29 Dec 2020

By: Ifraz Ali

ފިލްމީ ތަރި މަރިޔަމް އައްޒަ ކުރާ ކޮންމެ ކަމެއް އޭނާގެ ފޭނުންނަށް ވަރަށް ހާއްސަވާ ކަން އެނގެނީ، އައްޒަ ސޯޝަލް މީޑިއާގައި ކޮށްލާ ކިތަންމެ ކުޑަ ޕޯސްޓަކުން ވެސް، މީހުން "ދޯ" އަށް ގުޅައި ފޮނުވާ މެސެޖުތަކުންނެވެ. އަދި އެ ވާހަކަތައް އިތުރަށް ތިލަކޮށް، ޚަބަރުގެ ގޮތުގައި ގެނެސްދޭން އާދޭސްކުރާ މީހުން ވެސް އުޅެ އެވެ. މިއީ މަޖަލަކަށް ދައްކާ ވާހަކައެއް ނޫނެވެ. ހަމަ ހަގީގަތެވެ. އަދި އެއްބަޔަކު މާ ނޫން ކަމަށް ހެދިގެން އުޅުނަސް އައްޒަގެ ހުރިހާ ޚަބަރެއް ބަލަ އެވެ. -- މިހާރު އެންމެން ދައްކަނީ އައްޒަގެ "ލޯބިލޯބި" އެޕާޓްމެންޓުގެ ވާހަކައެކެވެ. އައްޒަގެ އިންސްޓަގުރާމް ސްޓޯރީ ހުޅުވާލުމުން އެ އެޕާޓްމަންޓަށް ވަދެވޭ ފަދަ އެވެ.

އައްޒަގެ ރޫމް ޓުއާއެއް ދިނުމަށް ފޭނަކު އެދުމުން ޕޯސްޓުކުރި ވީޑިއޯގެ ސްކްރީންޝޮޓެއް.

އައްޒަ ވަރަށް ގިނައިން އިންސްޓަގްރާމުގައި ފޭނުންނަށް ސުވާލުކުރުމުގެ ފުރުސަތުދެ އެވެ. އަދި އެ ސުވާލުތަކަށް ބަރާބަރަށް ޖަވާބު ވެސް ދެ އެވެ. އެކަމަކު އިއްޔެ އައްޒަ ކުރީ މާ ތަފާތު ކަމެކެވެ. މިހާރު އިންސްޓަގުރާމުގައި ޓްރެންޑުވަމުން އަންނަ "ޕޯސްޓް އަ ޕިކް" އަށް ރިކުއެސްޓް ކުރުމުގެ ފުރުސަތު ފޭނުންނަށް ދިނީ އެވެ. މިއީ އައްޒަގެ ފޭނުންނަށް އޭނާ ދިން 24 ގަޑިއިރުގެ "ރަނުގެ" ފުރުސަތެކޭ ވެސް ބުނެވިދާނެ އެވެ. ލަހެއްފަހެއްނުވެ، އެންމެން އަވަސްވެގަތީ، ވިލިމާލޭގައި އައްޒަ ދިރިއުޅޭ އެޕާޓްމަންޓް ދައްކާލުމަށް އެދި އެވެ. އަދި އައްޒަގެ "ލައިފުން" ހަނދާނީ ބައެއް ފޮޓޯތައް ދައްކާލަން އެދުނެވެ.

އައްޒަ އެ އެޕާޓްމަންޓްގެ ފޮޓޯއަކަށް ފަހު ފޮޓޯއެއް އަދި ވީޑިއޯތައް ވެސް ޕޯސްޓުކުރުމުން ދިޔަ އެވެ.

ކަޅާއި ހުދުގެ ކްލޮޒެޓް ވަރަށް ރީތި

އަހަރެމެންނާ ވާހަކަދެއްކި ބައެއް މީހުން ބުނީ އައްޒަގެ މި އެޕާޓްމަންޓަކީ ހަމަ "ގޯލްސް" ކަމަށެވެ. އައްޒަގެ ކޮޓަރީގެ އެއް ފާރު އެއްކޮށް ހާއްސަކޮށްފައި ވަނީ އޭނާގެ ކްލޮޒެޓް ނުވަތަ ހެދުން އަލަމާރިއަށެވެ. ހުދާއި މަޑު ކަޅު ކުލައަކުން ފަރުމާކޮށްފައިވާ މި އަލަމާރީގެ ދޮރުފަތްތަކުގައި ޖަހައިފައި ހުރި ކަމަށް ބެލެވެނީ މުށި ނުވަތަ މާބުލް އެވެ. އަދި އައްޒަގެ "ވޮޝްރޫމް" ވެސް ފަރުމާކޮށްފައި ވަނީ މި މެޓީރިއަލް ބޭނުންކޮށްގެންނެވެ.

އައްޒަގެ ކުލޮޒެޓް: އޭނާގެ ކޮޓަރީގެ އެއް ފާރު ހާއްސަކޮށްފައި ވަނީ މި ކްލޮޒެޓަށް.

މުޅި ގެއިން ވެސް އައްޒަ އަށް އެންމެ ކަމުދާ ތަނަކަށްވީ، އޭނާގެ ބެލްކަނީ އެވެ. އެތަނުގެ ވިއު ވަރަށް ރީއްޗެވެ. ވިލިމާލޭގެ އަތިރިމައްޗާއި މޫދު ވަރަށް ރީއްޗަށް ފެނެ އެވެ. އަދި ބެލްކަނީ ވެސް ހަދާލައިފައި ވަނީ ކޮފީއެއް އެއްޗެއް ބޯލަން ވިޔަސް، ހިތްހަމަޖައްސާލަން ތިބޭނެ ގޮތަށް، ކޮފީ ކޯނާއެއް ވެސް ހަދައިގެންނެވެ.

މި ކޮފީ ކޯނާ އަކީ އައްޒަގެ ފިރިމީހާ އަދި ފިލްމީ ތަރި އަބްދުﷲ މުއާޒް އޭނާގެ އަމިއްލަ އަތުން، ވަޑާންކޮށްގެން، ވަރަށް ލޯބިން ޑިޒައިންކޮށްދިން ކޮފީ ކޯނާއެއް ކަމަށްވެ ވެސް ވެ އެވެ.

މި ބެލްކަނީގައި އައްޒަ ގެންގުޅޭ ގަސްތައް ވެސް ދައްކާލި އެވެ. މަދު ގަހެއް ފިޔަވައި ދެން ހުރީ ހުސް ކެކްޓަސް އެވެ.

އައްޒަގެ ބެލްކަނީ: ވަރަށް ރީތި ވިއުއެއް ލިބޭ މި ބެލްކަނީގައި ކޮފީ ކޯނާއެއް ވެސް ހަދާފައިވޭ.

އެ ގޭގެ ބަދިގޭގެ ބައެއް ފޮޓޯތައް ވެސް ހިއްސާކުރުރަމުން، މީހަކު ކުރި ސުވާލަކަށް އައްޒަ ދިން ޖަވާބުގައި ބުނީ އޭނާ އަށް އެންމެ މީރު ކެއުމަކީ ދިވެހި ކެއުން ކަމަށެވެ.

ހަނދާނުން ނުފޮހެވުނު "ޝޫ ކަލެކްޝަން"

އައްޒަ އަރާ ފައިވާންތަކަކީ ފޭނުންނަށް ކިހާ މުހިންމު އެއްޗެއް ކަން އެނގުނީ މިދިޔަ އަހަރު ވެސް ދިވެހި ފިލްމު "ލީނާ" ގެ ރެޑްކާޕެޓަށާއި އަދި އެހެން ބައެއް ފިލްމުތަކުގެ ރެޑްކާޕެޓަށް އަބަދު އެއް ފައިވާނަކަށް އަރައިގެން ދާ ކަމަށް ބުނެ ބައެއް މީހުން ދެއްކި ވާހަކަތަކުންނެވެ. އެކަމަކު އައްޒަ އޭރު ބުނީ އެއީ މީހުންނަށް ހީވި ގޮތެއް ކަމަށެވެ. ކޮންމެ ރެޑްކާޕެޓަކަށް ވެސް ދަނީ ތަފާތު ފައިވާނަކަށް އަރައިގެންނޭ ބުންޏެވެ.

އެންމެން ވެސް ދެކިލަން ބޭނުންވެފައި ތިބި އައްޒަގެ "ޝޫ ކަލެކްޝަން".

އެންމެފަހުން އައްޒަ މިހާރު ވަނީ ފޭނެއްގެ އެދުމުގެ މަތިން އޭނާ އަށް ރަންގަނޑެއް ފަދަ "ޝޫ ކަލެކްޝަން" ވެސް ދައްކާލައިފަ އެވެ. ކުރިން "ދޯ" އަށް ދިން އިންޓަވިއުއެއްގައި އައްޒަ ބުނީ އޭނާގެ މި ކަލެކްޝަންގައި 300 އަށް ވުރެ ގިނަ ފައިވާން އުޅޭނެ ކަމަށެވެ. މިހާރު މިއޮތީ އެކަން ވެސް ޔަގީންވެފަ އެވެ. މަންޒަރު އެ އޮތީ އެންންމެނަށް ފެންނާށެވެ.

ބައެއް އަންހެން ކުދިން ވެސް ބުނީ، އައްޒަގެ މި ފައިވާން އަލަމާރީއަކީ ކޮންމެ އަންހެން ކުއްޖެއްގެ ވެސް "ޑްރީމީ ޝޫ ކަލެކްޝަން" އަށް ވާނެ ކަމަށެވެ. އެ ބުނީ ދޮގެއް ހެއްޔެވެ؟

އައްޒަގެ ސިޓީންރޫމާއި ސޯފާއި.

އައްޒަ ވަރަށް ކުޑައިރު ސަންޖޭ ދަތާ ދިމާވި

"ބޭބީ އައްޒަ" ގެ ފޮޓޯއެއް ދައްކާލަން ފޭނަކު އެދުމުން އައްޒަ ޕޯސްޓުކުރީ ވަރަށް ކުޑައިރުގެ ހަނދާނެކެވެ. ހާއްސަ ހަނދާނެކެވެ. ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ސަންޖޭ ދަތާ ދިމާވެ ނަގާފައިވާ ފޮޓޯއެކެވެ. މި ފޮޓޯގައި އައްޒަގެ ބައްޕަ ހުރީ އައްޒަ އުރާލައިގެންނެވެ. ބައްޕަ ކައިރީގައި ވާތް ފަރާތުގައި ސަންޖޭ ދަތު ވެސް ފޮޓޯއަށް ހުއްޓިލައިގެން ހުއްޓެވެ.

އައްޒަ ވަރަށް ކުޑައިރު ނަގާފައިވާ ފޮޓޯއެއް: އައްޒަ ބައްޕަ އޭނާ އުރާލައިގެން ބޮލީވުޑްގެ އެކްޓަރު ސަންޖޭ ދަތު ކައިރީ ފޮޓޯއަކަށް ހުއްޓިގެން.

ދިވެހި ސެލެބްރިޓީއަކާ އެކު ނަގާފައިވާ ފޮޓޯއެއް ޕޯސްޓުކުރަން އެދުމުން ދައްކާލީ ހަމަ އައްޒަ ވަރަށް ކުޑައިރު، ކުރީގެ މަޝްހޫރު އެކްޓްރެސް އައިޝަތު ޝިރާނީއާ އެކު ނަގާފައިވާ ފޮޓޯއެކެވެ. އަދި އައްޒައަށް އެންމެ ކަމުދާ، އޭނާގެ ފޭވަރިޓް ފެޝަން ޑިޒައިނާ ރަޒީނާ ތައުފީގު (ރަޒީ) އާ އެކު ނަގާފައިވާ ބޫމަރޭންގެއް ވެސް ޕޯސްޓުކުރި އެވެ. ބައެއް މީހުންނަށް ކުރިން ހީވީ އައްޒަގެ ފޭވަރިޓް ޑިޒައިނަރަކީ ސޭންޑީ ކަމަށެވެ. އެކަމަކު މިހާރު އެކީ ކާކުން ވެސް ޔަގީންވީ އެވެ.

އައްޒަގެ ކާރުތައް.

އައްޒަ ހިއްސާކުރި އެހެން ފޮޓޯތަކަށް ބަލާއިރު، އޭނާގެ އެޕަލް ކަލެކްޝަނާއި، އޭނާއަށް ބޭބީއެއް ފަދަ "ބީ" އާއި "ބްލަޝް" ކިޔާ ދެ ކާރާއި ސެންޓުފުޅިތައް ވެސް ހިމެނެ އެވެ.

ސެލެބްރިޓީން އެކްޓްރެސް މަރިޔަމް އައްޒަ

Popular