7 Apr 2021

By: Ifraz Ali

އާދަޔާ ޚިލާފު ގޮތަކަށް ކުދިންތަކެއް ރުކު އަޅާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ވައިގައިހިފުމުން، އެއް ބަޔަކު ހީހީފައި މި ފޮޓޯ ޝެއާކުރަމުން ދިޔައިރު، އަހަރެމެން އެންމެ ޝައުގުވެރިވީ އަސްލު މިއީ ކިހިނެއް ކުރި ކަމެއްތޯ ބެލުމަށެވެ؛ ރުކު އަޅަން މި ތިން ކުދިން ތިބީ، އެއް ކުއްޖަކު އަނެއް ކުއްޖެއްގެ އަތްމަތީގައި ވަރަށް ހަމަޖެހިލައިގެން އިށީނދެ އިނދެގެންނެވެ. ބައެއް ރައްޓެހިން ގާތުގައި ވެސް މި ވާހަކަ ދައްކަމުން އަންނަނިކޮށް، މި ފޮޓޯގެ ވެރިފަރާތް، 20 އަހަރުގެ އަހްމަދު އަމާން ދޫކޮށްލީ ކުރު ވީޑިއޯއެކެވެ. ތަފާތު ގޮތަކަށް، އެ ކުދިން ރުކު އެޅި ގޮތް އެނގުނީ އެހާ ހިސާބުންނެވެ.

އަސްލު މިއީ ފޮޓޯޝޮޕްކޮށްފައިވާ ފޮޓޯއެކެވެ. މަގުސަދަކަށްވީ އެންމެން ހެއްވާލުމެވެ. އަމާން ވަނީ ކުރިން ވެސް މި ކަހަލަ މަޖާ ފޮޓޯތަކެއް ނަގައިފަ އެވެ. އެ ފޮޓޯތަކަށް ވެސް ވަރަށް ބޮޑު ސަމާލުކަމެއް ލިބުނެވެ.

ރުކު އަޅާ ފޮޓޯގެ އަސްލު ފޮޓޯ.-- ފޮޓޯ: އަހްމަދު އަމާން

ރުކު އަޅާ ފޮޓޯގައި މި ފެންނަ ކުދިންނަކީ، އަދި އެހެން ފޮޓޯތަކުން ފެންނަ ކުދިންނަކީ ވެސް އަމާންގެ އާއިލާ ކުދިންތަކެކެވެ. އެއީ ޝާފީ އާއި އަޝްކާން އާއި އަޒާން އަދި އަލާއު އެވެ. އަދި މި ފޮޓޯ ނަގާފައި ވަނީ އެމީހުން އުފަން ރަށް، ފ.ނިލަންދޫގަ އެވެ. އެ ރަށް ޕްރޮމޯޓްކުރުމަކީ ވެސް މި ފޮޓޯތަކުގެ މަގުސަދެކެވެ. އަދި ކޮންމެ ފޮޓޯއެއް ޝެއާކުރަމުން ވެސް ޖަހާފައި ވަނީ "#ވިޒިޓްނިލަންދޫ" އެވެ.

މީގެ އަސްލު ފޮޓޯގައި މި ކުދިން ރުކު އަޅަނީ ދެ ހަރުގަނޑުގެ މައްޗަށް އަރާ ތިބެގެންނެވެ. ފޮޓޯޝޮޕުން އެ ހަރުގަނޑު ފޮހެލީ އެވެ. މި ފޮޓޯ ނެގުމުގެ ކުރިން ޕްލޭނެއް ވެސް ހެދި އެވެ.

ރުކު އަޅާ ފޮޓޯ ނަގަން ހެދި ޕްލޭން.-- ފޮޓޯ: އަހްމަދު އަމާން

"އެ ހަރުގަނޑުތަކުގެ ހިޔަނި ވެސް ފޮހެލިން، އެކަމަކު ވަރަށް ބޮޑަށް ހުންނާނެ ރީއްޗަށް ހިޔަނި ނުފިލުވި ހުރިކަން އެނގެން. ވަރަށް ރަނގަޅަށް ބަލައިފި މީހަކަށް ނޯޓިސް ވާނެ،" މި ފޮޓޯގެ ކަނާތު ކަނުން އޭނާގެ ޓްރައިޕޮޑްގެ ބައެއް ވެސް ފެންނާނެ ކަމަށް ބުންޏެވެ.

ކުރިން ނެގި ފޮޓޯތަކުގެ ތެރެއިން އެއް ފޮޓޯގައި ފެންނަނީ ރަށުގެ އެކި ތަންތަނުގައި ބަނޑުވަތަށް އޮށޯވެއޮވެ ނަގާފައިވާ މަންޒަރެކެވެ. އަދި ދެ ވަނަ އަށް ވައިގައިހިފި ފޮޓޯތަކުން ފެންނަނީ މޮޕެއްގެ މަތީގައި އިށީނދެއިނދެ "އުދުހޭ" ތަނެވެ.

"މިއީ އިންޓަނެޓުން އަހަންނަށް ފެންނަ އެއްޗެހި. ދެން އަމިއްލަ ޓުވިސްޓެއް ވެސް ގެނެސްފައި ހުންނާނީ،" މެލޭޝިއާގައި އާޓިފިޝަލް އިންޓެލިޖެންސް ކިޔަވަމުން އަންނަ އަމަން ބުންޏެވެ. މި ސެމިސްޓާގައި އޮންލައިންކޮށް ކިޔާވާތީ އޭނާ ހުރީ ރަށަށް އައިހެވެ. އަދި ލިބޭ ހުސް ވަގުތުގައި އާއިލާގެ ކުދިންނާ އެކު ރަށުގައި މި ކަހަލަ މަޖާ ކަންކަން ކޮށްލަ އެވެ.

"ދެ ވަނައަށް ނެގި ފޮޓޯ އިންސްޕަޔާވެފައި އޭނީ ހެރީ ޕޮޓާ އިން،" މޮޕެއްގެ މަތީގައި އިށީނދެއިނދެގެން "އުދުހޭ" ފޮޓޯގެ ވާހަކަދައްކަމުން އޭނާ ބުންޏެވެ.

އެންމެ ފުރަތަމަ ނެގި ފޮޓޯއަކީ އިންސްޓަގްރާމަށް "ޖެހި" ޖޯކެކެވެ.

"މީހުން އެކި ތަންތަނަށް ގޮސް ފޮޓޯ ނަގާއިރު، އެ ތަނަކުން ފެންނަ ރީތި މަންޒަރުގެ ފޮޓޯ ނެގުމުގެ ބަދަލުގައި ފޯކަސް ކުރާނީ އަމިއްލަ ފޮޓޯ ނެގުމަށް. އެހެންވެ، މި ފޮޓޯގައި އެ ކުދިން ބަނޑުވަތަށް ބޭއްވީ،" އޭނާ ބުންޏެވެ.

ފޮޓޯޝޮޕްކޮށްފައި ވަނީ އެންމެ ފަހުން ނެގި ފޮޓޯ އެކަންޏެވެ.

"މިސާލަކަށް މޮޕުގެ މަތީގައި އިންނަ ފޮޓޯ ނަގާފައި އެހުރީ އެ ކުދިން ފުއްމާލި ގަޑީގައި. ހައި ޝަޓާ ސްޕީޑްގައި ނެގީމަ އެގޮތަށް ވަރަށް ރީތިކޮށް ހުންނާނެ،" އޭނާ ބުންޏެވެ.

އަހްމަދު އަމާންއާ އެކު ފޮޓޯތަކުން ފެންނަ އޭނާގެ އާއިލާގެ ކުދިން.

މި ފޮޓޯތައް ނަގާފައި ވަނީ ވެސް މެންދުރުގެ އެންމެ އަވިގަދަ ގަޑީގަ އެވެ. އެއީ ހައި ޝަޓާ ސްޕީޑްގައި ފޮޓޯ ނެގުމުން، ފޮޓޯ ވަރަށް އަނދިރިކޮށް ހުންނާނެތީ އެވެ. އަދި ލައިޓެއްގެ ގޮތުގައި އަމާން ބޭނުންކުރީ އިރުގެ އަލި ކަމަށް ވާތީ އެވެ. މި ފޮޓޯތައް ނަގަން މި ކުދިން ވަރަށް ގިނަ ވަގުތު ވެސް ހޭދަކުރި އެވެ. އެންމެ ފަހުން ނެގި ފޮޓޯ އަކީ ތިން ގަޑިއިރުގެ މަސައްކަތެވެ.

ކުޑަކުދިން ފޮޓޯގްރަފީ ފޮޓޯޝޮޕް ފ. ނިލަންދޫ

Popular