11 Dec 2018

އިންހައުސް ރިސޯޓް މިއުޒިކްގައި ލައިމް ސްޓޯން

އިންހައުސް ރިސޯޓް މިއުޒިކްގައި ލައިމް ސްޓޯން

By: Aishath Maaha

އެންމެ ފުރަތަމަ މިއީ ވެސް ސަކަރާތް ޖަހާލާ މަޖާކޮށްލަން މިއުޒިކް ކުޅުނު ގްރޫޕެކެވެ. ރަސްމީކޮށް ބޭންޑެއް ހަދައިގެން ކުރިއަށް ދިއުމުގެ ވިސްނުމެއް އޭރު ނުގެންގުޅެ އެވެ. ދުވަސްގަނޑެއް ފަހުން 2012 ވަނަ އަހަރު، ގިނަ އިކުއިޕްމަންޓު ހޯދާ މިއީ ވެސް އާމްދަނީ ހޯދޭނެ މަސައްކަތަކަށް ވާތީ "ލައިމްސްޓޯން"ގެ ނަމުގައި ބޭންޑު ހަދާ ރިސޯޓުތަކަށް ގޮސް މިއުޒިކް ކުޅެން ފެށީ އެވެ.

އިން ހައުސްކޮށް މިހާރު ފިނޮޅު ބީޗް ރިސޯޓުގައި މިއުޒިކް ކުޅެމުން އަންނަ ލައިމްސްޓޯން ބޭންޑް ފެށިގެން އައި ގޮތަކީ މިއީ އެވެ.

މި ބޭންޑެއް އުފައްދާ ރިސޯޓުތަކަށް ދިއުމުގެ ކުރީން މި މީހުންގެ އަތުގައި އެއްވެސް އިންސްޓްރޫމަންޓެއް ނެތެވެ. ލަވަ ކިޔާ އުޅުނީ ސްޓީރިއޯ ސެޓަކަށް މައިކު ގުޅައިގެންނެވެ. އެހެން އެއްޗެހި ހޯދަނީ ރައްޓެހިން އަތުންނެވެ.

މެންބަރުން

- އަހްމަދު ޝިހާމް (ކުޑޭ)

- މުހައްމަދު އިމްޖާދު އަންވަރު (އިންމަ)

- އަހްމަދު އަލީފް އަންވަރު

- އާދަމް ޒިޔާދު މުހައްމަދު (ސީދިބޭ)

މިއުޒިކްގައި ތަޖުރިބާހުރި، އެކަމަކު ރިސޯޓު މިއުޒިކަށް އާ

ލައިމްސްޓޯން އުފައްދައިގެން އެންމެ ފުރަތަމަ ރިސޯޓަށް މިއުޒިކް ކުޅެން ނައްޓާލިއިރު ލައިމްސްޓޯނަށް ރިސޯޓް މިއުޒިކު ވީ މުޅިން އާ ތަޖުރިބާ އަކަށެވެ. ބޭންޑުގެ ދެ ފައުންޑާ މެންބަރުން ކަމަށްވާ އަހްމަދު ޝިހާމް (ކުޑޭ) އަދި މުހައްމަދު އިމްޖާދު އަންވަރު (އިންމަ) ކުރީން ބޭންޑެއްގައި މަސައްކަތްކުރި އެވެ. ރިސޯޓު މިއުޒިކް ބޭންޑެއްގައި ކުރިން ކުޑޭ މަސައްކަތް ކުރި ނަމަވެސް އިމްމަ މަސައްކަތްކުރީ އަމިއްލަ ލަވަތަކެއް އުފެއްދުމުގެ މަސައްކަތް ކުރަމުން ދިޔަ ބޭންޑެއްގަ އެވެ. އޮސަލެޓް ކިޔާ އެ ބޭންޑުގައި ކުޑޭ ވެސް މަސައްކަތް ކުރި އެވެ.

ހަތަރު މެންބަރުންނާއެކު ލައިމްސްޓޯން އަޑުގަދަކުރަމުން އަންނަ އިރު ލައިމްސްޓޯނަކީ އެހެން ގިނަ ރިސޯޓް މިއުޒިކް ބޭންޑުތަކާ ތަފާތުކޮށް އިންހައުސްކޮށް ކުޅެމުން އަންނަ ބޭންޑެކެވެ. އެންމެ ފުރަތަމަ ދުސިތތ ތާނީ ރިސޯޓުގައި ކުޅުމަށް ފަހު ދުވަސްގަނޑެއް ވާންދެން ސިކްސް ސެންސް ލާމްގައި ވެސް ކުޅުނެވެ. އޭގެ ފަހުން ވެސް އެހެން ރިސޯޓެއްގައި ކުޅުމަށްފަހު މިހާރު އަންނަނީ ފިނޮޅު ރިސޯޓުގައި ކުޅުމަށްފަހު ސިއްރު ފެންފުށީގައި ކުޅެން ތައްޔާރުވަމުންނެވެ.

ލައިމްސްޓޯން ބޭންޑް. -- ފޮޓޯ: މަސްރަހް

އިންހައުސްކޮށް ރިސޯޓުތަކަށް ކުޅުނު ނަމަވެސް ހާއްސަ ފެސްޓިވްތަކަށް ވެސް ރިސޯޓުތަކަށް ލައިމްސްޓޯން ދެ އެވެ. މި އަހަރުގެ ކްރިސްމަސް އަދި ނިއު އިޔާ އީވް އަށް މަހްރާން މުހައްމަދު މާޖިދު އަދި މަރިޔަމް މައީޝާ ވެސް ލައިމްސްޓޯން އާ އެކު ޕާފޯމްކުރާނެ އެވެ. މަހްރާން ވެސް މިއީ ބޭންޑު މެންބަރެކެވެ. އެހެން ނަމަވެސް ވަގުތީގޮތުން ހުރީ ބޭންޑާ ދުރުގަ އެވެ.

ލައިމް ސްޓޯންގެ އަމިއްލަ ލަވައެއް މިހާތަނަށް ނުނެރެވުނު ނަމަވެސް އަމިއްލަ ލަވަތަކެއް ހުރީ ހަދަން ފަށައިފަ އެވެ. އާންމުކޮށް އިނގިރޭސި ލަވަ ޝޯތަކުގައި ކީ ނަމަވެސް ދިވެހި އަދި އެހެން ބަސްބަހުގެ ލަވަތައް ވެސް ކޮންމެވެސް ވަރަކަށް ކިޔަ އެވެ.

އަހްމަދު ޝިހާމް (ކުޑޭ)

ކުޑޭ މިއީ ލައިމްސްޓޯންގެ ފައުންޑާ މެންބަރެއް ވެސް މެ އެވެ. އެއީ ލައިމްސްޓޯންގެ ޑްރަމާ / ޕާކަޝަނިސްޓެވެ. މިއުޒިކްގެ ތެރެއަށް ވަދެގެން ދިޔައިރު ކުޑޭގެ މާބޮޑު ޝައުގުވެރިކަމެއް ވެސް ނެތެވެ. އެންމެ ފުރަތަމަ ޑްރަމް ކުޅުނީ ވެސް ސަކަރާތް ޖަހަން އުޅެފަ ރައްޓެއްސަކު ބުނި ބުނުމަކަށެވެ. އެއަށް ފަހު އަމިއްލަ ބޭންޑެއް ވެސް ހެދި އެވެ. އެތައް ލައިންއަޕްތަކެއްގައި ކުޑޭގެ ހުނަރު ދެއްކި އެވެ.

ކުޑޭ. -- ފޮޓޯ: މަސްރަހް

މުހައްމަދު އިމްޖާދު އަންވަރު (އިންމަ)

އިންމަ އަކީ ވެސް ލައިމްސްޓޯންގެ ފައުންޑާ މެންބަރެކެވެ. އިންމަ އަކީ ލައިމްސްޓޯންގެ ގިޓަރިސްޓް އަދި ވޯކަލިސްޓެވެ. ފުރާވަރަށް އަރައިގެން އައިއިރު މިއުޒިކަށް އުފެދުނު ޝައުގުވެރިކަމުގައި އިމާދުއްދީން ސްކޫލްގެ ބޭންޑް އަދި ދަރުމަވަންތަ ސްކޫލްގެ ބޭންޑުގައި މިއުޒިކް ކުޅެ އިންމަ ސްކޫލް ނިންމާލީ މިއުޒިކްގެ ދުނިޔެއަކަށް ލޯ ހުޅުވާލަމުންނެވެ. ސްކޫލްގައި ލިބުނު މިއުޒިކް ކުޅޭ ރަހުމަތްތެރިންގެ އެހީގައި އާއެކު ސްކޫލް ނިންމާލުމަށްފަހު ވެސް ބޭންޑުތަކާއ ގުޅި މިއުޒިކްގައި ދިޔައީ ވިދަމުންނެވެ.

އިންމަ. -- ފޮޓޯ: ޝަމްގޮރޮތު

އަހްމަދު އަލީފް އަންވަރު

ލައިމްސްޓޯންގެ ބޭސް އަދި ވޯކަލިސްޓަކީ މިއީ އެވެ. ގޭތެރޭގައި ބޭބެ އިންމަ ގިޓާ ކުޅޭތަން ފެނި ފެނި އުފެދުނު ޝައުގުވެރިކަމުގައި އަމިއްލައަށް ގިޓާ ކުޅެން ދަސްކޮށް ލަވަ ވެސް ކިޔަން ފެށީ އެވެ. އޭގެފަހުން ރައްޓެހިންނާ އެކު ބޭންޑެއް ހަދާ ބޭސް ކުޅެން ފެށީ އެވެ. އޮލިމްޕަސް ތެރޭގައި ކުރިއަށް ގެންދިޔަ ޝޯތަކުގައި އެކި އެކި ބޭންޑުތަކާ އެކު ކުޅެ އެންމެ ރަނގަޅަށް ބޭސްކުޅެން ދަސްކުރީ އެވެ. ލައިމްސްޓޯން އިން އަލީފަށް ފުރުސަތު ލިބުނީ އިންމަގެ ފަރާތުންނެވެ.

އަލީފް. -- ފޮޓޯ: ޝަމްގޮރޮތު

އާދަމް ޒިޔާދު މުހައްމަދު (ސީދިބޭ)

ސީދިބެ މިއީ ލައިމްސްޓޯންގައި ހުރި އެންމެ ތަޖުރިބާކާރު މެންބަރެވެ. ރިސޯޓު މިއުޒިކްގައި 10 އަހަރުގެ ތަޖުރިބާހުރި އިރު މިއީ އެ ބޭންޑުގެ ލީޑް ގިޓަރިސްޓެވެ. ސީދިބެ އެންމެ ފުރަތަމަ ގިޓާކުޅެން ފެށީ ހޮބީއެއްގެ ގޮތަށެވެ. އެހެން ނަމަވެސް މިއުޒިް ކުޅެގެން އެންމެ ރަނގަޅު އާމްދަނީއެއް ރާއްޖޭގައި ލިބޭނީ ރިސޯޓް މިއުޒިކް ކުޅެގެން ކަމަށްވާތީ ރިސޯޓް މިއުޒިކްގެ ތެރެއަށް ވަނީ އެވެ.

ސީދިބެ. -- ފޮޓޯ: މަސްރަހް

Popular