19 May 2020

By: Aishath Maaha

ކޮވިޑް-19 އާ ހެދި، މިދިޔަ އަހަރުތަކާ ހިލާފަށް މި ފަހަރުގެ އީދުގައި ވަރަށް ފޫހިވާނެ އެވެ. ހާއްސަކޮށް މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުންނެވެ. އެކަމަކު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އިސް ނެންގެވުމަކަށް ބާއްވާ އޮންލައިންކޮށް އީދު ޝޯއެއް ބާއްވަން އަންނަނީ ތައްޔާރުވަމުންނެވެ.

މި ޝޯގައި ދެން އެންމެ އިސްކޮށް އުޅެނީ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ އަހްމަދު އިބްރާހީމް (އައްމަޑޭ) އަދި ޝައްމޫން މުހައްމަދު (ޝައްމު) އެވެ.

"ފްރީލާންސްކޮށް މިއުޒިކް ކުޅޭ އާޓިސްޓުންނަށް އެހީތެރިވާން ބޭނުންވެ ކަމެއް ކޮށްދޭން ބައްސާމް ބޭނުންވެގެން އަހަންނާ ޝައްމު އާ ވާހަކަ ދެއްކީ، ދެން އަހަރެމެން ތިން މީހުން ޑިސްކަސްކޮށްފަ އެންމެ ރަނގަޅު އެއް ކަމަކަށްވީ އީދުގައި އޮންލައިންކޮށް ޝޯއެއް ހޯސްޓުކުރަން ނިންމީ،" ޝޯ އާ ބެހޭގޮތުން އައްމަޑޭ ބުންޏެވެ.

ލަވަކިޔުންތެރިޔާ އަހްމަދު އިބްރާހިމް (އައްމަޑޭ).

ކޮވިޑް-19 އާ ހެދި މަސައްކަތް ހުއްޓި އެންމެ ދަތިވި މީހުންގެ ތެރޭގައި ފްރީލާންސް އާޓިސްޓުން ހިމެނެ އެވެ.

މި ޝޯގައި ކުޅޭ އާޓިސްޓުންނަށް ފައިސާ ދެނީ ބައްސާމެވެ. އައްމަޑޭ ބުނީ މިހާރު ވެސް ޝޯގެ ހާފް ޕޭމަންޓު އާޓިސްޓުންނަށް ދީފައިވާ ކަމަށެވެ.

މި ޝޯގައި ޕާފޯމްކުރާ އާޓިސްޓުންނަކީ އަންދަލާ ހަލީމް (އަންޔަ)، އައްމަޑޭ، ޝައްމު، ހަސަން އިރުފާން (ޒަކިއްޓެ)، މީރާ މުހައްމަދު މާޖިދު، އިސްމާއިލް އައްފާން، ފަތުހުﷲ އަބްދުލް ފައްތާހު (ފަތޯ)، މުއްސަބް މުހައްމަދު، އަލީ އަފްޒަލް (އަފޫ) އަދި ހައްފާފް މާލިކް އެވެ.

"މި އާޓިސްޓުން ޗޫޒްކުރި ބައްސާމް، ޝައްމުއާ އަންމަޑޭއާ ދިނިން ބޮޑު ލިސްޓެއް ބައްސާމަށް، ވަކިގޮތަކަށް ބަލާފައެއް ނޫން އައްމަޑޭމެން ލިސްޓު ހެދީއެއް،"

އީދު ދުވަހުގެ ހަވީރު އަދި ރޭގަނޑު މި ޝޯގެ ދެ ސެޝަން ކުރިއަށް ގެންދާނެ އެވެ.

"އާޓިސްޓުން ހަމަ އެމީހުން ގޭގައި ތިބެގެން ޕާފޯމްކުރާނީ، ހުރިހާ އެންމެން ވެސް ތިބޭނީ އޮންލައިންކޮށް، އޭރަށް އެންމެންގެ ފޮލޯވާސްއަށް ޝޯ ފެންނާނީ، އެކަމަކު ސްކްރީނުން ފެންނަން އިންނާނީ ހޯސްޓާއި އެވަގުތު ޕާފޯމްކުރާ އާޓިސްޓު އެކަނި، އާޓިސްޓުން ބޭނުން ގޮތަކަށް ބޭނުން ލަވައެއް ކިޔާލަންވީ،" ޝޯގައި ސަޕްރައިޒްތަކެއް ފެނިގެންދާނެ ކަމަށް އައްމަޑޭ ބުންޏެވެ.

"މިފަދަ ދަނޑިވަޅެއްގައި ފްރީލާންސްކޮށް މިއުޒިކްކުޅޭ އަދި އާޓިސްޓު ކޮމިއުނިޓީއަށް ބައްސާމް އެހީތެރިވެދޭތީ ބައްސާމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ބޭނުން،" ޝޯގެ ފޯރި ގަދަވާނެ ކަމަށް ބުނަމުން އައްމަޑޭ ނިންމާލި އެވެ.

އެހެން އަހަރުތަކާއި ހިލާފަށް ޝޯ ބަލަން ބޭރަށް ނުދިޔަ ނަމަވެސް މި ފަހަރު ވެސް އީދު ޝޯ ބެލޭނެ އިންތިޒާމް މިއޮތީ ފަހިވެފަ އެވެ.

ފިތުރު އީދު އާޓިސްޓް

Popular