By: Aminath Ibrahim
އާއިލާގެ މީހަކަށް ނުވަތަ ގާތް މީހަކަށް ލިބިފައިވާ ޖިންސީ އަނިޔާއެއްގެ ވާހަކަ އަޑުއަހަން ފަސޭހައެއް ނުވާނެ އެވެ. އެކަމަކު އެފަދަ ވާހަކައެއް މީހަކު ހިއްސާކޮށްފި ނަމަ، އެ ދެއްކި ވާހަކައާ މެދު ސުވާލު ގިނަކުރުމުގެ ބަދަލުގައި، އެމީހަކަށް ވަގުތުން ހިތްވަރުދީ ހަމްދަރުދީ ވުމަކީ މުހިއްމު ކަމެކެވެ.
ރޭޕްގެ ޝިކާރައަކަށް ވެފައިވާ މީހަކު އޭނާގެ ވާހަކަ ހިއްސާކުރާނީ ވަރަށް އިތުބާރުކޮށްފަ އެވެ. ޖިންސީ އަނިޔާ ލިބެމުންދާ ކުޑަކުއްޖަކު، އެ އަނިޔާގެ ވާހަކަ ބުނާނީ ރައްކާތެރިކަމާއި ހިމާޔަތަށް އެދިގެންނެވެ. އަނިޔާ ލިބެމުންދާ ބޮޑު މީހަކު އެ ވާހަކަތައް ކިޔައިދޭނީ، އޭނާ އެ ކިޔައިދޭ ވާހަކައިގެ ސަބަބުން އިތުރު ބަދުނާމެއް ނުލިބި، އެހީތެރިކަން ލިބޭނެ ކަމަށް އުންމީދު ކޮށްގެންނެވެ.
އެހެންވީމާ، މިފަދަ ވާހަކައެއް މީހަކު ހިއްސާކުރުމުން އެ މީހަކު އިތުރަށް މާޔޫސްކޮށް ނުލާށެވެ. އެފަދަ އުނދަގޫ ދަނޑިވަޅެއްގައި ބުނާނެ އެންމެ ރަނގަޅު ލަފްޒު ސިކުނޑި އަށް ނާންނާނެ އޭ، ހީވާ މީހުންނަށް މިދެނީ ކޮންމެވެސް ވަރެއްގެ އެހީއެކެވެ.
މި ހިމަނާލަނީ ރޭޕް އަދި ސެކްޝުއަލް އެބިއުސް ސަވައިވާސްއާ ވާހަކަ ދައްކާއިރު ބޭނުންކުރެވިދާނެ ބައެއް ލަފްޒު ތަކެވެ.
"އަހަރެން ގަބޫލުކުރަން/ތި ވާހަކަތައް ހިއްސާކުރެވޭނީ ވަރަށް ހިތްވަރުކޮށްގެން"
ޖިންސީ އަނިޔާ ލިބެމުންދާ މީހަކަށް އޭނާގެ ވާހަކަ ހިއްސާކުރުމަކީ އަހަރެމެން ހީކުރާހާ ފަސޭހަ ކަމަކަށް ނުވާނެ އެވެ. ލަދުގަނެ ޖެހިލުންވެދާނެ އެވެ. ދައްކާ ވާހަކަ މީހުން ގަބޫލު ނުކޮށްފާނެތީ، ނުވަތަ ބަދުނާމު ވެދާނެކަމުގެ ބިރަށް ބުނަން ނުކެރިފައި ވެސް ހުރެދާނެ އެވެ. މީހުންގެ "ކީއްވެ؟" އަށް ދޭނެ ޖަވާބާއި ހެކި ނެތުމުން މާޔޫސްވެފައި ވެސް ހުރެދާނެ އެވެ. -- އެހެންވީމާ އެފަދަ ވާހަކަ އެއް މީހަކު ބުނާއިރު ހިތް ހަރު މީހަކަށް ނުވާށެވެ. އެންމެ ރަނގަޅުވާނީ ހިތްވަރު ލިބޭ ވާހަކަތަކުން އެ މީހެއްގެ ހިތްހަމަޖައްސައިދިނުމެވެ. އެ ވާހަކަތައް ގަބޫލުކުރުމެވެ.
"ތިއީ ކުށްވެރިއެއް ނޫން/ތިޔައީ އެއްވެސް މީހަކަށް ހައްގު އަނިޔާއެއް ނޫން"
ޖިންސީ އަނިޔާ ލިބޭ ގިނަ މީހުންނަކީ އެމީހުންގެ އަމިއްލަ ނަފްސު އެކަމަކަށް ކުށްވެރިކުރާ މީހުންނެވެ. ހާއްސަކޮށް އާއިލާ މީހެއްގެ ފަރާތުން އެފަދަ ކަމެއް ދިމާވެފައިވާ ނަމަ، މި ގިލްޓް ނުވަތަ ކުށްވެރިއެއް ކަމުގެ އިހްސާސް ބޮޑު ކަމަށް ދިރާސާތަކުން ދައްކަ އެވެ. މިފަދަ މީހަކާ ދިމާވެއްޖެ ނަމަ ހިތްވަރު ދޭށެވެ. އޭނާގެ ކުށެއް ނެތްކަން އެއް ފަހަރަށް ވުރެ ގިނަ ފަހަރު ހަނދާންކޮށްދީ ބުނެދޭށެވެ. އެއްވެސް މީހަކީ އަނިޔާގެ ހައްގުވެރިއެއް ނޫނެވެ.
"އަހަރެން މިހުރީ އެކުގައި/އަޑު އަހާނަން، ވެވެން އޮތް ގޮތަކަށް އެހީވާނަން"
ސަވައިވާ އަށް، އޭނަގެ ވާހަކަ އަކީ މުހިއްމު ވާހަކައެއްކަން އިހުސާސް ކޮށްދެވޭނެ އެންމެ ފަސޭހަ ގޮތަކީ ވާހަކަ ކަނުލައި އެހުމެވެ. އެ ޔަގީންކަން އޭނައަށް ދޭށެވެ. ކެތްތެރިކަމާ އެކު އަޑު އަހާށެވެ. އަދި އެހީތެރިވެދެވޭނެ މީހަކު ހުރި ނަމަ، އެމީހަކާ ހަމައަށް ގެންގޮސް ދޭށެވެ. އިންސާފު ހޯދަން މުއައްސަސާތަކުގެ އެހީ ހޯދަން ހިތްވަރުދީ އެހީތެރިވެދޭނެ ކަމުގެ ޔަގީންކަން ދޭށެވެ. އޭގެ މުހިއްމުކަން ކިޔައިދޭށެވެ.
"ތިފަދަ ކަމެއް ދިމާވީތީ ދެރަވަން/ތިއީ ވެގެންވާނެ ކަމެއް ނޫން"
އެކުވެރިޔާއަށް ލިބުނު އަނިޔާގެ ސަބަބުން އަސަރުކޮށްފިކަން އޭނާއަށް ބުނެދޭށެވެ. "އަހަންނާ ހިއްސާކުރީތީ ވަރަށް އުފާވޭ" ކަހަލަ ބަސްތަކުން ހިތްވަރުދޭށެވެ. އޯގާތެރިކަން އިސްކުރާށެވެ.
އެހީތެރިއެއްގެ ގޮތުގައި ހުރިކަން ދައްކާނީ ކިހިނެއް؟
ޖިންސީ އަނިޔާގެ ޓްރޯމާ އިން އަރައިގަންނަން ނަގާނީ ކިހާ ދުވަހެއްކަން ބުނެދޭން އެނގޭ އެކަކަށް ވެސް ނޭނގޭނެ އެވެ. މީހެއްގެ ހަޔާތުގެ އެންމެ އަނދިރި ދުވަސްތައް ހިއްސާކޮށް އެވަރުގެ އިތުބާރެއް މީހަކު ކޮށްފި ނަމަ އެ މީހެއްގެ އަތުން ދޫކޮށްނުލާށެވެ. އެހީތެރިއެއްގެ ގޮތުގައި ދެމިހުންނާށެވެ. މިހުރީ ކުރެވިދާނެ ކަންކަމެވެ.
- ޖަޖް ނުކުރުން/ވާހަކަ އާ މެދު ޝައްކު އުފެދޭ ގޮތަށް ސުވާލުކޮށް ނުހެދުން
- އަބަދުވެސް ގުޅައި ނޫނީ މެސެޖްކޮށް ހާލު ބެލުން
- އަމިއްލަ މީހާގެ މައުލޫމާތު އިތުރުކުރުން؛ މެންޓަލް ހެލްތް އާއި، ސުސައިޑަލް ވިސްނުން ހުންނަ މީހުންގެ އަލާމާތްތަކާއި އެހީ އަށް ގުޅާނެ ތަންތަނާއި ކުރެވޭނެ ކަންތައްތަކުގެ މައުލޫމާތު ހޯދުން، އަދި ބޭނުންވާ ވަގުތު އެހީތެރިކަން ފޯރުކޮށްދެވޭ ހާލަތެއްގައި ހުރުން
ޖިންސީ އަނިޔާ ލިބެމުންދާނަމަ، އެފަދަ އަނިޔާއެއް މީހަކަށް ލިބެމުންދާކަން އެނގޭނަމަ ލަސްނުކޮށް އެވާހަކަ ދައްކާށެވެ. އަޑު އުފުލާށެވެ. ހާލަތު ބަދަލުކުރަން މަސައްކަތް ކުރުމަކީ ކޮންމެ މީހެއްގެ ވެސް ޒިންމާ އެކެވެ.
އާޓިކަލް ކަވާ ފޮޓޯ ކްރެޑިޓްސް: ފްރީޕިކް / ދި އެޑިޝަން