6 Mar 2018

ދަމާގާޑިޔަލުގައި ބޮޑުކުރި އިޝާންޓޭގެ ޑިންބާ ފެމިލީ

ހައިޝަމް އާއި މޯލްޑިވިއަން އައިޑޮލްގެ މިހާރުގެ ޖަޖެއް ކަމަށްވާ މަޝްހޫރު ލަވަކިޔުންތެރިޔާ އިސްމާއިލް އައްފާން ވެސް ގިނަ ބަޔަކަށް އެނގިގެން ދިޔައީ ޑިންބާ މިއުޒިކުން

By: Ahmed Nadym

ދިވެހި މިއުޒިކްގެ ލެޖެންޑުން ކަމުގައިވީ ޖޭމު ދޮންކަމަނަ އާއި ނައިފަރު ދޮހޮއްކޮ ޖޭމުގަސްދޮށުގޭގައި ކޮށްޓާފޮށިން މިއުޒިކް ކުޅެ ފެލިފެލިފައި ގަޔަށް ވަރުއަރުވަމުން ލަވަކިޔައި ފޯރިއަރުވަމުން ދިޔައިރު ނިކަން ކުޑަ ކުއްޖެއްގެ ގޮތުގައި އަހުމަދު އިޝާން (އިޝާންޓޭ) އެ ހުރިހާ މަންޒަރެއް ވަރަށް ގާތުން ބަލަން ހުއްޓެވެ. އެ މީހުންގެ އެ ފޯރީގައި ބައިވެރިވެ ކޮށްޓާފޮށީގެ ނަރުތަކެއްގައި ކުޅެލުމުގެ ޝައުގުވެރިކަން އުތުރިއަރައިގެން ބަންޑުން ވަމުން ދިޔަ ނަމަވެސް އޭނާގެ މާމަ، ޖޭމުދޮންކަމަނައާ ހެދި އިޝާންޓޭއަކަށް އަސްލު އެ ފުރުސަތެއް ނުލިބުނެވެ. އިޝާނު މިއުޒިކް ކުޅޭނެ ކަމެއް ނެތޭ، ކަލޭ ކިޔަވަހަށޭ ކިޔާފައި ކޮށްޓާފޮށި ހިފައިގެން ޖޭމުދޮންކަމަނަ ދިޔައީ އެވެ.

އެކަމަކު މިއުޒިކާއި ލަވައަކަށް އިޝާންޓޭ އަކަށް ނުފިލުނެވެ. އެނބުރުނު ކޮން ދިމާލަކުން ގައިގައި އައިސް ބައްދައިގަތީ މިއުޒިކާއި ލަވައިގެ ވަކިތަކެވެ. ހެނދުނު ހޭލާ އިރަށް ރޭޑިއޯ އިން އިއްވައިދިނީ ބޮޑުބެރުގެ ފޯރި އެވެ. ފޮތްބޮނޑި ހިފައިގެން ސްކޫލަށް ދިއުމުން ކޮންމެ ދުވަހަކު އެސެމްބްލީގެ ފެވަރިޓް ލަވަކިޔުންތެރިޔަކަށް ވެސްވީ އިޝާންޓޭ އެވެ. ކިޔަވަން ކްލާހަށް ވަދެ އިށީނުމުން އެހެން ހުރިހާ މާއްދާއަކަށްވުރެ ބޮޑަށް އޭނާގެ ޝައުގުވެރިކަން ގެނބިގެން ދިޔައީ އެހެން ހުރިހާ ފޮތަކަށްވުރެން ނަލަކޮށްގެން އޭނާ ގެންގުޅުނު މިއުޒިކް ފޮތުގެ ތެރެއަށެވެ.

ކުޑަކުޑަ އިޝާންޓޭއެއްގެ މި ޝައުގުވެރިވަނިވި މިޒާޖާއި އަމަލުތައް ފެނިގެން، މަޖީދިއްޔާގައި އެ ދުވަސްވަރު ސިންގިން މިސްއަކަށް އުޅުނު މިސިސް އަމަރްސޭނާ ބުނީ ކީކޭކަން އެނގޭ ހެއްޔެވެ؟ ޝޯއެއް ނިންމާލާފައި ސްކޫލްގެ ސްޓޭޖުން ފޭބި ދުވަހެއްގައި އިޝާންޓޭއާ ދިމާލަށް އޭނާ ބުނީ "ކަލޭ ކުޅޭނީ މިއުޒިކޭ، ކަލޭ ވާނީ ކަލޭގެ މާމަ ގޮތަށް މިއުޒިކް ކުޅޭ މޮޅު މިއުޒީޝަނަކަށޭ" މިހެންނެވެ.

މިސިސް އަމަރްސޭނާގެ އެ ވާހަކަތައް މިއަދު މި ވަނީ ހަގީގަތަކަށް ވެފަ އެވެ. ދިވެހިންގެ މިއުޒިކްގެ ޅަފަތުގެ ދައުރަށް އިންގިލާބެއްގެ ގެނެސްދިން އާޓިސްޓެއްގެ ގޮތުގައި އިޝާންޓޭގެ މާމަ ޖޭމު ދޮންކަމަނަގެ ހަނދާންތައް އަހަރެމެން އާކުރާ ނަމަ އިޝާންޓޭ އަކީ ދިވެހި ޒަމާނީ މިއުޒިކަށް އިންގިލާބެއް ގެނެސްފައިވާ އާޓިސްޓެކެވެ. އޭނާގެ ދިވެހި ލަވައިގެ މި އިންގިލާބަށް ކިޔަނީ "ޑިންބާ މިއުޒިކޭ" އެވެ.

ހުރިހާ ރަހައެއް އެއްކޮށް، ހުރިހާ ރޫލްއެއް ބްރޭކްކޮށް، ހުރިހާ އެންމެންގެ ހިތްތަކަށް ވެރިވެގަނެފައިވާ ޑިންބާ މިއުޒިކް އުފެދިގެން އައިގޮތް ކިޔައިދޭން އެދުމުން އިޝާންޓޭ ފަށައިގަތީ އޭނާގެ އެންމެ އެކުވެރި މިއުޒީޝަން އީސަގެ ހަނދާންތަކުންނެވެ. އިޝާންޓޭ ބުނީ "ބިންޑާ" އަކީ އޭނާ އީސަ ކަހަލަ މިއުޒީޝަނަކާ އެކު އެންމެ ފުރަތަމަ ކުރަން ބޭނުންވި ކަމެކެވެ.

"މަ އަބަދުވެސް މަޑުކުރަނީ އީސަ އެނބުރި އަންނާނެ ދުވަހަކަށް މިއުޒިކްގެ ތެރެއަށް. އެހެން ހުރިހާ އާޓިސްޓުންނަށް ވުރެން ވެސް އޭނާ އަށް ކުރެވޭ އިތުބާރު ބޮޑުވެފައި އޭނާއާ އެކު ކުރެވޭ މަސައްކަތްތައް ވެސް މާ ސަޅީ. މާ ފަސޭހައީ އޭނައާ އެކު މަސައްކަތްކުރަން ވެސް،" އިޝާންޓޭ ބުންޏެވެ.

އީސަ އަކީ އިޝާންޓޭގެ ޗައިލްޑްހުޑް ބަޑީ އެވެ. ހިސާބުގަނޑުގައި މިއުޒިކް ކުޅެން އުޅެމުން ދެ މީހުން އެކުގައި އުފެއްދި ބޭންޑް ސީޗައިލްޑް އަކީ މިއަދާ ހަމަ އަށް ވެސް ފަނޑުވުމެއް ނެތް ހިތްގައިމު މިއުޒިކާއި ލަވަތަކެއް ގެނެސްދިން ހިތާއިހިތުގެ ވަރުގަދަ ގުޅުމެކެވެ. ނަމަވެސް މަސްތުގެ ބޯވިލާގަނޑަކުން އީސަ ގެއްލިގެން ދިއުމުން އިޝާންޓޭ އަށް މަޖުބޫރުވީ އީސަ އެގޮތުގައި ދޫކޮށްލުމަށް ފަހު "ޑިންބާ" ގެ ހުވަފެނާއިގެން ކުރިއަށް ދާށެވެ.

"އީސަ ޖަލަށް ދިޔައީމަ ދެ މީހުންނަށް އެކުގައި މިއުޒިކް ނުކުޅެވި ދުވަސްތައް ވެގެންދިޔައީ. އެގޮތަށް 15 އަހަރު މަޑުކުރިން އީސަ އެނބުރި އާދޭތޯ، އެގޮތަށް އެންމެ ފަހުން އޭނަ އައިސްގެން އޭނައާ އެކު ވެސް ފެށިގެން. އެކަމަކު ދެން ވެސް ގެއްލުނީ،" އިޝާންޓޭ ބުންޏެވެ.

އީސަ އަށް ފަހު ދެން އެކުގައި އުޅުނު އެންމެ ގާތް އެހެން އެކުވެރިންނާއި މިއުޒީޝަނުންނާ އެކު އިޝާންޓޭގެ "ޑިންބާ" ފިރުކޭން ފެށީ ރާއްޖެ އަށް ޑިމޮކްރަސީ ވެސް ފިރުކޭން ފެށި 2005ގެ ސިޔާސީ ކުލަވިލާގަނޑުގެ ތެރެއިންނެވެ.

"އެންމެ ފުރަތަމަ އަހަރެމެން މިގޮތަށް ތަފާތު މިއުޒިކް ކުޅެން ފެށީ އެކްޓިވިސްޓް އެއްވުންތަކުގައި. އެއްގޮތަކަށް ވެސް ސިޔާސީ ކަމަކަށް ކޮންމެހެން ތާއީދުކުރާކަށް ނޫން. އެކަމަކު އޭގެ ތެރޭގައި އުޅެގެން ވެސް އަސްލު ބޭނުންވީ މިއުޒިކް ކުޅެ މިއުޒިކް ކުރިއަރުވަން. އަހަރެން މިއީ ކަވާ ލަވަކުޅެން ބޭނުންވާ މީހެއް ވެސް ނޫން. އަހަރެން ބޭނުންވީ އަމިއްލަ ތަފާތު މިއުޒިކެއް އުފައްދަން،" އިޝާންޓޭ ބުންޏެވެ.

ޑިންބާ، ދިވެހި ހުރިހައި ލަވަކިޔުންތެރިންނާއި ހުނަރުވެރި މިއުޒީޝަނުންނާ އެކު "ޑިންބާ ފެމިލީ" އަށް ބަދަލުވުމުގެ ކުރިން އެންމެ ފުރަތަމަ އުފެއްދި އޮރިޖިނަލް އެއް ލަވަ އަކީ ޒުވާނުންގެ މެދުގައި ފަހުން ބޮޑު މަގްބޫލުކަމެއް ހޯދި "އޯކިޑް އޭނާގެ މާ" އެވެ. މި ލަވަ ފަހުން ބޮޑަށް މަޝްހޫރުވެގެން ދިޔައީ ހައިޝަމްގެ އަޑާ އެކުގަ އެވެ.

ޑިންބާ މިއުޒިކްގެ ފެށުމަކަށްވީ ހިސާބަކީ އެއީ އެވެ.

"ރައްޓެހިންގެ ތެރޭގައި އުޅޭއިރު އަހަރެމެން ކިޔާ އެއްޗެއް އެއީ ޑިންވުން. މާ ބޮޑަށް މީހަކު ކަމެއްގައި އޯވާވާ ނަމަ އެ މީހަކާ ދިމާކޮށްލަން ކިޔައި އުޅެނީ ކަލޭ ދެން މާ ބޮޑަށް ޑިންނުވާށޭ. އެގޮތަށް އުޅެނިކޮށް އެންމެ ފަހުން އެބަހުން ޑިންބާ އުފެދުނީ. އެ ބަސް ކުއްލިއަކަށް ސަޅިވެގެން، ވަރަށް މަޖާ ނަމެއް އަދި އެންޖޯއިކުރެވޭ އެއްޗެއްގެ ގޮތުގައި ޑިންބާ ބޭނުންކުރަން ފެށީ،" ތަފާތު ލަވަ އާއި ލިރިކްސް އާއި މިއުޒިކަށް ޑިންބާގެ ތަފާތު ނަން ދެވުނު ގޮތް ސާފުކޮށްލަދެމުން އިޝާންޓޭ ބުންޏެވެ.

ލަވަކިޔާ ހިތެއް ނުވޭ، އެކަމަކު ލަވައިގެ ޖީލެއް ބިނާކުރަނީ

މާމަގެ ރަން ޒަމާނުގައި ވެސް އިޝާންޓޭގެ އެންމެ ބޮޑު ޝައުގުވެރިކަމެއް ދަމައިގެން ދިޔައީ މިއުޒިކަށެވެ. ލަވަކިޔުމަށްވުރެން ބޮޑަށް އޭނާ ބޭނުންވީ ތަފާތު އެކި ކަހަލަ އަޑުތައް އެއްކޮށް އަމިއްލަ އަށް އަޖާއިބުވާވަރުގެ އެހެން އަޑުތަކާއި މިއުޒިކު އުފެއްދުމަށެވެ. އޭނާ އިސްކޮށް ހުރެގެން ޑިންބާގެ ބިންގާ ވެސް އެޅީ ހަމަ އެ މަގުސަދުގަ އެވެ.

"ލަވަކިޔާނެ މީހަކު ނެތިގެން އަހަރެން ހުންނާނެ ލަވަ ވެސް ކިޔާފައި ފުރަތަމަ އަލްބަމްތަކަށް. އެކަމަކު މަ އެހާ ލަވަ ކިޔާ ހިތެއް ނުވޭ. އެކަމަކު މަށަށް ވަރަށް ރީތި މަށަށް ވުރެ ރީތި އަޑުތައް، މަށަށް ވުރެ ރީއްޗަށް ލަވަކިޔާ މީހުންގެ އަޑުތަކުން ލަވަކިޔުއްވުން މާ ސަޅި ކަމަކަށް ވަނީ. އެގޮތަށް ރީއްޗަށް ލަވަކިޔާ މީހުން ޑިސްކަވާކޮށް ރީތި އަޑުތަކާއި މިއުޒިކްތަކަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް ހުރޭ އަހަރެންގެ،" އިޝާންޓޭ ބުންޏެވެ.

މި ފޯރީގައި އޭނާ މިހާރު އެ ވަނީ ޑިންބާ ފެމިލީގެ ނަމުގައި މެއިންސްޓްރީމަށް ނިކަން ހުނަރުވެރި ލަވަކިޔުންތެރިންނާއި މިއުޒީޝަނުންތަކެއް ތައާރަފްކޮށްފަ އެވެ. ރިސޯޓް މިއުޒިކްގެ ތެރެއަށް ގެއްލިފައި ތިބި ނިކަން މޮޅެތި ލަވަކިޔުންތެރިން ވެސް ޑިންބާ މިއުޒިކްގެ ތެރެއިން މެއިންސްޓްރީމްގައި ވަރަށް މަގްބޫލު ލަވަކިޔުންތެރިންނަށް ބަދަލުވެފައި އެބަތިއްބެވެ. އެގޮތުން ފާހަގަކުރާ ނަމަ ހައިޝަމް އާއި މޯލްޑިވިއަން އައިޑޮލްގެ މިހާރުގެ ޖަޖެއް ކަމަށްވާ މަޝްހޫރު ލަވަކިޔުންތެރިޔާ އިސްމާއިލް އައްފާން ވެސް ގިނަ ބަޔަކަށް އެނގިގެން ދިޔައީ ޑިންބާ މިއުޒިކްގެ ތެރެއިންނެވެ. އައްފާންގެ "ހިތުގާ ނަށާ ރާނީ" އަކީ ޑިންބާއާ އެކު އޭނާގެ ބްރޭކްއައުޓް ލަވަ އެވެ.

އެހެން އާޓިސްޓުންތަކެއްގެ ނަން ފާހަގަކުރާ ނަމަ ޝިއުޒް އަކީ އޭނާ އަށް ޑިންބާ އިން ހޯދައިދިން އެކްސްޕޯޝާ އަށް ވުރެން ބޮޑު މަގްބޫލުކަމެއް ހަގީގަތުގައި ޑިންބާ އަށް ވެސް ގެނެސްދިން އާޓިސްޓެކެވެ. އިޝާންޓޭ ވެސް ޝިއުޒްގެ ޝައުގުވެރިކަމާއި ހުނަރުވެރިކަން ފާހަގަކުރަނީ އެހެން ލެވެލްއެއްގަ އެވެ. ޑިންބާގެ ކުރިން ވެސް ނިކަން ބޮޑު ކުޅަދާނަކަމެއް ދައްކަމުންދިޔަ ޝިއުޒް އިޝާންޓޭމެންނާ އެކު ނެރުނު "ކުލަ ޔެލޯ" އަލްބަމަކީ އަހަރުގެ އެންމެ ބޮޑު ހިޓޭ ވެސް ބުނެވިދާނެ އެވެ.

ޑިންބާ އާއި އިޝާންޓޭގެ އެކުވެރިން ވަނީ މަޝްހޫރު އާޓިސްޓުންނާއި ބަޔަކަށް އެއްވެސް ވަރަކަށް ނޭނގޭ ލަވަކިޔުންތެރިން ވެސް ބައިވެރިކޮށްގެން މިހާތަނަށް އޮރިޖިނަލް ލަވަތަކުގެ 14 އަލްބަމް ނެރެފަ އެވެ. އެކަމަކު މިހާރު މި ތަފާތު މިއުޒިކީ އިންގިލާބުގެ ދުވެލި އޮތީ މަޑުވެފައިކަން ވެސް ފާހަގަކޮށްލަން ޖެހެ އެވެ.

ނަމަވެސް އިޝާންޓޭ ބުނަނީ އަދިވެސް ހުއްޓުމެއް ނެތް ކަމަށެވެ. އޮރިޖިނަލް ތަފާތު މިއުޒިކާއި ލަވަތަކާ އެކު އޭނާ ހުރީ ކޮންމެ ހާލެއްގައި ވެސް ޑިންބާ މިއުޒިކް ކޮނޑަށްލައިގެން ކުރިއަށްދާން ފޫގަޅައިގެންނެވެ. ސަބަބަކީ ޑިންބާ އެންމެފަހުން ދިވެހި އޮރިޖިނަލް އާޓިސްޓުންގެ ނިކަން ބޮޑު އާއިލާއަކަށް ބަދަލުވެފައި އޮތުމެވެ.

"މިތަނުގައި ރަނގަޅު އިންޖިނިއަރުންނެއް ނޫޅޭ. ރަނގަޅު އެއްޗެހިތަކެއް ނެތް. މި ގައުމުގައި މާ އަގުބޮޑީ މިކަން ފެންވަރު ރަނގަޅުކޮށް ކުރަން ބަލާއިރު. އެހެންވެ އަލްބަމް ނެރުން މިހާރު ލަސްވަނީ. ބޭރަށް ގޮސް އަހަރެމެން އޮޑިހަނު އަލްބަމް އެޅީ ހައިޝަމްގެ. އެކަހަލަ އެހެން ފުރުސަތުތައް އެހެން އާޓިސްޓުންނަށް ވެސް ލިބުނު ޑިންބާ މިއުޒިކްގެ ތެރެއިން،" އިޝާންޓޭ ބުންޏެވެ.

"އާޓިސްޓުން ގިނަވާ ވަރަކަށް އެ މީހުން ހިތްހަމަޖައްސައިދީގެން ގެންގުޅެން ވެސް އުނދަގޫވޭ. އެކަމަކު މިހާރު ވެސް މިދަނީ ލައިވް ބޮޑު ޝޯއަކަށް ތައްޔާރުވަމުން."

Popular