އަހަރެންނަށް އެކަން އެނގިގެން ބޭނުންވީ ކިޔަވައިދޭން، ވިލާ ކޮލެޖަށް އޭނަ ޖޮއިންކުރީ، ކޮންމެ ދެމަހަކުން ދައްކަންޖެހޭނެ 7،000 އެއްހާ ރުފިޔާ، އަހަރެން އޭރު ރިސޯޓުގައި އުޅޭނީ، މާބޮޑު ހަރަދެއް ކުރާކަށް ނުޖެހޭ، އެހެންވެ މާބޮޑު ކަމަކަށް ނުވޭ، ކިޔަވަން ފެށީމަ އޭނަ މާ ބިޒީވީ، ޖޮބަށް ދަމުން ކިޔަވަމުން އެހެން އުޅެންވީމަ އަހަންނަށް ޓައިމް ނުދެވޭން ފެށީ، މަޑުމަޑުން ދެން އަހަރެން ފޫހިވާން ފެށީ، އެކަމަކު އޭނަ ކިޔަވާ ނިމެންދެން އެކުގައި އުޅުނިން، ކޮންމެ ފަހަރަކު ހުރިހާ މޮޑިއުލްއަކުން އެޗްޑީ ނޫނީ ޑިއެން ގެންނާނެ އޭނަ، އޭނަ ކިޔަވާ ނިމުނީމަ އަހަރެން ރުޅިވީ، އޭނަ ވަރަށް ގިލްޓީ ފީލްވެފަ ހުރީ، ބުނި އަނބުރާ ދައްކާނަމޭ، އެކަމަކު އަހަރެން ބޭނުންނުވީ، އުފާވޭ ކިޔަވައިދެވުނީމަ، އެއީ ލޮސް އެއް ކަމަކަށް ވެސް ގަބޫލެއް ނުކުރަން، މިހާރު އެއްވެސް ގުޅުމެއް ނޯވޭ އެކަމަކު ފެނުނީމަ ހީލާނެ،"

މިގޮތަށް ލޯބިވެރިންނަށް ހަދިޔާ ދޭ ބައިވަރު މީހުން އުޅެ އެވެ. އަޅެ ބުނެބަލާށެވެ. ލޯބިވެރިއަކަށް ދިން އެންމެ އަގުބޮޑު ހަދިޔާއަކީ ކޮބައިހެއްޔެވެ؟

Popular