26 May 2020

By: Aishath Maahaa

އަހަންނަކީ ރައްޓެހިންނަށް މުހިންމު މީހެއް ނޫން ދޯ އޭ ކިޔާ ފޭސްބުކްގައި ޕޯސްޓެއް ކޮށްފިއްޔާ ފްރެންޑް ލިސްޓުގައި ތިބޭ އެންމެން ކަހަލަ ގޮތަކަށް އެއަށް ކޮމެންޓުކުރާނެ އެވެ. ރައްޓެހިން ނޫނިއްޔާ އެއީ ކޮން ބައެއްތޯ އަހައި ސުވާލުކުރާނެ އެވެ. އެކަމަކު ހަގީގަތުގައި ވެސް އެއީ ރައްޓެހިން ހެއްޔެވެ.

ބައެއް ފަހަރަށް އަމިއްލަ އަށް ވެސް އަޅެ އެއީ ރައްޓެއްސެއްހޭ އަމިއްލަ ނަފްސާ ސުވާލުކުރެވެ އެވެ. ރައްޓެހި އެންމެން އެކުގައި އުޅޭއިރު ބާކީވެފައި ހުންނަ ކަމުގެ އިހުސާސް ވެސް ކުރެވޭދޯ އެވެ. މިއުޅެނީ ކޮންމެހެން ރައްޓެހިންގެ މެދުގައި ބައިބައިވުން އުފައްދާކަށް ވެސް ނޫނެވެ. އެކަމަކު ތިއީ ރައްޓެހިންގެ ތެރޭގައި "އޮޕްޝަން" އެއްތޯ ނިންމަން ތިރީގައި މި ލިޔާ ޕޮއިންޓުތައް ކިޔާލާށެވެ.

ޚަބަރެއް ވާނީ ބޭނުމެއް ޖެހިގެން

އަމިއްލަ އެދުމެއް ނެތި މިކަހަލަ މީހުން ގުޅާލައި ޚަބަރެއް ބަލައެެއްނުލާނެ އެވެ. މިކަހަލަ މީހަކު ގުޅާފައި ކާން ދާން ބުންޏަސް އަސްލު އެ ބުނަނީ "އަހަންނާއެކު މިގަޑީގައި ކާންދާނެ އެއްވެސް މީހަކު ނެތޭ އެހެންވީމާ ހިނގާބަލާށޭ" އެވެ. ބޮޑުކަމެއް ޖެހޭ ދުވަހަކު މި މީހުންގެ އެހީ ލިބޭނެ ކަމަށް އުންމީދު ނުކުރާށެވެ. އެކަމަކު މި ބުނަނީ މިއީ ގޯސް ބައެކޭ ނޫނެވެ. އެމީހުންނަށް ތިއީ އެހާ މުހިންމު މީހެއް ނޫނޭ އެވެ.

އަބަދުވެސް ދައްކާނީ އަމިއްލަ ވާހަކަ

މި މީހުން އަބަދު ވެސް އިސްކަންދޭނީ މި މީހުންގެ އަމިއްލަ ކަންތަކަށެވެ. އަމިއްލަ ދިރިއުޅުމުގައި ހާސްވެ ކަންބޮޑުވެގެން އެކަންކަން އަބަދުވެސް މަޝްވަރާކޮށް ހިޔާލު ހޯދާނެ އެވެ. އެކަމަކު އެމީހުންގެ ހިޔާލަކަށް ބޭނުންވެ ވާހަކަ ދައްކަން ބޭނުންވާ ގަޑީގައި މާބޮޑު ސަމާލުކަމެއް ނުދޭނެ އެވެ.

މަލާމާތްކޮށް ލަދުގަންނަވާނެ

ރައްޓެހިންނާ ހުރިހާ ހިއްސާކުރިއަސް ބައެއް ވާހަކަތަކަކީ ފަހުން އެއްވެސް ވަރަކަށް ދައްކަން ބޭނުންވާ ވާހަކަތަކެއް ނޫނެވެ. އެއީ "އަންކޮމްފޮޓަބަލް" ކުރުވާ ކަންކަމެވެ. އެކަންކަން މަޖަލަކަށް ހަދައިގެން ދައްކާ ލަދުގަންނަވާ ދެރަ ކުރާނަމަ ތިއީ އެ މީހުންނަށް އެހާ މުހިންމު ރައްޓެެއްސެއް ނޫނެވެ. އަދި އެއީ ހަގީގީ ރައްޓެހިންނެއް ވެސް ނޫނެވެ.

ބޮޑެތި ކަންކަން އަބަދުވެސް އެނގޭނީ އެންމެފަހުން

އެމީހުންގެ ދިރިއުޅުމުގައި ހިނގާ ބޮޑެތި ކަންކަން ގިނަ ފަހަރަށް އެނގޭނީ އެންމެ ފަހުންނެވެ. ބައެއް ފަހަރަށް އެހެން މީހުންގެ ފަރާތުންނެވެ. ކައިވެނިކުރުން، ބަލިވެއިނުން ފަދަ ބޮޑެތި ކަންކަން އެންމެން ވެސް ގާތް މީހުންނާ އަބަދުވެސް އެންމެ ކުރިން ހިއްސާކުރާނެ އެވެ. މިކަހަލަ ކަމެއް އެހެން މީހެއްގެ ފަރާތުން އެނގިއްޖެނަމަ ތިއީ އެހާ ގާތް އެކުވެރިންނެއް ނޫނެވެ.

މަތިންބައިން ޖެހިގެން އުޅެވޭހެން ހީވުން

ތަންތަނަށް ދާން، ނުވަތަ ކަންކަން ކުރަން އަބަދުވެސް އެމީހުންނަށް ދައުވަތު ދީ ކަންކަން ރާވަނީ އެވެ. އެހެން ރައްޓެހިން ރާވާ ކަންކަމުގައި ގިނަ ފަހަރަށް ބައިވެރިއެއް ނުކުރެ އެވެ. އެއިން ކަމަކާ ޝަކުވާ ކޮށްފިނަމަ ކުއްލިއަކަށް ޕްލޭންކުރި ކަމެކޭ ބުނެ ކޮންމެސް އުޒުރެއް ދައްކާ ދޯ އެވެ. ގޯސްކޮށް ކަމެއް ކުރެވުނަސް މާފަށް އެދެނީ ވެސް އެކަންޏެވެ. އެހެން މީހަކު އެކަމެއް ނުކުރެ އެވެ.

މިއީ ބައެއް ރައްޓެހިންގެ ފަރާތުން ފެންނަ ކަމެއް ދޯ އެވެ. މީގެ މާނައަކީ އެއީ ގޯސް ރައްޓެއްސެކޭ ނޫނެވެ. ފަހަރުގައި ހީކުރާހާ ގާތް ނޫނީ އެވެ.

Popular