1 Aug 2021

By: Ahmed Jaishan

އެއްޗެހި މިނެކިރުން މިހާރު ފަސޭހަވެފައި ޔަގީންކަން ބޮޑުވިޔަސް ނާއްޓާއި އެފަދަ އެހެން އެއްޗެހި ބޭނުންކޮށްގެން މިނެ އުޅުނު ޒަމާނެއް ވެސް ދިޔަ އެވެ. އެކަމަކު މިހާރު މިއީ ނާދިރު ކަމެކެވެ.

ގއ. ގެމަނަފުށީ ނަފީސާ އާދަމަކީ މިނެކިރުމުގައި އަދިވެސް އިހުގެ ކަންވާރުތައް ގެންގުޅޭ މަދު މީހުންގެ ތެރެއިން މީހެކެވެ. އެކަމަކު އެކަން މާބޮޑަށް ހާއްސަވަނީ އޭނާ މިނަން ގެންގުޅޭ ނާށިގަނޑުތަކަށް އެއް ގަރުނަށް ވުރެ ގިނަ ދުވަސް ވެފައި ވުމެވެ.

ގއ. ގެމަނަފުށީ ބަނޑިޔާގޭ، ނަފީސާ އަދިވެސް މިނެކިރަން އެ ނާށިގަނޑުތައް އާންމުކޮށް ގެންގުޅެ އެވެ. މިހާ ގިނަ ދުވަސް ވެގެން ދިޔައިރު އެ ނާށިތައް އެ ހުރީ ވަރަށް ރީތިކޮށެވެ.

ދާދިފަހުން 69 އަހަރުވި ނަފީސާ ކިޔައިދިން ގޮތުގައި އެންމެ ކުރިން ހަނދާންވާން ފެށިއިރު ވެސް އެ ނާށިގަނޑު ގޭގައި ގެންގުޅެ އެވެ. އެއީ އޭނާގެ ބައްޕަ ފަރާތުގެ މަންމަ ނުވަތަ ނަފީސާމެން ކިޔާގޮތުން ނަމަ މުންނާ، ކައިދާދިޔެ ގެންގުޅުނު ނާށިގަނޑުތަކެކެވެ.

ގަރުނެއް ވެފައިވާ ނާށި

"އެންމެ ކުރިން ވެސް މުންނާ ގެންގުޅުނު އެއްޗެހިތަކެއް މިއީ. މުންނާ މަރުވިތާ ވެސް މިހާރު ވެދާނެ 90 އަށް ވުރެ ގިނަ އަހަރު. މުންނާ ފަރާތުން މި ނާށިގަނޑު އާއިލާއަށް ވާރުތަވީ. އޭގެ ފަހުން އަޅުގަނޑަށް މި ނާށިގަނޑު ލިބުނީ،" ނަފީސާ ކިޔައިދިނެވެ.

ނަފީސާ ބުނި ގޮތުގައި މިނަން ތިން ނާށިގަނޑެއް އޮވެ އެވެ. އެއީ ބައި ލާހި، ލާހި އަދި އެއް ނާޅި އެޅޭ އެއްޗިއްސެވެ. ނަފީސާ ބުނީ މި ނާށިގަނޑުތައް އަދިވެސް ވަރަށް ވަރުގަދަ ކަމަށެވެ.

ގަރުނެއްވީ ނާށިގަނޑު އަދިވެސް ގަދަކޮށް

ފޫޅުމައެއްގެ ގޮތުގައި އުޅެ ރިޓަޔަ ވެފައިވާ ނަފީސާ މިހާރު އިތުރު އެއްވެސް މަސައްކަތެއް ނުކުރެ އެވެ. އެތައް އަހަރެއް ވަންދެއް މަސައްކަތް ކުރުމަށް ފަހު މިހާރު ހަމަނޭވާއެއްލައި، ނަފީސާ ބުނި ގޮތުން ނަމަ މިހާރު ހުރީ ރެސްޓުގަ އެވެ. މިނެކިރަން ގެންގުޅޭ ނާށިގަނޑުގެ އިތުރުން ވެސް ނަފީސާގެ ހަޔާތް ވަރަށް ވަރުގަދަ އެވެ.

"ފަތިސް ނަމާދުކޮށްލައިގެން އާންމުކޮށް ބައިގަޑިއިރަށް މި ހިނގާލަނީ. އެއަށްފަހު ގަޑިއިރަކަށް މޫދަށް އެބަ ދަން. އެގޮތަށް ހަމަ ކޮންމެ ދުވަހަކު މި ދަނީ،" ނަފީސާގެ އާންމު ދިރިއުޅުން އިތުރަށް ކިޔައިދެމުން ބުންޏެވެ.

.

ނަފީސާ ބުނީ މިނަން ގެންގުޅޭ ނާށިގަނޑަކީ މިހާރު މުހިންމު އެއްޗަކަށް ވެފައި ވާތީ އެ ވިއްކާލާކަން ބޭނުން ނުވާ ކަމަށެވެ. އެހެންވެ، ނަފީސާ ބޭނުންވަނީ އެ ނާށިތައް އޭނާގެ ވާރުތަވެރިންނަށް ދޭށެވެ. އަދި އޭނާގެ އުއްމީދަކީ ވެސް ކުރިއަށް އޮތްތަނުގައި ވާރުތަވާ މީހަކު އެ ނާށިތައް ބޭނުންކުރުމަށެވެ.

ގއ. ގެމަނަފުށި ތާރީހް

Popular