7 Jan 2021

By: Aminath Ibrahim

ދަރުމަވެރި މަސައްކަތުގައި އުޅޭ އަހުމަދު އައްޒާމް ނާފިޒާއި އޭނާގެ އެކުވެރިންނަށް، ފޮޓޯ އިން ތި ފެންނަ ކުރަނގި (ޖޯއި) ފެނުނީ ގއ. ގެމަނަފުށި ކައިރީގައި އޮންނަ، އެ އަތޮޅު އަރޭގައްތާ އަށް ޕިކްނިކް ދަތުރެއްގައި ގޮސް އުޅެނިކޮށް ހޭޅި ގަސްތަކެއްގެ ތެރޭގައި އިންދަ އެވެ. އޭރު އެސޮރު އިނީ ފިޔަގަނޑު ބިނދި ބަލިކޮށެވެ. އާންމުކޮށް ތިމާވެއްޓާއި ދިރުންތަކުގެ ހައްގުގައި ކުރާ އެކި ކެމްޕެއިންތަކަށް ހިތްވަރުދީ އަޑު އުފުލާ އައްޒާމު ބޭނުންވީ އެ ދޫނި ރަށަށް ގެންގޮސް، އެއަށް ލިބިފައިވާ އަނިޔާތަކަށް ފަރުވާ ދޭށެވެ. އެހެންވެ، ކުރަނގި ރަނގަޅުވަންދެން ގެންގުޅުމުގެ ހުއްދައެއް އީޕީއޭ އިން ހޯދައިގެން މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް އޭނާ އެ ދޫނި ގެންގުޅުނެވެ.

އަނިޔާތައް ފަސޭހަ ނުވެ 11 ދުވަހު އައްޒާމުގެ ހިމާޔަތުގައި ގެންގުޅުނު ފަހުން ކުރަނގި މަރުވީ ހޮނިހިރު ދުވަހުގެ ހެނދުނު އެވެ.

އައްޒާމާ އެކު ގއ. އަރޭގައްތާއަށް ޕިކުނިކު ދިޔަ އޭނާގެ ރައްޓެހިން. ކުރަނގި ފެނުނީ ރަށް ވަށައި ބަލައިލަން ނުކުމެ އުޅެނިކޮށް

"ހުއްދަ ނަގައިގެން، ބަލި ދޫންޏެއް އެވަރަކުން ބަލަންވެގެން އުޅުނީ ކީއްވެހެއްޔޭ މީހުން އަހާނެ. ބަލާ މީހަކަށް ކުޑަ ކަމެއްގެ ގޮތުގައި ފެނިދާނެ. އެކަމަކު ރަނގަޅަށް ވިސްނާލުމުން އެނގޭ ހުރިހާ ދިރުމެއް ވަނީ ގުޅިލާމެހިފައިކަން. ހުރިހާ ދިރުމަކަށް ރަހުމާއި ކުލުނު ބަހައްޓަން ޖެހެނީ އެހެންވެ،" ދަރުމައަށް ކުރާ އެތައް މަސައްކަތްތަކެއްގައި ބައިވެރިވާ އައްޒާމް ބުންޏެވެ.

ގެމަނަފުށީގެ ތުނޑީކޮޅުގައި ކުރަނގި ބައިދާފައި ނަގާފައިވާ ފޮޓޯއެއް: ދޫނި ގެންގުޅުނީ ވަރަށް މިނިވަން ކަމާ އެކު ކަމަށް އައްޒާމު ބުނި

ކުރަނގި އަކީ ރާއްޖޭގައި ހިމާޔަތް ކޮށްފައިވާ ދޫންޏެކެވެ. އައިން މަތީ އުޅޭ މި ދޫންޏަކީ މަސްވެރިންނަށް މަގު ދައްކައިދޭ އާރުކާޓީއެކެވެ.

ކުރަނގި ޖޯއީ؛ ދޫނި ބަލަހަށްޓަން ނަގައިގެން އެސޮރަށް އައްޒާމް ދިން ނަމަކީ ޖޯއީ

އައްޒާމު ބުނީ ދޫނި ރަަށަށް ގެންގޮސް، އެސޮރަށް ލިބިފައިވާ އަނިޔާތަކާ ބެހޭ ގޮތުން ބ. އަތޮޅު ކޮކޯ ޕާމް ދުނިކޮޅު ރިސޯޓްގެ "އޮލިވް ރިޑްލީ ޕްރޮޖެކްޓް"ގެ ވެޓްރިނޭރިއަން އަކާ ވާހަކަ ދެއްކި ކަމަށެވެ. ނަމަވެސް ރިސޯޓުގައި ހުރި ޑޮކްޓަރާ ހަމައަށް އެހާ އަވަހަށް ދޫނި ގެންދެވެން ނެތުމުން އޭނާގެ އިރުޝާދުގެ ދަށުން ދޫނީގެ ފިޔަގަނޑު ބެންޑޭޖްކުރަން އުޅުނެވެ. އެހެން ނަމަވެސް ދޫންޏަށް އުނދަގޫވާތީ ބެންޑޭޖެއް ނާޅަ އެވެ. އެކަމަކު އެސޮރުގެ ހުރި ހަމަ އެކަނި މައްސަލަ އަކީ އެއީއެއް ނޫނެވެ. ނޭވާ ލާއިރު އުނދަގޫ ގޮތެއް ވެސް ހުރިކަމަށް ވެސް ބުންޏެވެ.

ދޫނި މަރުވި އެންމެ ބޮޑު ސަބަބެއް ކަމަށް ބެލެވެނީ ވެސް އެއީ ކަމަށް އައްޒާމް ބުންޏެވެ. އެކަމަކު ދޫނި ބަލަހައްޓަން އީޕީއޭގެ ފުރިހަމަ އެހީތެރިކަން ލިބުނު ކަމަށާއި ދޫނީ މަރުވީ އެއަށް ބޭނުންވާ ފަރުވާ ރަށުން ލިބެން ނެތުމުން ކަމަށް އޭނާ ބުންޏެވެ.

ދޫނި ބެންޑޭޖް ކުރުމަށް ބާއްވާފައި:

"މަރުވުމުގެ އެއް ދުވަސް ކުރިން ފެށިގެން ކޮއްޓާ ކަހަލަ ގޮތެއް ވެފަ އިންނަނީ."

އައްޒާމު ބުނީ، އެންމެ ފުރަތަމަ ކުރަނގި ގެނެސްގެން ބަލަން ފެށި އިރު އެއްގޮތަށް ވެސް ނުކައި ކަމަށެވެ. އަމުދުން ފެން ނުބޯ ކަމަށެވެ. އެކަމަކު މަރުވި ދުވަހުގެ ކުރީ ދުވަހު ފެން ތައްޓަކަށް މަސް އަޅާފައި ދިނުމުން އަމިއްލަ އަށް ކެއި ކަމަށް ބުންޏެވެ.

ކުރަނގު މަރުވި ދުވަހުގެ ކުރީ ދުވަހު

"ބައެއް ދޫންޏާއި އެހެންވެސް ބައެއް ޖަނަވާރުތައް އެސޮރުމެން މާހައުލު ބަދަލުވީމަ ސުސައިޑަލް ވޭ. ވެދާނެ އެކަހަލަ ސަބަބަކަށް ވެސް ހެން ނުކައި ފެން ނުބޮއެ އުޅުނީ،" ދޫނި މަރުވުމުން ދެރަވެފައި ހުރި އައްޒާމް ބުންޏެވެ.

މި ވަގުތު ރަށުގައި ހުރި އައްޒާމަށް ކުރިއަށް އޮތީ ވެސް ހާއްސަ ދުވަސްތަކެކެވެ. އޭނާ ވަނީ ވެލާ ކަހަނބު ހިމާޔަތްކުރުމުގެ މަސައްކަތުގައި އުޅޭ އޮއިލް ރިޑްލީ ޕްރެޖެކްޓަށް ވެސް ހޮވިފަ އެވެ. ވަރަށް އަވަހަށް އެމީހުންނާ ބައިވެރިވާން ކޮކޯ ޕާމަށް ދާނެ ކަމަށް ވެސް އައްޒާމް ބުންޏެވެ.

ތިމާވެށި ދޫނި

Popular