15 Jun 2021

އެންމެ ގާތް އެކުވެރިޔަކަށް ޕެޓެއް!

"ގޭގެ ތިރީ ބައިގައި ބެލްކަނީގައި ތާށިވެފައި އިންދާ ބުޅާ ބޭރުކުރަން އުޅެނުކޮށް، އެ ބުޅާ ގެނައީ. ދެން އެ ބަލަން ފެށީ."

"ގޭގެ ތިރީ ބައިގައި ބެލްކަނީގައި ތާށިވެފައި އިންދާ ބުޅާ ބޭރުކުރަން އުޅެނުކޮށް، އެ ބުޅާ ގެނައީ. ދެން އެ ބަލަން ފެށީ."

By: Ahmed Jaishan

ކޮވިޑްގެ ބިރު އެއްކޮށް ފިލައިގެން ނުދާތީ އަދިވެސް މި ތިބީ ގޭގައި ތާށިވެފަ އެވެ. މިވީ ދުވަސްތަކުގައި އެކި މީހުން އާ މަސައްކަތްތައްކޮށް، އާ އެކުވެރިން ވެސް ހޯދި އެވެ. އެއްބަޔަކު އިންދީ ގަހެވެ. ހަމަ އެއާ އެކު ކުރި އަނެއް ކަމަކީ ގެއަށް އާ މެމްބަރެއް އިތުރުކޮށްލުމެވެ. އެއީ އެކި ކަހަލަ އޮޅު ޖަނަވާރު ނުވަތަ ޕެޓްސް ގެންގުޅެން ފެށުމެވެ.

ލޮކްޑައުން ތެރޭ އެކި މީހުން ގެއަށް އާ ޕެޓްސް ގެންނަން ފެށި އެވެ. އޭގެ ތެރޭގައި އެންމެ މަގުބޫލުވި އެކައްޗަކީ ބުޅަލެވެ. ވަރަށް ގިނަ މީހުން އަންނަނީ ބުޅާ އެޑޮޕްޓް ކުރަމުންނެވެ.

އަހަމަދު ސައްފާހު (ސައްފު)، 24، ބުނީ އޭނާ ވަރަށް ކުރިންސުރެ ވެސް ބުޅަލެއް އެޑޮޕްޓް ކުރަން ބޭނުންވި ކަމަށެވެ. އެކަން ނުވެފައި ހުރީ ގެންގުޅޭނެ ތަނެއް ނެތިގެންނެވެ.

ސައްފު އަށް ބުޅަލެއް ލިބުނީ މީގެ މަހެއް ހާ ދުވަސް ކުރީންނެވެ. ނަމަވެސް އޭނާ އަށް ބުޅާ ލިބުނީ ތަފާތު ގޮތަކަށެވެ.

ސައްފު، އޭނާގެ ބުޅާ ނައިކީ އާއެކުގައި

"ގޭގެ ތިރީ ބައިގައި ބެލްކަނީގައި ތާށިވެފައި އިންދާ ބުޅާ ބޭރުކުރަން އުޅެނުކޮށް އެ ބުޅާ ގެނައީ. ދެން އެ ބަލަން ފެށީ،" ސައްފު ބުންޏެވެ.

މިހާރު އަމިއްލަ އަށް ބަލަން އަންނަ މި ބުޅަލުގެ ސަބަބުން އޭނާ ހުންނަނީ ވަރަށް ހިތްހަމަޖެހިފަ އެވެ. އަދި ބުޅާ ބެލުމާއި އެއަށް ބޭނުންވާ ކަންތައް ކޮށްދިނުމަކީ އޭނާ އަށް މުޅިން އާ އެކްސްޕީރިއަންސެކެވެ.

އައިމިނަތު އިބާ، 23، އަށް ވެސް ކަންތައް ދިމާވީ ހަމަ އެ ކަހަލަ ގޮތަކަށެވެ. މިއަހަރުގެ ކުރީ ކޮޅުގައި އޭނާ ފުރަތަމަ ބުޅާ އެޑޮޕްޓް ކުރި އެވެ. އެއަށް ފަހު އިތުރު ބުޅަލެއް ތަންކޮޅެއް ފަހުން ގަންނަން އުޅެނިކޮށް މީގެ ތިން ވަރަކަށް މަސް ކުރިން ވަނީ އިތުރު ބުޅަލެއް ލިބިފަ އެވެ.

އިބާ، އޭނާގެ ބުޅާ ކޮނޑުމަތީގައި ބައިންދާލައިގެން.

"މި ބިލްޑިންގެ ވައިގޮޅީގެ ތެރޭގައި އޮތީ ކުޑަ ބުޅަލެއް ތާށިވެފައި. ދެން އެކި މީހުން ކައިރީ ކިޔައިގެން ރެސްކިއު ކޮށްފައި އޭތި ބަލަން ފެށީ. ދެން ހިތަށް އެރީ ހަމަ އެޑޮޕްޓް ކުރާނީ އޭ،" އޭނާ ބުންޏެވެ.

އިބާ ބުނީ ގޭގައި ބުޅަލެއް ގެންގުޅުމުން ލިބޭ ހިތްހަމަޖެހުން ވަރަށް ބޮޑު ކަމަށެވެ. އަދި އެއީ ހަމަ އާއިލާ މެމްބަރެކޭ އެއްފަދަ ކަމަށެވެ.

.

މި ލޮޮކްޑައުންގެ ތެރޭ ގެތަކަށް ޕެޓްގެ ގޮތުގައި ގެންގޮސްފައި ވަނީ ހަމައެކަނި ބުޅަލެއް ނޫނެވެ. އައިޝަތު އަލީފާ، 21، ފެޓެއްގެ ގޮތުގައި ގެނައީ ކުޑަ މުސަޅެކެވެ.

އަލީފާ މުސަޅެއް ގެނައީ ރަށުގައި ހުރެފައި މި އަހަރު އަލުން މާލެ އައި އިރު އެވެ. އޭނާ އަބަދު ވެސް މުސަޅެއް ގެންގުޅޭ ހިތްވެ އެވެ.

މިހާރު ގޭގައި ގިނަ ވަގުތު އުޅެންޖެހިފައި ވާތީ ބުޅަލެއް އޮތުމުން ވަރަށް ފޫހިފިލާ ކަމަށް ވެސް ބުންޏެވެ. އެއަށް އަޅާލައި ބަލަހައްޓަމުން ކަންތަކާ މާ ބޮޑަށް ވިސްނަން ވަގުތު ނުވާތީ، ހަމަޖެހިލައިގެން ހުރެވޭ ކަމަށް އަލީފާ ބުންޏެވެ.

.

ކޮވިޑާ އެކު ތަފާތު އާ އާދަތައް އުފެދިފައިވާއިރު މިއީ ވެސް އޭގެ ތެރެއިން އާ އާދައަކަށް ވެދާނެ އެވެ.

ޕެޓް

Popular