23 Jul 2021

"ގޭސްލައިޓިން" އެނގެންޖެހޭ: ތިޔައީ ޝިކާރައަކަށް ވެދާނެ!

"ގޭސްލައިޓިން" އެނގެންޖެހޭ: ތިޔައީ ޝިކާރައަކަށް ވެދާނެ!

ގޭސްލައިޓިން އަކީ ވައްތަރެއްގެ ނަފްސާނީ ގޯނާއެކެވެ. އާންމުގޮތެއްގައި ހަޔާތުގެ ބައިވެރިޔާ ނުވަތަ ގާތް ރައްޓެއްސެއް ނުވަތަ އާއިލާ މީހެއްގެ ފަރާތުން ވެސް މި ކަންތަކާ ކުރިމަތިވެދާބެ އެވެ. އެކަން ކުރާ މީހާގެ މައިގަނޑު މަގްސަދަކީ އަނެއް މީހާގެ މައްޗަށް ނުފޫޒުގަދަކޮށްލައި ނުވަތަ އޭނާގެ މައްޗަށް އިމޯޝަނަލް ބާރެއް ފޯރުވައި މެނިޕިއުލޭޓް ކުރުމެވެ. ގޭސްލައިޓިން އަކީ ގިނަ ދުހު މިކަމާއި ކުރިމަތިލަމުންދާ ނަމަ އެންޒައިޓީ އާއި ޑިޕްރެޝަނަށް މަގުފަހި ކުރުވާކަމެކެވެ. އަދި ތިމާ މީހާގެ ސިކުނޑިއަށް އޮތް އަމިއްލަ ބާރު އެހެން މީހެއްގެ މައްޗައް ދޫކޮށްލުމަކީ އެއްގޮތަކަށް ވެސް ކޮށްގެން ނުވާނެ ނުރައްކާތެރިކަމެކެވެ.

އޯވަ ރިއެކްޓް ނުކޮށްބަލަ!

މިއީ ސީރިއަސް ކަމެއްގެ ވާހަކަ ދައްކާލާއިރަށް މީހެއްގެ ފަރާތުން އާންމުކޮށް އިވޭ ޖުމްލައެއް ނަމަ އެއީ ގޯހެކެވެ. ގޭސްލައިޓް ކުރާ މީހާއާ ކަމެއް ހިއްސާކޮށްލާއިރަށް "އޯވާ ރިއެކްޓް" ނުކުރުމަށާއި ކޮންމެ ކަމެއް ތިހާ ބޮޑު ނުކުރުމަށް ބުނާ ނަމަ، އެ ވަގުތު ދިމާވެގެން އެ އުޅޭ ކަމަކީ މާ މުހިންމު ކަމެއް ނޫން ކަމުގެ އިހްސާސް ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ކުރެވޭނެ އެވެ.

ތިހެންނެއް ނޫން ވީ، މިހާރު ތި ވާހަކަ ހަދަނީ

ބޮޑު ކަމެއް ދިމާވެގެން އެ ވެގެން އުޅޭ ގޮތުގެ ވާހަކަ ދައްކާލާއިރު އަސްލު ވީ ގޮތަކީ އެއީ ނޫންކަމަށް ބުނެ ވާހަކަ އިތުރުކޮށްގެން ކިޔަނީ ކަމަށް އެ މީހުން ބުނެ އެވެ. މީ ގޭސްލައިޓިންގެ ވަރަށް އާންމު ކަމަކެވެ. މިގޮތަށް ގިނަ ކަންތައްތަކެއް ވެގެން ދާ ނަމަ ވަކި ހިސާބަކުން އަމިއްލަ މީހާގެ މެމޮރީއާ މެދު ޝައްކުކުރެވެން ފަށައޮ އަމިއްލަ ސިކުނޑިއަށް އޮތް އިތުބާރު ގެއްލެން ފަށަ އެވެ.

އަބަދު މާފަށް އެދެން އުޅެވުން

ގޭސްލައިޓް ކުރާ މީހެއްގެ ކައިރީގައި ވަގުތު ހޭދަވާ ނަމަ ވިސްނާލާށެވެ. ކަމެއް ވިއަސް ނުވިއަސް ގޯސްކޮށް ކަމެއް ކުރެވުނީކަމަށް އަމިއްލަޔަށް އިހުސާސުކުރެވޭ ގޮތަށް އަނެއް މީހާ އުޅޭ ނަމަ އަބަދު މާފަށް އެދިލަ އެދިލަ ހުރެވޭތަން އަންނާނެ އެވެ. ނުވަތަ ކޮންމެ ބަހުސަަކަށް ފަހު ކަމެއް ނުކުރެވި އޮތަސް ކޮންމެ ވާހަކައަކަށް ފަހު އަމިއްލަޔަށް ކުށްވެރިވާކަމަށް ހީވެ މާފަށް އެދެވޭނެ އެވެ.

މަގޭ މައްސަލައެއް

ގޭސްލައިޓް ކުރާ މީހަކާ ރައްޓެހިވެގެން ނުވަތަ އިނދެގެން އުޅެވޭ ނަމަ މިއީ ދިމާވާނެ އެންމެ އުނދަގޫ އެއްކަމެވެ. ހުރިހާ މައްސަލައެއް ނުވަތަ ކަމެެއްގައި ވެސް ގޯސް ހެދިފައި ހުރީ އަމިއްލަޔަށް ކަމަށް ގަބޫލުކުރެވޭ ފަދަ އެއްޗެހި ބުނެއުޅޭނެ އެވެ. އަދި ކަމަކާ މެދު އިދިކޮޅު ހަދަން އުޅޭ ނަމަ "އިޓްސް އޯލް އިން ޔޯ ހެޑް" އޭ ބުނާނެ އެވެ. މިކަހަލަ ކަންތައްތައް ގިނަ ދުވަހަށް ދޫކޮށްލެވޭ ނަމަ ތިމާ މީހާއަށް އެއްވެސް ކަމެއް އެހެން މީހަކަށް ރަނގަޅަކަށް ނުކޮށްދެވެޔޭ ހިތަށް އަރައި އަމިއްލަ ނަފްސު ވަރަށް ބޮޑަށް ދަށްކޮށްލެވެ އެވެ.

ސައިކޮލޮޖީ

Popular