13 May 2020

"އުދުހިލާ" އާއެކު ރޭވިއޯ ބޭންޑްގެ ކުރު ތައާރަފެއް

"އުދުހިލާ" އާއެކު ރޭވިއޯ ބޭންޑްގެ ކުރު ތައާރަފެއް

By: Aishath Maaha

މީގެ ފަސް އަހަރުކުރިން ރޭވިއޯ ބޭންޑް އުފައްދައިގެން މުހައްމަދު ޖީމްނިޔާޒް ބޭނުންވީ ދިވެހި ޒުވާނުންގެ މިއުޒިކް ހުނަރު ދައްކާލައި އުދުހިގަންނާށެވެ. ހަމަ އެއަޒުމުގައި ތިބި އޭނާގެ ހަތަރު އެކުވެރިން ކަމަށްވާ މާއިޒް މޫސާ، އަހްމަދު ހުމާމް (ޒޯލޯ)، ހުޔާމް ހަލީމް އަދި ހައިޝަމް ތައުފީގް ބޭންޑާ ގުޅި އެންމެ ފުރަތަމަ ބޭންޑުން ކުޅުނީ މާލޭގައި ހިތާނީ ޝޯތަކާއި ކުދިކުދި ގިގްތަކެވެ. އޭގެފަހުން ބޭންޑުގެ ކެރިއަރު ބޮޑަށް ހުސްކޮށްލީ ރިސޯޓް މިއުޒިކަށެވެ.

މިދިޔަ އަހަރުތަކުގައި ގިނަ ވަގުތު ރިސޯޓު މިއުޒިކަށް ހުސްކޮށްލި ނަމަވެސް ރޭވިއޯ ބޭންޑުގެ އަމިއްލަ ލަވަތަކެއް ނެރުމަކީ އެ ބޭންޑުން ބޭނުންވާ ކަމެކެވެ. އެގޮތުން މިދިޔަ އަށެއްކަ މަސް ދުވަހު ކުރި މަސައްކަތުން ބޭންޑުގެ ފުރަތަމަ ލަވަ "އުދުހިލާ" މިހާރު އޮތީ ނިންމާލައިފަ އެވެ. މި މަހުގެ 16 ވަނަ ދުވަހު އެ ލަވަ ރިލީޒްކުރަން ރޭވިއޯ އިން އަންނަނީ ތައްޔާރުވަމުންނެވެ.

"މި ލަވައިގައި ކިޔައިދޭނީ މިނިވަންކަމާއި ދެން ދިރިއުޅުމުން ލިބިފައިހުރި ތަޖުރިބާތަކެއްގެ ވާހަކަ. އަސްލު މި ލަވަ އަކީ ވަރަށް ގާތް ރައްޓެއްސެއް އަހްމަދު ޝާހު ލިރިކްސް ހަދައި މެލޮޑީ ހަދައިގެން ގެނެސްދިން ލަވައެއް މިދިޔަ އަހަރު ފަންނުގެދަރިން ޝޯއަށް ރެޑީވިއިރު،" ލަވައާ ގުޅޭގޮތުން ޒޯލޯ ކިޔައިދިނެވެ.

އެ ޝޯގައި އެ ލަވައަށް ލިބުނު ތަރުހީބާއި ސަޕޯޓާއި ލަވަ ރެކޯޑުކުރަން ލިބުނު ރިކުއެސްޓްތަކާއެކު ބޭންޑުން ނިންމީ އެ ލަވަ ރިކޯޑްކުރާށެވެ.

މި ލަވަ އެޕަލް މިއުޒިކް، ލަވަފޮށި، ބައިސްކޯފް، ޝަޒަމް، ސްޕޮޓިފައި، ސައުންޑްކްލައުޑް، ޔޫޓިއުބް އަދި ޓިކްޓޮކުން އަޑުއަހާލެވޭނެ އެވެ.

މި ލަވަ އަށް ފަހު ބޭންޑުގެ އަމިއްލަ އަލްބަމެއް ނެރުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށަން ވަނީ ނިންމައިފަ އެވެ. ރޭވިއޯ އިން ބޭނުންވަނީ މިހާރުގެ ޒުވާން މިއުޒީޝަނުން އިންސްޕަޔާވާ ވަރުގެ އުފެއްދުންތަކެއް ނެރޭށެވެ. ރޭވިއޯގެ އެންމެ ބޮޑު އެއް އަމާޒަކީ އިންޓަނޭޝަނަލް ޝޯތަކާއި ބޭންޑުގެ އަމިއްލަ ކޮންސެޓްތައް އަދި އެޓޯލް ޓުއާތަކެއް ކުރިއަށް ގެންދިއުމެވެ.

ސޯލޯ އަދި ގްރޫޕްކޮށް ރިސޯޓަށް

ރިސޯޓް މިއުޒިކަށް ދިއުމުގެ ކުރިން ހިތާނީ ޝޯތަކާއި، ޗެރިޓީ އިވެންޓުތަކާއި، ސްކޫލް ފެއާތައް އަދި ފަންނުގެ ދަރިން އަދި ކޮފީ ޝޮޕްތަކުގައި ރޭވިއޯގެ އަޑުގަދަކޮށްލި އެވެ. މި ބޭންޑުގެ އެންމެ ހާއްސަ އެއް ޝޯއަކީ މޭނާ ހައްސާނާއެކު އާ އަހަރު ފާހަގަކުރަން ބޭއްވި ޝޯއެއްގައި ކުޅެލަން ލިބުމެވެ.

ރޭވިއޯގެ ފައުންޑާ އަދި ޑްރަމަރު ޖީމްނިޔާޒް ޝޯއެއްގައި ޕާފޯމްކުރަނީ -- ފޮޓޯ: ރޭވިއޯ

"ބޭންޑަށް މިހާތަނަށް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީގެ ގޮތުގައި ވެސް ފާހަގަކުރާ އެއް ކަމަކީ މޭނާ ހައްސާނާއެކީ ކުޅެލަން ލިބުނު ޝޯ، އޭގެފަހުން ފުލްޓައިމް މިއުޒީޝަނުންނަށް ފޯކަސްކޮށް ރިސޯޓް މިއުޒިކަށް ގޮސް އަމިއްލަ އެއްޗެހިތަކެއް އުފައްދަން ނިންމީ،"

ރިސޯޓް މިއުޒިކަށް ބޭންޑު ހާއްސަވި ނަމަވެސް ބޭންޑު އެކުގައިި ރިސޯޓަށް ދަނީ މަދު ގިގްތަކަށެވެ. ބޭންޑުގެ ބައެއް މެންބަރުން އެކުގައި އަދި ސޯލޯކޮށް ގިނަ ރިސޯޓްތަކެއްގައި ކުޅެ އެވެ. އެގޮތުން ޖީމްނިޔާޒް، ހައިޝަމް އަދި މާއިޒް ފަސް ރިސޯޓެއްގައި އަދި ޒޯލޯ އެހެން ފަސް ރިސޯޓެއްގައި ކުޅެ ބޭންޑު ތަމްސީލު ކުރެ އެވެ.

ރޭވިއޯގެ މެންބަރުން:

ޒޯލޯ - ލީޑް ވޯކަލިސްޓް

ހުޔާމް - ފީމޭލް ވޯކަލިސްޓް

ޖީމް - ޑްރަމް

މާއިޒް - ބޭސް

ހައިޝަމް - ލީޑް ގިޓަރިސްޓް

ޖީމްނިޔާޒް

މިއީ ރޭވިއޯގެ ފައުންޑާ އަދި ޑްރަމަރެވެ. މިއުޒިކީ އާއިލާ ސެންޓުގެއަށް ނިސްބަތްވާ ޖީމްނިޔާޒް އަކީ ވަރަށް ކުޑައިރުން ފެށިގެން މިއުޒިކަށް ޝައުގުވެރިވެ އޭގެތެރޭގައި ބޮޑުވި ޒުވާނެކެވެ. އާއިލާ ތެރޭގައި މިއުޒިކް ކުޅެން ފަށައި އިންޑަސްޓްރީއަށް ވަދެ ބޮޑު މަގުބޫލުކަމެއް ހޯދީ އެވެ. މާލެ އާއި ރަށްރަށުގައި އަދި ރިސޯޓުތަކުގެ އިތުރުން އިންޓަނޭޝަނަލް ޝޯތަކުގައި ވެސް ޖީމްނިޔާޒްގެ ހުނަރު ދައްކާލާފައިވެ އެވެ. ޖީމްިޔާޒްއަކީ ރޭވިއޯއަށް ފަންކީ އަދި ގްރޫވީ ބީޓްސް ވެސް ތައާރަފްކުރި މިއުޒީޝަނެވެ.

ރޭވިއޯގެ އިތުރުން 2018 އިން ފެށިގެން އަމްބާ ލައިވްގައި ޖީމް ޕާފޯމްކުރެ އެވެ. ކޮންމެ ހަފްތާއަކު ހަ ރޭ ފަސް ރިސޯޓުގައި ޖީމް އޭނާގެ ހުނަރުވެރިކަން އަންނަނީ ދައްކަމުންނެވެ.

ރޭޥިއޯގެ ބޭސް ޕްލޭޔާ މާއިޒް ޝޯއެއްގައި ޕާފޯމްކުރަނީ -- ފޮޓޯ: ރޭވިއޯ

މާއިޒް

މިހާރު މިއުޒިކް އިންޑަސްޓްރީގައި މަސައްކަތްކުރާ އެންމެ ޒުވާން ފުލްޓައިިމް ބޭސް ޕްލޭޔާއަށް މާއިޒްވާނެ އެވެ. އެންމެ މަޝްހޫރު މިއުޒީޝަނުންނާއެކު ޕާފޯމްކޮށް މާއިޒަކީ މިއުޒިކް އިންޑަސްޓްރީގައި އުދުހެމުން އަންނަ ފަންނާނެކެވެ. ޖީމްނިޔާޒާއެކު އަމްބާލައިވް ޓުއާތަކުގައި މާއިޒްވެސް ބައިވެރިވެ ޕާފޯމްކުރާނެ އެވެ.

ހުޔާމް

ހުޔާމްއަކީ ކިހާ ހުނަރުވެރި އާޓިސްޓެއްކަން ދިވެހި މިއުޒިކް ފޭނުންނަށް ކިޔައިދޭކަށް ނުޖެހޭނެ އެވެ. އެންމެފަހުން ރޭވިއޯ އާ ގުޅުނު މެންބަރަކީ ހުޔާމް ނަމަވެސް ސޯލޯ އާޓިސްޓެއްގެ ގޮތުގައި ކޮފީޝޮޕްތަކާއި ރިސޯޓްތައް އަދި ފަންނުގެ ދަރިންގައި ވެސް ހުޔާމްގެ ހުނަރު ދައްކާލާފައިވެ އެވެ. ކުރިއަށް އޮތް ރޭވިއޯ ބޭންޑުގެ ޝޯތަކުން ހުޔާމް ވެސް ފެނިގެންދާނެ އެވެ.

ހައިޝަމް

ގިޓަރިސްޓް ހައިޝަމް ތައުފީގަކީ ދިވެހިންނަށް އާ ނަމެއް ނޫނެވެ. ހައިޝަމްގެ ޝޯއެއް ނުބަލާ ދިވެއްސަކު ހުންނާނެ ހެނެއް ވެސް ހީއެއް ނުވެ އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގަޔާއި މާލޭގައި ގިނަ ޝޯތަކެއް ހައިޝަމް ވަނީ ކުޅެފަ އެވެ. ރާއްޖޭގައި މިވަގުތު ތިބި އެންމެ ފުންނާބު އުސް ގިޓަރިސްޓުންގެ ތެރޭގައި ހައިޝަމްގެ ނަން ކޮންމެހެން ވެސް ހިމަނަންޖެހޭނެ އެވެ.

ލީޑް ވޯކަލިސްޓް ހުމާމް -- ފޮޓޯ: ރޭވިއޯ

ޒޯލޯ

މިއުޒިކް ދާއިރާގައި ޒޯލޯގެ ނަން އާ ނުވިޔަސް އާންމުންނަށް ފަހަރުގައި މި ޒުވާން ލަވަކިޔުންތެރިޔާ ނޭނގިދާނެ އެވެ. މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަންގައި ބައިވެރިވެ ތިއޭޓާ ރައުންޑުން މުބާރާތައި ވަކިވެގެން ދިޔަ ނަމަވެސް ރިސޯޓް މިއުޒިކްގައި ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ ވޯކަލިސްޓުންގެ ތެރޭގައި ޒޯލޯ މިހާރު ހިމެނޭނެ އެވެ. ލަވަކިއުންތެރިއެއްގެ އިތުރުން ޒޯލޯ އަކީ އަމިއްލައަށް ލަވަ ލިޔާވެސް އާޓިސްޓެކެވެ.

"ނިންމާލުމުގެ ކުރިން ބޭނުން އައްޑޯ، އަޔާޒް، އިވާ، ހުސެން (ސެންޓު)، މުއްޓި، މިރާހް އަދި ޝާހްއަށް ވަރަށް ހާއްސަ ޝުކުރެއް އަދާކޮށްލަން،" ހުމާމް ބުންޏެވެ.

Popular