24 May 2020

By: Aminath Ibrahim

މިއީ 17 އަހަރުގެ މުސްހަފް މުފީދެވެ. ރައްޓެހި ކުދިންގެ މުސްކޮ އެވެ. އޭނާ އަކީ މަސްވެރިއެކެވެ. ބުރަ މަސައްކަތުން އާމްދަނީ ހޯދަން ލޯބިކުރާ، ކެރޭ ޒުވާނެކެވެ.

ގަދަ އަތްވާއި ވިއްސާރައިގައި ހަފްތާ، ދެ ހަފްތާ ކަނޑުމަތީގައި އުޅޭ މުސްކޮ އަކީ ލ. އަތޮޅުގެ މަޝްހޫރު "މިޔަވާލި" ދޯނީގެ އެންމެ ހަގު މަސްވެރިޔާ އެވެ. އުމުރުން އަދި އެންމެ ސަތާރަ ނަމަވެސް، މުސްކޮގެ ވާހަކަ ހިތްގައިމެވެ. މިއީ ހަމަ ޖަވާހިރެކެވެ. ހުސްވަގުތު ގިނަވެފައި ތިބޭ ކުދިންނަށް މުސްކޮގެ ވާހަކައިން ފިލާވަޅަކަށް ހަމަވާ ވަރަށް ޓިޕްސް މި ކިޔައިދެނީ އެވެ.

އުފަން ރަށް، ލ ގަމު އިހައްދޫ ސްކޫލުން ގްރޭޑް 10 ނިންމާފައި ލަސްތަކެއް ނުވެ މުސްކޮ މަހަށް ދާން ނިންމި ސަބަބު އެކަނި ވެސް އޭނާގެ މި ވާހަކައިގެ އުސް އައްޔަކަށް ފުދެ އެވެ.

"އެންމެ ކުޑައިރުން ފަށައިގެން ވެސް ފެނޭ، ބައްޕަ ވަރަށް ބުރަކޮށް މަސައްކަތްކުރާތަން. ވަރަށް އިންސްޕަޔާވޭ ބައްޕަ އެހެން ބުރަކޮށް އުޅޭތަން ފެންނާތީ. އެހެންވެ، ސްކޫލް ނިމުނީމަ ބޭނުންވީ، މިހާ ދުވަހު ބައްޕަ އެވަރަށް ބުރަކޮށް ކުރި މަސައްކަތަކީ ކިހާ ވަރެއްގެ މަސައްކަތެއްތޯ އަމިއްލަ އަށް އިހުސާސްކޮށްލަން. މިއަދު ބައްޕަ އޭރު ކުރި މަސައްކަތުގެ އަގު ކުރިއަށްވުރެ ބޮޑަށް އެބަ ވަޒަންކުރެވޭ،" މުސްކޮ ބުންޏެވެ.

މުސްކޮ، އޭނާގެ ބައްޕަ އާއި އެކު. ބައްޕަ އާއި އެކު މަހައް ދިއުމުގެ ފުރުސަތަކީ އޭނާ އަބަދު ކުރި އުންމީދެއް

ކަޅު ފަތިހާ ހޭލައިގެން ބައްޕައާ އެކު ގަވައިދުން އޭނާ މަހަށް ނިކުންނަން ފެށިތާ މިހާރު ފަސް މަސް ވެއްޖެ އެވެ. މުސްކޮ ވެސް މަހަށްދަނީ އޭނާގެ ބައްޕަ ވެސް މަހަށްދާ ދޯނީގަ އެވެ. މި ދިޔަ ފަސް ވަރަކަށް މަސް ތެރޭގައި ދޯނި މަތީގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް އޭނާ ދަސްކޮށްފި އެވެ.

ރައްޓެހިންނާއި އާއިލާއާ ދުރުގައި ބުރަކޮށް އުޅުމަކީ ކިހާ ވަރެއްގެ ކަމެއްކަން ތަޖުރިބާކޮށްފި އެވެ. އަމިއްލަ މަސައްކަތުން ގިނަ ފައިސާ ހޯދައިގެން މަންމަ އާއި އާއިލާގެ ބޭނުންތަކަށް ހަރަދުކުރުމަކީ ކިހައި ވަރެއްގެ އުފަލެއްކަން ވެސް އެނގިއްޖެ އެވެ.

"މަހަށް ދާން ފަށައިގެން އެންމެ އުނދަގޫވީ ވަގުތު މެނޭޖްކުރަަން. ކުރިން އުޅޭ ގޮތަށް ރައްޓެހިންނާ އެކު މަޖާކޮށް ޓައިމް ސްޕެންޑެއް ކުރެވޭ މިހާރަކު. ދެން މަހަށް ގޮސްފަ ބައެއް ފަހަރު ރަށަށް އާދެވެނީ ގާތްގަނޑަކަށް މަހެއްހާ ދުވަހުން. އެހެންވާ ފަހަރެއް ވެއްޖިއްޔާ އާއިލާ މަތިން، މަންމަ މަތިން ވަރަށް މިސްވޭ،" މުސްކޮ ބުންޏެވެ.

މުސްކޮ އެނާގެ ރައްޓެހިންނާ އެކު

"މީގަ އުނދަގޫ ވަނީ ދެމިހުންނަން. އެއީ އަޅުގަނޑުގެ ނަޒަރުގަ ވަރަށް މުހިއްމު ކަމެއް. ވަރަށް ގިނަ ފަހަރު އަންނާނެ، ދެން ނުވާނެއޭ ހީވާ ފަހަރުތައް. އެކަހަލަ ވަގުތުގައި ޖެހޭނީ އަމިއްލަ އަށް އެ ހިތްވަރު ނެރެން. ކޮންމެ ދުވަހަކުވެސް ހިތަށް އަރުވާލަނީ، އަދި ކުޑަކޮށް ހިތްވަރުކޮށްލާނީއޭ."

ކަނޑު މަހުގެ މަސްވެރިކަން ގަދަ އަށް ކުރާ މިޔަވާލި، މުސްކޮ ގޮވައިގެން މުޅި ރާއްޖޭގައި މިހާރު ބުރު އަޅައިފި އެވެ. ގަދަ ކަނޑުތަކާއި ތެމާ ފަޅުތައް ހުރަސްކޮށް އެކި ރަށް ރަށަށް ގޮސްފި އެވެ. އެއިން ކޮންމެ ދުވަހަކީ މުސްކޮއަށް އެތައް އާ ކަންތައްތަކެއް ދަސްކުރަން ލިބުނު ދުވަހެކެވެ.

"އާންމުކޮށް މަދުވެގެން ދެ ތިން ހަފްތާ ވާނެ މަސް ބާނަން މަހަށް ނިކުންނަ ދަތުރެއްގައި. އެއް ފަހަރު މަހަކަށްވުރެ ގިނަ ދުވަހު ކަނޑު މަތީގައި އުޅުނިން. ވަރަށް ތަފާތު ތަޖުރިބާއެއް މިއީ. ގިވް އަޕް ނުކޮށް ކޮންމެ ދުވަހަކު މަހަސް ނިކުމެވޭ ސަބަބަކީ ވެސް އެއީ ކަންނޭނގެ،" މުސްކޮ ބުންޏެވެ.

މިވަގުތު މަސްވެރިކަމަށް ހުސްކޮށްލައިގެން ހުއްޓަސް، މުސްކޮގެ ހުވަފެނަކީ ސިފައިންގެ މީހަކަށްވުމެވެ. އެއީ އެންމެ ކުޑަ އިރުއްސުރެ ވެސް އޭނާ ދެކެމުން އައި ހުވަފެނެވެ. ސިފައިންގެ ހެދުމުގައި ގައުމަށް ހިދުމަތް ކުރުމުގެ ފުރުސަތު ލިބޭނެ ދުވަހަކީ ދެން އޭނާ އެންމެ އުފާވާނެ ދުވަހެވެ. އެކަމަށް ވެސް ހިތްވަރާ އެކު އޭނާ މަސައްކަތް ކުރާނެ އެވެ.

މުސްކޮ އާއި ސްކޫލުގައި އެކު އުޅުނު ކްޑޭޓް ކުދިން ފޮޓޯ އަކަށް ހުއްޓިގެން؛ އޭނާގެ އެންމެ ބޮޑު ހުވަފެނަކީ ސިފައިންގެ މީހަކަށް ވުން

"ވަރަށް ކުޑަ އިރުން ފެށިގެން އާއިލާއިން ވަރަށް ބޮޑު ގުރުބާނީ އެއް ވެގެން ކުދިން ބަލައި ބޮޑުކުރަނީ. އެހެންވީމަ، އަހަރެމެންގެ ގައިގައި ވަރު ޖެހުނު ދުވަހު، އާއިލާއަށް ހިދުމަތެއް ކޮށްދިނުމަކީ ކޮންމެ ކުއްޖަކުވެސް ކުރަން ޖެހޭނެ ކަމެއް، އެހެން ނޫނަސް، މިގޮތަށް، އަދި މަސްވެރިކަން ނޫނަސް، މީހުންގެ ތެރޭގައި ތަފާތު މާހައުލެއްގައި ބުރަކޮށް އުޅެލުމަކީ މީހާ ހަރުދަނާވެ، ކޮންމެ ފަދަ މަސައްކަތެއް ވެސް ކުރެވޭނެ ކަމުގެ ކޮންފިޑެންސް ލިބޭ ކަމެއް،" އޭނާ ފަދަ ޒުވާން ކުދިންނަށް މުސްކޮ ދޭން ބޭނުންވާ މެސެޖަކީ މިއީ އެވެ.

މަސްވެރިކަން

Popular