By: Ahmed Nadym
ބިނާކުރަނިވި ތަފާތު އަމިއްލަ ރާގުތަކާ އެކު ދިވެހި މިއުޒިކު ދަމާގާޑިޔާއިން އެންމެ އުސް އިސްޓޭޖަށް ގެންގޮސް ދިން ފަހުރުވެރި ޑިންބާ މިއުޒިކްގެ އާ އަލްބަމް "މަގޭ އޮޑި" އޭގެ ދަތުރު ބައިސްކޯފުން ފަށައިގެން ހިތަކަށް ފަހު ހިތެއް ފަތަހަކުރަމުން އެބަގެންދެއެވެ. ރާއްޖޭގައި މިވަގުތު ތިބި މަޝްހޫރު އަދި އެވަރަށް މަގްބޫލު ގިނަ ލަވަކިޔުންތެރިންތަކެއް ހިމަނައިގެން ނެރުނު މި އަލްބަމަކީ ޑިންބާގެ އަމިއްލަ ރާގުގެ ސިލްސިލާ އަށް އެމީހުން އިތުރުކުރި 15 ވަނަ އަލްބަމެވެ.
މިފަހަރުގެ އަލްބަމުގައި ޓައިޓްލް ލަވަ، "މަގޭ އޮޑި" ކިޔާދީފައިވަނީ ތައާރަފަކަށް ބޭނުންނުވާ ޔާމީން ރަޝީދެވެ. އޭނާގެ އިތުރުން މަޝްހޫރު އެހެން ލަވަކިޔުންތެރިން ކަމަށްވާ ޒާރާ އާއި އައްމަޑޭ އަދި ޑިންބާ އާއިލާ އިން މަޝްހޫރުކުރި އެންމެ ސަޅި ރެގޭ އަޑުގެ ވެރިޔާ ހައިޝަމްގެ ލަވައެއް ވެސް އަލްބަމުގައި ހިމެނެއެވެ. މީގެ އިތުރުން މޯލްޑިވިއަން އައިޑޮލްގެ އަލަތު ސީޒަން ކާމިޔާބުކޮށް އަދިވެސް ހަމަ އެ ފޯރީގައި ލަވަކިޔަމުން އަންނަ ލައިޝާ ޖުނައިދު އާއި އައިޑޮލްގެ އެހެން މޫނެއް ކަމަށްވާ އައިޝަތު ޖައިޝާ ވެސް މި އަލްބަމަށް ލަވަކިޔާފައިވެއެވެ.
ލައިޝާ އާއި އާދިލް އެކުގައި ރިކޯޑްކޮށްފައިވާ ޑުއެޓް ލަވަ، "ރީތި ދުވަހެއް" މިއީ މިފަހަރުގެ އަލްބަމުގައި ހިމެނޭ ހިޓު ލަވަތަކުގެ ތެރެއިން އެއް ލަވައެކެވެ. މީގެ އިތުރުން ލައިޝާ ދެން ރިކޯޑްކޮށްފައިވާ "ބޫސްބޫސް" އާއި ޓައިޓްލް ލަވަ "މަގޭ އޮޑި" އަށް ވެސް ލިބޭ ތަރުތީބު ވަރަށް ބޮޑެވެ.
ޑިންބާ މިއުޒިކްގެ މި އުފެއްދުން މިވަގުތު އަޑުއަހާލަން ލިބެން ހުރީ ވީޑިއޯ އާއި އޯޑިއޯ އަށް ހާއްސަ މުނިފޫހިފިލުވާ އެޕް، "ބައިސްކޯފް" އިން އެކަންޏެވެ. އަލްބަމްގެ ރަހަތައް އާދައިގެ މަތިން މިފަހަރު ވެސް ވަރަށް "ޑިންބާ" އެވެ. މާނައަކީ ވަކި ވައްތަރެއްގެ ލަވަތަކަކަށް މުޅި އަލްބަމް ހާއްސަކުރުމުގެ ބަދަލުގައި އޭގައި ހިމެނޭ ނުވަ ލަވައަކީ އެކި އިސްޓައިލުގެ ލަވައޭއެވެ.
މި އަލްބަމްގެ ހިތްގައިމު "ކަވާ އާޓް" އަކީ މަޝްހޫރު ކުރެހުންތެރިޔާ ހުސެއިން އިފްހާލު (އިއްފަ) އެވެ.
ޑިންބާގެ ޝޯއެއްގައި (ކ) އިޝާންޓޭ އާއި ޒާރާ --ފޮޓޯ: ޑިންބާ މިއުޒިކް
ޑިންބާ މިއުޒިކަކީ ކިހިނެތް އުފެދުނު މިއުޒިކެކޯ؟
ޑިންބާ މިއުޒިކްގެ ފަހަތުގައި ހުރީ އަހުމަދު އިޝާން (އިޝާންޓޭ) އެވެ. އެންމެ ފުރަތަމަ މިއީ އޭނާގެ ކުޑައިރުގެ އެކުވެރިޔާ އަދި (ސީޗައިލްޑް) ގެ ކުރީގެ ބޭންޑްމޭޓް، މަޝްހޫރު ލަވަކިޔުންތެރިޔާ އީސައާ އެކު އިޝާންޓޭ ދެކުނު ހުވަފެނެކެވެ. ނަމަވެސް އީސައާ އެކު މި ހުވަފެން ހަގީގަތަށް ނެހެދި އުޅެނިކޮށް 2005ގެ ޑިމޮކްރަސީގެ އިންގިލާބުގެ ތެރެއިން އެހެން އެތައް އާޓިސްޓުންނަކާ އެކުގައި "ޑިންބާ މިއުޒިކް" އުފަންވީ އެވެ.
"އެންމެ ފުރަތަމަ އަހަރެމެން މިގޮތަށް ތަފާތު މިއުޒިކް ކުޅެން ފެށީ އެކްޓިވިސްޓް އެއްވުންތަކުގައި. އެއްގޮތަކަށް ވެސް ސިޔާސީ ކަމަކަށް ކޮންމެހެން ތާއީދުކުރާކަށް ނޫން. އެކަމަކު އޭގެ ތެރޭގައި އުޅެގެން ވެސް އަސްލު ބޭނުންވީ މިއުޒިކް ކުޅެ މިއުޒިކް ކުރިއަރުވަން. އަހަރެން މިއީ ކަވާ ލަވަކުޅެން ބޭނުންވާ މީހެއް ވެސް ނޫން. އަހަރެން ބޭނުންވީ އަމިއްލަ ތަފާތު މިއުޒިކެއް އުފައްދަން،" ޑިންބާ އުފެދުނު ގޮތާ ބެހޭ ގޮތުން ކުރިން ދިން އިންޓަވިއުއެއްގައި އިންޝާންޓޭ ބުނެފައިވެއެވެ.
ޑިންބާ، ދިވެހި ހުރިހައި ލަވަކިޔުންތެރިންނާއި ހުނަރުވެރި މިއުޒީޝަނުންނާ އެކު "ޑިންބާ ފެމިލީ" އަށް ބަދަލުވުމުގެ ކުރިން އެންމެ ފުރަތަމަ އުފެއްދި އޮރިޖިނަލް އެއް ލަވަ އަކީ ޒުވާނުންގެ މެދުގައި ފަހުން ބޮޑު މަގްބޫލުކަމެއް ހޯދި "އޯކިޑް އޭނާގެ މާ" އެވެ. މި ލަވަ ފަހުން ބޮޑަށް މަޝްހޫރުވެގެން ދިޔައީ ހައިޝަމްގެ އަޑާ އެކުގަ އެވެ.
ޑިންބާ މިއުޒިކްގެ ފެށުމަކަށްވީ ހިސާބަކީ އެއީ އެވެ.
"ރައްޓެހިންގެ ތެރޭގައި އުޅޭއިރު އަހަރެމެން ކިޔާ އެއްޗެއް އެއީ ޑިންވުން. މާ ބޮޑަށް މީހަކު ކަމެއްގައި އޯވާވާ ނަމަ އެމީހަކާ ދިމާކޮށްލަން ކިޔައި އުޅެނީ ކަލޭ ދެން މާ ބޮޑަށް ޑިންނުވާށޭ. އެގޮތަށް އުޅެނިކޮށް އެންމެ ފަހުން އެބަހުން ޑިންބާ އުފެދުނީ. އެ ބަސް ކުއްލިއަކަށް ސަޅިވެގެން، ވަރަށް މަޖާ ނަމެއް އަދި އެންޖޯއިކުރެވޭ އެއްޗެއްގެ ގޮތުގައި ޑިންބާ ބޭނުންކުރަން ފެށީ،" ތަފާތު ލަވަ އާއި ލިރިކްސް އާއި މިއުޒިކަށް ޑިންބާގެ ތަފާތު ނަން ދެވުނު ގޮތް ސާފުކޮށްލަދެމުން އިޝާންޓޭ ބުނެފައިވެއެވެ.