21 Dec 2017

ޑިންބާގެ ރީތި "ގޮއްޔެ"

ދިވެހިވަންތަ އާ އަޑުތަކާއި ލަވަތަކަކާ އެކު ޑިންބާ މިއުޒިކުން މި މަހުގެ 15 ގައި އާ އަލްބަމެއް ނެރެފި އެވެ.

"ގޮއްޔެ"ގެ ނަމުގައި ނެރެފައިވާ 11 ލަވައިގެ މި އަލްބަމަކީ، ޑިންބާގެ ސްޓައުލްގެ ލަވަތަކެކެވެ. އެހެން ނަމަވެސ،ް ތަފާތަކީ، މި އަލްބަމްގެ ލަވަތަކުން މީގެ އެތަކެއް އަހަރެއް ކުރިން ދިވެހިން މުއާމަލާތްކޮށް އުޅުނު ގޮތްތައް ހަނދާނަށް އައުމެވެ. ރީތި އެކި ކަހަލަ ވާހަކަތަކާއި އިހްސާސްތައް ކިޔައިދީގެން އަހުމަދު އިޝާން ހަދާފައިވާ ވަރަށް ފުރިހަމަ ޅެންތަކެއް މި އަލްބަމްގައި އެބަ ހުއްޓެވެ. އަލްބަމްގެ މައި ލަވަ 'ގޮއްޔެ' އަކީ ފޯކް މިއުޒިކް ސްޓައިލަކަށް ނުވަތަ ބަންޖެއްގެ ސިފައިގައި ޔާމީން ރަޝީދު ކިޔާފައިވާ ލަވައެކެވެ.

މީގެ ކުރިން ޑިންބާ މިއުޒިކްގެ އަލްބަމަކަށް ލަވަ ކިޔާފައި ނުވާ ނިޝް، ޝަލަބީ، އަދި ބަތޫލްގެ އަޑު ވެސް މި އަލްބަމްގައި ހިމެނެ އެވެ. އަލްބަމްގައި ޝަލަބީގެ އަޑު އިވިގެންދިޔައީ މީގެ ކުރިން ޝަލަބީގެ ލަވަތައް އިވިފައިވާ ސްޓައިލާ މުޅިން ތަފާތުކޮށް ޑިންބާ ސްޓައިލަށެވެ. އަލްބަމަށް ހަދިޔާ ކޮށްފައިވާ ދެ ލަވަ ކަމަށްވާ 'އުމުރަށް' އަދި 'މެންދަން' ކިޔާފައި ވަނީ 'ރަކިސްބޮނޑަށް' ލަވަކިޔާދީފައިވާ މައްކޮ އާއި ކުރީގެ މަޝްހޫރު ކޮޕްސް ބޭންޑުގެ ޝުއައިބެވެ. އައްފާން، ހައިޝަމް، އަދި ޒާރާ ކިއާފާވާ ލަވަތަކަކީ މީގެ ފަސް އަހަރު ކުރިން ޑިންބާ މިއުޒިކުން ހަދާފައިވާ ލަވަތަކެކެވެ.

މި އަލްބަމްގެ ކަވަރުގައިވާ ގޮއްޔެގެ ރީތި ކުރެހުން ކުރަހައިދީފައި ވަނީ ކުރިއަރަމުން އަންނަ އާޓިސްޓެއް ކަމަށްވާ ނައުޝާދެވެ. އާންމުކޮށް ލިބާސް ލައިގެން ތިބޭ ދިވެހިވަންތަ އަންހެނުންގެ ކުރެހުން ފެންނައިރު މި އަލްބަމް ކަވަރުގައިވާ ގޮއްޔެ ލައިގެން ހުރީ ނަލަ ދިވެހި ދިގު ހެދުމެވެ.

Popular