21 Apr 2018

ސުޕަސްޓާ ޑީޖޭ އެވީޗީ މަރުވެއްޖެ

ސުޕަސްޓާ ޑީޖޭ އެވީޗީ މަރުވެއްޖެ

By: Ahmed Nadym

ސުޕަސްޓާ ޑީޖޭ އެވީޗީ އުމުރުން 28 އަހަރުގައި އިއްޔެ މަރުވެއްޖެ އެވެ.

އެވީޗީގެ ޓީމުން ނެރެފައިވާ ބަޔާނެއްގައި ބުނީ އެވީޗީ މަރުވެފައި އޮއްވައި ފެނުނީ އޮމާންގެ ވެރިރަށް މަސްކަޓް އިން ކަމަށެވެ. ނަމަވެސް އޮމާނަށް އޭނާ ގޮސް އުޅުނު ދަތުރާ ބެހޭ އެއްވެސް ތަފްސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އެވީޗީގެ ކުއްލި މަރުގެ ޚަބަރު އައިސްފައި މި ވަނީ ސިއްހީ މައްސަލަތަކެއް ދިމާވެގެން ރަސްމީ ޓުއާތައް ވެސް އޭނާ މެދުކަނޑާލާފައި ވަނިކޮށެވެ.

ސިއްހީ މައްސަލަތަކާ ގުޅިގެން، ލައިވް ޕާފޯމަންސްތަކުން އޭނާ ރިޓަޔާކުރީ 2016 ވަނަ އަހަރު އެވެ. އޭގެ ކުރިން 2014 ވަނަ އަހަރު އޭނާ ވަނީ ދިމާވި ސިއްހީ މައްސަލަތަކަކަށް ފަރުވާ ހޯދުމަށް އެޕެންޑިކްސް އާއި ގޭލްބްލެޑާ ވެސް ނަގައިފަ އެވެ.

މަރުވެފައި އޮއްވައި އެވީޗީ ފެނުނީ އިއްޔެ މެންދުރު އެވެ.

އެވީޗީގެ ލެވެލްސް

އެވީޗީ އަކީ ކާކު؟

ސްވިޑެން އަށް އުފަން އެވީޗީގެ އަސްލު ނަމަކީ ޓިމް ބާގްލިން އެވެ. އެވީޗީގެ ނަމުގައި ޑާންސް މިއުޒިކާ އެކު 2011 ވަނަ އަހަރު ބައިނަލްއަގުވާމީ ސަމާލުކަން ހޯދި މި ޑީޖޭ އަކީ އިލެކްޓްރޯނިކް ޑާންސް މިއުޒިކްގެ ތާރީޚުގައި ފެނިގެން ދިޔަ އެންމެ ހުނަރުވެރި އަދި އެންމެ ކާމިޔާބު އެއް އާޓިސްޓެވެ. އަދި ދުނިޔޭގައި އުފެދުނު އެންމެ އަގު ބޮޑު ޑީޖޭއިންގެ ޓޮޕް ފައިވްގައި އަބަދުވެސް ފޯބްސް އިން ހިމަނާފައިވީ ނަމެކެވެ.

އޭނާގެ އެންމެ މަޝްހޫރު ލަވަތަކުގެ ތެރޭގައި "ލެވެލްސް" އާއި "ވޭކް މީ އަޕް" އަދި "ހޭއި ބްރަދާ" ފަދަ މަސައްކަތްތައް ފާހަގަކޮށްލެވެ އެވެ. "ލެވެލްސް" ގެ ކާމިޔާބީއާ އެކު 2013 ވަނަ އަހަރު ގްރެމީ އެވޯޑަށް ނޮމިނޭޓުވެފައިވާއިރު މި ޝަރަފު އޭނާ އަށް ފުރަތަމަ ލިބުނީ 2012 ވަނަ އަހަރު ފްރެންޗް ޑީޖޭ ޑޭވިޑް ގެޓާއާއެކު ނެރުނު "ސަންޝައިން" ގެ މަސައްކަތުންނެވެ.

އެވީޗީގެ ލައިވް ޝޯއެއް.

"ލެވެލްސް" އަކީ މެއިންސްޓްރީމް އޯޑިއެންސާ ހަމަ އަށް އެވީޗީގެ މިއުޒިކް ގެންގޮސް ދިން މަސައްކަތެވެ.

ސިއްހީ މައްސަލަތަކާ ގުޅިގެން، ލައިވް ޕާފޯމަންސްތަކާ ދުރަށް ޖެހިލި ނަމަވެސް އެވީޗީ ވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހު "އެވީޗީ" ގެ ނަމުގައި ހަ ޓްރެކްގެ އީޕީ އަލްބަމެއް ނެރެފަ އެވެ. މި އަލްބަމަށް ފަހު އޭނާ އެންމެފަހުން މަސައްކަތްކުރަމުން ދިޔައީ އޭނާގެ އަމިއްލަ ހަޔާތާއި ކެރިއަރާ ބެހޭ ޑޮކިއުމެންޓްރީއެއްގެ މަސައްކަތުގަ އެވެ.

މަރު

Popular