20 Feb 2020

By: Aishath Maaha

ސާފު ވަޔަށް ނޭވާލައި، އިންސްޓަގްރާމަށް އަޅާނެ ރީތި ފޮޓޯ ނަގަން އެންމެން ކުރިން ދިޔައީ ހުޅުމާލެ އަށެވެ. ހަފުތާ ބަންދުގައި ހުޅުމާލޭ މަގުތައް އޮންނާނީ ފުރާލައިފަ އެވެ. ފޮޓޯ ނަގަން އެންމެ މަގުބޫލު އެއް މަންޒިލަކީ އެއީ އެވެ. އެކަމަކު ހުޅުމާލެ އަށް ވުރެ މިހާރު މަގުބޫލީ ކ. އެނބޫދޫފަޅުގައި ހިއްކައިގެން ތަރައްގީކޮށްފައިވާ ކްރޮސްރޯޑްސް މޯލްޑިވްސް އެވެ.

ހަފުތާ ބަންދުގައި ރައްޓެހިންނާއި އާއިލާއާ އެކުގައި ކްރޮސްރޯސް އަށް ދާ މީހުން ގިނަ އެވެ.

އިންސްޓަގްރާމްގެ އާ ބެކްގްރައުންޑް

ކްރޮސްރޯޑްސް އަށް ދާ ކޮންމެ މީހެއްގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން ވެސް އެކަން އެނގޭނެ އެވެ. ހާއްސަކޮށް އިންސްޓަގްރާމް ޕޯސްޓުތަކާއި އެ ދުވަހެއްގެ ސްޓޯރީންނެވެ. އެތަނުގައި ހުރި ރީތި އިމާރާތްތަކުގެ ކުރިމައްޗާއި ބޮޑު ޗެސް ބޯޑުމަތީގައި އަދި ފާލަންމައްޗާއި މަގުތަކުގައި ނަގާ ފޮޓޯތައް ކިތަންމެހާ ވެސް ހިތްގައިމެވެ.

ކްރޮސްރޯޑްސް އަށް ގޮސް މިއިން ތަނެއްގައި ފޮޓޯއެއް ނުނަގައި އައި މީހަކު ހުރެދާނެ ހެނެއް ހިއެއް ނުވެ އެވެ.

ކްރޮސްރޯޑްސް އަށް ދާ ގިނަ މީހުން މި ޗެސްބޯޑުގެ ކައިރީގައި ފޮޓޯ ނަގާ. -- މިހާރު ފޮޓޯ: ހުސެން ވަހީދު

"ކްރޮސްރޯޑަށް ދިޔައީމަ ހީވަނީ ބޮޑު ފިލްމު ސެޓަކަށް ވަދެވޭހެން، ވަރަށް ވިންޓޭޖް ފީލްއެއް ހުންނަނީ އެތަނުގައި، ކޮންމެ ތަނެއްގައި ހުއްޓި ފޮޓޯ ނެގިއަސް ބެކްގްރައުންޑް އެހާ ރީތި،" ކްރޮސްރޯޑްސްގެ ރީތިކަން މީހަކު ކިޔައިދިނެވެ.

ވެޑިން ޝޫޓުތަކާއި މެޓާނިޓީ ފޮޓޯ ޝޫޓުތައް އަދި އެހެން ފޮޓޯ ޝޫޓުތައް ވެސް މިހާރު އޮންނަނީ ކްރޮސްރޯޑްސްގަ އެވެ.

"ވަރަށް ބައިވަރު ފޮޓޯޝޫޓުތައް މިހާރު ނަގަން ކްރޮސްރޯޑްސްގައި، ގިނަ މީހުން ބޭނުންވަނީ އެތަނަށް ދާން، ހަފްތާއަކު ތިން ހަތަރު ޝޫޓު ނަގަން އެތަނުގައި،" ނަން ނުޖަހާ ގޮތަށް ފޮޓޯގްރާފަރަކު ކިޔައިދިނެވެ.

ކްރޮސްރޯޑްސްގެ ދަ މެރިނާ ސަރަހައްދު-- ފޮޓޯ:ހުސައިން ވަހީދު/ މިހާރު

ހަރަދުކުޑަކޮށް ވެސް ޓްރިޕެއް ދެވިދާނެ

ކްރޮސްރޯޑާ މެދު ގިނަ ބަޔަކު ދައްކާ ވާހަކަ އަކީ ހިދުމަތްތައް އަގުބޮޑުވުމެވެ. ދިވެހިންނަށް ހާއްސަ އަގުތަކެއް ކެފޭތަކާއި ރެސްޓޯރެންޓުތަކުގައި ނެތުމެވެ. ނަމަވެސް ބޮޑު ހަރަދެއް ނުކޮށް ރައްޓެހިންނާއި އާއިލާއާ އެކުގައި ހިތްހަމަޖެހޭ ވަގުތުކޮޅެއް ހޭދަކޮށްލެވިދާނެ އެވެ.

ކްރޮސްރޯޑުގެ ޓިކެޓް އުޅެނީ ކޮޅަކަށް 80ރ. އަށެވެ. ދެކޮޅަށް 160ރ. އެވެ. މާލެއިން ކްރޮސްރޯޑަށް ކޮންމެ ދުވަހަކު ވަކި ގަޑިތަކެއްގައި ފެރީ އޮވެ އެވެ. ފެރީ ފުރާނީ ހުޅުމާލެ ފެރީ ޓާމިނަލުންނެވެ.

ދަ މެރީނާ އެޓް ކްރޮސްރޯޑްސްގެ އިމާރާތެއް. ފޮޓޯ: ހުސައިން ވަހީދު/ މިހާރު

"އަހަރެން އަތުން ދިޔައީ ޖުމްލަ 250 ރުފިޔާ، އެއީ ޓިކެޓަށް 160 ރުފިޔާ، ދެން އެތަނުގައި ހުރި ޗަ ޓައިމް އިން ޑްރިންކަކާއި ފެންފުޅިއެއް ގަތިން، ބައެއް މީހުން ދޭ މާލެއިން އެއްޗެހި ހިފައިގެން ވެސް، އެވެސް ރަނގަޅު ގޮތެއް ކަންނޭނގެ،" ކުރިން ވެސް ވާހަކަ ދެއްކި މީހަކު ކިޔައިދިނެވެ.

އެކަމަކު އެތަނަށް ގޮސް ހާޑްރޮކް ކެފޭ ނުވަތަ މިނިސްޓްރީ އޮފް ކްރެބް ކަހަަލަ ތަނަކަށް ވަންނަން ބޭނުން މީހުންނަށް ވެސް އެ ފުރުސަތު އެބައޮތެވެ.

ކްރޮސްރޯޑްސް

Popular