15 Oct 2020

By: Aminath Ibrahim

"އަހަރެމެންނަށް ގަބޫލުކުރެވިފައި މި އޮންނަނީ ބޭބީ އަށް ކާއެއްޗެއް ދޭން އޮންނަ ހަމައެކަނި ގޮތަކީ އެއްޗެއް ވަގުތުން ވަގުތަށް އެންމެ ތާޒާކަން މަތީގައި ދިނުމޭ. އެއީ ގޯސް ވިސްނުމެއް ނޫން. އެކަމަކު ބުނަން މި އުޅެނީ ބޭބީ އަށް ހޯދާ ތާޒާ ކާއެއްޗެހި ފުރީޒްކުރުމަކީ ވެސް ވަކި އޭގެ ތާޒާކަން ގެއްލޭ ކަމެއް ނޫނޭ. އެއީ ހަމަ އެންމެ ރަނގަޅު، އަދި އެންމެ ހަރަދު ކުޑަ އެއް އެޕްރޯޗް،"

އިންސްޓަގްރާމްގައި ހާހަކަށްވުރެ ގިނަ މަންމައިން ފޮލޯކުރާ "ބަކުން ޓޭލްސް" ގެ ޒުވާން މަންމަ، އައިޝަތު އަރުޝީ އަށް، އޭނާގެ އަހަރު ވީ ދަރިފުޅު ލިލިއާ އަށް ފުރީޒްކޮށްގެން ޕްރިޒާވްކުރާ ތަރުކާރީ އާއި މޭވާ އިން ތައްޔާރުކުރާ ކާނާ ދިނުމުގައި އެއްވެސް މައްސަލައެއް ނެތެވެ. އެއީ ދަރިފުޅަށް ފައިދާހުރި ކާނާ ތާޒާކަމާއެކު ގިނަ ދުވަހު ބޭނުންކުރަން އެންމެ ރަނގަޅު ގޮތެއް ކަމަށް ޑޮކްޓަރުން ވެސް ގަބޫލުކުރާ ގޮތަކަށް ވާތީ އެވެ.

މި ކަހަލަ ތަފާތު އެތައް މައުލޫމާތެއް އަރުޝީގެ އިންސްޓަގްރާމް ބްލޮގްގައި އިރުޝާދާ އެކު ކިޔައިދެ އެވެ. ބޭބީގެ ކާނާ ފްރީޒްކުރާ ނަމަ، ފްރީޒް ކުރެވިދާނެ ކާއެއްޗިއްސާއި، ފްރީޒްކުރަން ކާއެއްޗެހި ތައްޔާރުކުރަންޖެހޭ ގޮތާއި، އެތަކެތި ބަހައްޓަންވީ ގޮތާއި، ބޭނުންކުރަން ވުމުން އެއިން ގަނޑު ފިލުވާނެ އެންމެ ރައްކާތެރި ގޮތަކީ ކޮބައި ކަން ވެސް ބުނެދެ އެވެ. ކާން ދޭން އެންމެ ރައްކާތެރި ކާއެއްޗެއްސާއި، ބަރުދަން އިތުރުކުރަން އެހީތެރިވެދޭ ކާއެއްޗިއްސަކީ ކޮބައިކަން ވެސް ކިޔައިދެ އެވެ.

އެހެންވެ، އަރުޝީގެ ބްލޮގަކީ އަލަތު މަންމައިންނަށް ގައިޑެކެވެ.

View this post on Instagram

A post shared by #bakuntales (@bakuntales) on

"ވަރަށް ބޮޑަށް ބަލައި ވިސްނާފައި ލިޔަނީ. ގިނައިން ހުންނާނީ ޑޮކްޓަރުން ދޭ މައުލޫމާތު އެ ދޭ ގޮތަށް، ތަޖުރިބާ ހުރި ޑައިޓީޝަނުން ދޭ މައުލޫމާތާއި އިރުޝާދު އެ ދޭ ގޮތަށް އަމިއްލަ އިބާރާތުން ގެނެސްދީފަ،" އަރުޝީގެ ގިނަ ޕޯސްޓްތަކަކީ ކުޑަކުދިންގެ ޑޮކްޓަރު ޑރ. އަބްދުﷲ ނިޔާފްގެ ލަފަ އެވެ.

އަރުޝީ އަކީ ޑރ. އަބްދުﷲ ނިޔާފްގެ ކޮއްކޮ، ނިއުރޯ ސާޖަން، ޑރ. އަލީ ނިއާފްގެ އަންހެނުންނެވެ.

"ޑޮކްޓަރުންގެ އިތުރުން ޑައިޓިޝަނުންގެ ލަފާ ވެސް ހޯދަން. ހާއްސަކޮށް އައިޖީ އެމްއެޗްގެ ޑައިޓީޝަން، އިޔާޝާ އާއި މަލާހާ ވެސް ބައެއް ޕޯސްޓް ލިޔަން ވަރަށް އެހީތެރިވި،" އަރުޝީ ބުންޏެވެ.

"ބަކުން ޓޭލްސް" އަކީ އަރުޝީގެ ދިރިއުޅުމުގެ އެއް ބައެވެ. ކޮންޖެނިޓަލް އެނޯމަލީއަކާ އެކު އުފަންވި ދަރިފުޅު ވިހައިގެން ހަތް މަސް ވަންދެން ކުރަންޖެހުނު ބޮޑެތި ސާޖަރީތަކާ އެކު ވަރަށް ބޮޑަށް ލުއިވެ، އަނަރޫފަވެފައި އޮތުމުން ދަރިފުޅުގެ ސިއްހަތު ރަނގަޅުކޮށް، ބަރުދަން އިތުރު ކުރަން އެންމެ ބޮޑަށް ކޮންސަލްޓް ކުރީ ޑރ. ނިއާފްއާ އެވެ.

"ދަރިފުޅު އެހާ އަނަރޫފަކޮށް އޮތީމަ ޑޮކްޓަރު ދެއްވި އިރުޝާދު ޑޮޓް-ޓު-ޑޮޓް ފޮލޯކޮށްގެން ދުވަސްކޮޅެއްގެ ތެރޭގައި ނޯމަލް ކުއްޖަކާ އެއް ހަމައަކަށް ގެނެވުނު. އެހެންވެ، ވަރަށް ގިނަ މަންމައިން އަހަން ފެށީ އަރުޝީ ކައިރިން، ދަރިފުޅު ހީލްކުރަން ފޮލޯކުރީ ކޮން ގޮތަކަށްތޯ. އެހާ ހިސާބުން ރިއަލައިޒް ވީ ވަރަށް ގިނަ މަންމައިންނަށް މި މައުލޫމާތުތައް ނޭނގެ އޭ،" އަރުޝީ ބުންޏެވެ.

"އެހެންވެ ބްލޮގް ލިޔަން ފެއްޓީ، ކޮންމެ ގޮތެއް ވިޔަސް، ދަރިފުޅު ހީލްކުރަން އަރުޝީ އަށް މަޖުބޫރުވޭ ވަރަށް ގިނަ ރިސާޗް ހަދައި ޑޮކްޓަރުންނާ ކޮންސަލްޓްކޮށް ހަދަން. އެގޮތަށް ލިބޭ މައުލޫމާތު ހިއްސާކުރަން ފެށީ، ރިސާޗްތަކަށް ރިފަރެންސް ދީފައި ވެސް ހުންނާނެ،"

View this post on Instagram

A post shared by #bakuntales (@bakuntales) on

View this post on Instagram

A post shared by #bakuntales (@bakuntales) on

އަރުޝީގެ ބްލޮގަކީ ބޭބީ ރެސިޕީ ބްލޮގެއް ނޫނެވެ. އެއީ ވަރަށް ބޮޑަށް މައުލޫމާތަށް ބިނާކޮށް ލިޔާ ބްލޮގެކެވެ. ހަދާ އެއްޗަކީ ކޯއްޗެއްކަމާއި، އޭގެ ފައިދާ އާއި ބޭނުންކުރެވިދާނެ ގޮތްތައް ކިޔައިދެނީ ޑައިޓީޝަނުންގެ ލަފާ އާއި ރިސާޗްގެ އަލީގަ އެވެ.

" އަސްލު ޓިޕްސް މި ހުންނަނީ ދީފަ. މިސާލަކަށް، ފްރޯޒަން ފުޑް ދިިނުން ވެސް ރަނގަޅު ކަމާއި ވިއްކަން މިހުންނަ ޔޯގަޓް ގެ ތެރެއިން ދޭން ރަނގަޅު ޔޯގަޓް އަކީ ކޮބައިކަމާ، ދެން ފަހުން ފަހުން އައިސް، މަންމައިން ރިކުއެސްޓް ކުރާތީ ކާން ދޭން ފައްޓާނެ ގޮތުގެ ސީރީޒެއް ވެސް ލިޔަން ފަށާފަ، ކުޑަކޮށް އެކަން ލަސްވެފަ އޮތީ،" އަރުޝީ ބުންނެވެ.

އެހެންވީމާ، ގަނޑުކުރި ތަރުކާރީ ކަހަލަ އެއްޗެހި ކުދިންނަށް ކާން ދިނުމާއި، ކާއެއްޗެހީގެ ބައެއް ބާވަތަތްތައް ގަނޑުކޮށްފައި ފަހުން ދޭން ބެހެއްޓުމާ ބެހޭގޮތުން އަރުޝީ މި ދައްކާ ވާހަކަ އަކީ ވެސް މައުލޫމާތާ އެކު މަންމައިން ހޭލުންތެރިކުރަން ދައްކާ ވާހަކަ ތަކުގެ ތެރެއިން އެއް ވާހަކަ އެވެ.

View this post on Instagram

A post shared by #bakuntales (@bakuntales) on

"މިސާލަކަށް، ފްރޯޒަން ބްރޮކޮލީ ޕެކެޓެއް. އެ މި ހުންނަނީ ގޮވާންކުރުމަށްފަހު، 'ފްލެޝް ފްރީޒް' ކޮށްފަ. އެހެންވީމާ ހަމަ އެކައްޗަކަށް ވަނީ. ފްރޯޒަން ފޫޑް އެކަމަކު ތައްޔާރުކުރަންޏާ ހުންނާނެ ވިސްނަން ޖެހޭ ކަންކަން. މިސާލަކަށް، އޭތި އައިސް ކުރަންވީ ގޮތާއި، އައިސްކޮށްފައި ކިހާ ދުވަހަކު ކަން ބަހައްޓަންވީ އާއި، އައިސް ފިލުވަންވީ ގޮތާއި އެކަހަލަ ކަންކަން ހުންނާނެ ގެނެސްދީފައި،" އަރުޝީ ބުންޏެވެ.

"ދެން ފްރީޒް ކުރާ ވާހަކަ މި ފަހުން އަރުޝީ މި ދައްކަން ފެށީ އަސްލު، އެކަނި އުޅޭ މަންމައިންނަށް މީގެން ވަރަށް ފައިދާ ވާނެ. އަނެއްކާ ހަރަދު ކުޑަ ވާނެ. އެހެންވީމަ ފްރީޒް ކުރާ ކާއެއްޗެހި ފްރެޝް ނުވާނެއޭ، އެ ވިސްނުމަކީ އަސްލު އަރާފަ އޮންނަ އޮޅުމަކަށް ވީމަ، އެކަން ބަދަލުކުރަން ވެގެން،" މި ނޫނަސް މިކަހަލަ އެތައް މައުލޫމާތެއް އަރުޝީގެ ބްލޮގުން ލިބެން އެބަހުއްޓެވެ.

View this post on Instagram

A post shared by #bakuntales (@bakuntales) on

އަލަށް ކާން ދޭން ތައްޔާރުވާ މައިންނަށް އަރުޝީގެ "ކުއިކް ޓިޕް"

- ހާސްކަން ކުޑަކުރަން ކާން ދޭން ފަށައިގަތުމުގެ ކުރިން ފުރަތަމަ ހަފުތާގެ ހުރިހާ ދުވަސްތަކެއް ޕްލޭންކުރުން

- ކުއްޖާގެ އެލާޖީއެއް ހުރިތޯ ބަލަން ކާންދޭން ފަށާ ދުވަސްކޮޅު 24 ގަޑިއިރު ތެރޭގައި އާ ދެ ބާވަތެއް އެއްފަހަރާ ނުދިނުން.

- ފުރަތަމަ ތައްޔާރުކުރާ ކާއެއްޗެހީގައި ހަކުރު، ލޮނު، މާމުއި ބޭނުން ނުކުރުން

- އެކި ކާއެއްޗިއްސަށް ކުއްޖާގެ ރިއެކްޝަން ބަލަން ފޫޑް ޑައިރީ އެއް ގެންގުޅުން

- މަދުން ކެޔަސް، ގަދަކަމުން ކާން ނުދިނުން؛ ކެއުމާއި ރުއިން ގުޅޭ ގޮތްވާ ނަމަ ކެއުމާ ކުދިން ދުރުވާނެކަން ދަތުން

- ނޭވާ ހޮޅިއަށް ކާއެއްޗިހި ދިއުމުން ސަލާމަތްކުރަން އަތްމަތީގައި ނުވަތަ ތަނެއްގައި ބާއްވައިގެން ކުދިންނަށް ކާން ނުދިނުން

- ކާއެއްޗެހި ނުވަތަ ބުއްފުޅި އެއްޗެހި ހަދާފައި ބަހައްޓަންވީ ކިހާއިރަކުކަން ދަސްކުރަން އިސްކަން ދިނުން

ދަރިން ތަރުބިއްޔަތުކުރުން

Popular