23 Sep 2021

By: Ahmed Jaishan

ސްކޫލުގައި އޮތް އިވެންޓެއްގައި ނަށާލި ގޮތަށް ރަފްހާން ޝަރީފަށް އެކަން ހުއްޓާނުލެވޭ ވަރަށް އެކަމާ ގަޔާވެވުނީ އެވެ. މިއަދު ރަފްހާނަކީ އެކި ސްޓައިލްތަކަށް ނަށައި ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދަމުން އަންނަ ޒުވާނެކެވެ. ނަމަވެސް ރަފްހާނަށް މިހާ ހިސާބަށް އާދެވުނީ އެތައް އުނދަގުލަކާއި ފާޑުކިޔުންތަކަކާ ކުރިމަތިލުމަށްފަހުގަ އެވެ.

ރަފްހާން އެންމެ ކުޑަ އިރު ވެސް ނެށުމަށް ޝައުގުވެރިކަން ހުއްޓެވެ. ނަމަވެސް އެންމެ ފުރަތަމަ ނެށީ އޭނާ ހައިސްކޫލުގައި އުޅުން ދުވަސްވަރުގަ އެވެ. އޭގެ ކުރިން ވެސް އޭނާ ހުރީ ނަށަން ބޭނުންވެ އެކަން ކުރަން ނުކުރިފަ އެވެ.

"ބައެއް މީހުން ބުނީ ސްކޫލުގެ އިވެންޓެއްގައި ނަށަން. ދެން އެތަނުގައި ނެށި ފަހުން އެނގުނީ މިއީ ކަމުދާ ކަމެއްކަން. އެހާ ހިސާބުން މިކަން އިތުރަށް ކުރަން ބޭނުންވީ،" އުމުރުން 24 އަހަރުގެ ރަފްހާން ކިޔައިދިނެވެ.

ފޮޓޯ : މުހައްމަދު އައިމަން

ސްކޫލު ނިންމާލުމަށް ފަހު އޭނާއާ ދިމާވި އެކަކީ އިބްރާހީމް ސާލިމް އިސްމާއިލް (ބަގްޒީ) އެވެ. އަދިވެސް އިތުރު ބަޔަކާ ދިމާވެ އެންމެން ގުޅިގެން އަމިއްލަ ޑާންސް ކްރޫއެއް ފެށި އެވެ. ކޮރިއޮޓިކްސްގެ ނަމުގައި ފަށައި އެ ކްރޫގައި ރަފްހާން ހަރަކާތްތެރިވީ އާ އުއްމީދުތަކަކާއެކުގަ އެވެ.

ވަރަށް ޒުވާން ޓީމެއް ހިމެނޭ ޑާންސް ކްރޫ އަކީ ރާއްޖެއަށް ތަފާތު މަންޒަރެކެވެ. ސަގާފީ ނެށުންތަކާއި ބޮޑުބެރަށް ބޮޑު މަގުބޫލުކަމެއް އޮތް ރާއްޖޭގައި މި ކުޑަ ޓީމުން ނުކުތީ ހިޕްހޮޕް އަދި ބްރޭކް ޑާންސް ފަދަ ސްޓައިލްތަކުގެ ނެށުމާއެކުގަ އެވެ. ގިނަ ދުވަސްތަކެއް ގިނަ ބައެއްގެ މެދުގައި ކްރޫ މަގުބޫލުކަމެއް ހޯދި އެވެ.

ނަމަވެސް ކޮރިއޮޓިކްސް އަކީ ރަފްހާންގެ ނެށުމުގެ ތަރައްގީއަށް އެޅުނު ހަމައެކަނި ބޮޅެއް ނޫނެވެ. އެކި ސަބަބުތަކާ ގުޅިގެން ކޮރިއޮޓިކްސް ރޫޅާލަން ޖެހުމުން ރަފްހާން ނެށުން މެދުކަނޑާލި އެވެ. އެކަމަކު އިތުރު އެހެން ކްރޫއެއްގައި މަސައްކަތް ކުރަން ފެށުމާ އެކު އާ ފުރުސަތުތަކެއް ލިބިގެން ދިޔަ އެވެ.

"އެކި ސަބަބުތަކާ ގުޅިގެން މި ކްރޫ ވެސް ރޫޅާލަން ޖެހުނު. ދެން އަނެއްކާ ނެށުން ހުއްޓާލިއިރު ވަރަށް ދެރަވި،" ރަފްހާން ކިޔައިދިނެވެ.

ރަފްހާން އާއި އޭނާ މިހާރު ހިމެނޭ ބީޓްޒް ކްރޫ މެމްބަރުން އެކީގައި --- ފޮޓޯ : މުހައްމަދު އައިމަން

އެކި އަހަރުތަކެއް ވަންދެއް ހުއްޓާލައި އަދި ފަށައި ކުރިއަށް ދިޔަ ނެށުމުގެ އާދައަށް އެންމެ ފަހުން ބަދަލު އައީ މިހާރު ރަފްހާން ހިމެނޭ ޑާންސް ކްރޫއާ އެކުގަ އެވެ. ބީޓްޒް ކްރޫއާ އެކު ރަފްހާން އެންމެފަހުން ނަށަން ފެށީ އާ ހިތްވަރަކާ އެކުގަ އެވެ. މި ހުރިހާ ދަތުރެއްގައި ވެސް ރަފްހާނާ އެކު ހުރި އެއް އެކުވެރިޔަކީ ބަގްޒީ އެވެ. މި ޑާންސް ކްރޫގައި ވެސް ބަގްޒީ ހިމެނެ އެވެ. ބަގްޒީގެ އިތުރުން ދެން ބީޓްޒް ކްރޫގައި ހިމެނެނީ މައުޒަމް ރިޔާޒްގެ އިތުރުން އެހެން ނެށުންތެރިޔެކެވެ.

ބީޓްޒް ކްރޫ އުފެދުނު ފަހުން އެ ގްރޫޕަށާއި ރަފްހާން އަށް އަންނަނީ ބޮޑު ސަމާލުކަމެއް ލިބެމުންނެވެ. އެގޮތުން ދިރާގުގެ ޓީވީ އެޑަކުންނާއި މިއުޒިކް ވީޑިއޯއަކުން ވެސް ވާނީ މިހާރު ރަފްހާން ފެނިފަ އެވެ.

ރަފްހާން ފެނިގެންދާ މިއުޒިކް ވީޑިއޯއެއް

އެއާ އެކު ކްރޫގެ މަސައްކަތް ކުރަނީ އެއްވެސް މެދުކެނޑުމެއް ނެތި ޓްރެއިން ވެސް ކުރަމުންނެވެ. ނަމަވެސް އާ ހިތްވަރުގައި ވަރުގަދަ އަޒުމެއްގައި މަސައްކަތްކުރުމަށް އެކި ދަތިތަކާ ރަފްހާން އާއި އޭނާގެ ޓީމަށް ކުރިމަތި ވެ އެވެ.

ކުރިއެރުމަށް ފުރުސަތު އެބައޮތް؟

ރަފްހާނާއި އޭނާގެ ޓީމުން މިހާރު ބުރަކޮށް މަސައްކަތް ކުރަމުން އަންނަނީ އެ މީހުންގެ ހުނަރުތައް އިތުރަށް ފުޅާ ކުރުމަށެވެ. ހަމައެކަނި ފްރީސްޓައިލް އައި ލޮކް ޕޮޕް އަދި ހިޕްހޮޕްގެ އިތުރުން އާ ފޯމްތައް ދަސްކުރުމަށް ކްރޫއިން ގިނަ މަސައްކަތް ކުރަމުން އެބަދެ އެވެ.

"ކޮންޓެމްޕޮރަރީ އާއި ބެލޭ ފަދަ ސްޓައިލްތައް ކޮންމެވެސް ވަރަކަށް ދަސްކުރަން އެބަ. ތަފާތު ހުރިހާ ފޯމުތަކެއް ދަސްކޮށް ފުލް ސައިކަލް އެއް ހެދުމަށް މި މަސައްކަތް ކުރަނީ،"

View this post on Instagram

A post shared by Rafhan Shareef (@rafhan.s)

ތަފާތު އެކި ކަހަލަ ފޯމުތަކެއް ދަސްކުރަމުން އައި ނަމަވެސް އެ ހުރިހާ މަސައްކަތެއް ކުރަނީ އެކި ކަހަލަ އުނދަގުލާއެކުގަ އެވެ. އެއިން އެންމެ ފުރަތަމަ ކަމަކީ ޓްރެއިން ކުރުމަށް ފަސޭހަ ގޮތެއް ނެތުމެވެ. ނެށުމަށް ޕްރެކްޓިސް ކުރަން ބޭނުންވި ނަމަވެސް ރަނގަޅަށް ޓްރެއިން ކުރެވޭނެ ތަނެއް ނެތެވެ.

"ކޮވިޑްގެ ކުރިން ސޯޝަލް ސެންޓަރުގައި ޕްރެކްޓިސް ކުރަން ތަނެއް ހުރި. އޭރު ވެސް ޕްރެކްޓިސް ކުރަން ލިބެނީ ކުޑަ ވަގުތު ކޮޅެއް،" އޭނާ ބުންޏެވެ.

މިހާރު ވެސް ޕްރެކްޓިސް ކުރުމަށް އެކި ކަހަލަ ދަތިތައް ކުރިމަތި ވެ އެވެ. ކްރޫގެ މެމްބަރެއްގެ ފަރާތުން ޖިމެއްގައި ޕްރެކްޓިސް ކުރަން ފުރުސަތު ލިބޭތީ މިހާރު ގަވާއިދުން ޕްރެކްޓިސް ކުރެ އެވެ.

ފޮޓޯ : މުހައްމަދު އައިމަން

ނެށުންތެރިޔެއްގެ ހައިސިއްޔަތުން ރަފްހާން އަށް ދިމާވާ އުނދަގުލަކީ ހަމައެކަނި ޓްރެއިންކުރަން ތަނެއް ލިބުމުގެ ދަތިކަމެއް ނޫނެވެ. އާންމުންގެ ވިސްނުމާ ގުޅިގެން ވެސް ތަފާތު އެކި ފިއްތުންތަކާ ދިމާވެ އެވެ.

ނެށުމާ ގުޅޭގޮތުން ބައެއް މީހުން ދެކޭ ވިސްނުމާ ގުޅިގެން ވެސް އެކި ކަހަލަ އުނދަގޫތަކާ ކުރިމަތި ވެ އެވެ. ގިނަ ފަހަރަށް ދިވެހި ނެށުން ތެރިން ފެނުމުން އެމީހުންގެ އަގު ވަޒަން ކުރުމުގެ ބަދަލުގައި ފާޑު ކިޔައި ގޯސް ކުރުވާ ނަޒަރުން ވާހަކަތައް ރައްދުވުމަކީ ރަފްހާން އަށް އާ ކަމެއް ނޫނެވެ.

"ބައެއް މީހުން ދިވެހި ފަންނާނުންނާ ބޭރުގެ މަގުބޫލު އާޓީސްޓުންނާ އަޅާ ކިޔާނެ. އެކަމަކު މި އާޓިސްޓުންނަކީ އެކަމަށް ހުސްވެ އެތައް ގަޑިއިރަށް ޓްރެއިން ކުރާ ބައެއް. އަހަރެމެންނަކަށް އެގޮތަކަށް ޓްރެއިން ކުރެވޭކަށް ނޯވޭ. އާއިލާ އާއި އެކި ކަހަލަ ޒިންމާތަކަށް ފަހު ލިބޭ ވަގުތަކުން ޓްރެއިން ކުރެވޭނީ،" ރަފްހާންގެ އުދާސްތައް ހިއްސާ ކުރި އެވެ.

View this post on Instagram

A post shared by 𝘽𝙀𝘼𝙏𝙕 𝘾𝙍𝙀𝙒 (@beatzcrew)

އެ ހުރިހާ ކަމަކަށް ފަހުގައި ވެސް ނެށުމަކީ ރަފްހާން އެންމެ ކުރަން ބޭނުންވާ ކަމެވެ. އެކަމުން ލިބޭ ހިތްހަމަ ޖެހުން ވެސް ރަފްހާން އަށް ވަރަށް ބޮޑެވެ. ނެށުމުގެ ތެރެއިން ރަފްހާން އާ ދިމާވި ތަފާތު އެކި މީހުންނަކީ އެންމެ ސަޕޯޓިވް މީހުން ކަމަށް އޭނާ ބުންޏެވެ.

"ނެށުމަކީ އެންމެ ކުރިން ވެސް އަދި ކުރިއަށް އޮތްތަނުގައި ވެސް ވަރަށް ފްރީއިން އެކްސްޕީރިއެންސެއް. މިއުޒިކާއެކު ހަށިގަނޑު މޫވްކޮށް ނަށާލުމަކީ ވަރަށް ބޮޑު އުފަލެއް ލިބޭ ކަމެއް،" ރަފްހާން ކިޔައިދިނެވެ.

Popular