19 Mar 2018

މޯލްޑިވިއަން އައިޑޮލް: ޓްވީޓާ އެއްވަރަށް އެސްއެމްއެސް ބޭނުން

މޯލްޑިވިއަން އައިޑޮލް: ޓްވީޓާ އެއްވަރަށް އެސްއެމްއެސް ބޭނުން

By: Aishath Maaha

މޯލްޑިވިއަން އައިޑޮލްއާ ގުޅިގެން ޓްވިޓާގައި މިހާރު އެންމެ ހޫނުވެގެން އުޅޭ މައްސަލަ އަކީ އައިޑޮލްގެ ގަދަ 10 އިން ފުރުސަތު ނުލިބި ޝާން ޝަރީފް މުބާރާތާ ވަކިވާން ޖެހުމެވެ. ޝާންގެ ފޭނުން އަދިި ޝާން އަށް ސަޕޯޓުކުރާ މީހުންނަށް އެކަން ބަލައިގަންނަން ފަސޭހައެއް ނުވި އެވެ. ޝަކުވާތަކާއި ހިތުގައި ހުރި ހުރިހާ ވާހަކައެއް ބަންޑުންކޮށްލީ ޓްވިޓާގަ އެވެ. ގަދަ 10 އަށް ޝާންއަށް ފުރުސަތު ލިބެން ޖެހޭނެ ކަމަށް ބުނެ ޖަޖުންނަށް ބޮޑެތި ފާޑުކިއުންތަކެއް އަންނަނީ އަމާޒު ކުރަމުންނެވެ. ވަކި ބައިވެރިއަކަށް "ފޭވާ" ކުރާ ކަމަށް ވެސް އަންނަނީ ތުހުމަތު ކުރަމުންނެވެ.

މޯލްޑިވިއަން އައިޑޮލްގެ އުސޫލުތައް އޮންނަ ގޮތުން އިތުރު ރައުންޑުތަކަށް ބައިވެރިންނަށް ދެވެނީ ކޮންމެ ހަފުތާއަކު ވެސް އެ ހަފުތާގެ ޕާފޯމަންސަށް ޖަޖުންދޭ ޕޮއިންޓްގެ 50 ޕަސެންޓު އަދި އެސްއެމްއެސް އިން ލިބޭ ޕޮއިންޓުގެ 50 ޕަސެންޓު އެއްކޮށްލައިގެންނެވެ. އެންމެ މަދުން ޕޮއިންޓް ލިބޭ ބައިވެރިން މުބާރާތުން ވަކިވާ އުސޫލުގެ ދަށުންނެވެ.

ކޮންމެ ރެއެއްގެ ޝޯ ދައްކަން ފެށުމާއެކު ޓްވިޓާގައި އައިޑޮލްގެ ފޯރިގަނޑު ހިލުވާލަ އެވެ. ބައިވެރިންގެ ހުށަހެޅުންތަކަށް ތައުރީފުކުރުމާއި ފާޑު ކިޔުމެވެ. ބައިވެރިންގެ ލަވަތައް ކަމުގޮސްގެން އެ ވާހަކަތައް ނިކަން ގަދައަށް ދައްކަ އެވެ.

ކޮންމެ މީހަކުވެސް ތިމަންނަގެ އައިޑޮލްއަކީ މިވެނި ބައިވެރިއެއް ކަމަށްބުނެ ތައުރީފުކުރަނީ އެވެ. ލަވަ ރީތިވެގެން އެ ވާހަކަވެސް ދައްކަނީ އެވެ. ކިތަންމެ ގިނަ ބަޔަކު އެ ބައިވެރިއަކަށް ތައުރީފުކޮށް ޓްވީޓުތައް ކުރަމުން ގެންދެ އެވެ. ކުރިއަށް އޮތް ރައުންޑަށް ދެވޭނެ ކަމަށް ޔަގީން ކުރެ އެވެ. ޓްވިޓާގައި ކުރާ ތައުރީފާ ހިސާބުން ނިންމާލަނީ އެވެ. މި ފޯރީގެ ތެރޭގައި، އެސްއެމްއެސް ކުރަން ލިބޭ ފުރުސަތުގެ މަތިން ހަނދާން ނެތެނީ ކަމަށް ވެދާނެ އެވެ. ނަމަވެސް އެންމެ ބޮޑަށް ހަނދާނުގައި ބަހައްޓަންވީ ކަމަކީ މިއީ އެވެ.

ކަޓައިގެން ދިޔަ ބައެއް ބައިވެރިންނަށް ޓްވީޓާގައި ލިބުނު ތަރުހީބު ބޮޑެވެ. އެ ބައިވެރިންނަށް ތައުރީފުކޮށް ކޮށްފައިވާ ޓްވީޓާ އެއްވަރަށް އެސްއެމްއެސް ކުރި ނަމަ ފަހަރުގައި ސަލާމަތްކުރެވުނީހެވެ.

ޖަޖުންގެ މާކްސް ކިތަންމެ ރަނގަޅަށް ލިބުނު ނަމަވެސް އެސްއެމްއެސް މަދުން ލިބިއްޖެ ނަމަ ބައިވެރިން މުބާރާތުން ވަކިވެގެން ދާންޖެހިދާނެ އެވެ. ޓްވިޓާގައި ތިޔަ ބަންޑުންކޮށްލާ ލޯބި ވޯޓުގެ ގޮތުގައި ދީގެން، ފެވަރިޓް ބައިވެރިން ހިފެހެއްޓިދާނެ އެވެ.

މޯލްޑިވިއަން އައިޑޮލް މޯލްޑިވިއަން އައިޑޮލް ސީޒަން 3

Popular