10 Jan 2019

ދޮހޮއްކޮބޭގެ ހަނދާން އާކޮށްލަދިން ހަގު ދަރި

މިއީ ދިވެހިންގެ މިއުޒިކުގެ ތަހުތަށް ނިސްބަތްވީ އެންމެ ވަރުގަދަ އެއް ޝަހުސިއްޔަތު، ނައިފަރު ދޮހޮއްކޮގެ ދަރިންގެ ތެރެއިން ލަވަކިޔައި އުޅޭ ހަމައެކަނި ދަރި

މިއީ ދިވެހިންގެ މިއުޒިކުގެ ތަހުތަށް ނިސްބަތްވީ އެންމެ ވަރުގަދަ އެއް ޝަހުސިއްޔަތު، ނައިފަރު ދޮހޮއްކޮގެ ދަރިންގެ ތެރެއިން ލަވަކިޔައި އުޅޭ ހަމައެކަނި ދަރި

By: Ahmed Nadym

މީގެ ފަސް ވަރަކަށް އަހަރު ކުރިން ސޯޝަލް މީޑިއާގައި ވައިރަލްވެގެން ދިޔަ ވީޑިއޯއެއްގައި އޭނާ ފެންނަނީ ދޮރުފަތެއްގެ ދެ ފުށުގައި އަތުބެރު ޖަހަމުން، ވަރަށް ހަމަޖެހިލައިގެން ހުރެ "ހުރީ ރޮއެ ރޮއެ ހިތާމާގައި" ކިޔައި ދަމައި ގެންގޮސް ނިންމާލާ މަންޒަރެވެ. އެކަމަކު ކިހާދިއްފަރު ރިސޯޓުގެ ލޯންޑްރީގެ މަސައްކަތުގައި އުޅެމުން ލިބުނު ކުޑަ ބްރޭކެއްގައި އެ ހުނަރުވެރިކަމެއް ދައްކާލި މި ޒުވާނާ އަކީ ކާކުކަމެއް އޭރަކު މާ ގިނަ ބަޔަކަށް ނޭނގިދާނެއެވެ. އޭނާ އަކީ ދިވެހިންގެ މިއުޒިކުގެ ތަހުތަށް ނިސްބަތްވީ އެންމެ ވަރުގަދަ އެއް ޝަހުސިއްޔަތު އަދި ކުޅަދާނަ ލަވަކިޔުންތެރިޔާ އަބްދުﷲ މުހައްދު ނުވަތަ މަޝްހޫރު ނަމުން ނަމަ، ނައިފަރު ދޮހޮއްކޮގެ ދަރިންގެ ތެރެއިން ލަވަކިޔައި އުޅޭ ހަމައެކަނި ދަރިކަމެއް ވެސް ނޭނގިދާނެއެވެ. ކޮންމެއަކަސް އެ އެޕިސޯޑަށް އަހަރުތަކެއް ފަހުން އޭނާގެ ލަވަކިޔުމާއި ބެރުޖެހުމުގެ ހުނަރުވެރިކަމެއް މި ވަނީ އަނެއްކާވެސް ސޯޝަލް މީޑިއާ އަށް ތިލަވެފައެވެ. ހުރިހާ ވެސް ޝުކުރެއް، ސޯޝަލް މީޑިއާ އެކްޓިވިސްޓު ލޫކަސް ޖަލީލަށެވެ.

ރިސޯޓުގެ ވަޒީފާ ދޫކޮށް، އަންހެނުންގެ ރަށް ބ. ދޮންފަނަށް ދިރިއުޅުން ބަދަލުކޮށް އެ ރަށުގެ ފިނި ޖަޒީރާ މާހައުލުގައި އަނބިދަރިންނާއެކު ދިރިއުޅެމުން އަންނަ 38 އަހަރުގެ މައުމޫނު އަބްދުﷲ އަކީ ދޮހޮއްކުބޭ އަށް ލިބުނު 10 ކުދިންގެ ތެރެއިން އެންމެ ހަގު މީހާއެވެ. އަދި ދޮހޮއްކުބޭގެ ދަރިންގެ ތެރޭގައި ލަވަކިޔައި އުޅޭ ހަމައެކަނި މީހާ އެވެ. ދުނިޔޭގައި ތިބި އެހެން ކުދިން އެ މީހުންގެ ބައްޕަގެ ލަވަ އާއި މިއުޒިކުގެ ހަނދާންތައް އާކޮށް ދިރުވުމަށް މާ ބޮޑު ޝައުގުވެރިކަމެއް ނުދިނަސް މައުމޫން ފާހަގަކޮށްލެވެނީ ސީދާ އޭނާގެ ބައްޕަގެ ފިޔަވަޅުމަތިން ހިނގަމުން އަންނަތަނެވެ. މިހާރު ވެސް ބައްޕަ ދޫކޮށްފައި ދިޔަ ލަވަ ފޮތްތަކުގައި ހުރި ހުރިހާ ލަވައަކާއި ބައްޕަ ރިކޯޑްކޮށްފައިވާ ހުރިހާ ލަވަތަކެއް ވެސް އޭނާގެ ހިތު ދަހެވެ.

މައުމޫނު ދޮރުފަތެއްގައި އަތުބެރު ޖަހަމުން ލަވަކިޔަނީ: މިއީ ކުރިން ސޯޝަލް މީޑިއާގައި މަޝްހޫރުވި ވީޑިއޯއެއް.

"އާދެ އަޅުގަނޑުގެ އާއިލާގެ އެހެން މެމްބަރުންނަކީ އަޅުގަނޑު އުޅޭހެން މިގޮތަށް ލަވަކިޔައި އުޅޭ ބައެއް ނޫން. މިގޮތަށް އުޅޭ މީހަކަށް އާއިލާ ތެރޭގައި ހުންނަނީ އަޅުގަނޑު އެކަނި،" ހަތަރު ކުދިންގެ ބައްޕައެއް ކަމުގައިވާ މައުމޫން ބުންޏެވެ.

"އަޅުގަނޑަށް ވަރަށް ކަމުދޭ ބައްޕަގެ ހުރިހާ ލަވަތަކެއް ވެސް. އެހެން މީސްމީހުންގެ ލަވަތައް ކިޔަން ވެސް އުނދަގޫ އަޅުގަނޑަށް. މުޅިންވެސް މިކިޔަނީ ބައްޕަގެ ލަވަތައް"

"އެގޮތުން ބައްޕަގެ ވަރަށް ފާހަގަކޮށްލެވޭ ލަވައެއް ވަރުތަމަ ރަނާ ލޯބިން އަކީ. ދެން ހުސްނުބާނޫގެ ބަގީޗާ. މަލާ ތިޔަކަރުގަނޑުން."

މައުމޫން އަބްދުﷲގެ ހިތް އޭނާގެ ލެޖެންޑަރީ ބައްޕަގެ އާދަޔާހިލާފު މި ޕްލޭލިސްޓަކަށް ބަންޑުންވެފައިވިޔަސް ބޮޑުވަމުން އައިއިރު ބައްޕައާ އެކު މިއުޒިކު ކުޅެ ލަވަކިޔުމުގެ މާ ގިނަ ފުރުސަތުތަކެއް ހަގީގަތުގައި އޭނާއަކަށް ނުލިބެއެވެ. ދޮހޮއްކުބޭ އަބަދުވެސް ބުނެ އުޅުނީ ތިމަންނާ ނެތް ދުނިޔެއެއްގައި "ކަލޭމެން މި ކަމެއް ކުރިޔަސް މައްސަލައެއް ނެތޭ" ވެ.

ދޮންފަނުގެ ބީޗުގައި މައުމޫނު ލަވައެއް ހުށަހަޅައިދެނީ. --ފޮޓޯ: ލޫކަސް ޖަލީލު

"ދެން އޭގެ ސިއްރެއް އަޅުގަނޑަށް އެއްގޮތަކަށް ވެސް ނޭނގޭ. މިއުޒިކް ކުޅުއްވިއިރު އެކަމުގެ ތެރެއަށް އަޅުގަނޑުމެން އެއްވެސް އިރެއްގައި ގެންގޮސް ނަހައްދަވާ. ބައްޕަ އެއޮތް ހުރިހާ ލަވަތައް ކީއިރު ބައްޕަގެ ލަވައެއް ހިމެނޭ ރޯލެއް ވެސް އަޅުގަނޑުމެންގެ ގެއަކުން ނުފެންނާނެ. ކޮންމެއަކަސް ބައްޕަގެ މިއުޒިކީ ހަޔާތާއި އަޅުގަނޑުމެންގެ ދިރިއުޅުން އޮތީ ވަރަށް ދުރުކުރެވިފައި އޭރު،" މައުމޫނު ކިޔައިދިނެވެ.

"ބައްޕަ އަކީ އާންމުކޮށް ބައްޕަ ގެންގުޅޭ އެއްޗެހިތައް ވަރަށް ލޯބިން އެހެން މީހުންނަށް އަތްނުލެވޭ ގޮތަށް އެ އެއްޗެހިތައް ގެންގުޅުނު މީހެއް. އެއީ އަޅުގަނޑުމެން އެ އެއްޗިއްސާ ކުޅެގެން ހަލާކުވެދާނެތީ ވެސްމެ. ވެދާނެ އެހެންވެ ކަމަށް ވެސް އެ ފުރުސަތު ނުލިބުނީ."

ބައްޕަގެ ލަވަތައް ކުޑައިރު ނުލިބުނު ނަމަވެސް މައުމޫނު މިހާރު ވަނީ އޭގެ ބޮޑު ކަލެކްޝަނެއް ހަދައިފައެވެ. ލަވަތައް ލިޔެފައިވާ ފޮތްތަކާއި ކުރިން ކުޅެލަން ނުލިބުނު މަޝްހޫރު ހަރުމަނިޔާތައް ވެސް އެއްކޮށްފައި އެބަހުއްޓެވެ. އެގޮތުން ސީދާ ދޮހޮއްކުބޭ މިއުޒިކު ކުޅެން ބޭނުންކުރި ހައެއްކަ ހަރުމަނިޔާ މިހާރު ވެސް ގޭގައި އެބަހުއްޓެވެ.

މައުމޫނު އޭނާގެ އަންހެނުންނާއި ހަތަރު ކުދިންނާއެކު ރަށުގައި ފޮޓޯއަކަށް ހުއްޓިލައިގެން.

މައުމޫނު ބޭނުންވަނީ ބައްޕަ ފަދަ ކުޅަދާނަ ލަވަކިޔުންތެރިޔަކަށް އޭނާ ނުވިޔަސް އަދި ބައްޕަގެ އެހެން ދަރިއަކު އެވަރަށް މަޝްހޫރުނުވިޔަސް ނައިފަރު ދޮހޮއްކުބޭގެ ހުރިހާ ހަނދާނަކާއި ހުނަރުވެރިކަމެއް ދިގު ޒަމާންތަކަކަށް ދެމިގެންދާނޭހެން ރައްކާކޮށް ދިރުވާށެވެ.

"ރަށުގައި އެބަހުރި މިހާރު ވެސް އެގޮތަށް ބައްޕަ ބޭނުންކުރެއްވި ހައެއްކަ ހަރުމުނިއާ. ދާރުލްއާސާރަށް ލާން ބޭނުން ވެފައި ހުރި އެއްޗެހި ހައްތައާ ވެސް އެއީ ބައްޕަގެ ހަނދާނުގައި،" މައުމޫނު ބުންޏެވެ.

"އަޅުގަނޑުމެންނަށް މިހާރު އެގޮތަށް ރައްކާކުރެވިފައި ހުރީ މިއުޒިކަށް ބައްޕަ ގެންގުޅުއްވި އެއްޗެހިތަކަކާ މަސައްކަތްތެރިކަމުގައި ބޭނުންކުރެއްވި އެއްޗެހިތައް. ބައްޕަގެ އެފަދަ އެއްޗެހިތައް ހެރިޓޭޖަށް ލުމަށް އެ ބޭފުޅުންގެ އެފަދަ ޝައުގުވެރިކަމެއް މިހާތަނަށް ލިބިފައެއް ނުވޭ އަދި. އެކަމަކު އެގޮތަށް އެދިއްޖެ ނަމަ އެކަމަށް އާއިލާ އިން އެއްބާރުލުން ދޭނެ"

"އެއީ އަޅުގަނޑުމެން ބޭނުންވޭ ބައްޕަގެ ހަނދާންތަކެއް ދިގު ޒަމާންތަކަށް ދެމިގެން ގޮސް ފެންނަން ހުންނަން."

ދޮހޮއްކުބޭގެ ލަވަފޮތާއި މިއުޒިކީ އާލާތްތައް ތާރީޚަށްޓަކައި ރައްކާނުކުރާންްވީ ހަމަ އެއްވެސް ސަބަބެއް ނެތެވެ. އޭނާ އަމިއްލަ އަށް ބުނެފައިވާ ފަދައިން "ނައިފަރު ދޮހޮއްކޮއަކީ ގަރުނުގެ ލަވަކިޔުންތެރިޔާ" އެވެ.

މައުމޫނު މިއުޒިކު ކުޅުމަށް ބޭނުންކުރާ ތަބުލާ ބެރުތަކެއް. --ފޮޓޯ: ލޫކަސް ޖަލީލު

"ބައްޕަ ބުނި އަޑު އަޅުގަނޑު އެހީމު، ގަރުނަކީ 100 އަހަރޭ. އެހެންވީމަ ތިމަންނަގެ އުމުރަކީ މިހާރު 93 އަހަރޭ. އެހެންވީމަ ގަރުނުގެ ލަވަކިޔުންތެރިޔާގެ އެވޯޑެއް މީހަކަށް ދޭ ނަމަ އެ އެވޯޑެއް ދިނުން ވެސް އެންމެ ރަނގަޅީ ތިމަންނާއަށޭ،" މައުމޫނު ބުންޏެވެ.

އުމުރުން ގާތްގަނޑަކަށް 10 ވަރަކަށް އަހަރުގައި ހަރުމަނިޔާ ކުޅެ ލަވަކިޔަން ފަށައިގަތް ދޮހޮއްކުބޭ 2003 ގައި ނިޔާވިއިރު އޭނާގެ ސީދާ އުމުރަކީ ކޮބައިކަން ބުނަން ނޭނގުނަސް މައުމޫނު ބުނަނީ 93 އަހަރަށް ވުރެ ގިނަ ދުވަސް ވެދާނެ ކަމަށެވެ. ބައްޕަ ނިޔާވިއިރު މައުމޫނުގެ އުމުރުން އޭރު ކިރިޔާ 18 އެެވެ.

ބައްޕަގެ ހަނދާންތައް އާކޮށް ލަވަކިޔުމާއިގެން ކުރިއަށް ދާން ކިތަންމެ ބޭނުންވިޔަސް މައުމޫނުގެ ދިރިއުޅުން ހުންނަ ގޮތުންނާއި އެންމެ ފުރިހަމަ ތަނަވަސްކަމެއް ނެތުމުން ސީދާ ބައްޕަގެ މިއުޒިކު ދިރުވައި ކުރިއަރުވާކަށް ވަގުތެއް ނުވެއެވެ. މައުމޫނު ފުލްޓައިމްކޮށް މިހާރު ވަޒީފާ އަދާކުރަނީ ރަށުގެ އިންޖީނުގޭގަ އެވެ. ހަތަރު ދަރިން ބަލަމުން އަންނަ އޭނާގެ އަންހެނުންނަކީ ރަށު ސްކޫލްގައި މަސައްކަތު މީހެކެވެ. މިވަރުން ވެސް ދިރިއުޅުން ދެކޮޅުނުޖެހޭތީ އިތުރު އެހެން މަސައްކަތްތައް ވެސް މައުމޫނުކުރެ އެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ މެކޭނިކަލް އިންޖިނިއަރިންނަށް ޖެހިފައިވާ ޝައުގުވެރިކަމެވެ.

"އެހެންވީމަ އަޅުގަނޑަށް ލިބިފައިހުރީ އެކަހަލަ އެކިއެކި ހުނަރުތައް. އިންޖީނުއެއްޗެހީގެ މަސައްކަތް ވެސް ކޮންމެވެސް ވަރަކަށް އަޅުގަނޑަށް އެނގޭނެ. އިލެކްޓްރޯނިކް އެއްޗެހިތައް މަރާމާތުކުރުމުގެ މަސައްކަތަށް ވެސް ވަރަށް ފަރިތަވާނެ،" މި މަސައްކަތްތަކުގައި ވެސް އެންމެ ބޮޑު އިންސްޕިރޭޝަނަކީ ބައްޕަ ކަމަށް ބުނެ މައުމޫނު ކިޔައިދިނެވެ.

ފޮޓޯ: ލޫކަސް ޖަލީލު

"ބައްޕަ އަކީ ވެސް އެގޮތަށް ވަރަށް ގިނަ އެއްޗެހިތައް މަރާމާތުކޮށް މަސައްކަތްކޮށް އުޅޫނު މީގެއް. ފަހާފޮށި، ގަޑި ހެދުން ކަހަލަ މަސައްކަތް ވެސް ކުރެއްވި. ބައްޕަ އަމިއްލަ އަށް އުފެއްދި އިންޖީނެއް ވެސް ހުންނާނެ މިހާރު ވެސް ހޮޅުދޫގައި."

ބައްޕަގެ ފިޔަވަޅުމަތިން މިގޮތުގައި ކުރިއަށް ދިއުމަކީ މައުމޫނުގެ އެންމެ ބޮޑު ހުވަފެނެވެ. އެ ހުވަފެން އޭނާ ހަގީގަތަށް ހަދަމުން އަޔަސް އޭނާ ބުނަނީ ދުވަހަކު ވެސް ބައްޕައާ އަރާ ހަމަނުކުރެވޭނެ ކަމަށެވެ.

"ބައްޕަގެ ލަވައިގެ ދުނިޔެ އަށް ބަލާއިރު އަޅުގަނޑު އަދި މި އުޅެނީ އެލްކޭޖީ ޔޫކޭޖީ ލެވެލްގައި. އަޅުގަނޑަށް ދަސްވެފައިހުރީ ވަރަށް ކުޑަ މިންވަރެއް. ބައްޕައާ އެއްގޮތަކަށް މިއުޒިކް ކުޅޭކަށް ވެސް ނޭނގޭ އަޅުގަނޑަށް،" މައުމޫނު ބުންޏެވެ.

ދޮހޮއްކުބޭގެ ލަވަފޮތުން ލަވަތަކެއް. --ފޮޓޯ: ލޫކަސް ޖަލީލު

ނަމަވެސް ދިރިއުޅުމުގައި ކިތަންމެ އަވަދިނެތިއުޅެން ޖެހުނަސް މައުމޫނު ހުރީ ލަވަކިޔައ ލަވަ ރިކޯޑްކުރަން ވެސް ތައްޔާރަށެވެ.

"އަޅުގަނޑު ވަރަށް ކުރާހިތްވާ ކަމެއް އެއީ. މީހެއްގެ ފަރާތުން ވެސް އަޅުގަނޑަށް އެކަމުގައި އެހީތެރިކަމެއް ލިބިއްޖެ ނަމަ އެކަމުގައި ކުރިއަށް ދާން ބޭނުން ބައްޕަގެ ހުނަރުތައް ދަސްކުރަމުން،" އޭނާ ބުނެލިއެވެ.

Popular