6 Oct 2021

ފިރިހެނުންނަށް ކޯޑުރޯއި ފަޓުލޫނު ސަޅިވާނެ

By: Ahmed Jaishan

ރިޕްޑް ޖީންސްގެ ޒަމާން މިހާރު ގޮސް ތަފާތު އެކި ވައްތަރުގެ ފަޓުލޫނުތަކާއި ޖީންސް ލައިގެން އުޅޭ ޒުވާނުން ވަނީ އިތުރު ވާން ފަށައިފަ އެވެ. އޭގެތެރެއިން ވެސް މިހާރު ގިނައިން ބޭނުންކުރަމުން އަންނަނީ ކުރީގެ ސްޓައިލްތަކެވެ. އެއިން އެއް ޓްރެންޑަކީ ކޯޑުރޯއި ފަޓުލޫނެވެ. މިއީ މިހާރު ޒުވާނުންގެ މެދުގައި މަގުބޫލުވަމުން އަންނަ ވައްތަރެއްގެ ފަޓުލޫނެކެވެ.

ކޯޑުރޯއި ފަޓުލޫނޭ ކިޔައި އުޅެނީ އާންމުކޮށް، ހިމަހިމަ ޓެކްސްޗާ ރޮނގުތައް ހުންނަ މަހުމާ ވައްތަރު މެޓީރިއަލް ފަޓުލޫނުތަކަށެވެ.

.

ކޯޑުރޯއިގެ ޓްރެންޑަކީ އެކި ފަހަރު އާންމުވެ މަގުބޫލުކަން ކެނޑި އަނެއްކާ އަލުން މަގުބޫލުކަން ހޯދާފައިވާ އެއްޗެކެވެ. ނަމަވެސް ކޯޑުރޮއި އެންމެ ފުރަތަމަ މަގުބޫލުކަން ހޯދާފައިވަނީ 70ގެ އަހަރުތަކުގެ ތެރޭގަ އެވެ. އެންމެ ފުރަތަމަ ކޯޑުރޮއި ވައިގައި ހިފީ ފަޓުލޫނުގެ ގޮތުގައެއް ނޫނެވެ. އެކަމަކު އެއިރު މި ޑިޒައިން ވައިގައި ހިފީ ސޫޓުތަކާއެކުގަ އެވެ.

އަދި މާ ގިނަ ދުވަސްތަކެއް ނުވެ ކޯޑުރޯއި ޑިޒައިންގެ ފަޓުލޫނުތައް މަގުބޫލުވާން ފަށައިފި އެވެ. އެއަށްފަހު 80 އާއި 90ގެ އަހަރުތަކުގެ ތެރޭގައި ފިރިހެނުންގެ މެދުގައި ކޯޑުރޯއި ފަޓުލޫނުގެ މަގުބޫލުކަން އިތުރުވެފައިވެ އެވެ.

.

އާދައިގެ ފަޓުލޫނުގެ ގޮތުގައި މަގުބޫލުކަން ހޯދި ކޯޑުރޯއި ފަޓުލޫނުތަކުގެ އެކި ވޭރިއޭޝަން މިހާރު އެބައުޅެ އެވެ. އޭގެތެރެއިން އެންމެ މަގުބޫލު ވެފައިވަނީ ކުރިމަތިން ރޫޖައްސާފައި ހުންނަ ކޯޑުރޯއި ފަޓުލޫނުތަކެވެ.

މިހާރު ޒުވާން ފިރިހެނުންގެ ތެރޭގައި މިފަދަ ފަޓުލޫނުތައް އަންނަނީ މަގުބޫލުކަން ހޯދަމުންނެވެ. މިއީ ލައިގެން އުޅެން ފަސޭހަ އެއްޗަކަށް ވުމުން ކޮންމެ ކަހަލަ ހާލަތެއްގައި ވެސް މިކަހަލަ ފަޓުލޫނުލެވޭނެ އެވެ.

ކޯޑުރޯއި ފަޓުލޫނާއެކު ރަސްމީ ލުކެއް

ސްޓައިލްތައް ޓެސްޓުކޮށްލަން ބޭނުންވާ މީހުންނަށް ކޯޑުރޯއި ފަޓުލޫނަކީ ފަސޭހަ ވާނެ އެއްޗެކެވެ. އެއީ އެންމެ ރަސްމީ ހާލަތުން ފެށިގެން އެންމެ ކެޝުއަލް ކޮށް ސްޓައިލް ކޮށްލާއިރު ވެސް ކޯޑުރޮއި ފަޓުލޫނު ބޭނުންކުރެވޭނެތީ އެވެ.

ޓީޝާޓު ލާން ބޭނުންވާ މީހުންނަށް ތަންކޮޅެއް ބޮޑު ނުވަތަ އޯވާސައިޒްގެ ޓީޝާޓާ އެކު ފަޓުލޫނު ލާފައި ކުރިމަތިން ބެގީކޮށްލުމުން ޓްރެންޑީ ލުކެއް ހެދޭނެ އެވެ. އަދި އާދައިގެ ސްނީކާ އަކަށް އެރުމުން މުޅި ލުކް ފުރިހަމަ ކޮށްލެވޭނެ އެވެ. ރަސްމީކޮށް ލާނަމަ ހަމަ ގަމީހަކާއެކު ބެގީކޮށް މިފަދަ ފަޓުލޫނު ލެވޭނެ އެވެ. އެކަމަކު މިފަދަ ފަޓުލޫނު ރަސްމީކޮށް ލާއިރު މާ ދިގު ނުވާނެ ގޮތަށް ބެހެއްޓުން މުހިއްމެވެ. ލައިގެން ބޫޓު އެއްކޮށް ފެންނަ ވަރަށް ފަޓުލޫނު ބަހައްޓައިފި ނަމަ މިފަދަ ފަޓުލޫނު ރަސްމީކޮށް ލާއިރު ރީތި ވާނެ އެވެ.

ފެޝަން

Popular