20 May 2020

By: Ifraz Ali

ތަފާތު ރޯދަ މަހަކަށް ފަހު އަހަރެމެން މި ކުރިމަތިލަނީ އަދި މާ ތަފާތު އީދަކަށެވެ. އާންމުކޮށް އީދަކީ ގިނަ ބަޔަކު ބައްދަލުވެ، އެކަކު އަނެއްކެއްގެ ހާލު ބަލައި، އުފާފާޅުކުރާ ދުވަހެކެވެ. އެކަމަކު މިފަހަރު އަހަރެމެން އީދު ފާހަގަކުރަން ޖެހޭނީ ދުރުގައި ތިބެގެންނެވެ. ކޮވިޑް-19 ފެތުރި، އާ އާންމު ހާލަތަކަށް ދިއުމަށް އަހަރެމެން ތައްޔާރުވަމުން އަންނަ މި ދަނޑިވަޅުގައި އީދުގެ އުފާވެރިކަން ފަނޑުވިޔަނުދީ، އީދު ފާހަގަކުރެވޭނެ އާ ގޮތްތަކެއް މި ވަނީ ހޯދަންޖެހިފަ އެވެ. ދުރުގައި ތިބެންޖެހުނު ނަމަވެސް، އީދުގެ އުފާ ހަމަ ކުރިއެކޭ އެއްގޮތަށް ބޭއްވުމަށް އެ މީހަކަށް ކުރެވުނު ކަމެއް ކުރަން ހިނގާށެވެ.

ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ފިތުރު އީދަކީ އަންނަ އާދިއްތަ ދުވެހެވެ.

އީދު ނަމާދު ގޭގައި ކުރުން

އާންމުކޮށް ބޮޑު ޖަމާއަތުގައި ކުރަމުން އަންނަ އީދު ނަމާދު މިފަހަރަކު ނޯންނާނެ އެވެ. އިސްލާމިކް މިނިސްޓްރީން ވަނީ އީދު ނަމާދު ގޭގައި ކުރަން ލަފާ ދީ އެކަން ކުރާނެ ގޮތް ވެސް ކިޔައިދީފަ އެވެ. މި މައުލޫމާތު ރަނގަޅަށް އޮޅުން ފިލުވުމަށް ފަހު، ގޭގައި ތިބި މީހުންނާ އެކު އީދު ނަމާދު ކުރާށެވެ.

އެންމެން ވެސް ރީތިވެލަން ވާނެ

މާލެ: ޖޫން 4، 2019- މަޖީދީ މަގުގައި ކުރިއަށްދިޔަ ސަގާފީ ކުޅިވަރުތައް ބަލަން ދިޔަ ކުއްޖެއް މީހެއްގެ ކޮނޑަށް އަރައިގެން މާލި ނެށުން ބަލަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އީދުގެ ހާއްސަ ކަންކަމުގެ ތެރޭގައި އީދަށް އާ ހެދުމެއް ލައި، ޒީނަތްތެރިވުމަކީ ދީނީ ގޮތުން ވެސް އެކަން އޮންނަން ޖެހޭނެ ގޮތެވެ. ގޭގައި ތިބެންޖެހުނު ނަމަވެސް، މިކަން ދޫކޮށްނުލާށެވެ. އަދި އާ ހެދުމެއް ނުގަނެވުނަސް އަތުގައި އޮތް އެންމެ ރީތި ހެދުމެއް ލެވިދާނެ އެވެ. މި ކަހަލަ ދަތި އުނދަގޫ ވަގުތެއްގައި އަމިއްލަ ހިތްހަމަޖެހުމަކަށް މިއީ ކޮށްލުން ހަމަ ރަނގަޅު ކަމެކެވެ.

އީދު ސަލާން، ފޯނު ކޯލަކުން

މިދިޔަ އަހަރު ބޮޑު އީދުގައި މާލޭގެ މާފަންނު ސްޓޭޑިއަމްގައި އޮތް އީދު ނަމާދަށް ފަހު ދެ ކުޑަކުދިން ސަލާމްކުރަނީ.-- މިހާރު ފޮޓޯ / ނިޝާން އަލީ

އީދު ނަމާދަށް ފަހު އޮންނަ އެންމެ ހާއްސަ ކަމަކީ އީދު ސަލާމެވެ. އާއިލާ އާއި ރައްޓެހިންނާ ބައްދަލުކޮށް، އެމީހުންގެ ހާލު ބެލުމަކީ އާދަކޮށް ކުރާ ކަމެކެވެ. މިފަހަރު މިކަން ކުރެވޭނީ ކޯލަކުންނެވެ. އީދު ތަހުނިޔާގެ މެސެޖެއް ފޮނުވުމުގެ ބަދަލުގައި، އެންމެންނަށް ގުޅައިގެން ހާލު ބަލާށެވެ. އަދި އާއިލާ އެންމެ އެކީގައި ވީޑިއޯ ކޯލެއް ވެސް ކުރެވިދާނެ އެވެ.

ފިތުރު ޒަކާތް ދައްކަން ހަނދާންކުރާތި

މިދިޔަ އަހަރު ފިތުރު އީދުގައި އިސްލާމިކް މިނިސްޓްރީގައި ކުރިއަށް ގެންދިޔަ ފިތުރު ޒަކާތް ބަލައިގަތުން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އީދު ދުވަހުގެ ކުރިން މިއީ ކުރަންޖެހޭ އެންމެ މުހިންމު ކަންތަކެވެ. އޮންލައިންކޮށް ފިތުރު ޒަކާތް ދެއްކޭނެ ފަސޭހަ ގޮތްތަކެއް މިހާރު ވަނީ ހަމަޖެހިފަ އެވެ. ރޯދައިގެ އަޅުކަން ފުރިހަމަވެ ހަގީގީ އުފަލަކީ ޒަކާތް ވެސް ދެއްކުމެވެ.

ރަނގަޅު ކެއުމެއް ތައްޔާރުކުރުން

އީދު ދުވަހުގެ ހެނދުނު ސައިގައި ކުޅި ބޯކިބާ އާއި މެންދުރު ކެއުމުގައި ކުކުޅާއި ބޮނޑިބަތް ވަރަށް އާންމެވެ. މިފަހަރު ހަމަ މި ކެއުން ތައްޔާރުކުރެވިދާނެ އެވެ. އެކަމަކު ވީހާ ވެސް ހަރަދުކުޑަ ގޮތަކަށް، ކެއުން ތައްޔާރުކުރަން އިސްކަންދޭށެވެ. -- މިހާރު އެންމެ "މަޝްހޫރު" ކުކުޅު ގަރުދިޔަ ކައްކާލަން ކިހިނެއް ވާނެ؟😜 މިއީ ހަމަ ވަރަށް ހަރަދުކުޑަ އަދި ފަސޭހަ ރެސިޕީއެކެވެ.

ދޯ ރެސިޕީ: ކުކުޅު ގަރުދިޔަ ކަންކަން ބޭނުންވާނެ ތަކެއްޗާއި ކައްކާނެ ގޮތް.

އީދު ހަދިޔާ ޓްރާންސްފާކޮށްލާ

އީދު ދުވަހު ސަދަގާތުގެ ގޮތުގައި އެކަކު އަނެކަކަށް ހަދިޔާ ދިނުމަކީ އޮންނަ ކަމެކެވެ. އެމީހަކަށް ވީވަރަކުން، އެހެން މީހަކަށް ހަދިޔާއެއްގެ ގޮތުގައި އެއްޗެއް ދިނުމުގެ ބަދަލުގައި މިފަހަރު ފައިސާ ޓްރާންސްފާ ކޮށްލާށެވެ. އަދި ކޮވިޑް-19ގެ ސަބަބުން ހާލުގައިޖެހިފައިވާ މީހުނަށް އެހީވުމަށް ހުޅުވާލާފައިވާ ފަންޑުތަކަށް ވެސް ފައިސާގެ އެހީ ހަދިޔާކުރެވިދާނެ އެވެ.

އޮންލައިން އީދު ޝޯ

މި އީދުގައި މުނިފޫހިފިލުވަން ބޭނުން ނަމަ، ދިވެހި ފަންނާނުންގެ އޮންލައިން އީދު ޝޯ އަށް އިންތިޒާރުކޮށްލާށެވެ. އެ ތައްޔާރީތައް ވެސް ކުރިއަށް އެބަ ދެ އެވެ.

ފިތުރު އީދު އީދު ފާހަގަކުރުން ލޮކްޑައުން

Popular