12 Sep 2021

ފައިނު އަތިރިމަތީ ފޮތް ކިޔާލަން ލައިބްރަރީއެއް

By: Ahmed Jaishan

ރަށްރަށުގައި ޒުވާނުން ރަށުގެ ތަރައްގީއަށް އެކި މަސައްކަތްތައް ކުރަމުން އަންނައިރު މިއީ އަދި މާ ތަފާތު ކަމެކެވެ. ރ. އަތޮޅު ފައިނުގައި ހެދީ ކުޑަކުދިންނާއި އެކި އުމުރުގެ މީހުން ފޮތް ކިޔުމަށް ލޯބި ޖެއްސުމަށްޓަކައި ލައިބްރަރީއެކެވެ. މިއީ އަތިރިމަތީ ލައިބްރަރީއެކެވެ.

މިއީ ރަށުގެ ގިނަ ޒުވާނުން ހިމެނޭ ޖަމިއްޔާއެއް ކަމަށްވާ ފައިނު އެސޯސިއޭޝަން ފޮ ކޮމިއުނިޓީ އެންޑެވާސް (ފޭސް)ގެ މަސައްކަތެކެވެ.

ފޭސް އަކީ ރަށުގެ ތަރައްގީއަށް މަސައްކަތް ކުރުމަށް 2005 ވަނަ އަހަރު އުފެއްދި ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއިން އަންނަނީ ރަށުގެ ތަރައްގީ އާއި ކުރިއެރުވުމަށް ތަފާތު އެކި ދާއިރާތަކުން މަސައްކަތް ކުރަމުންނެވެ.

View this post on Instagram

A post shared by FACE (@facefainu)

ފޮތް ކިޔުމަށް އަމާޒުކޮށްގެން މަސައްކަތް ކުރުމަށް އެ ޖަމިއްޔާއިން ކުރިން ވެސް ބޭނުންވި އެވެ.

"ފޮތް ކިޔުމަކީ ވަރަށް މުހިއްމު ކަމެއް. އެހެންވެ ފޮތް ކިޔުން ރަށުގައި ޕްރޮމޯޓްކުރުމަށް ލައިބްރަރީއެއް ހެދުމަށް ވިސްނީ،" ފޭސްގެ ރައީސް ހުސެއިން ވަހީދު ކިޔައިދިނެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ކޮމިއުނިޓީ ގްރާންޓްގެ އެހީއާ އެކު ފޭސްގެ ހުވަފެން ހަގީގަތަކަށް ހެދީ އެވެ. މިދިޔަ ފެބްރުއަރީ މަހު އެތަނުގެ މަސައްކަތް ފަށައި މިދިޔަ ހަފުތާގައި ފާހަގަކުރި ލިޔަންކިޔަން ދަތުމުގެ ދުވަހާ ދިމާކޮށް ލައިބްރަރީ ވަނީ ހުޅުވައިފަ އެވެ.

މި ކޮމިއުނިޓީ ލައިބްރަރީ އަށް ފޮތް ހޯދާފައިވަނީ ވެސް ތަފާތު ގޮތަކަށެވެ. ފޮތް ހަދިޔާކުރުމަށް ހާއްސަ ޗެލެންޖެއް ބާއްވައިގެން ލައިބްރަރީއަށް ފޮތް ހޯދުމަށް ކުރި މަސައްކަތުން ރާއްޖޭގެ އެކި ކަންކޮޅުން އެތައް ބަޔަކު ފޮތް ހަދިޔާކުރި އެވެ.

ފޮޓޯ : ހުސެއިން ވަހީދު

"ރާއްޖޭގެ އެކި ސަރަހައްދުން ލައިބްރަރީއަށް ވަރަށް ގިނަ ފޮތްތަކެއް ވަނީ ލިބިފައި. އަދި ބުކްޝޮޕްތަކުން ގުޅާފައި ވެސް ހަދިޔާކުރުމަށް ބޭނުންވާ ވާހަކަ ބުނޭ،" ހުސެއިން ބުންޏެވެ.

މި ލައިބްރަރީއަށް ބޭނުންވާ ފޮތް ހަދިޔާކުރަން އަދިވެސް އެކި މީހުން ޝައުގުވެރިކަން އަންނަނީ ފާޅުކުރަމުންނެވެ.

ފައިނު ކޮމިއުނިޓީ ލައިބްރަރީ ހާއްސަވާ ސަބަބަކީ އެތަނުން ކޮންމެ މީހަކަށް ވެސް ބޭނުންއިރަކު ފޮތް ނަގައިގެން ކިޔާލަން ދެވޭތީ އެކަންޏެއް ނޫނެވެ. ނަމަވެސް ފޮތް ހިފައިގެން ލައިބްރަރީގެ އަތިރީގެ އިންނަ ބައިގައި ހަމަޖެހިލައިގެން ފޮތް ކިޔައިލެވޭތީ އެވެ. ކަނޑުން އަރައިގެން އަންނަ ތާޒާ ވަޔާއި ގަސްތަކުގެ ފިނި ހިޔަލުގައި ފޮތް ކިޔާލުމަކީ ވަރަށް ހިތްގައިމު ކަމެކެވެ.

ފޮޓޯ : ހުސެއިން ވަހީދު

"މިތަނުގައި ހުންނާނެ ކޮމްޕިއުޓާ ސިސްޓަމްތަކެއް ވެސް ބަހައްޓާފައި. އެހެންވެ އެސައިންމެންޓް ކަހަލަ އެއްޗެއް ހަދާލަން ވިޔަސް މިތަނަށް އާދެވޭނެ،" ހުސެއިން ބުންޏެވެ.

މި ލައިބްރަރީ އަކީ ރަށުގެ މީހުންގެ ތެރޭގައި ފޮތް ކިޔުމަށް އިތުރަށް ލޯބި ޖެހޭނެ ތަނަކަށް ވާނެ ކަމަށް ހުސެއިން އާއި ޖަމިއްޔާއިން އުއްމީދުކުރެ އެވެ.

ރ. ފައިނު

Popular