16 Oct 2019

By: Aishath Maaha

ރާޅު ބޯއީ ނުވަތަ އަހްމަދު ނަޒީހަށް މޯލްޑިވިއަން އައިޑޮލްގައި ލިބުނު ތަރުހީބާއި ލޯތްބަށް ބަދަލެއް ނާދެ އެވެ. އައިޑޮލަށް ފަހު ދޭތެރެއަކުން ނަޒީހުގެ އަޑު އިވިލަ އެވެ. ނަޒީހުގެ އަމިއްލަ ދެ ލަވައަކަށް ފަހު އެންމެ ފަހުން އިވުނީ އިލްޔާސް ވަހީދުގެ "ބަވަތި" އަށް ނަޒީހު ކިޔައިދިން ލަވަ އެވެ.

ނަޒީހުގެ އެއިން ކޮންމެ ލަވައެއް ވެސް ފޭނުންގެ ޕްލޭލިސްޓުގެ އެންމެ މަތިން ޖާގަ ހޯދި އެވެ. ނަޒީހުގެ ލަވަތަކާއި އޭނާގެ އަމިއްލަ ދިރިއުޅުމުގެ މައުލޫމާތަކީ ވެސް ފޭނުން އަބަދުވެސް ހޯދަން ބޭނުންވާ މައުލޫމާތުތަކެވެ.

އެންމެ ފުރަތަމަ ކިޔައިދީބަލަ މިއުޒިކްގެ އަޕްޑޭޓެއް؟

ނަޒީހު: މިހާރު ލަވައެއްގެ މަސައްކަތް ކުރިއަށް އެބަދޭ. މަސައްކަތް ފަށާފަ. ރިސޯޓު މިއުޒިކްގައި ތަންކޮޅެއް ބިޒީވީމަ ކުރިއަށް ނުގޮސްގެން މިއުޅެނީ. އެއް ރިސޯޓުން އަނެއް ރިސޯޓަށް ދިއުމުން މާފުށީގައި މިއުޅެނީ.

އެހެންވީމަ ނަޒީހުގެ އާ ލަވަ ކޮން އިރަކުން އަޑު އިވޭނީ؟

ނަޒީހު: ބިޒީ ކަމުން އިނގޭ މިއުޅެނީ. ވަރަށް ފަހުން އިންނާނެ ލަވައެއް. އެއީ ބަވަތިގައި އިންނާނޭ ނަޒީހުގެ ލަވައެއް. އަސްލު ލަވައެއް ހެދުމަކީ ވަރަށް ހަރަދު ދާ ކަމެއް. ސްޕޮންސާ ހޯދުން ވެސް އެއީ ވަރަށް އުނދަގޫ ކަމެއް. އަނެއްހެން މީހުން އެހާ ސަމާލުކަން ދޭ ދާއިރާއެއް ނޫން ވީމަ ވީޑިއޯ އެއްޗެހި ހަދަން ސްޕޮންސާ ހޯދަން އުނދަގޫ. ލަވައެއް ހަދަން މިޖެހެނީ ރިސޯޓް މިއުޒިކް ކުޅެގެން. މިތާ ރެކޯޑް ލޭބަލެއް ނޯންނާތީ އަމިއްލައަށް މިޖެހެނީ އެކަން ކުރަން. ދެން އެހެންވެ ފްރީވާ ވަގުތެއްގައި މަސައްކަތްކޮށްލައިގެން ލަވައެއް މި ނެރެނީ. ރިކޯޑް ލޭބަލެއް އޮންނަންޏާ ހެސްކިޔާފަ ނެރޭނެ ލަވަ މީހުން. ނަޒީހުގެ ލަވަ މި އަންނަ އަހަރުގެ ތެރޭގައި ނެރެވޭނެ. އަސްލު ނަޒީހު ވެސް ޕްރޮޑިއުސަރު ވެސް ބިޒީވީމަ އެހާ ބޮޑަށް ނޫޅެވެނީ.

ނަޒީހް. އާ ލަވައެއްގެ މަސައްކަތް އަންނަނީ ކުރަމުން

މިހާރު ކޮން ރިސޯޓުތަކެއްގައި ނަޒީހު ކުޅެނީ؟

ނަޒީހު: މިހާރު ރެގިއުލާކޮށް މި ކުޅެނީ ހަފުތާއަކު އެއް ރޭ ވެލައްސަރުގައި. ދެން ނަޒީހު އާންމުކޮށް ގިނައިން ދާނީ ކޮންމެވެސް މީހެއްގެ ރިޕްލޭސްމެންޓަށް. ފުދޭވަރަކަށް ދާންޖެހޭ އެގޮތަށް. ގިނަ މިއުޒީޝަނުން ނުދެވޭ ދުވަސްދުވަހު ރައްޓެއްސެއް ވިއްޔާ ގުޅާފަ ބުނީމަ ދަނީ. ދެން ނަޒީހު އަނެއްހެން ވަރަށް މަސައްކަތްކުރަން. އެއްޗެހި ދަސްކޮށް ކަންތައް ކުރަންޖެހޭ. ގިނައިން އޮންނާނީ މިއުޒިކްގެ ހޯމްވޯކް.

ބަވަތި ގައި ނަޒީހު ކިޔާފައިވާ ލަވައިގެ ގިނަ މަސައްކަތްތައް ކުރީ ނަޒީހު. ކިހިނެއް ލިބުނު ޗާންސެއް އެއީ؟

ނަޒީހު: އެއީ އެކޮޅުން ލިބުނު ޗާންސެއް. އެމީހުން އައިޑިއާ ދިނީމަ ރާގު ހަދާފަ ލަވަ ހެދީ. ދެވަރަކަށް މަހުގެ މަސައްކަތް. މިސްޓީ ހޯދައިދިން ޗާންސެއް އެއީ.

މިހާރު ވެސް ވަރަށް ގިނައިން މޫދަށް ދަންތަ؟

ނަޒީހު: މިހާރު ތަންކޮޅެއް މަދުވެއްޖެ ތިބައި. މިހާރު ގިނައިން ދަނީ ޑައިވިން އަށް. ގެސްޓުން ގޮވައިގެން ވެސް ގެސްޓުން ނުލާ ވެސް ދަން. ހަފްތާއަކު ދެ ދުވަހު ނޫނީ އެއް ދުވަހު ޑައިވްއެއްކޮށްލަން. ދެން ރަށެއްގައި އުޅޭތީ ދެވެނީ. ހޮބީއަކަށް ކުރާކަމެއް މިއީ. ސެޓިފައިޑް ވެސް ވާނެ.

ޑައިވް ކުރުމަކީ ނަޒީހުގެ ހޮބީއެއް

ނަޒީހުގެ ތި ރީތި އިސްތަށިގަނޑުގެ ސިއްރު ކިޔައިދީބަލަ!

ނަޒީހު: އެއްވެސް އެއްޗެއް ނުލާ މި ހުންނަނީ. ދެން ފުނާ އަޅަން. ގޮށްފިލުވަން ޖެހޭނެތާ. ވަރަށް ކުރުކޮށް ބޯ ހުންނަންޏާ އެއްޗެއް ލާފާނެ. ދެން އަބަދުވެސް ތިން މަހުން ތިން މަހުން ކޮށަން ކޮޅުތައް. އަބަދު މޫދަށް އެރި އެހެން އުޅޭތީ ކޮޅު ހަރުވެފަ ހުންނާނީ ހިރަފުހާ އެއްޗެހި ޖެހޭތީ.

ޑައިވް ކުރުމާ އެއްވަރަށް ޓްރެވެލް ކުރުމަކީ ވެސް ނަޒީހުގެ ހޮބީއެއްތަ؟ ކިހާވަރަކަށް ޓްރެވެލް ކުރަން؟

ނަޒީހު: އަހަރަކު ދެފަހަރު ނުވަތަ ތިން ފަހަރު ދެވޭތޯ ބަލަން. މި އަހަރު ފުދޭވަރަކަށް ކުރެވިއްޖެ. މިއަހަރު ދެވިއްޖެ އިންޑޮނޭީޝިއާ އަށާއި، ޓާކީ އަށާއި ދެން މިތާ ކައިރި ތަންތަނަށް. ދުރަށް ދާން ތަންކޮޅެއް އުނދަގޫ. މިހާރު އޭޝިއާގެ ފުދޭވަރަކަށް ތަންތަނަށް ދެވިއްޖެ، މެލޭޝިޔާ، ސިންގަޕޯ، ބާލީ ދެން ސްރީ ލަންކާ. އިތުރު ތާކަށް މިދިޔައީ ތުރުކީ އަށް. ދެން އަންނަ އަހަރު ދާނަން ކޮންމެވެސް ތާކަށް.

ނަޒީހު އާއި އޭނާގެ ލޯބިވެރިޔާ

އެހެންވީމަ ކޮބާ އަންނަ އަހަރު ދާން ޕްލޭންކޮށްފަ ހުރި ތަންތަނަކީ؟

ނަޒީހު: ނަޒީހު އިންނަ ގޮތަކީ އެއިރަކު ދާން ބޭނުން ތަނަކަށް. އިޔަލީ އާންމުކޮށް ޕްލޭންކުރަނީ. އެއީ އެއް ދަތުރު ނަޒީހު އަބަދުވެސް ދާނީ ބިޓާއެކީ. އަނެއް ދަތުރު ދާނީ ރައްޓެހިންނާއެކީ.

މިހާރު ބޭރު ކުއްޖަކާތަ ރައްޓެހިވެގެން އުޅެނީ؟

ނަޒީހު: އާނ. ލިތުއޭނިއާ ކުއްޖެއް އެއީ. އޭނައާ އެކީ ތުރުކީ އަށް މި ދިޔައީ. އެއީ ތަންކޮޅެއް ކުރިން ދިމާވެގެން ވާހަކަ ދައްކަމުން ދައްކަމުން ގޮސް ރައްޓެހިވި ކުއްޖެއް. މިހާރު ދުވަސްކޮޅެއްވެއްޖެ.

އާޓިސްޓް މޯލްޑިވިއަން އައިޑޮލް

Popular