10 Sep 2019

By: Aishath Maaha

ސުނީތާ އަލީގެ ހިތުގައި ޕްރިޔަންކާ ޗޯޕްޅާ އަށް ދެވިފައި އޮތީ ކިހާ ބޮޑު ލޯތްބެއްކަން ނޭނގޭ ދިވެއްސަކު ނެތެވެ. ޕީސީގެ އެންމެ ގާތް ފޭނުންނާއި ޕީސީ އަށް ވެސް އެއީ ސިއްރެއް ނޫނެވެ. އެކަން މާބޮޑު ކޮށްލައިގެން އެކަމާ ލަދުން ގެއިން ނުކުންނަން ނުކުރެނު ބަޔަކު ވެސް އުޅުނެވެ. ފުރައްސާރަ ވެސް ކުރި އެވެ. އެކަމަކު ކާމިޔާބު ހޯދީ ސުނީތާ އެވެ.

ނަމަވެސް ޕީސީ އަށް ކުރިމަތިވި އެކި މައްސަލަތަކުގައި އޭނާ ހޫނު ފެނަށް ވެއްޓުމުން ސުނީތާ ވެސް ޕީސީ އަށް ދުރަށް ޖެހިލައިފި ކަމަށް ސޯޝަލް މީޑިއާގައި އެއްބަޔަކު ކިޔައި އެ ސުވާލު ސުނީތާ އަށް ވެސް އަމާޒުކޮށްފައިވެ އެވެ.

"އުހޫން. އަހަރެންގެ އުމުރު ދުވަހު ވެސް ޕީސީއާ ރުޅިއެއް ނުވާނެ. އިއްޔެ ވެސް އިންނާނެ ޕީސީގެ ފޮޓޯއެއް ޕޯސްޓުކޮށްފަ،" ޕީސީ އާ ރުޅިވީ ތޯ އެހުމުން ހިނިގަނޑަކާއެކު ސުނީތާ ޖަވާބު ދިނެވެ.

ސުނީތާ ބުނީ އިއްޔެވެސް ޕްރިޔަންކާގެ ފޮޓޯއެއް ޕޯސްޓުކުރި ކަމަށް.

"އަސްލު މި ދުވަސްކޮޅު އޭނާ ވެސް ބޮޑަށް އެ އުޅެނީ ޕާސަނަލް ލައިފްގެ ކަންކަމުގައި. އެހެންވީމަ މާބޮޑު ކަންތައްތަކެއް ނޯވޭ. ދެން ޕީސީގެ ތި ހޫނުފެނަށް ވެއްޓުނު ކަންތަކުގައި އަހަރެން ބުނާނީ އެއީ އަހަންނާ ބެހޭކަމެއް ނޫނޭ. އޭނަ އެހެން ބުނާނީ ސަބަބުތަކެއް ހުރީމައެއްނު. އަހަރެން މީ ފޭން އެއް. އެކަހަލަ ކަންކަމާ އަހަރެން ބެހެންވީ ކީއްކުރަން،" އިންޑިއާ އާއި ޕާކިސްތާނުގެ މައްސަލާގައި ޕީސީ ކުރި ޓްވީޓަކުން ބޮޑުވި މައްސަލަ އަށް އިޝާރާތްކޮށް ސުނީތާ ބުންޏެވެ.

ސުނީތާ ބުނީ ޕްރިޔަންކާއަށްޓަކައި އޭނާގެ ހިތުގައި އޮތް ލޯތްބަކީ ފޮހެވިގެންދާނޭ ލޯތްބެއް ނޫން ކަމަށެވެ. ސުނީތާއަކީ ޕްރިޔަންކާގެ ޓްރޫ ފޭން އެއް ކަމަށެވެ.

މީހުންގެ ތެރެއަށް ނުކުމެ މަޝްހޫރު މީހަކަށް ސުނީތާ ވީ 1995 ވަނަ އަހަރު އޭނާ ކުޅުނު ޝޯއަކަށް ފަހު އެވެ. އެއީ ސުނީތާގެ ފުރަތަމަ ޝޯ އެވެ. އޭގެފަހުން މެދުކެނޑުމެއްނެތި ސުނީތާ އަންނަނީ ޝޯތައް ދީ އަމިއްލަ ލަވަތައް ކުޅެމުންނެވެ. ސުނީތާއަކީ ސޯޝަލް މީޑިއާގައި ބަޔަކު ކިތަންމެ ވަރަކަށް އޭނާ "ނޮޅައިގެން ކެޔަސް" ހިތްވަރު އެލުވާނުލައި މީހަކަށް ހިތްބުރަކަމެއް ނުބާއްވައި މަގުބޫލުކަން ހޯދަމުން އަންނަ ތަރި އެކެވެ. އޭނާގެ ކާމިޔާބީ އަކީ އެއީ އެވެ.

ސުނީތާ އަލީ ޕްރިޔަންކާ ޗޯޕްރާ

Popular