21 Sep 2020

By: Aminath Ibrahim

އަލަތު ދަރިފުޅަށް ހަ މަސް ފުރެން ގާތްވަމުން ދިޔައިރު އަފްނާން އަބްދުﷲ އަށް އަބަދުހެން ވިސްނެނީ ދަރިފުޅަށް ކާންދޭން ފެށޭ ގޮތަކުން، ދެވޭ އެއްޗަކުން، ކެއުންމަތިން ބޭބީ މުޅިން ފޫހިވެދާނެތީ އެވެ. އޮއްޓަރު ހުރި އެއްޗެއް އަލަށް ދޭއިރު އެ ކަމުނުގޮސްފި ނަމަ ދެން ހަދާނެ ގޮތަކާ މެދު ވިސްނާ ފިކުރުކުރެވެން ފެށުނު ވަރުން ޑޮކްޓަރުންގެ ދޮރުގައި ވެސް ޓަކި ޖެހި އެވެ. ނުވިތާކަށް ދަރިފުޅު ނިންދަވާފައި ލިބޭ ހުސް ވަގުތުގައި ވެސް ހާސްކަމާއި ކަންބޮޑުވުންތައް ގެންގޮސް އަފޫ ބޭންދީ ލެޕްޓޮޕެއްގެ ކައިރީގަ އެވެ.

ދެން ފެށުނީ އޭނާގެ ރިސާޗެވެ. ހަ މަހުން ފެށިގެން ތުއްތު ކުއްޖަކަށް ކާންދިނުމާބެހޭ ގޮތުން ހޯދުނު ހުރިހާ މައުލޫމާތެއް އެއްކުރި އެވެ. ޑޮކްޓަރުންގެ ފަރާތުން ލިބުނު އިރުޝާދާއި، އިންސްޓަގްރާމުގައި މަޝްހޫރު ބޭރުގެ ޑައިޓިޝަނުން ފޮލޯކޮށްގެން ލިބޭ މައުލޫމާތާ އެކު ދަރިފުޅަށް އެންމެ މީރުވާނެހެން ހީވާ ކަހަލަ ކާއެއްޗެއްސާއި އަލަށް ދޭން ބޭނުންވާ ބާވަތްތައް ދޭނެ އަމިއްލަ ރެސިޕީތަކެއް ޕްލޭންކުރި އެވެ. ދެން ލިބުނީ މުޅިން އެހެން ހިޔާލެކެވެ.

.

"އެވަރަށް ރިސާޗްކޮށް މައުލޫމާތު އެއްކުރެވިފަ ހުރީމަ އަފޫ ހިތަށް އެރީ ވަރަށް ބައިވަރު މަންމަމެންގެ ވެސް ހުންނާނެއޭ އަފޫގެ މި ހުންނަ ވަރަށް ކަންބޮޑުވުން. އަމުދުން އަލަށް ކުއްޖަކު ލިބިގެން އުޅޭއިރު ނޫނީ އެކަނި ކުއްޖަކު ބަލާ މަންމައަކަށް އެ ހާސްކަން އެވަރަށް ހުއްޓަސް، އެހީތެރިއަކު ނެތީމަ އަފޫހެން ރިސާޗް ވެސް ނުކުރެވިދާނޭ. އެހެންވީމަ އަފޫއަށް އެނގޭ އެއްޗެއް ހިއްސާކުރާނީ އޭ، އެއިން އެންމެ މަންމައަކަށް އެހީތެރިކަމެއް ލިބުނަސް އެއީ އަފޫ އަށް ވަރަށް ބޮޑު އެއްޗެއް،" މިހާރު ސަތާރަ މަހުގެ ދަރިފުޅަށް ހަ މަހުގައި ފެށި "ފޫޑް ޖާނީ" އިންސްޓާގައި ހިއްސާކުރަން ފެށިގޮތް ޒުވާން މަންމަ ކިޔައިދިނެވެ.

އިންސްޓަގްރާމްގައި އަފޫ ހިންގާ "ސްޕޫންފުލް" އެމްވީ އަކީ އަލަތު މަންމައަކަށް އުފާވެރި، އަގުހުރި ޕޭޖަކަށް ވާނެ އެވެ. އޭގައި މުޅިން ވެސް އެ އޮތީ ރެސިޕީ އެވެ. އަފޫ އޭނާގެ ދަރިފުޅަށް ކާންދޭން ތައްޔާރުކުރާ ރެސިޕީތަކެވެ. ހުރިހާ ރެސިޕީ ގޮތަށް އަފޫގެ އަމިއްލަ ކެއްކުމެވެ. ދެން ލިޔަނީ އޭގެއިން ލިބޭ ސިއްހީ ފައިދާ އެވެ. ދެން ލިޔަނީ އެ ރެސިޕީއަކަށް ދަރިފުޅު ރިއެކްޓް ކުރި ގޮތެވެ. އިތުރުކޮށްލަނީ ޑައިޓީޝަނުންގެ ލަފަ އެވެ.

View this post on Instagram

A post shared by Spoonful (@spoonful.mv) on

"ފަހަރެއްގައި ވެސް ޑައިޓިޝަނެއްގެ ރޯލެއް ނޫން އަފޫ މި ދައްކަނީ. މިއީ ދަރިފުޅާއެކު އަފޫ ކުރާ ތަޖުރިބާ. އަބަދު ވެސް މީހެއް ކައިރީ ބުނާ އިރު ބުނަނީ ވެސް އަފޫގެ ތަޖުރިބާ އަށް ބޭސްކޮށްފަ. އެކަމަކު ޕޯސްޓެއް ޝެއާކުރަނީ ވަރަށް ދިރާސާކޮށްފައި. ދެން މަންމައަކު އަފޫ އަށް ނޭނގޭ އެއްޗެއް އަހައިފިއްޔާ އަބަދުވެސް ބުނަން ޑޮކްޓަރެއްގެ ލަފާ ހޯދަން،" އަފު ބުންޏެވެ.

View this post on Instagram

A post shared by Spoonful (@spoonful.mv) on

"ހުރިހާ ރެސިޕީއެއް ވެސް ހަދަނީ ދިރާސާ ކުރުމަށް ފަހު ދަރިފުޅުގެ ޓޭސްޓާ ގުޅުވާފައި އަމިއްލަ ޓްވިސްޓަކާ އެކު،" އަފޫ ބުންޏެވެ.

"ސްޕޫންފުލް" އަށް އަހަރެއް ވީއިރު އެތައް މަންމައިންނަކަށް އަފޫގެ ފަރާތުން ފަސޭހަތަކެއް ވެއްޖެ އެވެ. ފިކުރު ކުޑަކޮށްދީފި އެވެ. މިއީ އޭނާ ހީކޮށްގެން ހުރި ވަރަށްވުރެ ބޮޑު ތަރުހީބެކެވެ.

"މިހާރު އަމިއްލަ ކުޑަ ވިޔަފާރިއެއްގެ މަސައްކަތުގައި އުޅޭތީ އެހާ ގިނައިން ޕޯސްޓް ނުކުރެވޭ. އެކަމަކު ހިއްސާކުރުން ހުއްޓައެއް ނުލަން. އަފޫ މަންމައިންނަށް އެންކަރޭޖްކުރަން ބޭނުންވޭ އެކަކު އަނެކެއްގެ ތަޖުރިބާއިން އެހީތެރިކަން ފޯރުކޮށްދޭން. މަޔަކަށް އެންމެ އެހީވެވޭނީ މަޔަކަށް،" 25 އަހަރުގެ މަންމަ ބުންޏެވެ.

އަފޫ އޭނާގެ ދަރިފުޅާއެކު: އަފޫ ދަނީ އޭނާގެ ދަރިފުޅަށް ހަމަހުގައި ކާންދޭން ފެށި ދަތުރު، އެހެން މަންމައިންނަށް މައުލޫމާތު ލިބޭ ބްލޮގެއްގެ ގޮތުގައި އިންސްޓަގްރާމްގައި ގެނެސްދެމުން.

އަފޫ ޕޯސްޓުކުރާ ރެސިޕީތަކުގައި ސަމުސަލެއްގެ މިންވަރު ހުއްޓަސް، އެހެން މަންމައިންނަށް އޭނާގެ ފަރާތުން ލިބޭ މައުލޫމާތާއި ހިޔާލުތައް އެއަށްވުރެ މާ ގިނަވެފައި އަގު އެބަހުއްޓެވެ.

ދަރިން ތަރުބިއްޔަތުކުރުން

Popular