21 Mar 2020

ސޯޝަލް ޑިސްޓެންސިން އަކީ ކޮބާ؟

ސޯޝަލް ޑިސްޓެންސިން އަކީ ކޮބާ؟

By: Aminath Ibrahim

ކޮރޯނާވައިރަސް އަކީ މުޅި ދުނިޔެއަށް ދިމާވެފައި އޮތް ކާރިސާ އެކެވެ. މިވަރުގެ ބަލިމަޑުކަމެއް މި ފަހުގެ ތާރީހެއްގައި އަދި ކުރިމައްޗެއް ނުވެ އެވެ.

ކޮންމެ ދުވަހަކު އެތައް ބަޔަކު ވައިރަސް އަށް ޕޮޒިޓިވް ވަމުން ދާ އިރު މިކަން ހުއްޓުވަން އެކި ގައުމުތަކުން އެކި ފިޔަވަޅުތައް ވެސް އަންނަނީ އަޅަމުންނެވެ. މުވައްޒަފުން އޮފީހަށް ދާން ނުޖެހި ގެއިން މަސައްކަތް ކުރެވޭ ގޮތް ހެދުމާއި ސްކޫލްތައް ބަންދުކޮށް ކުދިންނަށް އޮންލައިންކޮށް ކިޔެވޭނެ ގޮތް ހެދުމާއި ކައްކަން ބޭނުންކުރާ ސާމާނަށް ދަންދެން އޮންލައިން ކޮށް ގަނެވޭ ގޮތް ހެދުމަކީ ބަލި ފެތުރުން ހުއްޓުވަން މިހާރު ވެސް ސަރުކާރާއި ކުންފުނިތަކުން އަޅާފައިވާ ފިޔަވަޅުތަކެވެ.

އެކަމަކު އެ ފިޔަވަޅުތަކުގެ އަސްލު ބޭނުން އެނގޭ ހެއްޔެވެ؟ އެއީ ޒަރޫރީ ކަމެއްގައި، ނުވަތަ އެމަޖެންސީއެއްގައި މެނުވީ މީހުން ގެއިން ބޭރަށް ނުނެރުމެވެ. ފަރުދީ ޒިންމާ އަންނަ ހިސާބަކީ މިއީ އެވެ. އެ ޒިންމާ މިއަދު އަދާ ކުރީ ކިހާ ވަރަކަށް ހެއްޔެވެ؟

ސޯޝަލް ޑިސްޓެންސިން ދަންނަންތަ؟

ސޯޝަލް ޑިސްޓެންސިން އަކީ މިވަގުތަށް އަހަރެމެން ކުރަން އެންމެ މުހިއްމު އެއް ކަންތަކެވެ. އަހަރެމެންނޭ މިބުނީ، ވަކި މީހަކު އިސްތިސްނާ ނުކޮށް، ހުރިހާ އެންމެންނެވެ.

ސޯޝަލް ޑިސްޓެންސިންގް އަކީ ކުރު ގޮތަކަށް ބުނާ ނަމަ، އެއްވުންތަކުން ދުރު ވެލުމެވެ. ގޭގައި ކިޔެވުމާއި މަސައްކަތް ކުރުމެވެ. ރައްޓެހިން އެކުގައި ކޮފީ ތަކަށް ނުދިއުމެވެ. ރޭގަނޑު ގަޑީގައި ދުއްވާލަން ނުވަތަ ހިނގާލަން ނުނިކުތުމެވެ. އެކަނި ތަނަކަށް ކޮންމެހެން ނިކުންނަން ޖެހިގެން ނިކުމެލައި ނަމަވެސް އެހެން މީހުންނާ މަދުވެގެން ދެ މީޓަރުގެ ދުރުމިނެއް ބަހެއްޓައިގެން އުޅުމެވެ. އަވައްޓެރިންނާއި އާއިލާގެ މީހުންނާއި ބައްދަލުކުރަން ގޭގެއަށް ނު ދިއުމެވެ.

ކޮރޯނާ ވައިރަސް މައިގަނޑު ގޮތެއްގައި ފެތުރެނީ، ބަލި ޖެހިފައި ހުންނަ މީހަކު ކެއްސައި ކިނބިހި އަޅާއިރު ވައިގެ ތެރެއަށް ދޫކޮށްލާ ކުޅު ތިކިތައް އެހެން މީހުން ނޭވާލާއިރު ހަށިގަނޑުގެ ތެރެއަށް ވާސިލް ވެގެންނެވެ. އެހެންވީމާ، މީހުން އެއްވާ ތަނަކަށް ނިކުމެ އުޅޭ އިރު ކޮންމެވެސް ވަރެއްގެ ދުރުމިނެއް ދެމެދުގައި ބެހެއްޓުމަކީ ވައިރަސް ފެތުރުން މަދުކުރަން ކުރެވިދާނެ ކަމެކެވެ.

އެހެންވީމާ، ސޯޝަލް ޑިސްޓެންސިން އަކީ ދުވަހުގެ މަސައްކަތްތައް ކުރަމުން ދިޔަ ނަމަވެސް، އެކުގައި އުޅޭ މީހުންނާއި ވަކި ވަރެއްގެ ދުރުމިނެއް ހިފެހެއްޓުމެވެ.

ސޯޝަލް ޑިސްޓެންސިން އާއި ސެލްފް އައިސޮލޭޝަން ވެސް ތަފާތު!

އައިސޮލޭޝަނަކީ އެކަހެރިވުމެވެ. ސެލްފް އައިސޮލޭޝަން އަށް ދާންޖެހޭ މީހުންނަކީ ކޮރޯނާ ވައިރަސް ޖެހުމުގެ ޗާންސް އޮތް މީހުނެވެ. އޭގެ ތެރޭގައި، މި ދުވަސްކޮޅު އެއްވެސް ކަހަލަ ހުމެއް، ރޯގާއެއް ޖެހިއްޖެނަމަ ވެސް އައިސޮލޭޓް ވުމަކީ މުހިއްމު ކަމެކެވެ.

އެހެންވީމަ، ސެލްފް އައިސޮލޭޝަން ގައި ހުންނަ މީހަކު، އޭނާގެ އެނދު އެހެން މީހަކާއި ޝެއާ ކޮށްގެން ނުވާނެ އެވެ. ހިފައި ގެންގުޅޭ ތަކެއްޗާއި ތުވާއްޔާއި އެހެން ވެސް ސާމާނު ޝެއާ ކޮށްގެން ނުވާނެ އެވެ. ކަމެއް ކުރަން ބޭނުން ވެއްޖެ ނަމަ، އަމިއްލައަށް ސިޓިން ރޫމަށް ނިކުމެ އުޅުމުގެ ބަދަލުގައި ގޭގެ ކޮންމެވެސް މީހެއްގެ އެހީ ހޯދައިގެން ވީހާ ވެސް އެކަހެރިކޮށް ހުރުމަށް އިސްކަން ދޭން ވާނެ އެވެ.

މިހާރު ގިނަ އޮފީސްތަކާއި ކުންފުނިތަކުން މުވައްޒަފުންނަށް ގެއިން މަސައްކަތް ކުރެވޭނެ ފުރުސަތު އެއޮތީ ފަހިކޮށްދީފަ އެވެ. ސްކޫލް ކުދިންނަށް ގޭގައި ތިބެގެން ކިޔެވޭނެ ފުރުސަތު ވެސް އެބަ އޮތެވެ. އެހެންވީމަ، މިވަގުތު ބޭރަށް ނުގޮސް ގޭގައި ތިބެގެން ވައިރަސް ފެތުރުން މަދުކުރަން ހިނގާށެވެ. އަހަރެމެން އަހަރެމެންގެ ޒިންމާ އަދާކުރަން ހިނގާށެވެ.

ސިއްހަތު

Popular