26 May 2018

އަޒަލް: މިފަހަރު ރޯދަ މަހުގެ ވާހަކަ

އަޒަލް: މިފަހަރު ރޯދަ މަހުގެ ވާހަކަ

By: Aishath Maaha

މޯލްޑިވިއަން އައިޑޮލްގެ ތިން ވަނަ ސީޒަންގެ "ހީރޯ" އަކީ ހަމަ ހަގީގަތުގައި ވެސް އެއްވަނަ އާ އެކު އައިޑޮލްގެ ލަގަބު އުފުލައިލި އައިޝަތު އަޒަލް އެވެ. ދެ ފަހަރު ބައިވެރިވެގެން ފެއިލްވުމުން ވެސް އުންމީދު ކަނޑާނުލައި ތިން ވަނަ ސީޒަންގައި ބައިވެރިވެ ކާމިޔާބުކުރީ އެވެ. ހިތްވަރާއެކު މަސައްކަތްކޮށްގެން ކޮންމެ ކަމެއް ވެސް ކާމިޔާބު ވާނެކަން ސާބިތުކޮށް ދިނެވެ.

އަޒަލް އާއި މިއުޒިކާ އޮތީ އާދައިގެ ގުޅުމެއް ނޫނެވެ. އެއީ ހަމަ ހިތުން ހިތަށް އޮތް ގުޅުމެކެވެ. ގިޓާ އާއި ޕިއާނޯ މޮޅަށް ކުޅެން އޭނާ ދަނެ އެވެ. ގްރޭޑް ފަހަކާ ހަމައަށް ވޯކަލް އަދި މިއުޒިކް ތިއަރީ ކިޔެވި އެވެ. ގިޓާ އަދި ޕިއާނޯ އިން ބައިނަލްއަގްވާމީ އިމްތިހާނުތައް ވަނީ ކާމިޔާބުކޮށްފަ އެވެ. އޭގެ އިތުރުން މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް ސެންޓަރުން ތިން ފަހަރަށް ބެސްޓް އޯލްރައުންޑްގެ މަގާމު ހޯދި އެވެ.

އެކަމަކު މިއުޒިކަކީ އަޒަލްގެ ޕެޝަން އެކެވެ. މިއުޒިކަކީ އަޒަލްގެ ފަސްޓް ޗޮއިސްއެއް ވެސް ނޫނެވެ. ނަމަވެސް މިއުޒިކްގެ ދުނިޔޭގައި އަބަދުވެސް އޭނާ ފިޔަ ޖަހާނެ އެވެ. މިއީ އަޒަލްގެ ފޭނުން އެންމެ އުފާވާނެ އެއް ވާހަކަ އެވެ. މިކަހަލަ އުފާވެރި އެހެން ވާހަކަތައް ވެސް އެބަހުއްޓެވެ.

އެންމެ ފުރަތަމަ ކިޔައިދީބަލަ އަޒަލްގެ ފިއުޗާ ޕްލޭންސް އައިޑޮލް ލިބުނީމަ. ލަވައެއް އެއްޗެއް ނެރޭނީ ކޮން އިރަކުން؟

"އަޒަލްގެ ޕްލޭނަކީ ވީހާވެސް އަވަހަކަށް ލަވައެއް ނެރުމަށްވުރެ ބޮޑަށް ތަންކޮޅެއް ހަމަޖެހިލައިގެން ހަމަ އޯން ޓައިމްގަ ވީހާވެސް ރަނގަޅު ގޮތަކަށް މިއުޒިކް އެރޭންޖްކޮށްލާފަ ރަނގަޅު ލަވައެއް ނެރެވޭތޯ. ހަމައެކަނި ލަވަ ނެރުމަކަށް ނޫން ކޮންސެންޓްރޭޓްކުރާނީއެއް. ކިޔެވުމަށާ އެއްކޮށް މިއުޒިކަށް ކޮންސެންޓްރޭޓްކުރާތީ އަސްލު. އެކަމަކު ދެ ތިން މަސް ތެރޭގައި ލަވައެއް ނެރެވޭތޯ މި މަސައްކަތް ކުރަނީ."

ކެރިއާއެއްގެ ގޮތުގައި މިއުޒިކްތަ ތި ޗޫޒްކުރީ؟ އެހެން ކެރިއާއެއް ނަގާނަމަ އަޒަލް ފެންނާނީ ކޮން ރޮނގަކުން؟

"މިއުޒިކް އަކީ ސެކަންޑްރީ ކެރިއާއެއްގެ ގޮތަށް އަސްލު މި ޗޫޒްކުރީ. އޮރިޖިނަލް ކެރިއާއަކީ މިއުޒިކެއް ނޫން. މިއުޒިކަކީ އަޒަލްގެ ވަރަށް ބޮޑު ޕެޝަންއެއް ވީމަ."

އަޒަލް ލަވަކިޔަނީ

ރޯދަމަސް އެހެން މަސް މަހަށްވުރެ އަޒަލް އަށް ހާއްސަވެފައި ތަފާތު ވަނީ ކިހިނެއް؟ ރޯދަމަހު އަޒަލް އެންމެ ލުކްފޯވާޑްކުރާ ކަމަކީ ކޮބާ؟

"ރޯދަމަހު އެންމެ ލުކްފޯވާޑްކުރަނީ ރޯދަ ވީއްލަން ތައްޔާރުކޮށްފަ ހުންނަ އެއްޗެހި ކެއުމަށް. ރޯދަ ވީއްލާގަޑީގައި ހަދާނެ ތަފާތު ކާއެއްޗެހި އަބަދުވެސް އާންމުކޮށް ދުވަސް ދުވަހު ނަހަދާ ކަހަލަ މީރު ކާއެއްޗެހި ހަދާތީ. އެހެންވެ އެ އެއްޗެހި ވަރަށް ކާހިތްވޭ."

ހާރު ކާން އަދި ރޯދަ ވީއްލަން އެންމެ ކަމުދަނީ ކޮން އެއްޗެއް؟

"ކޮންމެހެން ވެސް ކަދުރު ހުންނަން ޖެހޭނެ ރޯދަވީއްލާ ގަޑީގައި. ކަދުރު ހުރެފަ ޖޫސް ހުރެފަ ދެން ސެލެޑެއް ހުރީމަ ރަނގަޅުވާނެ. ހާރުކާން އެންމެ ކަމުދަނީ ބަތާއި ގަރުދިޔަ ކަހަލަ އެއްޗެހި."

ހާރު ކައިގެންތަ ރޯދައަށް ހުންނަނީ؟

"އާން. ހާރުކަން ހަމަ ކޮންމެ ރެޔަކު ވެސް."

ރޯދަމަހު ފޫހިފިލުވަން އެންމެ ގިނައިން ކުރަނީ ކޮން ކަމެއް؟

"ރޯދަމަހު ދެން ސަކަރާތްޖަހާނީ ވަކި އެހެން ކަމެއް ނުކުރަން. އެގަޑިއެއްގަ ފޫހި ފިލުވަން ކުރެވޭ ކަހަލަ ކަމެއް. ބައެއް ފަހަރު ގޭމެއް ކުޅެލައި ކޮއްކޮމެންނާއެކީ އުޅެލާ އެކަހަލަ ގޮތަކަށް."

ރޯދަ ވީއްލަން އެއްޗެހި ހަދާއިރު މަންމަ މެންނަށް ހެލްޕް ވާން ބަދިގެއަށް ވަދެ އުޅެންތަ؟ އެހެން އުޅޭއިރު އެންމެ ގިނައިން ކޮށްދެނީ ކޮން ކަމެއް؟

"އަސްލު ކުރިން އެހާ ބަދިގެއަށް ވަދެ ނޫޅެން. އެކަމަކު މިއަހަރު ބަދިގެއަށް ވަދެ އުޅެން. ކުރިން ވެއްޖިއްޔާ ކިޔަވާތީވެގެން އެހާ ވަރަށް ބަދިގެއަށް ނުވެސް ވައްދާނެ. އެކަމަކު މިއަހަރު އެބަ ވަންނަން މަންމައާ އެކީ. ދެން އަޒަލް އަށް މިހާރަކަށް އައިސް ޖެހެނީ ފަނިގިރާލައި ނޫނީ ރޮށި ފިހެލާ އެކަހަލަ ގޮތަކަށް."

އަޒަލް

އައިޑޮލް އަށް ދިޔަ ފަހުން އަޒަލް ފޮނިވެއްޖޭ ވެސް ކިޔާ. އެހެން ބުނެވިދާނެތަ އެއްވެސް މީހަކަށް؟

"އަޒަލް ދަންނަ މީހުންނަށް ކަންނޭނގެ ތިއަށް ޖަވާބެއް ދެވޭނީ. އައިޑަލް އަށް ދިޔަ ފަހުން ބައިވަރު ފޭންސް ލިބިއްޖެ. އެ އެންމެންނާ ވެސް ވާހަކަ ދެއްކޭތޯ ބަލަން. ބޭނުން ވާހަކަ ދައްކަން. ގިނައިން އެ މީހުންނަށް މި ވަގުތު ދެވެނީ ވެސް"

އެންމެ ގިނައިން މީގެ ކުރިން ވެސް ރޯދަ ވީއްލަން ދަނީ ކޮން ރެސްޓޯރެންޓަކަށް؟

"ރޯދަ ވީއްލަން ވަކި ހާއްސަ ރެސްޓޯރަންޓެއް ނެތް"

އަޒަލް

އެންމެ ފުރަތަމަ އަލަށް ރޯދައަށް ހުރިއިރު ކުރެވުނު ތަޖުރިބާ ކިޔާލަ ދީބަލަ!

"އެ ދުވަސް ނެތް އެހާ ބޮޑަކަށް ހަނދާނެއް. ހައެއް ނޫނީ ހަތް ވަރަކަށް އަހަރު އޭރުވާނީ. މަންމަމެން ބުނަނީ ވަރަށް ބަސް އަހައިގެން ހުއްޓޭ ރޯދައަށް. އަޒަލް ނެތް ހަނދާނެއް."

އަޒަލްގެ ފޭނުން މިހާރު ވަރަށް ގިނަ ވާނެ. އެއިން ރެންޑޮމްކޮށް ފޭނެއް ހޮވައި އެ މީހަކާ އެކު ރޯދަވީއްލުމަކަށް ގޮސްފާނަންތަ؟

"އާނ ގޮސްދާނަން ޓައިމް ވެއްޖެއްޔާ. އޭގަ އަސްލު އޮންނާނީ ޓައިމް ވުން. ކޮންމެ ދުވަހަކު ވެސް އެހެން އޮވޭ ކޮންމެވެސް ކަމެއް. ޓައިމް ދެވޭ ކަހަލަ ގޮތަކަށް އޮވެއްޖެޔާ ދެވިދާނެ."

ރޯދަމަހުގެ އެއް ދުވަސް ހޭދަވާ ގޮތް ކިޔައިދީބަލަ!

"ރޯދަމަހު ހަމަ ތެދުވެފަ އެންމެ ފުރަތަމަވެސް ފެންވަރާލައިގެން ނަމާދުކޮށްލައިގެން ގޮސްފަ ޤުރުއާން ކިޔަވަނީ. ކިޔަވާލާފަ އަނެއްކާވެސް ބަންގި ގޮވީމަ ނަމާދުކޮށްލައިގެން ދެން ބަދިގެއަށް ވަންނަނީ މަންމައަށް ހެލްޕްކޮށްދޭން. މަންމައަށް ހެލްޕްކޮށްދީފަ ބާކީ އޮންނަ ގަޑީގައި ކޮންމެސް ކަމެއް ކޮށްލަނީ. އެއީ ޓީވީ ބަލައިލަނީ ނޫނީ މޫވީއެއް ބަލައިލަނީ ނޫނީ ކޮއްކޮމެންނާ އެކީ ބޭރަށް ނުކުމެލައި ނޫނީ ކޮންމެވެސް އެއްޗެއް ކުޅެލަނީ. ދެން މިހާރަކަށް އައިސް އެހާ ބޭރަކަށް ނުއެއް ނުކުންނަން. އެގަޑީގަ ދެން ކޮންމެވެސް ގޮތަކަށް ފޫހި ފިލުވާލައިފަ ރޯދަ ވީއްލާލާފަ ދެން އަނެއްކާވެސް ނަމާދުކޮށްލައިގެން އުޅެނީ ކޮންމެވެސް ކަމަކައިގެން ރޭގަނޑު އޮންނަ ވަގުތުކޮޅުގައި. އެކަހަލަ ގޮތަކަށް ދަނީ."

ބަނޑުހައިވެގެން ހާލު ދެރަވެގެން ނުތެދުވެވި އެކަހަލަ ގޮތްގޮތް ވޭތަ؟

"ބައެއްފަހަރު ހަމަ ވަރަށް ވަރުބަލިވޭ. އާންމުކޮށް ވަރަށް ވަރުބަލިވެފަ ހުންނަނީ ބަންގިގޮވަން ކައިރިވާ ގަޑީގަ. އެކަމަކު އެކަން މާބޮޑުކަމަކަށެއް ނުވޭ. އިނގޭ ވިއްޔަ އިރުކޮޅަކުން ކެވޭނެކަން ކޮންމެވެސް އެއްޗެއް."

ރޯދަ މަސް އައިމަ އެހެން މަސްމަހާ ބަލާއިރު ކެއުމަށް ބޮޑު ބަދަލެއް އެބަ އާދޭ. ބައެއް މީހުން ފަލަވެ ބައެއް މީހުން ހިކޭ. އަޒަލް އަށް ވަނީ ކިހިނެއް؟ އެއްވެސް ބަދަލެއް އާދޭތަ ނޫނީ ކެއުމަށް ވަރަށް ބަލައިގެންތަ އުޅެނީ؟

"އަނެއްހެން ކެއުމަށް ބަލައިގެނެއް ނޫން އުޅެނީކީ. އެކަމު ރޯދަ ވީއްލާ ގަޑީގަ ވެސް އެހާ ގިނައެއްކޮށް ނުއެއްކަން. އާންމުކޮށް ކާވަރަށް ކެވެނީ. ދެން އަނެއްކާވެސް އޭގެ އިރުކޮޅެއް ފަހުން ތަރާވީސް ގަޑީގައި ކޮންމެވެސް އެއްޗެއް ކާލަން. ދެން އަނެއްކާވެސް ހާރުކާ ގަޑީގަ ކަނީ. އެހެންވީމަ އަޒަލް އަށް ހީވަނީ ހަމަ ބެލެންސްކޮށް ކަންނޭނގެ މިގެންދެވެނީ"

ރޯދަ މަހު ލަވަ ކިޔަނީ ކޮން ގަޑިއަކު؟ ވަގުތުވޭތަ ލަވަ ކިޔާ މިއުޒިކް ކުޅެން؟

"ރޭގަނޑު އެއަށް ޓައިމް ދެވޭ ވަރަކުން ދެން. ރޭގަނޑު އޮވޭ ބައެއް ފަހަރު ބައެއް އިވެންޓްސްތައް ވެސް. ރޭގަނޑު ބޭނުންވޭ ފެމިލީ ގެތަކަށް ވިޒިޓް ކޮށްލަން ވެސް. އެހެންވީމަ އޭގެ އިތުރަށް އޮންނަ ޓައިމެއްގަ މިއުޒިކަށް ވަގުތުދެނީ."

މޯލްޑިވިއަން އައިޑޮލް ސީޒަން 3

Popular