28 Apr 2020

By: Aminath Ibrahim

މި ލޮކްޑައުން އައި ފަހުން ޕިއްޒާއެއް ކައިފިންހެއްޔެވެ؟ ގޭގައި ބަންދުވެފައި ތިބުމަކީ، އެންމެ މީރު ކެއުމަށް އަލްވަދާއު ކިޔަންވީ ވަރުގެ ކަމެއް ނޫނެވެ. ބޭރުން ޕިއްޒާއެއް އޯޑަރުކޮށްގެން ކާން ބިރުގަންނަ ނަމަ، ނުވަތަ ފިހާރަތަކުގައި ވިއްކަން ހުންނަ ޕިއްޒާ ޑޯ ނުވަތަ ކްރަސްޓް ގަނެގެން ޕިއްޒާ ހަދަން ޖެހިލުން ވަނީ ނަމަ ގޭގައި ތައްޔާރު ނުކުރަނީ ކީއްވެގެން ހެއްޔެވެ؟ ބޭނުންވާ ތަކެތި ބަދިގޭގައި ހުރެއްޖެ ނަމަ ޕިއްޒާއެއް މީރުކޮށް އަޅައިލުމަކީ ކޭކެއް އަޅައިލުންހާ ފަސޭހަ ކަމެކެވެ.

މި އޮތީ މީރުކޮށް، ފުރިހަމަ އަށް ގޭގައި ޕިއްޒާ ކްރަސްޓް އެއް ތައްޔާރުކުރާނެ ގޮތެވެ.

ޕިއްޒާ ޑޯ ހަދާނެ ގޮތް

ޕިއްޒާ ކްރަސްޓަކީ ޕިއްޒާއެއްގެ ފައުންޑޭޝަނެވެ. މި ފައުންޑޭޝަނެއް ރަނގަޅަށް އަޅައިގެން ނޫނީ ޕިއްޒާއެއް މީރުކޮށް ފިހެލުމަކީ ލާހިކެއް ނޫނެވެ. އެކަމަކު މިއީ އުނދަގޫ ކަމެއް ވެސް ނޫނެވެ. މީގެ ހުރިހާވެސް ކަމަކީ މޮޑުމެވެ. ރަނގަޅަށް މޮޑެފައި އޮންނަ ޑޯ އަކުން އަޅާ ޕިއްޒާއެއް "ނޯ-ޒޯން" އަކަށް ނުދާނެ އެވެ. އެކަމާ ހާސް ނުވާށެވެ. ޕިއްޒާ ކްރަސްޓް އެންމެ ފަސޭހައިން މީރުކޮށް ހަދާނެ ގޮތް މި ކިޔައިދެނީ އެވެ.

ބޭނުންވާ ތަކެތި؛

4 ޖޯޑު އާދައިގެ ފުށް

1/4 ޖޯޑު ތެޔޮ

2 ސަމުސާ ޑްރައި އީސްޓް

2 ސަމްސާ ހަކުރު

ލޮނު

1 ޖޯޑާއި 1/2 ޖޯޑު މެދު މިނަކަށް ހޫނު ފެން

ހަދާނެ ގޮތް؛

ހޫނު ފެންފޮދު ތައްޓަކަށް އެޅުމަށްފަހު އޭގެ ތެރެއަށް އީސްޓް އަޅާފައި ކުޑަކޮށް މިކްސް ކޮށްފައި ފަސްވަރަކަށް މިނެޓް ވަންދެން ބަހައްޓާށެވެ. އެއަށްފަހު ހަކުރު، ތެޔޮ އަދި ލޮނުކޮޅު، އީސްޓް މިކްސްގެ ތެރެއަށް އަޅާލާށެވެ. އަދި އޭގެ ތެރެއަށް ފުށް އަޅަމުން އެއްކުރަމުން ގެންދާށެވެ. އެއަށްފަހު ވަކި ތައްޓެއްގައި ތެޔޮ ފޮދެއް ހާކާލުމަށްފަހު ފުށްގަނޑު ތައްޓަށް ލާށެވެ. އަދި މަތި ރަނގަޅަށް ބަންދުކޮށްލުމަށް ފަހު ފިނި ނޫން، ވައިބަންދު ތަނެއްގައި ގަޑިއެއް ހާއިރު ވަންދެން ބަހައްޓާށެވެ.

ފުށްގަނޑު ރަނގަޅަށް ސްޓްރެޗް ކުރަންވާނެ!

ކުރިންވެސް ބުނިހެން ކްރަސްޓަކީ ޕިއްޒާގެ ބިންގަލެވެ. މީރުކޮށް ކްރަސްޓް ހެދޭނީ އަތްތިލައިގައި ހުރި ހުނަރަކުންނެވެ. އެހެންވީމަ، ގަޑި އިރެއް ހަމަވުމުން، ތަށިން ފުށްގަނޑު ނެގުމަށްފަހު ފަތާ ދޮލަނގެއް ކަހަލަ ތައްޓަކަށް ހިކި ފުށްކޮޅެއް ފަތުރާލުމަށްފަހު ތަށީގައި ބާއްވައިގެން ފުށްގަނޑު އެކި ގޮތްގޮތަށް ސްޓްރެޗް ކުރަމުން މޮޑެމުން ދާނީ އެވެ. މާ ގިނަ އިރު މޮޑޭކަށް ނުޖެހޭނެ އެވެ.

އެހާ ބޮޑަކަށް ނުފިހާނެ!

ޕިއްޒާ ފުށްގަޑު ރަނގަޅަށް މޮޑެ ނިމުމުން ރޮށި ދަމާ ގޮތަށް ވަށްކޮށް ރީތިކޮށް އެއްވަރަކަށް ފުށްގަނޑު ދަމާލާށެވެ. އެހާ ތުނިކޮށްނުލާށެވެ. އިންޗިއެއްގެ ބޯމިން ހުއްޓަސް ރަނގަޅުވާނެ އެވެ. ދެން ކްރަސްޓް ފިހުމަށް، އަވަން 200 ޑިގްރީ އަށް ހޫނުކޮށްލާށެވެ. އަދި ފަތާ ޓްރޭއެއްގައި ފުށްގަނޑު ފިހަން ލާށެވެ. ފުށްގަނޑު ފިހާނީ ރޯފިލާ ވަރަށެވެ. ކްރަސްޓް ފިހެ ނިމުމުން ބޭނުންވާ ޓޮޕިންގް އެއްގައި ޕިއްޒާ ތައްޔާރުކޮށްލުމުން އެ ނިމުނީ އެވެ.

މި ކިޔައިދިނީ އެއްގޮތެވެ. ގޭގައި ޕިއްޒާ ހަދާނަމަ، މީގައި ވަކި ރޫލް އެއް ނޯންނާނެ އެވެ. މިސާލަކަށް، ފުށްގަނޑު ވަށްކޮށް ދަމާލުމަށްފަހު ފުށްގަނޑު ފިހުމުގެ ބަދަލުގައި، މަތީގައި ބޭނުން ވައްތަރެއްގެ ސޯސްއެއް ހޭކުމަށްފަހު ޕިއްޒާއަށް ތައްޔާރުކުރި ޓޮޕިން ފުށްގަނޑުގެ މައްޗަށް އެޅުމަށްފަހު ރީއްޗަށް ޗީޒް އަތުރާލުމަށްފަހު އެކީ އެކައްޗަކަށް ވެސް ފިހެލެވިދާނެ އެވެ.

ނޯޓް: ބޭނުން ނަމަ، ޕިއްޒާ ކްރަސްޓަކީ ވެސް ފްލޭވާޑް ކްރަސްޓަކަށް ހަދާލެވިދާނެ އެވެ. މިސާލަކަށް ފުށްގަނޑު މޮޑޭ އިރު، ކުޑަ ގާލިކް ޕައުޑާކޮޅެއް، ހިކި ބޭސިލް ކޮޅެއް ނުނީ އޮރިގާނޯ ކަހަލަ ފައުޑާ އެއް އަޅާލުމުން ފުށްގަނޑުގައި ވެސް ތަފާތު ރަހައެއް ދޭނެ އެވެ.

އެހެންވީމަ އަމިއްލަ މޮޑިފައިޑް މީރު ޕިއްޒާއެއް ތައްޔާރުކޮށްލުން މިފަހަރު ކީއް ވާނެ ހެއްޔެވެ؟ ރެސްޓޯރަންޓް ޕިއްޒާއަށްވުރެ މާ މީރުވެސް ވެދާނެ އެވެ.

ކެއްކުން ޕިއްޒާ

Popular